ރައްޔިތުން ބޭނުންވެފައިވާ އުފާވެރި ދުވަސްތަކެއް ރާއްޖޭއަށް ހޯއްދައިދެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޅ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ޅ. ހިންވަރަށް ވަޑައިގެން އެރަށުގައި ތިބި ގުޅިފައިވާ ޕާޓީތަކަށް ސަޕޯޓު ކުރާ މީހުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފައިސަލް ވިދާޅުވީ ރައްޔިތުން މިހާރުވެސް ވަނީ ވަރަށްބޮޑު ހެޔޮބަދަލަކަށް ބޭނުންވެފައި ކަމަށެވެ. މިއީ މިފަދަ ބަދަލަކަށް ދިވެހިން އެންމެބޮޑަށް އެދެމުންދާ ދުވަސްވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާގައި އެއްވެސް ވަރަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެބޭފުޅުންގެ ވެރިކަމެއްގައި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ފައިސަލް ވަނީ އޮޅުވެލިފުށްޓަށްވެސް ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އެބޭފުޅުން މިދަތުރު ކުރައްވަމުން ގެންދަވާއިރު މާދަމާ އިބޫ ހދ. އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.