މަޅުމަތި: މޫސުން ބަދަލުވީމާ...

ރޭގަނޑު ނިދަން އަރައި އޮވެ ދަރިފުޅު ބުންޏެވެ.

ބައްޕާއެވެ. ރީތި ވާހަކައެއް ކިޔައި ދޭށެވެ.

އެއީ ދަރިފުޅުގެ އާދައެކެވެ.

އަހަރެން ވާހަކަ ކިޔައިދޭން ފަށައިފީމެވެ.

އެއް ސަހަރެއްގައި އުޅުނު ކާޅު ބައިގަނޑަކާއި ކޮވެލި ބައިގަނޑެކެވެ.

ފެށުނީއްސުރެވެސް މި ދެ ބައިގަނޑުގެ މެދުގައި އަރައިރުން އޮވެއެވެ.

ކުދި ކަންތައްތަކުން ފެށިގެން ގޮސް ބޮޑެތި ކަންތައްތަކާ ގުޅިގެން އަރައިރުންވެއެވެ.

އަދި ވަރަށް ގިނަ ފަހަރު އެއްވެސް ކަމަކާ ނުލައި އަރައިރުން ވެއެވެ.

އެއް ރެޔަކު ދެބައިގަނޑުގެ މެދުގައި އަރައިރުމެއް ފެށިއްޖެއެވެ.

ކާޅުތައް އެއް ފަރާތުގައި ތިބެގެން ރީތި ރާގުރާގަށް ލަވަ ކިޔާން ފަށައިފިއެވެ.

ކޮވެލިތައް އައިސް ކާއްކާއް ލައްވައި އުނދަގޫ ކުރާން ފަށައިފިއެވެ.

ވާހަކަ މި ހިސާބަށް ދިޔައީމާ ދަރިފުޅު ކިޔައިފިއެވެ.

ބައްޕައަށް އޮޅުނީ ހެއްޔެވެ؟

ބައްޕަ ކުރިން ކާޅާއި ކޮތަރުގެ ވާހަކަ ކިޔައި ދެމެއް ނޫން ހެއްޔެވެ؟

އެ ވާހަކައިގައި އުނދަގޫ ކޮށް ކާއްކާއް ގޮވަނީ ކާޅެވެ.

އަހަރެން ބުނީމެވެ.

ދަރިފުޅާއެވެ.

ބައްޕަ އެ ވާހަކަ ކިޔައިދިން ފަހުން މިހާރު ލައްކަ ދުވަސް ވެއްޖެއެވެ.

މިއީ ކާޅު ލަވަ ކިޔާ މޫސުމެވެ.

ކޮވެލި ކާއްކާއް ގޮވާ މޫސުމެވެ.

ދަރިފުޅު އަހައިފިއެވެ.

އެހެން އެ ވަނީ ކީއްވެގެން ހެއްޔެވެ؟

އަހަރެން ބުނީމެވެ.

އިހަށް ކާޅު ކާއްކާއް ގޮވީ މައި ކާޅު ހިފައި ކޮށްޓަކަށް ލީމައެވެ.

އެ ދުވަސްވަރު ކޮވެލި ލަވަ ކީއެވެ.

މިހާރު ކޮވެލި ކާއްކާއް ގޮވަނީ މައިކޮވެލި ހިފައި ކޮށްޓަކަށް ލީމައެވެ.

މިހާރު ކާޅު ލަވަ ކިޔަނީއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.