ސެޕްޓެމްބަރުމަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިޚާބުގައި ދިމާވެދާނެ ހުރިހާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތި ލުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓު ނެރުމަށް އަދާލަތު ޕާޓީ (އޭޕީ) އިން އިލްތިމާސް ކުރައްވައިފިއެވެ.
އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިވާނެ ހުރިހާ ގޮންޖެހުންތަކަކަށް އެކުގައި ކުރިމަތިލުމަށް، ގުޅުފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަކީ ކޮންމެހެން މުހިންމު ކަމެއްގައި ދެކޭތީ އެކުވެރިހުރިހާ ސިޔާސީ ޕާޓީތަކުން މިމަގަށް މަސައްކަތް ކުރުންމަތީ ދެމިތިބުމަށް އަދާލަތު ޕާޓިން އިލްތިމާސްކުރާ،" ކަމަށެވެ.
އެޕާޓީން ބުނެފައިވަނީ ޕާޓީތަކުގައި އޮންނަ ތަބީއީ ވާދަވެރިކަމާއި ވަކިވަކި އަމާޒުތައް މިހިނދަށް އެކަހެރިކޮށް ގައުމުގެ އެންމެމަތީ މަސްލަހަތު އިސްކުރުމަށް އެކުވެރި ޕާޓީތަކަށް ގޮވައިލާ ކަމަށެވެ.
"އަބްދުﷲ ޔާމީންގެ ކިބައިން މުޅި ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ މުސީބާތްތަކުން ސަލާމަތް ކުރުމަށް،" ގުޅިގެން މަސައްކަތް ކުރުމަށްވެސް އަދާލަތުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އެބާޔާނުގައި ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމްކޮށްފައިވާ މިނިވަން ޖުމްހޫރީ ވެރިކަން ހިންގުމުގެ ނިޒާމް އަލުން އަނބުރައި ހޯދުމަށާއި، ވަކިވަކި ފަރުދުންނާއި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ގާނޫނުތައް ހެދުމުގެ ސަގާފަތް ހުއްޓުވައި އެންމެހާ ރައްޔިތުންގެ މަސްލަހަތަށް ރިއަޔާތްކޮށް ގާނޫނުތައް ހެދޭނެ ރައްޔިތުންގެ މަޖިލީހެއް ގާއިމްކުރެވޭނީ ވެސް މިމަގަށް މަސައްކަތް ކޮށްގެން ކަމަށެވެ.
ނުފޫޒުން އެއްކިބާވެފައިވާ ޝަރުއީ ނިޒާމެއް ގާއިމްކުރުމާއި، ދައުލަތުގެ މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ ގާނޫނީ ހައިސިއްޔަތު ނެގެހެއްޓުމަށް ވެސް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ މުހިންމު ކަމެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ.