އިމުން ބޭރުވުން

ޠޫފާނެއް އައުން، ބިންހެލުމެއް އައުން، ނުވަތަ އުދައެރުން ފަދަ ކަމެއް ދުނިޔޭގެ ކޮންމެވެސް ތަނަކަށް މެދުވެރިނުވާ މަހެއް ނުވަތަ އަހަރެއް ނުދެއޭ ދެންނެވުން އެއްގޮތަކަށްވެސް ދޮގަކަށް ނުވާނެއެވެ. އުދައެރުން ނުވަތަ ސުނާމީ އެރުމަކީ ކަނޑަށް ނުވަތަ މޫދަށް ލިބިފައިވާ އިމުން ބޭރަށް މޫދު ނުވަތަ ކަނޑު ނުކުތުމެވެ. އޭގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ.

ﷲ ވަނީ ކޮންމެ އެއްޗަކަށްވެސް އިމެއް ކަނޑައަޅުއްވައިފައެވެ. އަދި ކޮންމެ ކަމަކަށްވެސް އިމެއް ކަނޑައަޅުއްވައިފައެވެ. އެ އިމުން ބޭރުވެއްޖެ ނަމަ އޭގެ އުނދަގޫ އެހެން ބަޔަކަށް ކުރާގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ބަޔަކަށް އުނދަގޫ ނުވިޔަސް އަމިއްލަ ނަފްސަށް ނަމަވެސް ގެއްލުމެއް ވާނެއެވެ.

އިންސާނާއަށްވެސް ﷲ ވަނީ އިންތަކެއް ލައްވައިފައެވެ. ކޮށްގެން ނުވާނެ ކަންތައްތަކެއް ހުރެއެވެ. ވަކި ހަމަތަކެއްގައި ހިފަހައްޓައިގެން އުޅުމަކީ އެއްވެސް މަޚްލޫޤަކު އިސްތިސްނާވެފައިވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ގެއްލުމެއްގެ ޙަޤީޤީ ސަބަބަކީ އިމުން ބޭރުވުމެވެ. ބަލިބަލި ޖެހެނީ ކާބޯ ތަކެތި ބޭނުން ކުރަން ޖެހޭ ގޮތާއި، މިންވަރާއި، ސާފުތާހިރުކަމުގެ އިމުން ބޭރުވީމައެވެ. އަދަބު ލިބެނީ ޤާނޫނުގެ އިމުން ބޭރުވީމައެވެ. ހިތާމަކުރަން ޖެހެނީ މިންވަރަށް އީމާންވުމުގެ އިމުން ބޭރުވީމައެވެ.

ދިރިއުޅުމަކީ އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވާނެ އޮންނަނީ އެންމެ ގޮތެކެވެ. އެއީ ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަން ދަސްކުރުމެވެ. ދިމާވާ ކަމެއްގެ ސަބަބުން އިމުން ބޭރަށް ފިޔަވަޅެއް އެޅުނަސް، އަވަހަށް އިމަށް ވަންނަން އާދަ ކުރަންވީއެވެ.

ކުރެވޭ ނުބައިކަންތައްތައް، އެއީ ރަނގަޅު ކަމެއް ކަމަށް ސާބިތުކުރަން އެކި ކަހަލަ ބަހަނާ ދައްކަން އުޅުމަކީ ގެއްލުންހުރި ކަމެކެވެ. ގެއްލުންވާނެކަން ޔަގީންވާ މައިގަނޑު ސަބަބަކީ އިންތަކެއް އެބަހުރިކަން ޔަގީންވުމެވެ. އިންތައް ކަނޑައެޅުއްވި ފަރާތުން "ސަރަހައްދީ ރޮނގު" ބަލަހައްޓަވާނެކަން ޔަގީންވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.