(25 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަވަށުގެ މީހުން ފިލައިގެން ދިޔަ އިރު ދިޔައީ ވަރަށް ގިނަ ގެރިބަކަރި ދޫ ކޮށްފައެވެ. އެ ތަކެތި އެތަންމިތަނުން ވިނަ ކެއުމަށް ފަހު ހަވީރު ވާ އިރަށް އަވަށުގެ ކައިރިޔަށް ޖަމާ ވެއެވެ. އާޝާ ކޮންމެ ދުވަހަކު ވެސް ރޭގަނޑަށް އެ ތަކެތި ދެތިން ޖިފުޓިއަކަށް ލައި ބަންދު ކުރެއެވެ. މިނިކާ ޖަނަވާރުތަކުގެ ކިބައިން ސަލާމަތް ކުރާށެވެ. ފަތިސް ވުމުން ދޫ ކޮށްލަނީއެވެ. ނަމަވެސް ބައެއް ދުވަސްދުވަހު ދުވާލު ވެސް މިނިކާ ޖަނަވާރުތައް އެ އަވަށުގެ ބޭރުމަތީން ދެތިން ހަތަރު ގެރިބަކަރި އަތުލައިގަނެއެވެ. އެހެންކަމުން އާޝާ ފެން ބަލައި ކޯރުގެ އައްސޭރިއަށް ދިޔުމަކީ އެއްގޮތަކަށް ވެސް ރައްކައުތެރި ކަމެއް ނޫނެވެ. ނަމަވެސް ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން އަވަށުގެ ކައިރީގައި އޮންނަ ފެންގަނޑު ވަނީ ހިނދިފައެވެ. އަވަށުގެ މީހުން ގެރިބަކަރިޔަށް ފެން ދިނުމަށް ޓަކައި ފެން ފުރާ ޙައުޟުގައި ހުރި ފެން، އިންތިހާ ދަރަޖައިގެ މަޖުބޫރު ޙާލަތެއްގައި ވެސް އިންސާނަކަށް ބޯން ކެރޭ ވަރެއް ނޫނެވެ. އެހައިވެސް ބޮޑަށް ހުރީ ފައު ވެފައެވެ.
އާޝާ އެއް ދުވަހަކު ފެން ހިފައިގެން އައި އިރު ހުރީ ވަރަށް ބޮޑަށް ބިރު ގެންފައެވެ. އަޅުގަނޑުމެން ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން އާޝާ ބުންޏެވެ. "އަޅުގަނޑު ފެން ހިފައިގެން އައި އިރު މަގާ ދާދި ކައިރީގައި ސިންގާއެއް ގެރިއެއް ފަޅައިލައިގެން މަސްތައް ވީދަނީއެވެ."
އަޅުގަނޑު ބުނީމެވެ. "އަހަރެމެން މި ފެނުން ތިންހަތަރު ދުވަހަކު ފުއްދާނީއެވެ. އެހައިތަނަށް އަހަންނަށް ފެން ގެނެވޭ ވަރު ވެދާނެއެވެ. އާޝާ ދެން އެތަނަށް ގޮސްގެން ނުވާނެއެވެ."
އާޝާ ހީނލައިފައި ބުންޏެވެ. "މިނިކާ ޖަނަވާރު އިންސާނުންނާ ޙަމަލަ ދެނީ ބަނޑުހައިކަން ޙައްދު ފަހަނައަޅައި ދިޔުމުންނެވެ. ވުމާއެކު، މި ހުރިހައި ގެރިބަކަރި ވަށައިގެން ތިއްބައި އެއްވެސް މިނިކާ ޖަނަވާރެއް ބަނޑުހައިކަމުގައެއް ނޯންނާނެއެވެ."
މުސްކުޅިޔާ ތެދުވެގެން ދަނޑިގަނޑުގެ އެހީގައި ބޭރަށް ނުކުމެއްޖެއެވެ. އޭނާ އިރުކޮޅެއްގެ ފަހުން އެތެރެޔަށް ވަދެފައި ބުންޏެވެ. "އާޝާއަށް މިއަދަށް ފަހު ފެން ބަލައި ދާކަށެއް ނުޖެހޭނެއެވެ. މާދަމާގެ ކުރީން ވާރޭ ވެހޭނެއެވެ. އެކަން އަޅުގަނޑަށް ޔަޤީނެވެ."
އަޅުގަނޑު އޮށޯވެ އޮތް ގޮތަށް އޮވެ ބުނީމެވެ. "އުޑުމަތީގައި ވިލާކޮޅެއް ވެސް ހުރިހެނެއް ހީއެއް ނުވެއެވެ."
މުސްކުޅިޔާ ބުންޏެވެ. "ވައި ޖެހޭގޮތުން އިސާހިތަކު ވިލާ އުފެދިދާނެކަމަށް ލަފާ ކުރެވެއެވެ."
ހަވީރުއަތަށް އެޅިތަނާ ގުގުރާ އަޑު އިވޭން ފަށައިފިއެވެ. އެ ވަގުތު އާޝާ ބުންޏެވެ. "އަޅުގަނޑުގެ ކާފަގެ ވާހަކައެއް ފަހަރެއްގައި ވެސް ދޮގެއް ނުވާނެއެވެ."
އިރުކޮޅެއްގެ ފަހުން އަޅުގަނޑު އޮތީ ހިމަފޮދު ވާރޭ ވެހޭ އަޑު އަހާށެވެ. ވަރަށް އުފަލުންނެވެ. ފެން ބަލައި ކޯރުގެ އައްސޭރިއަށް ދާން އާޝާއަށް ނުޖެހޭނެތީއެވެ."
މި ދެންނެވި ފަދަ ގޮތެއް ދިމާ ވުމުން، އާޝާގެ މަޤާމުގައި އަޅުގަނޑުގެ ގާތުގައި ކިތަންމެ ހުތުރު އަންހެން ކުއްޖަކު ހުރި ކަމުގައި ވިޔަސް، އެ ކުއްޖެއްގެ ސަބަބުން އަޅުގަނޑުގެ ހިތުގައި ނިހާޔަތުގެ މުނިއަވަސް ފިލުމެއް އުފެދުމަކީ ނުވެނުދާނެ ކަމެއްކަން މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އާޝާ އަކީ އޭނާގެ ބުރުސޫރައަށް ބަލާ އިރު، މަގެއްގެ މަތީން ހިނގައިފައި ދަނިކޮށް ކިރިޔާ ލޮލުކޮޅަށް ފެނިލި ކަމުގައި ވިޔަސް މުޅި ޢުމުރަށް އަޅުގަނޑުގެ ނަޒަރު އޭނާ ހޯދުމުގައި އާވާރާ ވެގެން އުޅޭހައި ވެސް ރީތި، ފަރި އަންހެން ކުއްޖެކެވެ. އޭނާގެ މޫނުމަތީން ލުއިލުއި ހިނިތުންވުމެއްގެ އަސަރު ފެނިލި ކަމުގައި ވިޔަސް އަޅުގަނޑަށް ހީ ވަނީ، އެ ވީރާނާ ހިތާމަވެރި ވީރާނާ އަވަށުގެ ޖައްވު އުފާވެރިކަމުގެ ހިނިތުންވުމަކުން ފޮޅިގެންދާ ހެންނެވެ. ނަމަވެސް އާޝާގެ ހިނިތުންވުމަކީ ކަޅު ވިލާތަކުގެ ތެރެއިން ދަތުރު ކުރާ ހަނދެކޭ އެއްގޮތަށް ވަރަށް މަދު ފަހަރަކު ފެނިލާ މަންޒަރެކެވެ. އޭނާގެ މޫނުމަތީން ޢާއްމުކޮށް ފެންނާން ހުންނަނީ މޮޅިވެރިކަމެވެ. އޭނާގެ ހިތާމައިގެ ސަބަބަކީ އޭނާގެ ބޭބެ ނެތްކަމެވެ. އޭނާ ބޭބެ އަތުވެދާނެކަމަށް އިންތިޒާރު ކުރާ ވަރުން، ކޮންމެ ދުވަހަކު ވެސް އޭނާގެ ހެނދުނުގެ ކާއެއްޗެތި ބަހައްޓައިފައި ހުންނަނީ ބޭބެ އާދޭތޯއެވެ. ހަވީރު ވުމުން، އޭނާ ހެނދުނު ބަހައްޓައިފައި ހުންނަ ރާމާ ވެފައި ހުންނަ ރޮށި ކައިފައި، އޭނާއަށް ވާ ރޮށި ބޭބެއަށް ރައްކާ ކޮށްފައި ބަހައްޓަނީއެވެ. ރޭގަނޑުގެ ކޮންމެވެސް ވަގުތަކު އޭނާގެ ބޭބެ އަތުވެދާނެ ކަމަށެވެ.
+ + + +
ދުވަސްތައް ވޭތި ވަމުން ދިޔަ ވަރަކަށް، އަޅުގަނޑުގެ ކަންބޮޑުވުން ދިޔައީ އިތުރު ވަމުންނެވެ. ޖަގަތު ނާރާއިން އޭނާއަށް ލިބިވަޑައިގެންނެވި ނާކާމިޔާބުގެ ބަދަލު ހިއްޕެވުމުގެ ގޮތުން ކޮންމެވެސް މައިދާނެއް ޚިޔާރު ކުރައްވާނެކަން އަޅުގަނޑަށް ޔަޤީން ވެއެވެ. އޭނާ ހުންނެވީ އަޅުގަނޑުމެން ތިބި އަވަށާ މާކަ ދުރަކު ނޫނެވެ. އެހެންކަމުން، އޭނާ އެ ދިމާޔަށް ވަޑައިގެންފި ކަމުގައި ވާ ނަމަ، ހުސް ޖިފުޓިތަކުގައި ހުޅު ޖައްސަވާން ވެސް ފަސްޖެހިވަޑައެއްނުގަންނަވާނެޔޭ ވަރަށް ގިނަ ފަހަރު އަޅުގަނޑުގެ ހިތަށް އަރައެވެ. އޭނާ ހުންނަވާނީ އޭނާގެ ބޭފުޅުން އަވަހާރަ ވުމުގެ ސަބަބުން ހަމަ ބުއްދިފުޅު ފިލައިފައެވެ. އަޅުގަނޑު ބާރު އެޅި ކަމުގައި ވިޔަސް، އޭނާ އާޝާ އާއި އޭނާގެ ލޯފަން ކާފަގެ މައްޗަށް އޭނާގެ ކޯފާ ބާލުއްވައިފައި މެނުވީ ހުއްޓައިނުލައްވާނެއެވެ. އެކަން އަޅުގަނޑަށް ޔަޤީނެވެ. އެކަމާ ދެކޮޅަށް އަޅުގަނޑު ބަޣާވާތް ކޮށްފި ކަމުގައި ވާ ނަމަ، އަޅުގަނޑުގެ އަމިއްލަ ސިފައިން އަޅުގަނޑާ ބައިވެރި ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭގެ ނަތީޖާއަކީ ކޮބައިތޯއެވެ! އަޅުގަނޑު ބަޣާވާތުގެ އިންޒާރު ކުރުމުން، ޖަގަތު ނާރާއިނާއި ދެން ތިއްބެވި އަމީރުން ފަހަރެއްގައި އާޝާ އާއި އޭނާގެ ކާފަ ނުމަރުއްވައި ދޫ ކޮށްލައްވައިފާނެއެވެ. ނަމަވެސް އޭރުން މައްސަލަ ހުށައެޅޭނީ ރަސްގެފާނާއި ޕަރައުހަތުގެ އަރިޔަށެވެ. އާޝާގެ ދެ ކާފައިން ޤައިދީންގެ ގޮތުގައި އެ ބޭފުޅުންގެ އަރިހަށް ހުށައެޅޭނެއެވެ. މި ހަނގުރާމައިގައި އެ މީހެއްގެ ގާތްތިމާގެ މީހަކު މަރު ވެފައި ވާ ކޮންމެ މީހަކު ވެސް، އެ ދެ ކާފައިންނަށް ވީހައި ބޮޑު އަދަބެއް ދޭން ހުށައަޅާނެއެވެ. އެހެން ވެއްޖެ ހިނދެއްގައި، ނަގަރުކޯޓުގައި އަޅުގަނޑުގެ އެއްވެސް އެކުވެރިޔަކު ނުހުންނާނެއެވެ.
ހަތްވަނަޔަށް ވީ ދުވަހު އަޅުގަނޑަށް އެނދުން ތެދު ވެގެން މަޑުމަޑުން ހިނގައިބިނގައިވެ އުޅެވޭ ވަރު ވެއްޖެއެވެ. ވަރަށް ހެނދުނާ އާޝާ އިނީ އޭނާގެ ގޭގެ ބޭރުގައި ގެރިޔަކުން ކިރު ފެލާށެވެ. އަޅުގަނޑު އެނދުން ތެދު ވެގެން މަޑުމަޑުން ހިނގައިލައިފައި ގޮސް އޭނާގެ ގާތުގައި ގަހެއްގައި ލެނގިލައިގެން އިށީނދެއްޖައީމެވެ. އޭނާ ކިރުފެލައި ނިމިގެން ތެދު ވުމުން އަޅުގަނޑު ބުނެފީމެވެ. "އާޝާއެވެ! އަހަރެން ކަލެޔާ ވާހަކައެއް ދައްކައިލާން ބޭނުމެވެ."
އާޝާ ކިރު ކަންވާރު އަޅުގަނޑުގެ ގާތުގައި ބަހައްޓައިފައި ބުންޏެވެ. "ވިދާޅުވާށެވެ!"
އަޅުގަނޑު ބުނީމެވެ. "އާޝާއެވެ! ކަލޭ މިތާނގައި ހުރުމަކީ އެއްގޮތަކަށް ވެސް ރައްކައުތެރި ކަމެއް ނޫނެވެ. އަހަރެންގެ ހިތް ބުނާ ގޮތުން ނަގަރުކޯޓުގެ ލަޝްކަރު ދެކުނު ފަރާތުން ނުވަތަ އުތުރު ފަރާތުން ވަރަށް އަވަހަށް މި އަވަށަށް އަންނާނެއެވެ."
އޭނާ ބުންޏެވެ. "މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑުގެ ލޯފަން ކާފަ ދޫ ކޮށްލައިފައި އަޅުގަނޑު ކޮންމެވެސް ތަނަކަށް ފިލައިގެން ދާށޭއޭތޯއެވެ؟"
"ނޫނެކެވެ! އާޝާއެވެ! ކަލޭގެ ކާފަޔަށް އެހީ ވުމަށް ޓަކައި އަހަރެން މިހިރީ ކަލެޔާ އެކުގައި ދާން ތައްޔާރަށެވެ."
އޭނާ ބުންޏެވެ. "އެކަމަކު މަނިކުފާނަކަށް އަދިއެއް ރަނގަޅަށް ހިންގަވައިއުޅުއްވޭ ވަރެއް ނުވެއެވެ. މަނިކުފާނަށް ހިންގެވޭ ވަރު ވި ކަމުގައި ވިޔަސް، ސުންދަރަށް އިންތިޒާރު ނުކޮށް އަޅުގަނޑުމެންނަށް ފިލައިގެން ދެވޭނީ ވެސް ކިހިނަކުންތޯއެވެ؟" ސުންދަރަކީ އާޝާގެ ބޭބެއެވެ.
އަޅުގަނޑު ޖަވާބު ދިނީމެވެ. "އަހަރެން ވަޢުދު ވަމެވެ. ކަލޭމެން ކޮންމެވެސް ރައްކާތެރި ތަނަކަށް ގެންގޮސްފައި އަހަރެން އެނބުރި މި އަވަށަށް އަތުވެދާނަމެވެ. ކަލޭގެ ބޭބެ އައިހައި އަވަހަކަށް އޭނާ ކަލޭމެންގެ ގާތަށް ފޮނުވާނަމެވެ."
އާޝާ ބުންޏެވެ. "ނަމަވެސް މަނިކުފާނަކަށް އަދިއެއް ރަނގަޅަކަށް ނުހިންގެވެއެވެ. އޭގެ އިތުރުން ނަގަރުކޯޓުގެ ލަޝްކަރު ގަނޑުފެން ފަރުބަދަތަކާ ހަމަޔަށް އަޅުގަނޑުމެން ފަހަމުންދާނެ ވާހަކަ ޚުދު މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ތެދުފުޅެކެވެ! އަޅުގަނޑުމެންގެ މީހުންނާ ކޮންމެވެސް ޖަންގައްޔަކުން ބައްދަލު ވެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ތިޔަ ބޭފުޅުންގެ ލަޝްކަރު އެ ދިމާޔަށް ހިނގައްޖެ ކަމުގައި ވާ ނަމަ، އެބައިމީހުން އެތަނަކުން ވެސް އަޅުގަނޑުމެން ދެކާފައިން ދޫ ކޮށްލައިފައި ފިލައިގެން ހިނގައިދާނެއެވެ. އަޅުގަނޑުގެ އަތުގައި ހިފައިގެން ވެސް ކާފަޔަށް މާކަ ދުރަކަށް ނުހިނގޭނެއެވެ. ތިޔަ ބޭފުޅުންގެ ލަޝްކަރުގެ އަތްދަށުން ސަލާމަތް ވި ކަމުގައި ވިޔަސް އަޅުގަނޑުމެން އެކަނިމާއެކަނި ޖަންގަލީގައި ބިކަތެޅެނިކޮށް އަޅުގަނޑުމެން ވާނީ މިނިކާ ޖަނަވާރުތަކުގެ ޝިކާރަޔަކަށެވެ."
އަޅުގަނޑު ބުނީމެވެ. "ތިޔަހެން ވިއްޔާ އަހަރެން ކަލޭމެންގެ ގާތުގައި ހުންނާނަމެވެ. ކޮންމެ ގޮތެއްގައި ވެސް ކަލޭމެން މިތަނުން ދިޔުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ބަގްވާނު ރުހިވޮޑިގެންވާ ކަމަކަށް ވާ ނަމަ ކަލޭގެ ބޭބެއާ ކަލެޔާ ބައްދަލު ވާނެއެވެ. ކަލެޔަކީ އަންހެނަކީމުއެވެ. ކަލޭ ވާނީ މިނިކާވަގު ގެރިބަކަރި މަރައިލައިގެން ކައިއުޅޭ އަނިޔާވެރި މަންޒަރު ދެކެފައެވެ. އަހަރެން ނަގަރުކޯޓުގެ ސިފައިން ރަނގަޅަށް ދަންނަމެވެ. އެބައިމީހުން މިނިކާވަގަށް ވުރެ ވެސް އަނިޔާވެރިއެވެ. ރަޙުމުކުޑައެވެ. މިނިކާވަގު އެސޮރުގެ ބަނޑު ބޮޑު ވުމުން އަރާމުގައި އޮށޯވެދާނެއެވެ. ނަމަވެސް އަހަރެމެންގެ މުޖުތަމަޢުގެ ފިރިހެން ދަރީންގެ ކިބައިން ދުވަހަކުވެސް ލޭގެ އަލާއެއް ނުކެނޑޭނެއެވެ. އަހަންނަށް އަހަރެންގެ ފުރާނަ ޤުރުބާން ކޮށްގެން ވެސް ކަލޭ ސަލާމަތް ކުރެވޭނެކަމުގެ ޔަޤީންކަން އޮތް ނަމަ، ކަލެޔަށް މި ލަފައެއް ނުދިނީމުހެވެ. އާޝާއެވެ! ކަލެޔަށް ކުރިމަތި ލާން ޖެހިފައި ވަނީ ލެޔަށް ފެންބޮވައިގެންފައި ވާ ހަރުފަތަކަކާއެވެ. އިންސާނުންނަކާ ނޫނެވެ. ކަލޭގެ ބޭބެ އަންނަ އިރު އަވަށުގެ އެހެނިހެން ގޭގެއެކޭ އެއްގޮތަށް ކަލޭމެންގެ ގެ ވެސް ހުހަށް ހުއްޓައި ފެނުމުން، ކަލޭމެން ވެސް އަވަށުގެ މީހުންނާ އެކު ފިލާން ދިޔައީކަން އެނގޭނެއެވެ. އޭނާއަށް ކަލޭމެން ނުހޯދޭހައި ހިނދަކު އަހަރެން ކަލޭމެންގެ ގާތުގައި ހުންނާންކަމަށް އަހަރެން ވަޢުދު ވަމެވެ. އަބަދަށް ޓަކައި އަހަރެން ކަލެޔާ އެކުގައި އުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އާޝާއެވެ! ކަލޭގެ ފުރާނަ ސަލާމަތް ކުރާށެވެ! ކަލެޔަށް ޓަކައި ނޫން ނަމަ، އަހަންނަށް ޓަކައި ވެސްވެހެވެ."
އެންމެ ފަހު ޖުމުލަ އަޅުގަނޑަށް ބުނެވުނީ ހިތުގައި އުފެދުނު ޝުޢުރުތަކުގެ ސަބަބުން އޮބި ނޯވެގެންނެވެ. އާޝާ ވިސްނުންތެރިކަމާ އެކު އަޅުގަނޑާ ދިމާޔަށް ބަލައިލައިފައި، ކަރުނަ ފޮހެމުން ބުންޏެވެ. "މަނިކުފާނު އަޅުގަނޑުގެ ފުރާނައިގެ އަގު ވަރަށް ބޮޑު ކުރައްވައިފީމުއެވެ. އަޅުގަނޑު މިހިރީ ދާން ތައްޔާރަށެވެ."
އަޅުގަނޑު ބުނެފީމެވެ. "އެހެންވިއްޔާ މާދަމާ އިރު އެރުމާ އެކު އަހަރެމެން މިތަނުން ދާން ވާނެއެވެ."
އާޝާ ބުންޏެވެ. "ތިޔަހައި އަވަސް ނުކުރައްވާށެވެ. މަނިކުފާނަކަށް އަދިއެއް މާ ދުރަކަށް ނުހިންގެވޭނެއެވެ."
އަޅުގަނޑު އޭނާގެ ހިތް ހަމަޖައްސައިދެމުން ބުނީމެވެ. "އަހަންނާ މެދު ފިކުރު ނުކުރާށެވެ. އަހަރެންގެ ކަށިމަތީގެ ތަދު ބޮޑު ވެއްޖެ ކަމުގައި ވާ ނަމަ އަހަރެމެން ފުރަތަމަ މަންޒިލުގައި ތަންކޮޅެއް މަޑުމަޑުން ދަތުރު ކުރާނީއެވެ. އަހަރެން މިހާރު ގޮސް ކަލޭގެ ކާފަޔާ ވާހަކަ ދައްކާނަމެވެ."
އަޅުގަނޑުމެން ތެދު ވެގެން އެތެރެޔަށް ދާން ހިނގައިގަންނާން ތައްޔާރު ވިތަނާ، އާޝާ ކުއްލިޔަކަށް ޙައިރާންކަމާ އެކު "ބޭބޭއޭ! ބޭބޭއޭ! ގޮވަމުން އެއް ފަރާތަކަށް ދުއްވައިގެންފިއެވެ. ގާތްގަނޑަކަށް ތިރީހަކަށް ސާޅީހަކަށް ފިޔަވަޅު ދުރުން ކޮންމެވެސް ޒުވާނެއް ދެ އަތުން ބަނޑުގައި ހިފަހައްޓައިގެން އަރި އަޅަމުން އާދެއެވެ. އޭނާގެ ހިނގުމުން އޭނާ ހުރީ ވަރަށް ބޮޑަށް ޒަޚަމް ވެފައިކަން އެނގެއެވެ. އަޅުގަނޑު ވެސް ދުވެފައި އޭނާގެ ގާތަށް ހިނގައްޖައީމެވެ. އަޅުގަނޑުމެން ދެމީހުން އޭނާއަށް އެހީ ވެދީގެން ގެއާ ދިމާޔަށް ދަނިކޮށް، އާޝާގެ ކާފަ ބޭރަށް ނުކުމެ ގޮވާން ފަށައިފިއެވެ. "އާޝާއެވެ! އާޝާއެވެ! ކަލޭގެ ބޭބެ ކޮބައިހެއްޔެވެ؟" އޭރު ސުންދަރު ބަލިކަށި އަޑަކުން އާޝާ ގާތު ބުނަމުން ގެންދެއެވެ. "އާޝާއެވެ! ކަލޭ އަވަހަށް ފިލާށެވެ! އަހަރެން ދޫ ކޮށްލާށެވެ! މިހާރު ދެން އަހަރެން އެއްވެސް މީހެއްގެ އެހީއަކަށް ބޭނުމެއް ނޫނެވެ. އަވަސް ކުރާށެވެ! ކަލޭ އަވަހަށް ފިލާން ދާށެވެ! އެބައިމީހުން އަހަރެންގެ ފަހަތުން އެބަ އާދެއެވެ. އެބައިމީހުން ހަމަ މިހާރު އަންނާނެއެވެ." އޭނާ ޖިފުޓިގަނޑާ ކައިރިޔަށް ގޮސްފައި ވަރުގަދަ ކުއްލިއެއް ޖަހައިފައި އަޅުގަނޑުމެންގެ އަތުން ވީއްލިގެންފިއެވެ. އޭނާ ހަޅޭއްލަވައިގެންފިއެވެ. "އެބައިމީހުން އިރުމަތީ ފަރާތާއި ދެކުނު ފަރާތުން މި އަވަށް ވަށައިލަނީއެވެ. ކަލޭ ކޯރު އޮތް ގޮތަށް ތިރިޔަށް ޖަންގަލީގެ ތެރެޔަށް ދާށެވެ. އެތާނގައި އަހަރެންގެ ބައެއް އެކުވެރީން ކަލެޔަށް އިންތިޒާރު ކުރާނެއެވެ. އަވަސް ކުރާށެވެ! މިއީ ވިސްނާން ތިބޭން ވީ ވަގުތެއް ނޫނެވެ. ކާފާއެވެ! އާޝާއަށް ވިސްނައިދޭށެވެ!" މި ލަފުޒުތަކާ އެކު ސުންދަރުގެ އަނގައިން ހޯސް ލައިފައި ލޭ އަތުވެއްޖެއެވެ. އޭނާ އަނގަ ވަތަށް ބިންމައްޗަށް ވެއްޓިއްޖެއެވެ. އަޅުގަނޑު އަވަސްއަވަހަށް އޭނާ ނަގާން އުޅުނީމެވެ. ނަމަވެސް ސުންދަރު އޭނާގެ ޙަޔާތުގެ ދަތުރު ނިންމައިލައިފިއެވެ. ބަނޑު ފެޅިފައި ވަނިކޮށް ދެ އަތުން ބަނޑުގައި ހިފަހައްޓައިގެން ގޮހޮރުތައް ބޭރަށް ނުކުތަނުދީ އެ ހިސާބަށް އާދެވުމަކީ އިންސާނުންގެ ބާރާ އެކަށީގެންވާ ކަމެއް ނޫނެވެ. އާޝާ ހުރީ ދެ ލޯ ބޮޑު ކޮށްގެން އޭނާގެ ބޭބެގެ ހަށިގަނޑާ ދިމާޔަށް ބަލަހައްޓައިގެންނެވެ. އަޅުގަނޑަށް ވެސް އިރުކޮޅެއް ވާންދެން އެ ރީތި ޒުވާނާގެ ހަށިގަނޑާ ދިމާޔަށް ބަލަހައްޓައިގެން އާގަމަ ވެފައި ހުރެވުނެވެ. ނަމަވެސް ކުއްލިޔަކަށް އަޅުގަނޑުގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެންފިއެވެ. އަޅުގަނޑު އެއް އަތުން އާޝާގެ އަތުގައި، އަނެއް އަތުން އޭނާގެ ކާފަގެ އަތުގައި ހިފައިގެން ކޯރާ ދިމާޔަށް ހިނގައިގެންފީމެވެ. އާޝާ ވަރަށް ބޮޑަށް ފަސް ޖެހިފައި ހުރެ ދެތިން ފިޔަވަޅެއް އެޅުމަށް ފަހު ހުއްޓިއްޖެއެވެ. އޭނާ ރޮއިގެންފައި ބުންޏެވެ. "ނޫނެކެވެ! އަހަންނަށް އަހަރެންގެ ބޭބެގެ މަސްގަނޑު ދޫ ކޮށްލައިފައެއް ނުދެވޭނެއެވެ." މުސްކުޅިޔާ ވެސް ބިންމަތީގައި އިށީނދެއްޖެއެވެ. އަޅުގަނޑު ބުނެފީމެވެ. "ބޭބޭއެވެ! މިއީ އާޝާގެ ފުރާނަ ސަލާމަތް ކުރެވޭން އޮތް އެންމެ ފަހު ދަނޑިވަޅެވެ. ކަލާކޮށްޓަކައެވެ! ބޭބެގެ ކާފަދަރިފުޅުގެ އެންމެ ފަހުގެ ވަޞިއްޔަތް ފުރިހަމަ ކުރުމާ މެދު އިންކާރު ނުކުރާށެވެ!"
(ނުނިމޭ)
