
ސްޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރު ނެރެފައިވަނީ ރިޝްވަތާއި ފަސާދައިގެ ޖާހިލު އަމަލު ތަކުގެ ތެރެއިން ކަމަށް ހޯމްމިނިސްޓަރު އަހުމަދު އަޒުލީން ވިދާޅުވެއްޖެއެވެ.
އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އެ އަމުރުގެ ދަށުން ރައީސް ނަޝީދަކީ މިނިވަނެއް ކަމަށް އެމްޑީޕީން ވަކާލާތުކުރިއަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަޒުލީން ވިދާޅުވީ އެފަދަ އަމުރެއް މިހާރު ނޯންނާނެ ކަމަށެވެ.
"ނޯންނާނެ ދިވެހިރާއްޖޭގައި މިހާރު އެކެއް ފެބުރުއަރީގެ އަމުރެއް. އެކެއް ފެބުރުއަރީގެ އަމުރު ނެރުނީ ރިޝްވަތާއި ފަސާދައިގެ ނުބައި ޖާހިލު އަމަލުތަކުގެ ތެރެއިންކަން ދިވެހިރާއްޖޭގެ ކޯޓުތަކުން މިހާރު އެވަނީ ސާބިތުކޮށްދީފައި. އެހެންވީމާ އެކެއް ފެބުރުއަރީގެ އަމުރުގެ ވާހަކަ ދައްކާކަށް ޖާގައެއް ނޯންނާނެ ނޫންތޯ މީހާރު،" އަޒުލީން ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވަނީ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އެފަދަ ހުކުމެއް އޮތް ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރާއި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަ ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް ކަމަށެވެ. އެމަނިކުފާނަށް ކޮށްފައިވާ ހުކުމްވެސް ފެބުރުއަރީ އެކެއްގެ އަމުރުން ބާތިލްވެ އެމަނިކުފާނު މިނިވަން ވެފައިވާ ކަމަށެވެ. އިތުރު މައްސަލައެއް އުޅޭކަމަށް ވާނަމަ އެކަންވެސް ނިންމަންޖެހޭނީ ސްޕްރީމް ކޯޓުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.