މަޢުރިފަތުގެ ދަތުރު

ﷲ ގެ ކުޅަދުންވަންތަކަން ބަޔާން ކޮށް ދެއްވަމުން ކީރިތި ޤުރްއާނުގެ އައްޞާއްފާތު ސޫރަތުގެ 82 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައި ވެއެވެ. إنّما أمره إذا أراد شيئا أن يقول له كن فيكون މާނައީ، "އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައިފި ނަމަ، އެ ކަލާނގެ އަމުރުފުޅު ވާ ކަން ކަށަވަރީ އެ ކަމަކަށް. "ވާށޭ" ވަޙީ ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ."

މި އާޔަތުން އެނގޭ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އެސްފިޔައެއް ޖަހާލާހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮންމެ ކަމެއްވެސް ކުރައްވާހައި ކުޅަދުން ވަންތަ ކަލެކެވެ. އެކަމަކު އުފެއްދެވުމުގެ ތާރީޚަށް ބަލާ އިރު ﷲ ކާއިނާތު އުފެއްދެވުމުގެ ކަންތައްތައް ގެންދަވައިފައި ވަނީ އެހެން ނޫންކަން އެނގެއެވެ. މި ޒަމާނުގެ ސައިންސްގެ ހޯދުންތަކަށް ބަލާއިރު ދުނިޔޭގެ އުމުރުން 15 ބިލިއަން އަހަރު ވެއްޖެ ކަމަށް ވެއެވެ. ﷲ އެންމެ ފުރަތަމަ ހެއްދެވީ ކާއިނާތީ ޒައްރާ ތަކުގެ މަޖްމޫޢާ އެކެވެ. ނުވަތަ ބޮނޑިވަރެކެވެ. މި މަޖްމޫޢާއަށް ކިޔާ ނަމަކީ "ސުޕަރ އެޓޮމް" އެވެ. ޒަމާން ތަކަކަށް ފަހު މި ސުޕަރ އެޓޮމް ގޮވީއެވެ. ގޮވުމުގެ ސަބަބުން އުފެދުނު ޒައްރާތައް ފަޒާގެ ތެރެއަށް ބެހިގެން ދިޔައީއެވެ. އޭގެ ފަހުން އެ ޒައްރާތައް ތަރިއާއި، ގުރަހަލިތަކަށް ބަދަލު ވެގެން ދިޔައީއެވެ. ދެން އުފެދުނީ ޝަމްސީ ނިޒާމެވެ. އާދެ، ސޯލަރ ސިސްޓަމެވެ. މިހާރު އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެ އުފެދިގެން ދިޔައީ އެ ޝަމްސީ ނިޒާމުގެ ތެރެއިންނެވެ. އެއަށް ފަހު ދެ ބާވަތެއްގެ ގޭހެއް އެކުވެގެން ފެން އުފެދުނީއެވެ. ދުނިޔޭގައި ލައްވައިފައިވާ ދިރޭ ތަކެތި އުފަންވީ އޭގެ ފަހުންނެވެ. މި ހުރިހައި ތަކެއްޗެއް އުފެއްދެވުމަށް ފަހުން އެންމެ ފަހުން އިންސާނާ ހައްދަވައި، ބިމުގައި ލެއްވީއެވެ.

މި ދެންނެވުނު ހުރިހައި ކަމެއް އެއް ފަހަރާ، އެންމެ ސިކުންތެއްގެ ތެރޭގައި ކުރެއްވުމަކީ ﷲ ގެ ކުޅަދުންވަންތަ ކަމަށް ބަލާއިރު އެއްވެސް ކަމެއް ނޫނެވެ. އެކަމަކު އެހެން ހެއްދެވި ނަމަ އިންސާނާގެ ސިކުނޑި އުދުއްސައިގެން ހިނގައްޖައީހެވެ. އިންސާނާގެ ކިބައިގައި އެ ހުރިހައި ކަމެއް ބަލައިގަތުމުގެ ބާރެއް ނެތެވެ. ކުއްލިއަކަށް އެއް ފަހަރާ ހުރިހައި އެއްޗެއް ހެއްދެވި ނަމަ، އެ އެއްޗިއްސަކީ ވިސްނައި ފިކުރު ކުރަން ޖެހޭ ފަދަ އެއްޗެހި ތަކެއް ކަމަކަށް ނުވީހެވެ. ކުއްލިއަކަށް އެއް ފަހަރާ ހެއްދެވުމުގެ ބަދަލުގައި ﷲ ކާއިނާތު ހެއްދެވީ ދިގު މުއްދަތެއްގެ ތެރޭގައި ލަސްލަހުންނެވެ. ކާއިނާތު އުފެއްދެވުމުގައި އެތައް ކަމެއް ޝާމިލު ވެފައި ވެއެވެ. ކާއިނާތުގައި ވާ ތަކެއްޗާއި، ކާއިނާތު ހިންގަވާ އުސޫލު ތަކާމެދު ވިސްނައި ފިކުރުކޮށް ހޯދައިގަތުމުގެ ފުރުސަތު އިންސާނާއަށް ލިބުނީ އެހެން ވެގެންނެވެ. ﷲ ގެ މި ފުރިހަމަ ނިންމެވުމުގެ ސަބަބުން ކާއިނާތު ވެފައި ވަނީ މަޢުރިފަތު ހޯދުމުގެ ދިގު ދެމިގެންވާ ޒަރީޢާއަކަށެވެ. ކޮންމެ ދުވަހަކު ހެނދުނާއި، ހަވީރާއި އެހެން ވަގުތު ތަކުގައި ވިސްނައި ފިކުރު ކޮށް، ކާއިނާތުގައި ލައްވައިފައިވާ ފުން ސިއްރުތައް ހޯދައި ދެނެގަންނާން މަސައްކަތް ކުރުމުގެ ފުރުސަތު އިންސާނާއަށް ވަނީ ލިބިފައެވެ. ﷲ ހައްދަވައިފައިވާ ތަކެތީގެ އަޖައިބުކަން ކޮންމެ ދުވަހަކުމެ ދަނީ ފެންނަމުން ހާމަ ވަމުންނެވެ. ވުމާއެކު މަޢުރިފަތުގެ ދަތުރަކީ ދުވަހަކުވެސް ނިމޭނޭ ދަތުރެއް ނޫނެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.