ރަނިންމޭޓު ކަމުގެ ޓިކެޓް ފައިސަލް ނަސީމާ ހަވާލުކޮށްފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓަކަށް އިންތިޚާބު ވެފައިވާ ކާށީދޫ ދާއިރާގެ ޖޭޕީ މެންބަރު ފައިސަލް ނަސީމަށް ރަނިންމޭޓު ކަމުގެ ޓިކެޓް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދެއްވައިފިއެވެ.

މިޓިކެޓް އޭނާއާ ހަވާލުކޮށް ދެއްވީ މ. ކުނޫޒުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖޭޕީގެ ފަރާތުން އެ ޓިކެޓް ފައިސަލް ނަސީމާ ހަވާލުކޮށް ދެއްވީ ޖޭޕީގެ އެކްޓިން ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މިރަސްމިއްޔާތުގައި ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އިބޫގެ ރަނިންމޭޓަކަށް ފައިސަލް އިންތިޚާބު ވެގެންދިޔުމަކީ ޖޭޕީއަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ޖޭޕީގެ ބޭފުޅަކު ހަމަޖެހިގެން ދިޔުމަކީ ޕާޓީތަކުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަ ކަން ހާމަވެގެން ދިޔަކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބޫގެ ރަނިންމޭޓު ހޮވުމަށް ބޭއްވި އިންތިޚާބުގައި އޭނާއަށް ވޯޓު ދިން މީހުންނާއި ވޯޓު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި މިސަރުކާރު ބަލިކުރަން އެންމެން ނުކުމެ އެދުވަހު ވޯޓު ދިނުމަށެވެ. ފުރުސަތަކީ މަދުން ލިބޭ އެއްޗެއް ކަމަށާއި ލިބޭ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަކީ ބުއްދިވެރިންގެ ގޮތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ކުރިން މިހާރު ހުޅުވާލައިފައިވާ ރީރަޖިސްޓްރޭޝަންގެ ކަންކަން ވީހާ ރަނގަޅަށް ކުރިއަށް ގެންގޮސް ރިޔާސީ އިންތިޚާބަށް އެންމެ ފުރިހަމައަށް ތައްޔާރުވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ. ރީރަޖިސްޓްރޭޝަންގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔަކަމަށް ވިޔަސް އެކަންކަމާ ކުރިމަތިލައި ހުރަސްތައް ގީރާކުރުމަށް އޭނާވަނީ ހިތްވަރު ދެއްވައިފައެވެ.

މިރަސްމިއްޔާތުގައި ޖޭޕީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމް ޖަރުމަނުގައި ހުންނަވައިގެން ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަ ދެއްކެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.