ރާއްޖޭގައި ލާމަރުކަޒީ ނިޒާމް މިހާރުއޮތް ގޮތުން އެއީ ރާއްޖޭގައި ފޭލިވެފައިވާ ނިޒާމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޔުނިވަރުސިޓީން އިންތިޒާމް ކުރައްވައިގެން މިހާރު ބާއްވަމުން ގެންދަވާ "އެމްއެންޔޫ ރިޔާސީ ބަހުސް 2018" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބަހުސްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު ވަޑައިގެން އުޅުއްވަނީ ކޭމްޕޭން ދަތުރުފުޅެއްގައި އަތޮޅު ތެރޭގައެވެ. ބަހުސްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވުމަށް އެމްއެންޔޫއިން މިއަދު މެންދުރާ ހަމައަށް އެމަނިކުފާނަށް ފުރުސަތު ދެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ހިނގަވަން ހައްދަވައިގެން ވަރަށް ދަތިކަންކަން އުފުއްލަވައިފި ކަމަށެވެ. މިއީ ޔުނިޓަރީ ދައުލަތެއް ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްތަކުން އެމަނިކުފާނުގެ ތަރައްގީގެ ޕްލޭންތައް ހިންގަވަވަން ހުރަސްތަކެއް ކުރިމަތިވެ ވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ހައްދަވަމުން ގެންދެވި ފުޓުސަލްދަނޑުތަކުގެ މަސައްކަތް ވެސް ކުރިއަށް ނުދިޔަ އެއްސަބަބަކީ އެއީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ފޭލިވެފައިވާ ނިޒާމެއް ކަމަށް ވިދާޅުވަނީ ނޫންކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ރާއްޖެއަށް އެނިޒާމް ކަމުދާ ކަމަށް ގަބޫލު ނުކުރައްވަނީ ކަމަށް ރައީސް ވިދާޅުވިއެވެ.