އަންދަލުސްގެ ބާޒު – 79

(10 އޭޕްރީލް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަބޫ ދާވޫދް ކުޑަކޮށް ވިސްނައިލައިފައި ރަސްގެފާނާ ދިމާއަށް ބަލައިލިއެވެ. [ޢިއްޒަތްތެރި ރަސްގެފާނެވެ. މަނިކުފާނުގެ އުއްމީދުފުޅާ އެއްވަރަށް އަޅުގަނޑަށް މަސައްކަތް ނުކުރެވުނީ ކަމުގައި ވެދާނެއެވެ. ގްރްނާދާ ފަތަހަކުރެއްވުމަށްޓަކައި މިހާރު މަނިކުފާނަށް އަޅުގަނޑުގެ ބޭނުންފުޅެއް ނެތީކަމުގައިވެސް ވެދާނެއެވެ. އެކަމަކު ދަންނަވަންތޯއެވެ؟ ސަރަހައްދީ ބާޒުތަކުގެ ވަރައިގައި އަދިވެސް ވަރު އެބަހުއްޓެވެ. ބަދްރު ބިން މުޣީރާގެ މަރަށް ފަހުވެސް އެ ބާޒުތަކުގެ އުދުހުމަށާއި ބާރަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ.]

ފެރްނާންދޯ ސިހިފައި އަބޫ ދާވޫދާ ދިމާއަށް ބަލައިލިއެވެ. [ބަދްރު ބިން މުޣީރާ ދިރިދުނިޔޭގައި އެބަހުރިކަން ކަލެއަށް އެނގެއެވެ. ކަލޭ އަހަރެމެންނަށް މަކަރުހެދީއެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވެއްޖެއެވެ. އޭނާ ހައްޔަރުކުރީ އަޅުގަނޑެވެ. އޭނާ ޖައްލާދާ ހަވާލުކުރެއްވީ އަބޫ ޢަބްދުﷲއެވެ. އެކަމަކު ގުދުރަތުގެ މުއުޖިޒާތަކުން އޭނާ ސަލާމަތްވެފައި ވަނީނަމަ އޭނާ ދިރިހުއްޓައި މަނިކުފާނުގެ ކުރިފުޅުމައްޗަށް ގެންނާން އަޅުގަނޑު ވައުދުވަމެވެ. އެކަމުގައި އަޅުގަނޑަށް ވަރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެކަމަކު އަޅުގަނޑުގެ ދަރިންގެ ފުރާނަ ސަލާމަތްކޮށް ދެއްވައިފިނަމަ އެކަމާ ކުރިމަތިލާން އަޅުގަނޑު މިހިރީ ތައްޔާރަށެވެ. ބަދްރު ބިން މުޣީރާ ދުނިޔޭގައި ހުރިނަމަ މަނިކުފާނުގެ ކުރިފުޅުމައްޗަށް ގެންނާނަމެވެ. ދިރިދުނިޔޭގައި ނެތްނަމަ އޭނާގެ ބަދަލުގައި އޭނާގެ ޖަމާއަތުގެ ވެރިއަކަށް ހުރި މީހަކު މަރައިލުމަށް ފަހު އެ ޖަމާއަތް މުޅީން ރޫޅައިލާން އަޅުގަނޑު ވައުދުވަމެވެ.]

ފެރްނާންދޯ ބުންޏެވެ. [ގްރަނާދާގެ ލަޝްކަރުގެ ބއެއް މީހުން ޚަބަރުދޭ ގޮތުގައި އޭނާ ދިރިދުނިޔޭގައި އެބަހުއްޓެވެ. ކަލޭ މިހާރު އެއް ފަހަރު އޭނާއަށް ކެހި ދީފީމުއެވެ. އެހެންވީމާ ކަލޭ ބޭނުންވާ ކަމެއް ކޮށްދޭން ވައުދުވުމުގެ ކުރިން މި ކަމުގައި ކުރިއަށް ދާން ކަލެއަށް އޮތީ ކިހައި ތަނަވަސް ފުރުސަތެއްތޯ ބަލަން އަހަރެން ބޭނުމެވެ.]

[އިއްޒަތްތެރި ރަސްގެފާނެވެ. މައާފުކުރައްވާށެވެ. އަޅުގަނޑުގެ ރޭވުމެއް އެބައޮތެވެ. އެ ރޭވުން ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑުކަން އަޅުގަނޑަށް ޔަގީނެވެ. އެކަމަކު އަޅުގަނޑުގެ ދަރިންގެ ފުރާނަ ސަލާމަތްކުރައްވާން ވައުދުވެވަޑައިގަތުމުގެ ކުރިން އެ ރޭވުން ނުދަންނަވާނަމެވެ.]

ފެރްނާންދޯ، ރާނީއާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. [އަބޫ ދާވޫދާއެވެ. އިށީނދެ ރަނގަޅަށް އަޑުއަހާށެވެ. ކަލޭގެ ދަރިންގެ މައްޗަށް ފައްޅީގެ އަގު ވައްޓައިލުމުގެ ކުށް ސާބިތުވެފައި ނެތްނަމަ ޖޯން މައިކަލްގެ މަރުގެ ކުށް ހަނދާން ނައްތައިލުމަކީ އަހަރެމެންނަކަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ކަލޭގެ ދަރިންގެ ކުށަށް މައާފުކުރައްވާތޯ ލޯޑް ބިޝޮޕަށް ދެންނެވޭނީ ކަލޭގެ ތިޔަ ރޭވުން ކާމިޔާބުވީމައެވެ.]

[މާތްވެގެންވާ ރަސްގެފާނެވެ. މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ މި އަޅާއަށް ވައުދުވެވަޑައިގަންނަވާށެވެ.]

[އެންމެ ރަނގަޅެވެ. އަހަރެން ވައުދުވަމެވެ. ކަލޭގެ ދަރިންގެ ކުށް މައާފުކުރާނަމެވެ. އެކަމަކު ކަލޭގެ ރޭވުން ކާމިޔާބު ނުވެއްޖެނަމަ އަހަރެމެންގެ ކުރިމަތީގައި ކަލޭގެ ދަރިންގެ ނަންވެސް ގަނެގެން ނުވާނެއެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އަޅުގަނޑަށް އެއް މަސް ދުވަސް ދެއްވާށެވެ. މިއަދަކީ ހަނދުމަހުން ފަސްވަނަ ދުވަހެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އެ ކުދިންގެ ހުކުން ތަންފީޒުކުރުން މަޑުޖައްސައިލާން އަމުރުކުރައްވާށެވެ. މި މުއްދަތުގެ ތެރޭގައި އަޅުގަނޑަށް ކާމިޔާބީއާއެކު އެނބުރި ނާދެވިއްޖެނަމަ އަންނަމަހުގެ ހަތަރުވަނަ ދުވަހުގެ އިރު އޮއްސުމާއެކު އަޅުގަނޑުގެ ދަރިންގެ ހުކުން ތަންފީޒުކުރުމުގެ ހައްގު ކޯޓަށް ލިބޭނެއެވެ. އެ ދުވަހާ ހަމައަށް އަޅުގަނޑަށް ނާދެވިއްޖެނަމަ މާނައަކީ އަޅުގަނޑު މަރުވީއެވެ. ދަރިންނަށްޓަކައި އަޅުގަނޑު އިންތިޒާރު ކުރާނީ އެ ދުނިޔޭގައެވެ.]

ފެރްނާންދޯ ބުންޏެވެ. [އެންމެ ރަނގަޅެވެ. އަހަރެން ހަމަ މިއަދު ލޯޝާގެ ގަވަރުނަރަށް ޝާހީ އަމުރު ފޮނުވައިލާނަމެވެ. އެކަމަކު ކަލޭގެ ތިޔަ ރޭވުން ކާމިޔާބުވުމުގެ ފުރުސަތު އޮތް ގޮތެއް މިހާރު ބުނަން ވާނެއެވެ.]

އަބޫ ދާވޫދް ބުންޏެވެ. [ބަދްރު ބިން މުޣީރާ ހުންނަނީ އަޅުގަނޑުގެ ދޮށީ ދަރިޔާ އިންނަ ހިތުންނެވެ. އޭނާ ދިރިދުނިޔޭގައި ހުރިއްޔާ އޭނާގެ ކުށަށް މަނިކުފާނު މައާފުކުރައްވާނޭ ކަމުގެ ޔަގީންކަން އަޅުގަނޑު އޭނާއަށް ދޭނަމެވެ. އޭނާއަށް އަޅުގަނޑުގެ ވާހަކަ ގަބޫލުކުރެވިއްޖެނަމަ ރަބީޢާއަށްޓަކައި އަޅުގަނޑާއެކު އަންނާން އޭނާ އެއްބަސްވާނެއެވެ.]

ރަސްގެފާނަށާއި ރާނީއަކަށް އޭނާގެ ވާހަކަ މުޅީން ގަބޫލެއް ނުކުރެވުނެވެ. އެހެންނަމަވެސް ސަރަހައްދީ ކިއްލާގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ވާހަކައާއި ބަދްރު ބިން މުޣީރާ އަލްޙަމްރާއަށް ވަޑައިގެންނެވި ގޮތުގެ ވާހަކަ ބައެއް ކަހަލަ މަކަރުވެރި ބަދަލުތަކާއެކު ކިޔައިދިނީމާ ކޮންމެވެސް ވަރަކަށް އޭނާގެ ވާހަކަ ގަބޫލުކޮށްފިއެވެ.

ރަސްގެފާނު ބުންޏެވެ. [އޭނާ ދިރިދުނިޔޭގައި ނެތިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟]

އަބޫ ދާވޫދް ޖަވާބުގައި ބުންޏެވެ. [އެހެންވެއްޖެއްޔާ އޭނާގެ ބަދަލުގައި ސަރަހައްދުގެ ވެރިއަކަށް ހުރި މީހަކު މަރުވީ ޚަބަރު މަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންނޫނީ އެ މީހުންގެ ތެރެއިން ގިނަ ބަޔަކު ސުލްހައިގެ އެދުމުގައި މަނިކުފާނުގެ އަރިހަށް އަންނާނޭ ކަމީ ކަށަވަރު ކަމެކެވެ.]

ފެރްނާންދޯ ބުންޏެވެ. [އެންމެ ރަނގަޅެވެ. ތިޔަ ދެ ގޮތުން ކޮންމެ ގޮތެއް ވިޔަސް ކަލޭގެ ދަރިންނަށް މައާފުކުރަން އަހަރެން ވައުދުވަމެވެ. އޭގެ އިތުރަށް ކަލެއަކީ ބޮޑެތި އިނާމުތައް ހައްގުވެއްޖެ މީހެއް ކަމުގައިވެސް އަހަރެން ދެކޭނަމެވެ. ކަލެއަށް ނާކާމިޔާބުވެއްޖެ ނަމަ ކަލޭގެ ދަރިންނަށް އަދަބު ދެވޭނެކަމީ ޔަގީންކަމެކެވެ. އެކަމަކު އެންމެ ލަސްވެގެން އަންނަ މަހުގެ ދެވަނަ ދުވަހު ކަލޭ އެނބުރި އަންނަން ވާނެއެވެ. ވަގުތު އޮއްވައި ހުކުން ތަންފީޒުކުރުން މަނާކުރެވޭނީ އޭރުންނެވެ.]

އަބޫ ދާވޫދް ބުންޏެވެ. [ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އަޅުގަނޑަށް އެނބުރި އާދެވޭގޮތް ވުމަކީ ދުރުކަމެއް ނޫނެވެ. ކޮންމެވެސް ސަބަބަކާހުރެ ލަސް ވިޔަސް މަސް ނިމުމުގެ ކުރިން އަޅުގަނޑު ޚަބަރެއް ކުރާނަމެވެ. ކޮންމެހެން ބޭނުން ވެއްޖެ ހާލަތެއްގައި އިތުރު މުހުލަތަށް އެދި ދަންނަވަންވެސް ޖެހިދާނެއެވެ. އެފަދަ ހާލަތެއްގައި ހައެއްކަ ދުވަސް އިތުރުކޮށް ދެއްވުމަކީ މަނިކުފާނު ކުރައްވާނޭ ކަމެއްކަން އަޅުގަނޑަށް ޔަގީނެވެ. މަސް ނިމޭއިރުވެސް އަޅުގަނޑުގެ އެއްވެސް ޚަބަރެއް ނުވެއްޖެނަމަ މި ނިކަމެތި އަޅާ މަނިކުފާނަށްޓަކައި ގުރުބާންވެގެން ދިޔައީކަމުގައި ބައްލަވާށެވެ.]

ފެރްނާންދޯ ބުންޏެވެ. [ކަލޭ ތިޔަ ބުނާ ކަހަލަ ޚާއްސަ ހާލަތެއްގައި އިތުރު މުއްދަތަކަށް އެދުނީމާ އިތުރުކޮށް ދިނުމަކީ ކުރެވިދާނޭ ކަމެކެވެ.]

އަބޫ ދާވޫދް ކުރިއަށް ޖެހިލައި ކުޑަކަކޫ ޖެހުމަށް ފަހު ފެރްނާންދޯގެ ފަސްބައިގައި ބޮސް ދީފިއެވެ. [މާތްވެގެންވާ ރަސްގެފާނެވެ. އަޅުގަނޑުގެ މަސައްކަތް ކާމިޔާބުކޮށް ދެއްވުން އެދިވަޑައިގެން ދުޢާ ކުރައްވާށެވެ.]

އެޔަށް ފަހު އޭނާ އެނބުރިލީ ރާނީއާ ދިމާއަށެވެ. ރާނީ އޭނާޔާ ދިމާއަށް އަތް ދިއްކޮށްލީމާ އަތުގައި ބޮސްދީފައި ބުނެފިއެވެ. [އިއްޒަތްތެރި ރާނީއެވެ. ޖޯން މައިކަލަކީ ކަމަނާގެ ވަރަށް އަރިސް ބޭފުޅަކުކަން އަޅުގަނޑަށް އެނގެއެވެ. އެ މަނިކުފާނު އަވަހާރަވުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެކެވެ. މި ފަހަރު މި ފައިނަގާ މަސައްކަތް ކާމިޔާބު ކުރެވުނީމާ މި ނިކަމެތި އަޅާއަކީ ކަމަނާގެ ކުރިފުޅުމަތީގައި އަނެއްކާވެސް އަގެއް ހުރި މީހަކު ކަމުގައި ވާނޭ ކަމަށް އުއްމީދުކުރަމެވެ.]

ރާނީ ބުންޏެވެ. [ކަލޭގެ ކާމިޔާބީއަކީ މައިކަލްގެ މަރުގެ ކައްފާރާކަމުގައި އަހަރެން ބަލާނަމެވެ. ގަބީލާތަކުގެ މީހުން ފުރަގަހުން އެދޭ ހަމަލާތަކާހެދި އަހަރެން މި އިންނަނީ ވަރަށް ކަންބޮޑުވެފައެވެ.]

އޭގެ ކުޑައިރުކޮޅެއް ފަހުން ފެނުނީ ބާރަށް ދުވާ އަހަކަށް ސަވާރުވެގެން އަބޫ ދާވޫދް ސަރަހައްދީ ބާޒުގެ ވާދީއާ ދިމާއަށް މިސްރާބުޖެހި ތަނެވެ. އެއް ފަރާތުން އޭނާއަށް ފެންނާން ހުރީ އަލްޙަމްރާގެ ފުރިހަމަ އިމާރާތްތަކެވެ. އަނެއް ފަރާތުން ފެންނަނީ ފެރްނާންދޯގެ ލަޝްކަރުގެ ފޭލިގެތައް ސަފަކަށް އެތުރިފައިވާ ތަނެވެ. އޭނާ ފަރުބަދައެއްގެ މައްޗަށް އެރުމަށް ފަހު އަސް މަޑުކޮށްލިއެވެ. އަދި ފުން ނޭވައެއް ލުމަށް ފަހު ބުނެލިއެވެ. ][އޭ އަލްޙަމްރާއެވެ. ގަދަރުވެރި އެތައް ރަސްކަލެއްގެ ޖަނާޒާ ކަލޭގެ ހަތަރުފާރުން ބޭރަށް ނުކުތެވެ. އަހަންނާ ދިމާއަށް ނިކަން ބަލައިބަލާށެވެ. އަހަރެންވެސް މިއީ ކޮންމެވެސް މީހަކުގެ އެދުމުގެ ޖަނާޒާއަކީމެވެ. އަހަރެންގެ ނިކަމެތިކަމާއި އާރެއްބާރެއް ނެތްކަމަކީ އެހެން މީހަކުގެ ރީތި ހުވަފެނެކެވެ.] އޭނާ ފެރްނާންދޯގެ ލަޝްކަރުގެ ފޭލިގެތަކާ ދިމާއަށް ބަލައިލައިފައި ހިތާހިތާ ކިޔައިލިއެވެ. [ގްރަނާދާ ފަތަހަކުރީ ފެރްނާންދޯ ކަމުގައި މުވައްރިޚުން ލިޔާނެއެވެ. ގްރަނާދާގެ ލަޝްކަރަށްވުރެ ފެރްނާންދޯގެ ލަޝްކަރުގެ ބާރު ގަދަ ކަމުގައި ތާރީޚުގައި ލިޔެވިގެން ދާނެއެވެ. މި ތަނުން ދިއުމުގެ ކުރިން، އަބޫ ދާވޫދް ނެތްނަމަ ގްރަނާދާގެ ފާތިޙެއްގެ ގޮތުގައި ފެރްނާންދޯ ހަނދާން ކުރުމަކީ އެއްވެސް މީހަކު ކުރާނޭ ކަމެއް ނޫނޭ އަލްޙަމްރާގެ ފާރުތަކުގައި އަހަންނަށް ލިޔެވޭނެ ނަމައެވެ. އޭ ގްރަނާދާގެ އުޑާއެވެ. ކަލޭ ހެކިވާށެވެ. ގައުމުތައް ހަލާކު ކުރަނީއަކީ ދުޝްމިނުންގެ ފެރްނާންދޯންނެއް ނޫނެވެ. ގައުމު މަރުގެ އަނދަވަޅަށް ވައްޓައިލަނީ ޚުދު އެބައެއްގެ އަބޫ ދާވޫދުންނެވެ. އޭ އަލްޙަމްރާއެވެ. އަލްވަދާއެވެ. އޭ ގްރަނާދާއެވެ. އަލްވަދާއެވެ.]

(3)

ޢިޝާ ނަމާދުން ފޭބިތާ ކުޑަ އިރުކޮޅެއް ފަހެވެ. ބަދްރު ބިން މުޣީރާ އިންނެވީ ބަޝީރް ބިން ޙަސަނާއި މަންޞޫރު ބިން އަޙްމަދާއި ބައެއް އެހެން ކޮމާންޑަރުންނާއެކު އޭނާގެ ފަރުބަދަމަތީ ކިއްލާގެ ކޮޓަރިކޮޅެއްގައެވެ. ސަރަހައްދުގައި ކާމިޔާބު ކަމާއެކު ހަމަލާތަކެއް ބަދަލުކުރުމަށް ފަހު އޭނާގެ ލަޝްކަރު އެނބުރި އައިތާ އަދި ވީ އެންމެ ދުވަހެކެވެ. މިހާރު މަޝްވަރާ ކުރައްވަމުން އެ ގެންދަވަނީ އިތުރު ހަމަލައެއް ދެއްވާނޭ ގޮތަކާމެދުގައެވެ.

އެ ވަގުތު ސިފައިންގެ މީހަކު އެ ކޮޓަރިކޮޅަށް ވަދެ ދަންނަވައިފިއެވެ. [ސަރަހައްދާ ކައިރިން ހަތަރު ސިފައިންގެ މީހުން މީހަކު ހައްޔަރުކޮށްގެން ގެނެސްފިއެވެ. އެމީހުން ބުނާ ގޮތުގައި އެއީ ޖާސޫސެކެވެ. ފައުޖުގެ ކޮމާންޑަރުގެ އެއްވެސް ސުވާލަކަށް އެ މީހާ ޖަވާބެއް ނުދިން ވާހަކަވެސް ސިފައިން ބުންޏެވެ. އޭނާ އެދެނީ މަނިކުފާނުގެ ފައިންޕުޅު ދެކޭށެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އޭނާ ހައްޔަރު ކޮށްފައި ބާއްވާށެވެ. މާދަމާ ހެނދުނު އަހަރެންގެ ކުރިމައްޗަށް ގެންނާށެވެ.]

ސިފައިންގެ މީހާ ދެންނެވިއެވެ. [އެ މީހާ ބޭނުންވަނީ ހަމަ މިހާރު މަނިކުފާނުގެ ފައިންޕުޅު ދެކޭށެވެ. ތިމަން އައީ ވަރަށް މުހިއްމު ޚަބަރަކާއިގެންނޭ އެބަ ބުނެއެވެ.]

[އެއީ ކޮން ނަމެއް ކިޔާ މީހެއް ހެއްޔެވެ؟]

[އޭނާ ނަމެއްވެސް ނުބުންޏެވެ. މަނިކުފާނުގެ ފައިންޕުޅު ފެންނާނޭ ގޮތް ނުވަންޏާ ބަޝީރް ބިން ޙަސަންގެ ފައިންޕުޅު ފެންނާނޭގޮތް ހަދައިދޭށޭވެސް އެ މީހާ ބުންޏެވެ.]

ބަދްރު ބިން މުޣީރާ ކުޑައިކޮށް ވިސްނަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ތިޔަ މީހަކީ ކާކު ބާވައެވެ؟ އެންމެ ރަނގަޅެވެ. މިތަނަށް އޭނާ ގެންނާށެވެ.]

ކުޑައިރުކޮޅެއް ފަހުން ސިފައިންގެމީހާ އައީ އަބޫ ދާވޫދް ގޮވައިގެންނެވެ. ކޮޓަރިކޮޅުގައި ތިއްބެވި ބޭފުޅުންގެ މޫނުފުޅުމަތީން ފެނިގެން ދިޔައީ ކޯފާގެ އަސަރަށްވުރެ ބޮޑަށް ޙައިރާންފުޅުވުމުގެ އަސަރެވެ. މިހައިތަނަށް އައި އިރުވެސް ބަދްރު ބިން މުޣީރާ ދިރިދުނިޔޭގައި ހުންނެވިކަމަށް އަބޫ ދާވޫދަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ޖެހިލުންވެފައި ހުރެގެން ބަދްރުގެ މޫނުފުޅަށް ބަލަހައްޓައިގެން ހުރެފައި ބުނެފިއެވެ. [އަޅުގަނޑު މިތަނަށް އައީމާ މަނިކުފާނު ހައިރާންފުޅުވާނެކަން ޔަގީނެވެ. އެކަމަކު މިތަނަށް އައުން ނޫން ގޮތެއް އަޅުގަނޑަކަށް ނެތެވެ.]

ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [ކަލޭގެ ކެރުންތެރިކަން ދެއްކުމުގައި ހައްދުން ނެއްޓިގެން ހިނގައްޖެ ކަމުގައި ކަލެއަކަށް ހިއެއް ނުވޭ ހެއްޔެވެ؟]

[އަޅުގަނޑަކީ އެންމެ ހަރުކަށި އަދަބު ހައްގުވާ މީހަކުކަން އެނގެއެވެ. މަނިކުފާނު އަޅުގަނޑަށް ދެއްވަން ނިންމަވާ އަދަބަށްވުރެ މާ ބޮޑު އަދަބެއް އަޅުގަނޑު އަމިއްލައަށް ކަނޑައަޅާނަމެވެ. އެކަމަކު އޭގެ ކުރިން ވާހަކައެއް ދަންނަވައިލަން ބޭނުމެވެ.]

[ކަލޭ ބުނަން އުޅެނީ ފެރްނާންދޯގެ ލަޝްކަރު މާ ބޮޑޭ އެހެންވީމާ އަހަރެމެން ހަތިޔާރު ބަހައްޓާށޭ ހެއްޔެވެ؟]

[ނޫނެކެވެ. އަޅުގަނޑު މި އައީ ރަބީޢާއާއި އެންޖެލާއާ ދެ ކުދިން ދިރިތިއްބައި އަންދައި މަރައިލާން ލޯޝާގެ ކޯޓުން ހުކުންކުރި ވާހަކަ ދަންނަވައިލާން ވެގެންނެވެ. މަނިކުފާނު ބޭނުންފުޅިއްޔާ އެ ކުދިން ސަލާމަތް ކުރެއްވިދާނެއެވެ.]

ބަދްރު ބިން މުޣީރާއާއި ބަޝީރް ބިން ޙަސަނާ ދެބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވައިލެއްވިއެވެ. އަދި ދެބޭފުޅުން އަބޫ ދާވޫދާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވިއެވެ. އެ ބައްލަވައިލެއްވުމުން ދޭހަވަނީ އަބޫ ދާވޫދް ދޮގު ހަދަނީކަމަށާއި އެ ބޭފުޅުންގެ ކަރުފުޅަށް މަހައިލާނޭ އައު މަޅިއެއް ހިފައިގެން އައީ ކަމުގައި އެބޭފުޅުން ގަބޫލުފުޅު ކުރައްވާ ކަމުގައެވެ. އެކަމަކު ދެ ބޭފުޅުންގެވެސް ހިތްޕުޅުގެ ވިންދު ކިޔަމުން ދަނީ އެއީ ތެދު ޚަބަރެއް ކަމުގައި ވެއްޖެއްޔާ ވާނީ ކިހިނެއްތޯއެވެ؟ އަބޫ ދާވޫދަކީ އެ ބޭފުޅުންގެ ނަޒަރުގައި ނިހާޔަތަށް ގޮތްކުޑަ ވިޔާނުދާ މީހެކެވެ. އެހެންވީމާ އެއީ ދޮގު ވާހަކައަކަށް ވުމަކީ ދުރުކަމެއް ނޫނެވެ. އެކަމަކު ރަބީޢާއާއި އެންޖެލާ ދިރިތިއްބައި އަންދައިލުމުގެ ތަސައްވަރަކީ ކަންބޮޑުވެވަޑައިގަތުން އިންތިހާ ދަރަޖައަށް އުފުލިގެންދާފަދަ ތަސައްވަރެކެވެ.

އަބޫ ދާވޫދް އަނެއްކާވެސް ބުންޏެވެ. [ތިޔަ ބޭފުޅުން ގަބޫލުފުޅު ނުކުރައްވާނެކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑަކީ ދޮގުވެރި މުނާފިގެއް ކަމުގައި ބެއްލެވުމަކީ ހައްގު ގޮތެއް ކަމާމެދަކު އަޅުގަނޑުވެސް ޝައްކެއް ނުކުރަމެވެ. އެކަމަކު މަނިކުފާނާއި ބަޝީރް އަޅުގަނޑު ދެނެވަޑައިގަންނަވާ ވަރަށްވުރެ މާ ބޮޑަށް ރަބީޢާއާއި އެންޖެލާ ދެނެވަޑައިގަންވާކަން އަޅުގަނޑަށް އެނގެއެވެ. ރަބީޢާއަކީ އުފަން އިސްލާމެކެވެ. އެންޖެލާވެސް މިހާރު އިސްލާންވެއްޖެއެވެ. އެ ދެކުދިންނަކީ އަންހެންވަންތަ ލަދުވެތިކަމާއި ޣީރަތްތެރިކަން އިންތިހާއަށް ހުންނަ ދެކުދިންކަންވެސް ތިޔަ ބޭފުޅުން ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާނެއެވެ. އަޅުގަނޑު މި ދަންނަވަނީ ސީދާ ތެދު ވާހަކައެކެވެ. ފެރްނާންދޯގެ ނައިޓަކު އެންޖެލާގެ އިއްފަތްތެރިކަން ނަގައިލާން މަސައްކަތްކުރީމާ ރަބީޢާ އޭނާ ގަތުލުކޮށްފިއެވެ. މައްސަލަ ކޯޓަށް ހުށަހެޅި ޝަރީއަތް ހިނގައި ރަބީޢާގެ މައްޗަށް މަރުގެ ހުކުން އިއްވައިފިއެވެ. އެ ވަގުތު ކުއްލިއަކަށް އެންޖެލާ ކޯޓަށް އަތުވެއްޖެއެވެ. އަދި ފެރްނާންދޯގެ ނައިޓް މަރައިލީ އޭނާ ކަމަށް ބުނެފިއެވެ. އޭނާގެ ބަޔާނުގައި އިސްލާމްދީނަށް ވަން ވާހަކަވެސް ބުނެފިއެވެ. މީގެ އިތުރަށް ފައްޅީގެ އަގުވެއްޓޭފަދަ އެތައް ވާހަކައަކާއި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުން ކަމުގައި ބެލެވޭ ކަހަލަ އެތައް ވާހަކައެއް ދައްކައިފިއެވެ. ކޯޓުން ނިންމީ ރަބީޢާއަކީ ސިހުރުވެރިއެއްކަމަށާއި ސަރުކާރާއި ފައްޅީގެ ދުޝްމިނެއް ކަމުގައެވެ. އެންޖެލާގެ މައްޗަށް ސާބިތުވީ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުމާއި ދީނުން ބޭރުވެ މުރުތައްދުވުމާއި ފައްޅިއާއި ކޯޓުގެ އަގު ވައްޓައިލުމުގެ ކުށެވެ. ދެކުދިންގެ މައްޗަށްވެސް ފެރްނާންދޯގެ ނައިޓް ގަތުލުކުރުމުގެ ކުށް ސާބިތުވިއެވެ. ދެކުދިންގެ މައްޗަށް އިއްވުނީ ދިރިތިއްބައި އަންދައި މަރައިލުމުގެ ހުކުމެވެ.]

ބަދްރު ބިން މުޣީރާ ސުވާލުކުރެއްވިއެވެ. [ކޮން އިރަކު ހެއްޔެވެ؟]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.