(19 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުރީ ރޭ އެ ގަނޑުވަރުން ނުކުމެގެން ދިއުމުގެ ކުރިން ބިޝޮޕް ދެއްކި ވާހަކަތަކުގެ ސަބަބުން އެންޖެލާއަށް އަސަރުތަކެއް ކުރިއެވެ. އެކަމަކު މާރިޔާ އޭނާގެ އަތަށް ޖޯން މައިކަލްގެ ސިޓީ ދީފައި ބިޝޮޕް އޭނާޔާ ބައްދަލުކުރަން ބޭނުމޭ ބުނީމާ އެންޖެލާ ބުންޏެވެ. [ބިޝޮޕް އައީ އެ ރާބޯ ކަލޭގެ މަންދޫބެއްގެ ގޮތުގައި ކަމަށް ވަނީނަމަ އޭނާޔާ އެއްގޮތަކަށްވެސް ބައްދަލެއް ނުކުރާނަމެވެ. ރޭ އޭނާ ބުނީ ކީކޭ ހެއްޔެވެ؟ ތިމަން ބިޝޮޕްގެ މަގާމުން އިސްތިއުފާ ދޭނަމޭ ނުބުނޭ ހެއްޔެވެ؟ އެހެން ބުނެފައި މިއަދު އެ އައީ އެ ވިޔާނުދާ ކަލޭގެ ސިޓީ ހިފައިގެން އަހަންނާ ވާހަކަދައްކަން ހެއްޔެވެ؟]
މާރިޔާ ބުންޏެވެ. [މި ސިޓީ އަހަންނާ ހަމައަށް ގެނައީ ޖޯންގެ ޚާދިމާއެކެވެ. ގަބޫލު ނުކުރެވޭ ކަމަށް ވަންޏާ ގޭގެ ނޯކަރުން ކުރެން ނިކަން އަހައިލާށެވެ. މި ސިޓީއަކާ ބިޝޮޕަކާ އެއްވެސް ގުޅުމެއް ނެތެވެ.]
[މަންމަ މި ސިޓީގެ ޖަވާބު ފޮނުވައިފިން ހެއްޔެވެ؟]
[އަދި ނުފޮނުވަމެވެ. މަންމަ މި ސިޓީ ބިޝޮޕަށްވެސް ދެއްކީމެވެ. އޭނާ ބުނި ގޮތުގައި މިކަހަލަ ވާހަކަތަކެއް ލިޔެފައި އޮތް ސިޓީއެއް ޖޯން އޭނާއަށްވެސް ފޮނުވިއެވެ.]
[އެހެންވެއްޖެއްޔާ އޭނާ މި އައީ އަހަރެމެންގެ މެދުގައި ސުލްހަ ގާއިމުކުރުމުގެ މަސައްކަތް ކުރަން ދޯއެވެ؟]
[އޭނާޔާ ބައްދަލު ނުކޮށް ޝައްކު ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.]
[ބައްދަލުކުރަމާ ހިނގާށެވެ.] އެންޖެލާ ތެދުވެއްޖެއެވެ.
އެންޖެލާ ފެނުމާއެކު ބިޝޮޕް ވާހަކަދައްކާން ފަށައިފިއެވެ. [ކޮއިފުޅާއެވެ. ބިޝޮޕްގެ މަގާމުން އިސްތިއުފާ ދޭނަމޭ ރޭ އަހަރެން ބުނީމެވެ. އެކަމަކު މިއަދު އަހަންނަށް ޖޯން މައިކަލްގެ ސިޓީއެއް ލިބިއްޖެއެވެ. އޭނާ އެހެރީ ކަންތައް ކުރެވުނު ގޮތާމެދު ވަރަށް ލަދުގެން، ދެރަވެފައެވެ. މި ބަދަލަކީ ކުއްލިއަކަށް ދިމާވީ ކަމެއް ނޫންނަމަ އަހަރެންވެސް ވަރަށް ބޮޑަށް ވިސްނީމުހެވެ. އެކަމަކު މިހާރު ފެންނަ ގޮތުގައި ކޮއިފުޅުގެ ބައްޕަ އަންނާންދެން އަހަރެން ލޯޝާގައި ހުރުން ރަނގަޅު ކަމަށް އެބަ ފެނެއެވެ. އަނެއްކޮޅުން ކޮއިފުޅުގެ މަންމަވެސް ޖޯންގެ ސިޓީއެއް އަހަންނަށް ދައްކައިފިއެވެ.]
އެންޖެލާ ބުންޏެވެ. [އަޅުގަނޑުވެސް އެ ސިޓީ ދެކެފީމެވެ.]
ބިޝޮޕް އަހައިލިއެވެ. [ސިޓީއާ ބެހޭ ގޮތުން ކޮއިފުޅު ބުނާނީ ކީކޭ ހެއްޔެވެ؟]
އެންޖެލާ ޖަވާބު ދިނެވެ. [އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހާލަތު ބަދަލުވެގެން ދިޔަ ގޮތުން އޭނާއަށް މިހާރު ވަނީ މިނިކާ ޖަނަވާރެއްގެ ވަހުޝީކަން ދޫކޮށްލައިފައި ހިޔަޅެއްގެ ޗާލާކުކަން ބޭނުން ކުރަން މަޖުބޫރުވެފައެވެ. އޭނާ ހަމައެކަނި ގޮތް ބަދަލުކޮށްލީއެވެ. ޚަސީލަތް ބަދަލުކުރީއަކީ ނޫނެވެ. ތޫނު ވަކިތަކުން ޝިކާރަ ނޮޅައި ނުލެވުނީމާ މިހާރު އެ އުޅެނީ އައު ދަލެއް ފަތުރާށެވެ. އަޅުގަނޑު ދެކޭ ގޮތުގައި ފެނުމާއެކު ފުންމައިގެން އައިސް ވިހަލާ ނުރައްކާތެރި ހަރުފައަކަށްވުރެ ހިމޭންކަމާއެކު ވައު ފުރަމުން ގެންދާ ފައިދިގުމަކުނުގެ ނުރައްކާތެރިކަން މާ ބޮޑެވެ.]
[ތިޔައީ ރަނގަޅު ޚިޔާލެއް ކަމުގައި ވެދާނެއެވެ. އެއްވެސް މީހަކުގެ ހިތުގައި އޮންނަ އެއްޗަކީ ކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އެނގޭ އެއްޗެއް ނޫނެވެ. މި މައްސަލައިގައި އަހަރެންގެ ހަމްދަރުދީ އޮތީ ކޮއިފުޅުމެންނާއެކުގައެވެ. ކޮއިފުޅަށާއި ކޮއިފުޅުގެ މަންމައަށް އަހަރެން ދޭނޭ ނަސޭހަތެއް އެބައޮތެވެ. ތިޔަ ސިޓީއަށް ކޮންމެވެސް ޖަވާބެއް ދޭން ވާނެއެވެ. އެކަމަކު އެއީ އޭނާ ރުޅި އައިސް ކެކިގަންނަ ކަހަލަ ޖަވާބަކަށް ވެގެން ނުވާނެއެވެ. އޭނާޔާ މެދު ރަސްމީކޮށް ކަންތައް ކުރާން ފެނެއެވެ. ހަރުކަށި އިބާރާތް ބޭނުންކުރުން ރަނގަޅެއް ނުވާނެއެވެ. ބައެއް މީހުންނަށް ހެޔޮ މަގު ފެންނަނީ އަނގަވަތަށް ވެއްޓުނީމައެވެ. ރޭގެ ކަންތއްގަނޑުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާއަކީ މި ސަހަރުގެ ގަވަރުނަރެވެ. އޭނާ އެ އުޅެނީވެސް ކަނބުލޮމެންނާ ވަރަށް ކައިރީގައެވެ. އެހެންވީމާ އަވަށްޓެރިޔާއާ އެކީ ސުލްހައިގައި އުޅުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެއެވެ. އަހަރެމެންގެ ލަޝްކަރުން ގްރަނާދާއަށް ހަމަލަދޭން އެ އޮތީ ތައްޔާރަށެވެ. ސެބިއްޔާގައި އަވަދިނެތި އުޅުމުގެ ސަބަބުން ގްރަނާދާ ފަތަހަވުމުގެ ކުރިއަކުން އަބޫ ދާވޫދަކަށް އެނބުރިއެއް ނާދެވޭނެއެވެ. އޭނާ ނެތިދާ ދުވަސްކޮޅު ރަނގަޅު ތަދުބީރެއްގެ ދަށުން އުޅުމަކީ އެންމެ ރަނގަޅު ގޮތެވެ. ޖޯންގެ އުނދަގުލެއް ނުޖެހި ދާނީވެސް އޭރުންނެވެ.]
އެންޖެލާ ބުންޏެވެ. [އަޅުގަނޑުމެންނަށް އުނދަގުލެއް ނުކުރާނަމޭ އޭނާ އެ އޮތީ ބުނެފައެއް ނޫންތޯއެވެ؟ އޭނާ އެ ވައުދުގެ މަތީގައި ގާއިމުވެ ހުރިހައި ހިނދަކު އަޅުގަނޑުމެން އޭނާޔާ ތޮޅެން އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. މަންމަގެ ފަރާތުން އޭނާއަށް ޖަވާބެއް ފޮނުވީމާ އޭނާގެ ވަޙުޝީ ފިތުރަތު ބަދަލުވެދާނޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވަންޏާ ޖަވާބެއް ފޮނުވަންވީއެވެ. އެކަމަކު އަޅުގަނޑާ ގުޅުން ހުރި ވާހަކައަކަށް ވާތީ އަޅުގަނޑުގެ ވިސްނުން ދަންނަވައިލާނަމެވެ. ﷲ ގަންދީ ދަންނަވަމެވެ. ޖޯން މައިކަލް ހުއްޓައިނުލައި އެއް ހާސް އަހަރު އަޅުކަމުގައި އުޅުމުގެ ސަބަބުން އުޑުން މަލާއިކަތުން ފައިބައިވަޑައިގެން އޭނާޔާ ސަލާންކުރައްވާ މަންޒަރު އަޅުގަނޑުގެ ލޮލަށް ފެނުނަސް އޭނާގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އޮތް ނަފުރަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ.]
(2)
މި ބަޔާން ކުރެވުނު ހާދިސާއަށް މަހެއްހައި ދުވަސްވީތަނާ ފެރްނާންދޯ ގްރަނާދާއަށް ހަމަލަދީފިއެވެ. ރާނީ އިޒަބެއްލާއާއި ރަސްގެފާނު ވަނީ ގްރަނާދާ ފަތަހަނުކޮށް އެނބުރި ނުދާން ހުވައި ކޮށްފައެވެ. ލަޝްކަރު ނުކުމެ އޮތީ ފުރިހަމަ ބާރާއެކުގައެވެ. ރާނީއާއި ރަސްގެފާނުގެ ގިޔާދަތުގެ ދަށުގައެވެ. އަބޫ ދާވޫދް ސެބިއްޔާ ދޫކޮށްލައިފައި ގޮސް ޖާގަޖެހީ ގްރަނާދާއާ ހައެއްކަ މޭލު ބޭރުގައި އޮތް ސަހަރެއްގައެވެ. ފާއިތުވެދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި އޭނާ ވަނީ އެތައް ޖާސޫސުންނެއް ތަމްރީނުކޮށް ގްރަނާދާއަށް ފޮނުވައިފައެވެ. އޭނާ އަނބިމީހާއަށް ލިޔުނު ސިޓީއެއްގައި ބުނެފައިވަނީ ހީކޮށްފައިވާ މުއްދަތަށްވުރެ މާ އަވަހަށް ގްރަނާދާ ފަތަހަކުރެވިދާނޭ ކަމުގައެވެ. އަދި ރަސްގެފާނު ވައުދުވެފައިވަނީ ރަސްގެފާނު ނޫޅުއްވާ ދުވަސްވަރު ރަސްކަން ހިންގުން އޭނާޔާ ހަވާލުކުރައްވާން ކަމުގައިވެސް އަބޫ ދާވޫދް ސިޓީގައި ލިޔުނެވެ.
ލޯޝާގައި މަހަކާ ގާތްވީ އިރުވެސް މާރިޔާއަކަށް ޖޯން މައިކަލްގެ ފަރާތުން އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހެއެވެ. އެންމެ ފަހުގެ ބައްދަލުވުމަށް ފަހު އޭނާގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މާރިޔާއަށް އެއްވެސް ކަމެއް ދަތިވޭތޯ ބެލުމަށްޓަކައި އޭނާގެ ޚާދިމާއަކު ކޮންމެ ދުވަހަކު އެއް ފަހަރު ގަނޑުވަރަށް ފޮނުވައެވެ. މާރިޔާ ޝުކުރު އަދާކުރެއެވެ. އެކަމަކު ސީދާ ޖޯން މައިކަލަކާ ބައްދަލެއް ނުކުރެއެވެ. ހައެއްކަ ހަފުތާ ފަހުން، ޖޯން މިހާރު އެހެރީ އޭނާގެ ވައުދުގެ މަތީގައި ގާއިމުވެކަން މާރިޔާއަށް ކަށަވަރުވެއްޖެއެވެ. ދައުވަތު ނުދެނީސް އެ ގަނޑުވަރަށް ނާންނާނެކަންވެސް ޔަގީން ވެއްޖެއެވެ. ޖޯންއަށް އައި ހެޔޮ ބަދަލުގެ ސަބަބަކަށްވީ އެންޖެލާ ކަމުގައި ވީތީ ބައެއް ފަހަރު މާރިޔާ އުފާވެސް ކުރެއެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އެންޖެލާ ޖޯންއާ އިންނާން އެއްބަސް ނުވާނެއޭ ހިތަށް އެރީމާ ދެރަވެސް ވެއެވެ. އެޔާއެކު ހިތުގައި ޖޯންގެ މައްޗަށް ހަމްދަރުދީ އުފެދެއެވެ.
ޖޯން މައިކަލް މިހާރު ގިނަ ރޭރޭ ހޭދަކުރަނީ އޭނާގެ އެކުވެރި ވިޔަފާރިވެރިޔާގެ ގޭގައެވެ. ސަހަރުގެ ނިކަމެތި އަންހެންކުދިންނާ މެދު މިހާރު އޭނާ އަމަލުކުރަމުން ގެންދަނީ އިހަށްވުރެވެސް ވަހުޝީ ގޮތަކަށެވެ. މާރިޔާ މިކަމެއް ނުދަނެއެވެ. އެކަމަކު ރަށުތެރޭގައި އިސްލާމުންނަށް ކުރަމުން ގެންދާ އަނިޔާތަކުގެ ވާހަކަ ރަބީޢާއާ ހަމައަށް ފޯރައެވެ. ރަބީޢާގެ ފަރާތުން އެންޖެލާއަށް ދިޔައީ އެނގެމުންނެވެ. ޖޯން މައިކަލްގެ މައްޗަށް އެންޖެލާގެ ހިތުގައި އޮތް ރުޅިވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.
އެއް ދުވަހަކު ބިޝޮޕްގެ ފަރާތުން މާރިޔާއަށް ޚަބަރު ލިބުނު ގޮތުގައި ޖޯން މައިކަލް ހަނގުރާމައިގައި ބައިވެރިވާން ދެ ދުވަހުގެ ތެރޭގައި ނުކުންނާން ނިންމައިފިއެވެ. އޭނާގެ ބަދަލުގައި ކަސްތިއްޔާގެ ގަވަރުނަރުކަމާ ވަގުތީ ގޮތުން ހަވާލުވާން އެހެން މީހަކު އަންނާނެއެވެ. އަނެއް ދުވަހު ސަހަރުގެ ފުލުހުންގެ ވެރިޔާގެ އަނބިމީހާ މެދުވެރިކޮށް ޖޯން މައިކަލަށް އަލްވަދާއު ކިޔުމުގެ ގޮތުން ފުލުހުންގެ ވެރިޔާ ބާއްވާ ހަފުލާއަކަށް މާރިޔާގެ އާއިލާއަށް ދައުވަތު ލިބިއްޖެއެވެ. އެންޖެލާއާއި ރަބީޢާއާ ދެ ކުދިން ގޮވައިގެން ދާން މާރިޔާ ވަރަށް މަސައްކަތްކުޅައެވެ. އެކަމަކު ދެކުދިންވެސް ސާފުބަހުން އިންކާރުކޮށްފިއެވެ.
އެންޖެލާއަށް ވިސްނައިދެވޭތޯ މާރިޔާ ވާހަކަދެއްކިއެވެ. [ދަރިފުޅާއެވެ. އޭނާ އެ ދަނީ ހަނގުރާމައަށެވެ. އެހެންވީމާ ދަރިފުޅުގެ ހިތުގައި އޭނާގެ މައްޗަށް ދެކޮޅުވެރިކަމެއް މިހާރު އޮވެގެން ނުވާނެއެވެ. ސަހަރުގެ ހުރިހައި ގަދަރުވެރިން އެތަނަށް ޖަމާވާނެއެވެ. ދަރިފުޅު އެތަނަށް ނުދިޔައިއްޔާ ޖޯންއާ ދަރިފުޅާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް އޮތްކަން މީހުންނަށް އެނގޭ ގޮތް ވެދާނެއެވެ.]
އެތައް ވާހަކައެއް ދެއްކުމާއެކުވެސް އެންޖެލާ ދާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން މާރިޔާއަށް ޖެހުނީ އެކަނި ދާށެވެ. އިރާކޮޅުގެ ދުންފިނީގެ ތެރޭގައި މާރިޔާގެ ގާޑިޔާ ޖޯން މައިކަލްގެ ގަނޑުވަރު ދޮށުން ދަނިކޮށް އޭނާ ދޮރާށި ދޮށުގައި ހުއްޓައި ފެނިއްޖެއެވެ. އޭނާ ހުރީ ސިފައިންގެ ބަޔަކާ ވާހަކަދައްކާށެވެ. މާރިޔާގެ އެންގުމަށް ގާޑިޔާ މަޑުކުރީމާ ބޭރަށް ބޯދީ ބަލައިލުމަށް ފަހު އަތުގެ އިޝާރާތުން ޖޯން މައިކަލަށް ގޮވައިފިއެވެ.
ޖޯން މައިކަލް ކައިރިއަށް އައިސް އަހައިފިއެވެ. [ތިޔަ ވަޑައިގަންނަވަނީ ފުލުހުންގެ ވެރިޔާ ގެއަށް ދޮގެއްތޯއެވެ؟]
[އާދޭހެވެ. ހަނގުރާމައަށް ވަޑައިގަންނަވާ ވާހަކަ އަޅުގަނޑު ގާތު ވިދާޅުނުވީތީ މިހުންނަނީ ނުރުހިފައެވެ.]
[ކަމަނާއަށް ނުދަންނަވައި ލޯޝާ ދޫކޮށްލައިފައި ދިއުމަކީ އަޅުގަނޑަކަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެންޖެލާ އަޅުގަނޑަށް ގޮވައިނުލަނީސް އެއްވެސް އުނދަގުލެއް ނުކުރާން އަޅުގަނޑު އޮތީ ވައުދުވެފައެވެ. ނައިޓުންނަކީ ވައުދަށް ހުރުމަތްތެރިކޮށް ހިތުން ލާޒިމު ބައެކެވެ.]
(ނުނިމޭ)

