އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާން ފަށައިފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދާކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލާން މާލެއާއި އަތޮޅު ތަކުގެ އިތުރަށް ބޭރުގެ ބައެއް ގައުމުތަކުގައި ފަށައިފިއެވެ.

މިއަދު 2:00 ގައި ފެށި ވޯޓުލުން ރާއްޖޭއާއި ރާއްޖެއިން ބޭރުގެ 6 ގައުމެއްގައި ޖުމްލަ 218 ވޯޓިން ސްޓޭޝަނުގައި ކުރިއަށް ދާނެއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު 2:00 އިން ފެށިގެން މިރޭ 12:00 އާ ހަމައަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. ޕްރައިމަރީގެ ކުރިން 138 ރަށެއްގައި ވަނީ ކެންޕޭން ހަރަކާތް ހިންގައިފައެވެ. ކޭންޕޭން ޓީމްތައް ވަނީ ރާއްޖޭގެ 79 ރަށަކަށް ޒިޔާރަތް ކޮށްފައެވެ. ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް 115 ރަށެއްގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ކުރިއަށް މިގެންދަނީ ހުކުމެއް ތަންފީޒު ކުރަން ޖެހިވަޑައިގެންފައިވާ ބޭފުޅަކު ޕްރައިމަރީގައި ވާދަ ކުރައްވާތީ އެކަން އެގޮތަށް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައި ވަނިކޮށްނެވެ. އިލެކްޝަނުން ވިދާޅުވެފައިވަނީ އެންގުމާ ޚިލާފުވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.