ޔަމަނުގެ ގާނޫނީ ސަރުކާރުގެ ދިފާއުގައި ކަމަށް ބުނެ ސައޫދީން އިސްވެ އޮވެ ޔަަމަނުގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނުން ދިން ހަމަލާއެެއްގައި ޔަމަނުގެ ޙޫޘީންގެ އިސް ވެރިއަކު މަރުވެއްޖެއެވެ.
ޙޫޘީންގެ ޓީވީ އަލްމަސީރާއިން ޚަބަރުދިން ގޮތުން އަރަބި ކޯލިޝަންނުން އިއްޔެ ހުދައިދާއަށް ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސު ޞާލިޙު އައްޞައްމާދު ވަނީ މަރުވެފައެވެ.
ޔަމަނުގައި ކުރިއަށްދާ ދާޚިިލީ ހަނގުރާމައިގައި މިހާރު އެންމެ ބާރުގަދަ ބަޔަކީ ޙޫޘީންނެވެ. އެބައިމީހުން ވަނީ ވެރިރަށް ސަންޢާއާއި އިތުރު ބައެެއް ސަރަހައްދުތައް ހިފާފައެވެ.
އައްޞައްމާދަކީ އަރަބި ކޯލިޝަނުން ހައްޔަރުކުރަން ބޭންނުވެގެން ހޯދަމުންދާ މީހުންގެ ލިސްޓުގައި ޙޫޘީންގެ ޒައީމު ޢަބްދުމަލިކު އަލްޙޫޘީއަށް ފަހު ދެވަނަައިގައި އޮތް މީހާއެވެ. އޭނާ ހައްޔަރުކުރެވޭ ފަދަ މަޢުލޫމާތު ދިން މީހަކަށް 20 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހެޅިފައި ވެއެވެ.
އަލްމަސީރާ ޓީވީން އާއްމުކުރި ބަޔާނެެއްގައި އަބްދުލްމަލިކު އަލްޙޫޘީ ބުނެފައިވަނީ ބުރާސްފަތި ދުވަހު ދެވުނު އެހަމަލާގައި ޖުމްލަ ހަތް މީހުން މަރުވެފައި ވާކަމުގައެވެ. "މި ޖަރީމާއިން ރައްޔަތުންގެ އަޒުމަށް ބަދަލެއް ނުގެނެވޭނެ. އަދި މިޖަރީމާއަށް ރައްދު ނުދީ ދޫނުކުރާނަން." ބަޔާނުގައި އޭނާ ބުނެފައި ވެއެވެ.
ބައިނަލް އަޤްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރަކީ ރައީސު ޢަބްދުރައްބޫ މަންސޫރު ހާދީގެ ސަރުކާރެވެ. ޙޫޘީން ވެރިރަށް ސަންއާ ހިފުމުން މިހާރު އެސަަރުކާރުގެ މަރުކަޒަކީ އަދަނެވެ. އެސަރުކާރުގެ ދިފާއުގައި ސައޫދީންގެ ވެރިކަމުގައި އެކުލަވާލެވިފައިވާ އަރަބި ކޯލިޝަނުން ޙޫޘީންނާ ހަނގުރާމަކުރާއިރު، ކޯލިޝަނުން މައިގަނޑު ގޮތެއްގައި ދެނީ ވައިގެ ހަމަލާތަކެެވެ. މިކަމުގެ ސަބަބުން އާއްމުންގެ އެތައްހާސް ބަޔަކު މަރުވަމުން ދާތީ ދުނިޔޭގެ ގައުމުތަކުގެ ފާޑުކިއުން ކޯލިޝަނަށް އަމާޒުވެފައި ވެއެެވެ.
ފާއިތުވި އާދީއްތަ ދުވަހު ކޯލިޝަންގެ މަތިންދާބޯޓުތަކުން ޔަމަނުގެ ހުޅަނގު އުތުރުގެ އަވަށެއްގައި އޮތް ކައިވެނި ހަފުލާއަކަށް ދިން ހަމަލާއެއްގައި 20 މީިހުން މަރުވެފައި ވެއެވެ.
އަނެއްކޮޅުން ޙޫޘީން ދަނީ ސައޫދީ ރަށްތަކަށް މިސައިލް ހަމަލާތަކެއް ދެމުންނެވެ.