އާފަތިސްބަދިގެ: ހައިދަރްއާބާދީ ބިރިޔާނީ

ރޯދަ މަހު ކޮންމެ ދުވަހަކު އަޅުގަނޑުމެން ކިއުންތެރީންނަށް ރެސިޕީއެއް ގެނެސްދިނީމެވެ. އަޅުގަނޑުމެން ބެލީ އަވަދިނެތި އުޅުއްވާ ބޭފުލުންނަށްވެސް ފަސޭހައިން އަދި ޚަރަދު ކުޑަކޮށް ތައްޔާރުކުރެވޭނެ ރެސިޕީއެއް ގެނެސްެދެވޭތޯ އެވެ. ރެސިޕީތައް ހޮވުމުގައި އަޅުގަނޑުމެން ބެލީ ގޭގައި އާއްމުކޮށް ހުންނަ ބާވަތް ތަކުން ނުވަތަ ކަންމަތީ ފިހާރައިންވެސް ފަސޭހައިން ލިބޭނެ ބާވަތްތައް ހިމެނޭ ރެސިޕީތައް ގެނެސްދިނުމަށެވެ. ދޭތެރެއަކުން ކުޅި ކާއެއްޗެއް ގެނެސްދިން ނަމަވެސް މިފަހަރު އަމާޒުކުރީ ފަސޭހައިން ތައްޔާރު ކުރެވޭނެ ފޮނި ކާއެއްޗެްސަށެވެ. 

ރޯދަ ނިންމައި މާދަމާ އަކީ އީދު ދުވަސް ކަމަށް ވުމުން އަލުގަނޑުމެން މި ގެނެސްދެނީ މެންދުުރުގެ ކެއުމަަށް ތައްޔާރު ކުރެވިދާނެ ރެސިޕީ އެކެވެ. އީދު ކެއުމަށް ހައިދަރްއާބާދީ ބިރިޔާނީ ތައްޔާރު ކުރަމާ ހިންގާށެވެ.  

ބޭނުންވާނެ ތަކެތި:

ދޮޅު ޖޯޑު ބާސްމަތީ ހަނޑޫ، ފޯކޮށްފައި (30 މިނިޓްވަރު ބެހެއްޓުމުން ހެޔޮވަރު ވަރަށް ފޯ ވާނެއެވެ)

ބައި ކިލޯ ކުކުޅު (ބޯންލެސް ޗިކެން)

ބައިސައިސަމުސަލުގެ ބިރިޔާނީ މަސާލާ، ފަށަލަތަކަށް އެޅުމަށް

1 ފިޔާ، ތެލުލާފައި

ގޮށްމުށެއް ހުންނަވަރަށް ކޮތަނބިރި ފަތް، ކުދިކޮށް ކޮށާފައި

ގޮށްމުށެއް ހުންނަ ވަރަށް ކުދީނާ ފަތް، ކުދިކޮށް ކޮށާފައި

މޭޒުމަތީ ސަމުސަލުގެ ތިނެއް ނުވަތަ ހަތަރު ސަމުސާ ތެޔޮ

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ގިތެޔޮ  

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ކުކުން (ސެފްރޯން) 

މެރިނޭޓް ކުރަން ބޭނުންވާނެް ތަކެތި:

1 ¼ އިނގުރު ލޮނެމެދު ޕޭސްޓް

ސައިސަމުސަލެއގެ ހަތަރުބައިކުޅަ އެއްބައި ރީނދޫ

1 ނުވަތަ 2 ތޮޅި މިރުސް

ބައިޖޯޑާއި، މޭޒުމަތީ ސަމުސަލުގެ ތިން ސަމުސާ ޔޯގަޓް ނުވަތަ ފްރެޝް ކާރޑް

މޭޒުމަޓި ސަމުސަލުގެ ދެ ސަމުސާ ލުނބޯ ހުތް

ސައިސަމުސަލެއްގެ ކަޝްމީރީ މިރުސް ޕައުޑަރ

1 ސައިސަމުސާ ނުވަތަ ދޮޅު ސައިސަމުސާ ބިރިޔާނީ މަސާލާ ޕައުޑަރ

½ ނުވަތަ ¼ ސައިސަމުސާ ކާފޫރުތޮޅި، ޕައުޑަރ

¾ ސައިސަމުސާ ލޮނު

ބަތަށް ބޭނުންވާ ހަވާތަށް ބޭނުންވާނެ ތަކެތި:

6 ނުވަތަ 7 ޖޯޑު ހަނޑޫ

1 ސައިސަމުސާ ތެޔޮ

ނަޓް މެގް ކޮޅެއް

5 ކާފޫރުތޮޅި

3 އިންޗި ހުންނަވަރުގެ ފޮނިތޮށި ގަނޑެއް

6 ކަރަންފޫ

1 ބޭ ލީފް

ބައި ސައިމުސާ ފްލެނަލް ސީޑް

1 ބިރިޔާނީ މާ (ސްޓަރ އެނައިސް)

ރަހަލާވަރަށް ލޮނު

ކުކުޅު މެރިނޭޓް ކުރާނެ ގޮތް:

ބޮޑު ބޯތަށްޓަކަށް ޔޯގަޓާއި، ލޮނާއި، ރީނދުލާއި، މިރުސް ޕައުޑަރާއި، ކޮތަނބިރި ޕައުޑަރާއި، ބިރިޔާނީ މަސާލާ އާއި، ތޮޅި މިރުހާއި އިނގުރު ލޮނެމެދު ޕޭސްޓާއި ލުނބޯ ހުތް އަޅައި މޮޑޭށެވެ. ލޮނާއި ހަވާދު ރަހަ ހެޔޮވަރުކުރާއިރު ރަހަ ބެލުމަށްފަހު އިތުރަށް އަޅަން ފެންނަ ނަމަ އަޅާށެވެ.

ހަވާދު ތައްޔާރު ކުރެވުމުން ކުކުޅުގެ ތެރެއަށް އަޅައި އަތުން މޮޑެފައި މެރިނޭޓް ކުރަން ބަހައްޓާށެވެ. މެންދުރަށް ކައްކާނަމަ ރޭގަނޑު ހަވާދު ގަނޑު ތައްޔާރުކޮށް ކުކުޅާއި އެކު މޮޑެ އައިސް އަލަމާރީގައި ބަހައްޓާށެވެ. އެއްރޭ ވަންދެން ބެހެއްޓުމުން ކުކުޅަށް ރަހަ ވަދެ ކުކުޅު މަޑުވާނެއެވެ. ރޭގަނޑު ތައްޔާރު ނުކުރެވޭނަމަ މަދުވެގެން ދެގަޑި އިރު ބަހައްޓަންވާނެއެވެ.

ބަތް ކައްކާނެގޮތް:

 6 ޖޯޑު ނުވަތަ 7 ޖޯޑު ހަނޑޫ ދޮވެފައި 30 މިނިޓް ވަންދެން ފެނަށްލައި ފޯކުރާށެވެ. 30 މިނިޓް ވުމުން ފެން އޮހޮރާލާށެވެ.

ދެން ތެޔޮ ސަމުސަލާއި ބަތަށް ބޭނުންވާ ހަވާދުގެ ހުރިހާ ބާވަތެއް އަޅައިގެން ބަތް ކައްކާށެވެ. ފަސް މިނިޓް ވަންދެން ފެންގަޑު ރަނގަޅަށް ކައްކާށެވެ.

ފޯކޮށްފައި ހުރި ދޮޅު ޖޯޑު ބާސްމަތީ ހަނޑޫ އޭގެތެރެއަށް އަޅައިގެން ހަނޑުލުގެ ހަތަރުބައިކުލާ ތިންބައި ރޯފިލާ ވަރަށް ކައްކާށެވެ. އުނދުން މަތިން ބޭލުމަށްފަހު ފެން އޮހޮރާފައި ބަހައްޓާށެވެ. އެހެން ނޫނީ ބަތް ވަރަށް ބޮޑަށް ޗަސް ވާނެއެވެ.

ބިރިޔާނީ ތައްޔާރުކުރާނެ ގޮތް:

ބަތް ކައްކަން އުދާފައި މެރިނޭޓް ކޮށްފައި ހުރި ކުކުޅު ކެސެރޯލް ތަށްޓަކަށް ނުވަތަ އަވަނަށްލެވޭ ކަހަލަ ފުން ތަށްޓަކަށް އަޅާށެވެ. އޭގެތެރެއަށް މީރުކޮށްފައި ހުރި ފިޔަ އާއި ކުދީނާ ފަތާއި ކޮތަނބިރި ފަތާއި ތެޔޮ އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. ދެން ކުކުޅުގެ ފަށަލައެއް އަޅައި އޭގެ މަތީން ބަތުގެ ފަށަލަ އަކާއި މީރުކުރި ފިޔަލާއި ކުދީނާ ފަތާއި ކޮތަނބިރި ފަތުގެ ފަށަލައެއް ލާށެވެ. އެފަށަލައިގެ މައްޗަށް ¼ ސައިސަމުސާ ބިރިޔާނީ މަސާލާ ޕައުޑަރު ބުރުވާލާށެވެ. މިގޮތަށް ހަނޑުލާއި ކޮތަނބިރި ފަތާއި ކުދީނާ ފަތާއި މީރުކޮށްފައި ހުރި ފިޔާގެ ފަށަލަ ތަކުރާރު ކުރާށެވެ. 

ފަށަލަކޮށް ނިމުމުން މައްޗަށް ކުކުންކޮޅު އޮއްސާލާށެވެ.

ބިރިޔާނީ ތައްޔާރު ކުރާނެެ ގޮތް:

ބޭކިން ޑިޝް ގެ ނުވަތަ ކެސެރޯލް ތަށީގެ މަތީގައި ވައި ނުވަންނަގޮތަށް ފޮއިލް އަޅައި ބަންދުކުރާށެވެ. ފޮއިލްގެ ބަދަލުގައި ފޮތުވެސް ބޭނުންކުރެވިދާނެއެވެ. ފޮތި ބޭނުންކުރާނަަމަ ތެންމާފައި ފެން  އޮހޮރާފައި ތަށީގެ މަތީގައި އަޅައި ބަންދު ކުރާށެވެ.

ދެން އުނދުން މައްޗަށް ނަރުގަނޑެއް އުދައި އޭގެ މަތީގައި ތަށި ބަހައްޓައި ހޫނުމިން މެދުމިނުގައި ބަހައްޓައިގެން ކައްކާށެވެ. މިގޮތަށް 10 މިނިޓް ވަރު ކައްކާށެވެ.

މަޑުގިނީގައި ބަހައްޓައިގެން 15 މިނިޓް ކައްކާށެވެ. ފޮތިގަނޑުން އާވި ފައިބާތަން ފެންނާނެއެވެ. ދެން އުނދުން ނިވާލުމަށްފަހު އުނދުންމަތީގައި 20 މިނިޓް ނުވަތަ 30 މިނިޓް ބަހައްޓާށެވެ.

ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް ބިރޔާނީގެ މައްޗަށް ބުރުވައި ގާނިޝް ކުރާށެވެ.

މި ރެސިޕީގެ އިޖުރާއަތްތައް ގިނަވިޔަސް މިއީ ވަރަށް ފަސޭހަ ރެސިޕީ އެކެވެ. އަދި އެހާ ރަހަވެސް މީރުވާނެއެވެ. މިއީ އީދު ދުވަހުގެ މެންދުރަށް ތައްޔާރުކޮށްލަން ވަރަށް ރަނގަޅު ރެސިޕީ އެއް އެހެން ނޫންތޯ؟

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.