މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކޮށް އެމަނިކުފާނު އިންތިޚާބުން ބަލި ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީން އެއް ކެންޑިޑޭޓަކު ނެރެން ޕާޓީތަކުން އެއްބަސްވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންތިޚާބަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްލަތްތަކެއް ގުޅިފައިވާ ޕާޓީތަކުން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުނެގުމަށް ތައްޔާރީތައް ވަމުންނެވެ. އެކަމާ ބެހޭގޮތުން ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ވަކިވަކި ޕާޓީތަކާ ބައްދަލު ކުރެއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. އެހެންނަމަވެސް ގުޅިފައިވާ ޕާޓީތަކުން ގެންދަވަނީ އެޕާޓީތަކާ އެއްފަހަރާ ބައްދަލު ކުރެއްވުމަށް ބުނެފައެވެ. ގުޅިފައިވާ ޕާޓީތަކުން ވަކިވަކިން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ނުކުރާނެ ކަމަށްވެސް ވަީ ބުނެފައެވެ.
އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެން ވާހަކަ ދައްކާއިރު މިހާތަނަށް އަދި އެ ކެންޑިޑޭޓަކު ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް ގުޅިފައިވާ ޕާޓީތަކުން ބުނެފައިވަނީ އެމީހުންނެރޭ ކެންޑިޑޭޓު ހުރީ ތައްޔާރަށް ކަމަށެވެ.