
ސިންގަޕޫރަށް ކުރެއްވި ކެންޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) މިއަދު މާލެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި އިބޫވަނީ ސިންގަބޫރުގެ އިތުރަށް މެލޭޝިއާއަށް ވެސް ވަޑައިގެންފައެވެ. އެ ދެގައުމުގައިތިބި ދިވެހިންނާ ބައްދަލުކުރައްވައި ކެންޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާ ގޮތް އެމަނިކުފާނު ބައްލަވައިލެއްވިއެވެ. އަދި ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދަވާގޮތްވެސް އިބޫވަނީ އޮޅުން ފިލުއްވައިފައެވެ. އޭނާ ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް އެމްބަސީތަކަށް ފޯމު ހުށަހެޅުމުން ރަޖިސްޓްރީގެ ކަންކަން ނުނިނިމި ލަސްވަމުންދާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ދެން އެންމެއަވަހަށް ކެންޕޭނަށް ވަޑައިގަންނަވާނީ ލ. އަތޮޅާއި ތ. އަތޮޅަށް ކަމަށެވެ. މީގެ ކުރިންވެސް އިބޫވަނީ ބައެއް ރަށްރަށަށް ވަޑައިގެން ކެންޕޭން ލުރައްވައިފައެވެ. އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެންޕޭން މަސައްކަތް ކުރައްވަމުންނެވެ.