ސީނާ އަޙްމަދު ޒާހިރުލިޔުއްވި "އައްޑޫ "ރަދުން"" މި ފޮތަކީ އައްޑު އަތޮޅުގައި ހިނގި މަޝްހޫރު ބަޣާވާތުގެ ވެރިޔާ ޢަބްދުﷲ ޢަފީފުގެ ދިގު ބަސްދީގަތުމެއްގެ މައްޗަށް ލިޔުއްވައިފައިވާ ފޮތެކެވެ. ޢަފީފަކީ އައްޑު އަތޮޅު ހިތަދޫ ބޭކަލެކެވެ. ބަޣާވާތަށް ފަހު ގައުމު ދޫކުރައްވައި ސޭޝޭލްސްއަށް ހިޖުރަ ކުރައްވާންދެން ދިރިއުޅުއްވީ ހިތަދޫގައެވެ.
މި ދެންނެވުނު ފޮތުގައި ލިޔުއްވައިފައި ވެއެވެ.
"ޢަފީފް، އައްޑުއަތޮޅުގެ ރައްޔިތުންގެ ވެރިއަކަށް ވެވަޑައިގަންނަވަމުން، އެމީހުން މާޒީގައި ކަންތައް ކޮށްފައިވާ ގޮތަށް ބައްލަވާފައި އިލްތިމާސެއް ކުރެއްވިއެވެ. ޢަފީފް ވިދާޅުވި ކަމަށް ވަނީ، އެމީހުންގެ ގޮތަކީ މީހުން ބުނާހާ އެއްޗަކަށް ހެއްލުމެވެ. މީހަކު ދުންފަތްކޮޅަކާއި ފޯއްކޮޅެއް ދައްކާލިއަސް، އެ ހޯދަން ދުއްވައިގަތުމެވެ. ކުރިން ގެންގުޅު ހުރިހާ އުސޫލުތައް ދޫކޮށްލާފައެވެ. ބޭނުންވަނީ ކޮންމެ ގޮތަކުންވެސް ދުންފަތްކޮޅަކާއި ފޯއްކޮޅެއް ހޯދާށެވެ. ދުންފަތާއި، ފޯއް ނުލިބުމުން، ނުރުހުން ފާޅުކުރުންވެސް އެހާ ބޮޑުވާނެއެވެ. ކުރިން ދެކެވުނު ހުރިހާ ވާހަކަތަކެއް ވަގުތުން ހަނދާން ނެތިދެއެވެ. ހަމައެކަނި އިވޭނެ އަޑަކީ ޝަކުވާގެ އަޑެވެ. "އަހަރެމެންނަށް ދުންފަތެއް ނުލިބެއެވެ. ފޯކެއް ނުލިބެއެވެ. މިހެން ނޫޅެވޭނެއެވެ." މިފަދަ އަޑުތަކެވެ. ޢަފީފަށް އައްޑުއަތޮޅުގެ ރައްޔިތުން ހަވާލުކުރި ޒިއްމާ އުފުއްލެވޭނީ، މިފަދަ ދޯދިޔާ ގޮތްގޮތަށް ރައްޔިތުންގެ ޝުޢޫރުތައް ނުއެނބުރޭނޭކަމުގެ ކޮންމެވެސް މިންވަރެއްގެ ޔަގީންކަމެއް ލިބިވަޑައިގެންނެވުމުން ކަމުގައިވެސް ވިދާޅުވިއެވެ."
ޢަފީފު ވިދާޅުވީ އައްޑުއަތޮޅުގެ ވާހަކައެވެ. އެއީ އޭނާ ދެނެވަޑައިގަންނަވާ ބަޔަކީ އެއީ ކަމުގައި ވާތީއެވެ.
މިއީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރީގެ ވާހަކައެކެވެ. ސުވާލަކީ އައްޑުއަތޮޅުގެ ރައްޔިތުންގެ ވިސްނުން މިހާރު ތަފާތު ހެއްޔެވެ؟ ނުވަަތަ ޢާއްމުކޮށް ހުރިހައި ދިވެހިންގެ ވިސްނުން ތަފާތު ހެއްޔެވެ؟ ތަޢުލީމާއި ތަރައްގީގެ ތެރޭގައި ދިރިއުޅޭ ޒަމާނަށް ފައްކާވެފައި ތިބި ދިވެހިންގެ ވިސްނުން މިހާރު ތަފާތު ހެއްޔެވެ؟
ރާއްޖޭގެ އަތޮޅެއްގައި ހިނގި ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ.
އަތޮޅެއްގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތުރާލެއް ޖެހޭ ކަހަލަ ނިންމުމެއް ސަރުކާރުން ވަރަށް ކުއްލިގޮތަކަށް ނިންމައިފިއެވެ. އެ ދުވަހު އެ އަތޮޅުގެ އަޅުގަނޑު ދަންނަ ބައެއް މީހުނާ ބައްދަލު ވެގެން މިވާހަކަ ދެކެވުނެވެ. ސަރުކާރުގެ ނިންމުން ރަނގަޅު ނޫން ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު އެއީ މާ ބޮޑުކަމެއް ކަމަކަށް އެއްވެސް މީހަކު ފާހަގަކޮށްގެންނެއް ނޫޅެއެވެ. ސަބަބަކަށްވީ އެ ނިންމުމުގެ ސަބަބުން ކުރާ އަސަރު ދެމި އޮންނާނީ ކުޑަ ދުވަސްކޮޅަކަށް ވުމެވެ.
އެރޭ މާލޭގައި ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ބޭއްވުނެވެ. އެ ޖަލްސާގައި ޕާޓީގެ ލީޑަރު ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ނިންމުމުގެ ސަބަބުން އަތޮޅުގެ ރައްޔިތުން ތިބީ ވަރަށް ފުން ހިތާމައެއްގެ ތެރެއަށް ވެއްޓިފައި ކަމުގައެވެ.
އޭގެ އަނެއް ދުވަހު އަޅުގަނޑާ ބައްދަލުވީ ގިނަ މީހުން ތިބީ ހިތާމައިގައެވެ. ކުރީ ދުވަހު އަޅުގަނޑާ ބައްދަލު ވެގެން އެއީ މާ ބޮޑު ކަމެއް ކަމުގައި ނުބެލި މީހުންވެސް ހިތާމަ ކުރަނީއެވެ.
މިއީ ތަޢުލީމީ މުޖުތަމަޢެއްގައި ކަންތައް އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ތަޢުލީމީ ދަރިންނާއެކު ގައުމަށް ބަދަލު އައިސްފައިވާ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ވިސްނުމާއި ޚިޔާލުކުރުމުގެ ވައްޓަފާޅި ބަދަލު ވެއްޖެއެވެ. ދުނިޔޭގެ ކަންތައްތައް ދަސްކޮށް ދުނިޔޭގެ ނިސްބަތުގައި ކަންތައްތައް ކުރިއަށް ގެންދާނޭ ގޮތް ދަންނަ މީހުން ދަނީ އިތުރު ވަމުންނެވެ.
އެކަމަކުވެސް ބައެއް މީހުން (ތަކުރާރުކޮށް: ބައެއް މީހުން) އަދިވެސް ވިސްނަނީ އަމިއްލައަކަށް ނޫނޭ ބުނެވޭނޭ ޖާގަ އެބައޮތެވެ. ބައެއް މީހުން ހިތާމަ ކުރަނީ ލީޑަރަކު ވިދާޅުވީމައެވެ. އުފާވަނީ ލީޑަރަކު ވިދާޅުވީމައެވެ. ރުޅި އަންނަނީ ލީޑަރަކު ވިދާޅުވީމައެވެ.
21 ވަނަ ގަރުނުގެ އާދަޔަކީ އަމިއްލައަށް ވިސްނުމެވެ. ތިމާއަށާއި ތިމާގެ ރަށަށް ފައިދާ ހުރި ގޮތަކީ ކޮބައިކަން އަމިއްލައަށް ދެނެގަތުމެވެ. އަޅުގަނޑު ރައްޓެހި ދެމީހަކާ ސުވާލު ކޮށްލީމެވެ. "ކަލޭ މިވެނި މީހަކު ދެކެ ރުޅި އަންނަނީ އޭނާ ސީދާ ކަލެއަށް ކޮން ބޮނޑިއެއް ދީގެން ހެއްޔެވެ؟ އޭނާ ކުރި އެއްވެސް ކަމަކުން ސީދާ ކަލެއަށް ކޮން ގެއްލުމެއް ލިބިގެން ހެއްޔެވެ؟" އެމީހުން އެއްވެސް ޖަވާބެއް ނުދިނެވެ. ދެން އަޅުގަނޑު މި ސުވާލު ކޮށްލީ އަޅުގަނޑުގެ އަމިއްލަ ނަފްސާއެވެ. "އަހަރެން ރުޅި އަންނަ މީހަކު ދެކެ ރުޅި އަންނަނީ އެ މީހަކު ސީދާ އަހަންނަށް ކޮން ދެރައެއް ދީގެން ހެއްޔެވެ؟" ޖަވާބެއް ނުލިބުނެވެ.
މި ސުވާލުގެ އެންމެ ފަސޭހަ ޖަވާބަކީ އަޅުގަނޑުމެން ރުޅި އަންނަނީވެސް، ހިތާވަނީވެސް އަޅުގަނޑުމެންގެ ތާއީދުކުރާ ލީޑަރު ވިދާޅުވީމައެވެ. އަމިއްލައަކަށް ނޫނެވެ.
މިއޮތީ ރިޔާސީ ރޭސް ފެށިފައެވެ. އެހެންވީމާ ކޮންމެ މީހަކުވެސް އަމިއްލަ ސިކުނޑިން ވިސްނަން ވެއްޖެއެވެ. ކުރިމަތީން ފެންނަ މަންޒަރުތައް ބަލައި ވިސްނަން ވެއްޖެއެވެ. އިވޭ އަޑުތަކުގެ ތެދުދޮގު އަމިއްލައަށް ބަލަން ވެއްޖެއެވެ. ކޮންމެ ކޮޅަކުން ދައްކާ ވާހަކައަކަށް ވިޔަސް، ލީޑަރުގެ ލޯބި ބާއްވާފައި، އަމިއްލަ ސިކުނޑިން މިނެކިރައި ވަޒަން ކުރަން ވެއްޖެއެވެ.
ފޯކާއި ދުންފަތަށް ހެއްލުމުގެ ބަދަލުގައި މުޅި މުޖުތަމަޢުގެ މަސްލަހަތާއި ފައިދާއަށް އިސްކަންދޭ ބަޔަކަށް ވާން ވެއްޖެއެވެ. ލީޑަރުން ބޭނުން ގޮތަކަށް ގެންގުޅޭ ކުޅޭކުޅޭ ބުދުތަކަކަށް ވުމުގެ ބަދަަލުގައި ލީޑަރުންނަކީ އަޅުގަނޑުމެން ބޭނުން ގޮތަކަށް އެނބުރެން ޖެހޭ ބަޔަކަށް ހަދަން ވެއްޖެއެވެ. އަމިއްލަ ފައިދާއާއި ލާބައަށްޓަކައެވެ. ގައުމުގެ ހެވަށްޓަކައެވެ.
ފޯކާއި ދުންފަތަށް ނުހެއްލޭށޭ!