ފުލުހުންގެ އިލްތިމާސަކީ ޢީދު ނަމާދަށް ފައިމަގުގައި ދިއުން

މާދަމާގެ އަޟްހާ ޢީދު ނަމާދަށް މާލޭގައި ދިރިއުޅޭ ފަރާތްތަކުން ފައިމަގުގައި ދިއުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިގޮތަށް އިލްތިމާސްކުރީ އަޟްޙާ ޢީދު ދުވަހު ޢީދު ނަމާދު ވަގުތު ގިނަ ސަރަހައްދުތަކެއް ބަންދުކުރަން ހަމަޖެހިފައިވާތީއެވެ.

ފުލުހުން ބުނީ މޫސުން ތަންދޭނަމަ މިއަހަރުގެ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައިވާތީ، ގިނަބަޔަކު ދުއްވާ އުޅަނދުތަކުގައި ދިއުމުން ޕާކު ކުރާނެ ޖާގަ ނުލިބޭނެ ކަމަށެވެ.

ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް ފުލުހުން އެ ސަރަހައްދުތައް ބަންދުކުރާނެ ކަމަށާއި އެހެންވެ އެންމެރަނގަޅު ގޮތަކީ ފައިމަގުގައި ޢީދު ނަމާދަށް ދިއުން ކަމަށް ފުލުހުން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރުމަށް ނިންމާފައެވެ. އެގޮތުން މާލޭގެ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ވިލިމާލޭގެ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މާލޭގެ 32 މިސްކިތެއްގައި ވެސް ޢީދު ނަމާދު ކުރާނެއެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން ވަކިވަގުތަކަށް މަނާކޮށް، އެވަގުތު މާލޭގައި ހިނގާފައި އުޅޭގޮތަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޢީދު ދުވަހު ދުވަހާއި ވަޅު ޢީދު ދުވަހު ހިނގާފައި އުޅެންޖެހޭނީ ހަވީރު 4:00 އިން ފަށައިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.