އިބޫއަށް މުޅިރާއްޖޭގައި ތާއިދު އެބައޮތް: ރައީސް ނަޝީދު

ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓު އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަށް މުޅި ރާއްޖޭގައި ތާއިދު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އެމްޑީޕީގެ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް އިބްރާހީމް މުހައްމަދު ސާލިހު އަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ރައްޔިތުންގެ ތާއީދު އޮތްކަމީ އިންކާރު ނުކުރެވޭނެ ހަގީގަތެއް،" ކަމަށެވެ.

އިބޫ އިއްޔެވަނީ އެމަނިކުފާނަށް ތާއީދު ހޯއްދެވުމަށް މާލޭގެ އަވަށްތަކުގެ ގެތަކަށް ޒިޔާރަތް ކުރައްވައިފައެވެ. ނުވަތަ  ދޮރުންދޮރަށް ހިންގަވައިފައެވެ.  އެ ކެންޕޭނުގައި އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ގެތަކުން ކަހަލަ ގޮތަކަށް އެމަނިކުފާނަށް ތާއިދު އޮތްކަން ހާމަކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ކެންޕޭން ދަތުރުތަކުގައި އިބޫ ވަރަށް އަވަހަށް އަތޮޅުތަކަށް ވެސް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެމްޑީޕީގެ ރިޔާސީ ޓީކެޓް އިބޫއަށް ލިބިވަޑައިގެންނެވީ ރިޔާސީ ޕްރައިމަރީގައި އެޓިކެޓް ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލުހުކުމެއް އޮތުމުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އެންގެވުމުން އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ނިންމެވުމުންނެވެ. އެއާއެކު  އެޕާޓީގެ ކޮންގްރެސް އިން ވަނީ އިބޫއަށް ރިޔާސީ ޓިކެޓު ދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.