ބްރެޒީލްގައި މިއަހަރު އޮކްޓޯބަރު މަހު 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިއްޔެ (ބުރާސްފަތި ދުވަހު) ރަސްމީކޮށް ފަށައިފިއެވެ. އިއްޔެއިން ފެށިގެން ކެންޑިޑޭޓުންނަށް އާއްމުކޮށް ވޯޓުލާމީހުންނާ ބައްދަލުކޮށް އަދި އިންޓަނެޓް މެދުވެރިކޮށް ވޯޓު ހޯދަން މަސައްކަތްކުރެވޭނެއެވެ.
ބްރެޒިލްގެ ތާރީޚުގައި ވެސް ބޭއްވޭ އެންމެ ވާދަވެރި ރިޔާސީ އިންތިޚާބު ކަމުގައި ބެލެވޭ މި އިންތިޚާބުގައި 13 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ކޮރަަޕްޝަންގެ މައްސަލައެއްގައި ހުކުމް ކުރެވި، މިހާރު 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސު ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުންވެސް އެންމެ ކުރީގައި އުޅުއްވަނީ އޭނާއެވެ.
އެެހެންނަމަވެސް، އުމުރުފުޅުން 72 އަހަރުގެ ލޫލާ ޑަ ސިލްވާއަށް އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ނުވުން ވަރަށް ގާތެވެ. އެއީ އޭނާ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީއެވެ. ސެޕްޓެންބަރު 17 ކުރިން އިލެކްޓޯރަލް ކޯޓުން އޭނާގެ ކެންޑިޑޭޓުކަން ސައްހަތޯ ނިންމާނެއެވެ. ބްރަސީލިޔާ ޔުނިވަސިޓީގެ ޕޮލިޓިކަލް ސައިންސުގެ ޕްރޮފެސާ ޑޭވިޑް ފްލެޗާ ވިދާޅުވީ ލޫލާގެ ކެންޑިޑޭޓުކަން ބާޠިލުކުރުމަކީ %90 ޔަގީން ކަމެއް ކަމުގައެވެ. އެެހެންނަމަވެސް އޭނާ ވިދާޅުވިގޮތުން ލޫލާ ރިޔާސީ ރޭހުން ބޭރުވެއްޖެނަމަ، "އިންތިޚާބުގެ އެފުށް މިފުށަށް ޖެހިގެން ދާނެއެވެ."
އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ދެން އެންމެ ކުރީގައި އުޅުއްވަނީ ކަނާތު ފިޔައިގެ ސޯޝަލް ލިބަރަލް ޕާޓީގެ ކެންޑިޑޭޓު ޖައިރް ބޮލްސޮނާރޯ އެވެ. ދެން އެންމެ ކުރީގައި އުޅުއްވަނީ ސާއޯ ޕައޮލޯގެ ކުރީގެ ގަވަރުނަރު ޖެރާލްޑޯ އަލްކިމްއާއި، ތިމާވެށި ހިމާޔަތްކުރުމަށް ކެމްޕޭންކުރައްވާ މަރީނާ ސިލްވާއެވެ.
ރިޔާސީ ދައުރު ފުރިހަމަކުރެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާ މިހާރުގެ ރައީސު މިޝޭލް ޓެމެރްގެ ޑިމޮކްރެޓިމް މޫވްމަންޓް ޕާޓީން ކުރިމަތިލައްވާ ހެންރީކޭ މެއިރެލެސް އުޅުއްވަނީ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި މާ ފަހަތުގައެވެ. އޭނާގެ ޕާޓީ މިހާރު ވެފައި ވަނި އާއްމުންގެ މެދުގައި މަގުބޫލުކަން ކުޑަ ޕާޓީއަކަށެވެ.
ލޫލާ ޑަ ސިލްވާއަށް އިންތިޚާބުގައި ވާދަކުރެއްވޭގޮތް ނުވެއްޖެނަމަ އޭނާގެ ބަދަލުގައި ވާދަކުރައްވާނެކަމަށް ބެލެވެނީ މިހާރު އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި، ސާއޮ ފައޮލޯގެ ކުރީގެ ގަވަރުނަރެއް ކަމުގައިވާ ފެނާންޑޯ ހައްދާދެވެ. އޭނާއަކީ ލުބްނާނުގެ ކްރިސްޓިއަން ދަރިކޮޅަކުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް ލޫލާއާ ނުލައި އޭނާ ނިކުމެއްޖެނަމަ، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އޭނާއަށް ލިބޭނީ ފަސްވަނައެވެ.
ވޯޓުލުމަކީ ބްރެޒީލްގައި ގާނޫނީގޮތުން މަޖުބޫރުކަމެކެވެ. އެހެންނަަމަވެސް، މިހާތަނަށް އައި އިރުވެސް ވޯޓުލާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ވޯޓުލާނީ ކާކަށްކަން އަދި ނުނިންމައެވެ. އަދި ވޯޓުލާ މީހުންގެ %20 ބުނެފައިވަނީ އެމީހުން ތާއީދުކުރާ މީހަކު ކުރިމަތިލާފައި ނުވާކަމަށާއި، އެމީހުން ލާނީ ބާޠިލު ވޯޓެއް ކަަމަށެވެ.