ދައުލަތުގެ ދިރިއޮތް ބަޔަށް މުއައްސަސާތައް މިވަނީ ގަދަވެގެންފައި: އަސްލަމް

ރާއްޖެއިން މިއަދު ފެންނަމުން މިދަނީ ދައުލަތުގެ ދިރިއޮތް ބަޔަށް މުއައްސަސާތަކުން ގަދަވެގެންތިބިތަން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހާކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ދައުލަތުގެ ދިރިއޮތް ބަޔަކީ ރައްޔިތުން ކަމަށެވެ. ދެން ހުންނަނީ ހަދައިފައި ހުންނަ ތަންތަނާއި ނަންތަކެއް ކަމަށާއި އެހެން ތަންތަން ބަދަލުވިޔަސް ރައްޔިތުން ބަދަލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ ފުރާނަހުރި އެއްޗަކީ ރައްޔިތުން. ދައުލަތް މިއޮންނަނީ ރައްޔިތުންނާއި ސަރުކާރާއި، ފަނޑިޔާރުގެއާއި، ރައްޔިތުން ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހާ. ދެން ސަރުކާރު ތެރޭގައި އިތުރު މުއައްސަސާތައް އޮވޭ. ފުލުހުންނާއި ސިފައިންނާއި އަދި އެހެންތަންތަން އޮވޭ. އޭގެ ތެރެއިން ދައުލަތުގެ ފުރާނަކަމަށް ބެލެވޭނީ ރައްޔިތުން،" އަސްލަމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ އޭގެ އިތުރަށް ދެން ހުންނާނީ ހަދާފައި ހުންނަ އެއްޗެއްސާއި، ނަންކިޔާފައި ހުންނަ އެއްޗެއްސާއި، ބަދަލުވާ އެއްޗެއްސާއި، މޫނު ބަދަލުވާ އެއްޗެހި ކަމަށެވެ. "ވެރިމީހާވެސް ބަދަލުވާނެ. ރައްޔިތުމީހާއެއް ބަދަލެއް ނުވާނެ. ރައްޔިތުމީހާގެ މޫނުއެއީ އަބަދުވެސް ރައްޔިތު މީހާހަމަ. ކޯޓުތަކުގެ ފަނޑިޔާރުންވެސް ބަދަލުވާނެ. ސިފައިންނާއި ފުލުހުންގެ މީހާވެސް ބަދަލުވާނެ. ފުލުހުންގެ ވެރިންވެސް ބަދަލުވާނެ. މިވަގުތު އަޅުގަނޑުމެންނަށް މިފެންނަނީ ދައުލަތުގެ ދިރިއޮތްބައި ރައްޔިތުންގެ މައްޗަށް މުއައްސަސާތައް ގަދަވެގެންތިބިތަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އޭގެ ސަބަބުން ފެންނަމުން މިދަނީ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބިރުން ފަހަތަށް ޖެހެމުންދާ މަންޒަރު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.