ގާނޫނާއި ގަވާއިދުގެ ތެރެއިން ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީއަށް ކުރިންވެސް އެންގިން: އީސީ

ގާނޫނާއި ގަވާއިދުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީއަށް ކުރިންވެސް ވާނީ އަންގަވައިފައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީ ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ "ކުރިންވެސް އަޅުގަނޑުމެންވާނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގާނޫނީ އިމުގެތެރެއިން ބޭއްވުމަށް އެޕާޓީއަށް އަންގާފައި. އެކަމަކު އެޕާޓީން ވަނީ ޝަރުތުހަމަނުވާ ބޭފުޅަކަށް ފުރުސަތު ދެއްވައިފައި. އެކަން އަޅުގަނޑުމެން ބަލަމުން މިދަނީ،"

އޭނާ ވިދާޅުވީ އެޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝިދަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެފަދަ ބޭފުޅަކަށް ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް އެޕާޓީއަށް އަންގަވާފައިވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ އެންގެވުމާ ޚިލާފު ވެއްޖެ ކަމަށްވާނަމަ އެޕާޓީ އުފާލަން ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެމްޑީޕީއަށް އަޅުގަނޑުމެން ފޮނުވި ސިޓީގައި އޮންނާނީ ދެޕޮއިންޓް ފާހަގަ ކޮށްފައި. އެއީ ސިޔާސީ އިންތިޚާބީ މަގާމަކަށް ކުރިމަތިލުމަށްޓަކައި މީހަކު ނެގުމަށް ބާއްވާ ޕްރައިމަރީއެއްގައި ވާދަކުރެވޭނީ އެމަގަމާށް އިންތިޚާބު ކުރުމަށް ކެންޑިޑޭޓަކަށް ވުމަށް ޝަރުތު ފުރިހަމަވާ މީހަކަށޭ މިބުނަނީ. އެގޮތަށް ބަލާއިރު ގާނޫނުގައި މިހާރުއޮތް ގޮތުން ގ. ކެނެރީގޭ މުހައްމަދު ނަޝީދަކަށް އެ ޝަރުތެއް ފުރިހަމައެއް ނުވޭ،" ޝަރީފް ވިދާޅުވިއެވެ.

"ދެވަނަ ޕޮއިންޓަކީ ޕެރޯލްގެ ގާނޫނުގައި އެބަބުނޭ ޖަލުގެ ހުކުމް ތަންފީޒުކުރާ މުއްދަތުގެ ތެރޭގައި ބައެއް ސިޔާސީ ހަރަކާތްތަކެއްގައި ނޫޅެވޭނެ ކަމަށް. އަދި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެސް ނުވެވޭނެ ކަމަށް. އެހެން ވެއްޖެއްޔާ ބަންދެއްގައި ހުރިމީހަކު ނުވަތަ ހުކުމެއް ތަންފީޒު ކުރަންޖެހޭ މީހަކު އެފަދަ ހަރަކާތެއްގައި ބައިވެރިކޮށްގެން ހަރަކާތެއް ހިނގުމަކީ ޕެރޯލް ގާނޫނާ ޚިލާފުވުން. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެބަބުނޭ ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކާ ޚިލާފުވެއްޖެ ކަމަށްވަނަމަ އިލެކްޝަން ކޮމިޝަނަށް ފިޔަވަޅުއެޅޭނެޔޭ. އެ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީއުވާލުމަށް ހައިކޯޓަށް ވެސް ހުށަހެޅިދާނެޔޭ، ޖޫރިމަނާ ވެސް ކުރެވިދާނެޔޭ. މިއީ އާންމުކޮށް އަޅުގަނޑުމެން މިބުނާ އެއްޗަކީ،" ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްޑީޕީން ފެށުނީއްސުރެން ބުނަމުން ގެންދަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށެވެ. އިލެކްޝަނުގެ އިންޒާރަށްފަހުވެސް އެޕާޓީން ގެންދަނީ ޕްރައިމަރީއަށް ތައްޔާރު ވަމުންނެވެ. ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ ޕްރައިމަރީގެ މަސައްލަތްތައް ބާރަށް ކުރިއަށް ގެންދިޔުމަށެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 30 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.