(18 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މި ހިސާބުގަނޑަކީ މިނިކާވަގުން ހުސް ވެފައި ވާ ހިސާބުގަނޑެއް ނޫނެވެ. އިރު އޮއްސުމާ އެކު އެތައް ސިންގާއަކާއި އެތައް މިނިކާވަގެއް އަވަށަށް ދާން އޮންނަ މަގުގައި ފޯރި މަރާން ފަށައިފާނެއެވެ."
އަޅުގަނޑު ޚަންޖަރު އެއްލައިލައިފީމެވެ. އަރިއަޅަމުން ތެދުވެ އޭނާގެ ކުރިމަތީން އެއް ފަރާތަކަށް ޖެހިލައިފައި ބުނެފީމެވެ. "ކަލޭ ދިޔަޔަސް އެންމެ ރަނގަޅެވެ."
އަޅުގަނޑުގެ އެ ޙަރަކާތުން އޭނާގެ ހިތަށް އަސަރު ނުކޮށެއް ނުދިޔައެވެ. އޭނާ ފަސް ޖެހިލައިފައި، އިރުކޮޅަކު ހުރެލައިފައި، ބަނޑިޔާ ނަގައި ބޯމަތީގައި ބަހައްޓައިފިއެވެ. ހަރުފަތުގައި ފައި އަޅައިފައި އެނބުރި އަޅުގަނޑާ ދިމާޔަށް ބަލައިލައިފައި ބުނެފިއެވެ. "މަނިކުފާނު ތިޔަ ހުންނެވީ ޒަޚަމް ވެވަޑައިގެންފައިތޯއެވެ؟"
އަޅުގަނޑު ޖަވާބު ދިނުމުގެ ބަދަލުގައި ދެލޯ މަރައިލައިފީމެވެ. ލިބެމުންދާ ވޭނުގެ ސަބަބުންނެވެ.
އޭނާ ބުނެފިއެވެ. "މަނިކުފާނަކަށް ރޭގަނޑު މިތާކު ނުހުންނެވޭނެއެވެ. އަޅުގަނޑާ އެކު ވަޑައިގަންނަވާށެވެ."
އަޅުގަނޑު އެއްވެސް އެއްޗެކޭ ނުބުނެ އޭނާގެ ފަހަތުން ހިނގައިގެންފީމެވެ. ހަރުފަތްތަކުން އަރާން އަޅުގަނޑަށް ވަރަށް އުނދަގުލެވެ. އަޅުގަނޑަށް ކޮންމެ ފިޔަވަޅެއް ވެސް އެޅެނީ އެތައް މަސައްކަތަކުންނެވެ. ވަރަށް އުނދަގުލުންނެވެ. ކޮންމެ ވިއްސަކަށް ފިޔަވަޅަކަށް ފަހު އަޅުގަނޑު ގާތްގަނޑަކަށް ޚަބަރު ހުސް ވެފައި ވާ ޙާލެއްގައި އިށީންނަނީއެވެ. ވަރުބަލި ފިލުވުމަށް ޓަކައެވެ. އޭނާ އަޅުގަނޑުގެ އިންތިޒާރުގައި ކޮޅަށް ހުރެއެވެ. ކުޑަ އިރުކޮޅަކުން އަޅުގަނޑުމެންނަށް އެ ހަނި މަގު ކަޑައްތު ކޮށް ހާމަ ތަނަކަށް ނުކުމެވިއްޖެއެވެ. އަޅުގަނޑުމެންގެ ކަނާތް ފަރާތުގައި ވަނީ އެއްކަލަ ކޯރުގެ ފެންގަނޑު އޮހެމުންދާ ބޮޑުސިންގާ ހޮހަޅައެވެ. ވާތް ފަރާތުގައި ވަނީ ފެހި ކުލައިގެ ރީތި ގަސްތަކުން ފޮރުވިފައި ވާ ފަރުބަދައެކެވެ. ފަރުބަދައިގެ ތިރީގައި ބޮޑެތި ގަސްތަކެއްގެ ތެރެއިން ކުދިކުދި ޖިފުޓިތަކެއް ފެންނާން ފަށައިފިއެވެ. ނަމަވެސް އަޅުގަނޑުގެ ގައިގައި އިތުރަށް ކުރިޔަށް ހިނގާނެހައި ވަރެއް ނެތެވެ. އަޅުގަނޑު ފެހި ކުލައިގެ ގަސްތަކެއްގެ މަތީގައި މޫނުވަތަށް އޮށޯވެއްޖައީމެވެ. އަންހެން ކުއްޖާ ބަނޑިޔާ ބިންމަތީގައި ބަހައްޓައިފައި އައިސް އަޅުގަނޑުގެ ގާތަށް ހުއްޓިއްޖެއެވެ. އޭނާ އަޅުގަނޑަށް ހިތްވަރު ދެމުން ބުންޏެވެ. "މި ފަރާތް ބައްލަވަބައްލަވާށެވެ! އެ ފެންނަނީ އަޅުގަނޑުމެންގެ އަވަށެވެ. ކުޑައިކޮށް ހިތްވަރު ކުރައްވާށެވެ! އަޅުގަނޑު ޙައިރާން ވެއްޖައީމެވެ. މަނިކުފާނު ތިޔަ ޙާލުކޮޅުގައި އެތާނގައި އިންނެވީ ކީއްކުރައްވާންތޯއެވެ؟"
އަޅުގަނޑު ޖަވާބު ދިނީމެވެ. "އަހަރެން ކޯރުގެ އޮއިވަރާ އެކު ދަމައިފައި އެތަނަށް ގެންދިޔައީއެވެ. އެތާނގައި އިނދެވުނީ ކޮންމެވެސް ދޭވީއެއްގެ އިންތިޒާރުގައި ތޯއްޗެކެވެ."
އިރުކޮޅެއްގެ ފަހުން އަޅުގަނޑު އަނެއްކާވެސް ތެދު ވެގެން ހިނގާން ފަށައިފީމެވެ. އަވަށާ ކައިރި ވަމުންދިޔަ ވަރަކަށް އަޅުގަނޑުގެ ޝައްކު ދިޔައީ ފިލަމުންނެވެ. އޭނާ އައީ އެއް އަތުން އަޅުގަނޑު އަތުލަފި ކޮށްގެންނެވެ. އެ އަތަކީ ދުޝްމަނެއްގެ އަތެއް ނޫންކަމަށް އަޅުގަނޑުގެ ހިތް ހެކި ދެއެވެ. އަވަށުގެ ބޭރުގައި ވަރަށް އަނަރޫފަ ބަލިކަށި މުސްކުޅިއެއް ވޭނުން ފުރިފައި ވާ އަޑަކުން "އާޝާ! އާޝާ!" އޭ ގޮވަމުން އެކި ދިމަދިމާޔަށް ހިނގަހިނގައި ހުއްޓެވެ. އަންހެން ކުއްޖާ އޭނާއަށް ގޮވައިލިއެވެ. "ކާފާއެވެ! އަޅުގަނޑު އަތުވެއްޖައީމެވެ." އޭނާ ބުނެފިއެވެ.
މުސްކުޅިޔާ ދެ އަތް ދަމާލައިގެން ބޭއިޚްތިޔާރުގައި ކުރިޔަށް ހިނގައިގެންފިއެވެ. އޭނާ ބުނެފިއެވެ. "ދަރިފުޅާއެވެ! ކަނބުލޮ މާ ބޮޑަށް ލަސް ކޮށްފީމުއެވެ. ކަނބުލޮ ނައިސް އަދި އިރުކޮޅެއް ވީ ނަމަ، ކާފަ މިތާގައި ލައިހޫރެމުން ގޮސް ވަޅުގަނޑަކަށް ވެއްޓިއްޖައީސްކަން ނޭނގެއެވެ."
އަންހެން ކުއްޖާ އަޅުގަނޑު ދޫ ކޮށްލައިފައި ގޮސް މުސްކުޅިޔާގެ އަތުގައި ހިފައިގެން ޖިފުޓިގަނޑަކާ ދިމާޔަށް ހިނގައްޖެއެވެ. އަޅުގަނޑު އެތާނ ކައިރީގައި ހުރި ހިކި ހުއިތަކެއްގެ މަތީގައި އޮށޯވެއްޖައީމެވެ. ކުޑަ އިރުކޮޅެއްގެ ފަހުން އަޅުގަނޑު ދެބައިކުޅަ އެއްބައި ހޭ ނެތިފައި އޮވެގެން ލޯ ހުޅުވައިލި އިރު، އޭނާ އަޅުގަނޑު އަތްދަނޑިމައްޗަށް ނަގައިގެން ގެންދާން މަސައްކަތް ކުރަނީއެވެ. އޭނާ އަޅުގަނޑު އެތަނުން ޖިފުޓިއަށް ގެނައި ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. ފަތިސްދަމު އަޅުގަނޑަށް ހޭ ލެވުނު އިރު، އޮވެވުނީ ތަންމައްޗެއްގައި ބާއްވައިފައެވެ. އަޅުގަނޑުގެ ޒަޚަމްތަކުގައި ހުރީ ބޭސް އަޅައި ބަނދެފައެވެ. ކޮޓަރީގެ އެއް ކަނެއްގައި އަލިފާން ރޯ ކޮށްފައި ހުއްޓެވެ. އަޅުގަނޑުގެ ގާތުގައި ހުރި އެނދެއްގައި އެއްކަލަ މުސްކުޅިޔާ ނިދައިފައި އޮތެވެ. ހޭ ލެވުނު އިރު އަޅުގަނޑު އޮތީ ވަރަށް ބޮޑަށް ފެން ބޮވައިގެންފައެވެ. އެހެންކަމުން ފެންފޮދެއް ދޭށޭ ބުނެފީމެވެ. އަޅުގަނޑުގެ އަޑު އިވުމާ އެކު އާޝާ ޖެހިގެން ހުރި ކޮޓަރީން ނުކުމެގެން އަތުވެއްޖެއެވެ. ހީ ވާ ގޮތުން އޭނާ ރޭގަނޑު ހަތަރުދަމު ހުރީ ހޭލައެވެ. އޭނާ އަޅުގަނޑަށް ފެން ބޯން ދެމުން ބުންޏެވެ. "މަނިކުފާނު ތިޔަ އޮންނެވީ ރޭއްސުރެ ބަނޑުހައިފުޅު ވެފައެވެ. އަޅުގަނޑު މަނިކުފާނަށް ބަހައްޓައިފައި ހުރި ކިރު ހުންނާނެއެވެ. މިހާރު ހޫނު ކޮށްގެން މި ގެންނަނީއެވެ."
އޭނާ ކިރު ހޫނު ކުރާން އިށީނދެއްޖެއެވެ. އަޅުގަނޑުގެ ހިތް ހީވަނީ ހިތާމަ އާއި ލަދުވެތިކަމުގެ ސަބަބުން ފިސްފިސް ވަމުންދާ ހެންނެވެ. އަޅުގަނޑުގެ އެނދު ކައިރީގައި ހުރި އެނދުގައި އޮތް މުސްކުޅި ބޭބެ ހޭލައިގެން ތަންތާނ އަތް ކާއްތައިގެން އަޅުގަނޑުގެ އެނދު ހޯދައިގެން ކައިރިޔަށް އަތުވެއްޖެއެވެ. އޭނާ އަޅުގަނޑުގެ ނިތްކުރީގައި އަތް ލައިފައި ބުންޏެވެ. "މަނިކުފާނުގެ ހުންފުޅު އަދިވެސް މަޑެއް ނުވެއެވެ. ނަމަވެސް މަނިކުފާނަށް ވަރަށް އަވަހަށް ފަސޭހަފުޅު ވެދާނެކަން އަޅުގަނޑަށް ޔަޤީނެވެ. ތިޔަހައި ޅަޢުމުރުފުޅުގައި ޒަޚަމް ފުރޭލެއް ވަރަށް އަވަސް ވާނެއެވެ."
ތިންވަނަޔަށް ވީ ދުވަހު އަޅުގަނޑުގެ ހުން ތަންކޮޅެއް މަޑު ވެއްޖެއެވެ. އަޅުގަނޑަށް ތަންކޮޅެއް ހިތްހަމަޖެހިލައިގެން އަޅުގަނޑުގެ މުޙުސިނުންނާ ވާހަކަ ދައްކައިލެވޭ ވަރު ވެއްޖެއެވެ. އަޅުގަނޑަށް އެ ސުވާލެއްގެ ޖަވާބު ދިނުން އުނދަގޫ ވާ ފަދަ އެއްވެސް ސުވާލެއް އެ މުސްކުޅިޔާ އަޅުގަނޑަކާ ނުކުރެއެވެ. ހީ ވާ ގޮތުން އާޝާ ވާނީ، އަޅުގަނޑަކީ އެބައިމީހުންގެ އެންމެ ނުބައި ދުޝްމަނުންގެ ލަޝްކަރުގެ ސިފައިންގެ މީހެއްކަން އޭނާއަށް އަންގައިފައެވެ. އޭނާ އަޅުގަނޑު ކުރެން އަޅުގަނޑު ޒަޚަމް ވީ ކޮން އިރަކު ކީއް ވެގެންތޯ ވެސް އަހައެއްނުލައެވެ. އޭނާގެ ކުރިމަތީގައި އަޅުގަނޑަކީ ހަމައެކަނި އާރެއްބާރެއް ނެތް މީހެކެވެ. ގޮތް ހުސް ވެފައި ވާ އާދަމުގެ ދަރިއެކެވެ.
އެއް ދުވަހަކު އާޝާ ކޯރުގެ އައްސޭރިޔަށް ފެން ބަލައި ދިޔުމުން، އަޅުގަނޑު މުސްކުޅިޔާއާ ސުވާލު ކުރީމެވެ.އަޅުގަނޑުގެ ހިތުގައި ވާ ނުއުފުލޭ ފަދަ ބަރު ލުއި ކުރުމުގެ ގޮތުން އަޅުގަނޑު ބުނީމެވެ. "އަޅުގަނޑަކީ ކާކުކަން ކަލާއަށް އެނގިލައްވާތޯއެވެ؟"
އޭނާ ހަމަޖެހުމާ އެކު ޖަވާބު ދިނެވެ. "އަޅުގަނޑު ދެނެހުރީމެވެ."
އަޅުގަނޑު ބުނީމެވެ. "ކަން ދިމާ ވި ގޮތުން އަޅުގަނޑަށް މި ޙާލުގައި މިތަނަށް އަންނާން ނުޖެހުނު ނަމަ، މިހައިތަނަށް ވާނީ އަޅުގަނޑުގެ ކަނޑީން މި ފަރުބަދަތަކުގެ އަހުލުވެރީން ކުރެ އެތައް ބައެއްގެ ލޭ އޮހޮރިގެން ގޮސްފައެވެ. އެކަން ވެސް އެނގިލައްވާތޯއެވެ؟"
"އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އަޅުގަނޑު މަނިކުފާނަކީ ކުށްވެރިއެއް ކަމަކަށެއް ނުބަލަމެވެ. މަނިކުފާނު އެ މުޖުތަމަޢެއްގެ އުނގުގައި ލޯފުޅު ހުޅުއްވައިލެއްވި މުޖުތަމަޢު މަނިކުފާނަށް ދަސްފުޅުކޮށް އެރުވީ ހަމައެކަނި ކަނޑީގެ ބޭނުން ކުރައްވާށެވެ. އިންސާނިއްޔަތުގެ އާދޭހުގެ އަޑު އައްސަވާކަށެއް އާދަކޮށެއްނުދެއެވެ. މަނިކުފާނަކީ އެ ފަރާތްތަކަށް އަޅުކަން ކުރާ މީހުންގެ މޭތަކުން ހިތްތައް ނެރެފައި ހިތުގެ ބަދަލުގައި ހިލަގަނޑެއް ބާއްވާ ދޭވަތާއިންގެ ސިފައިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭފުޅަކީމުއެވެ."
އަޅުގަނޑު ބުނެފީމެވެ. "ކަލާ މި ހިލަހިތުގެ ވެރިޔާ ދިރިހުންނާން އެދިލައްވަމުތޯއެވެ؟"
އޭނާ ބުންޏެވެ. "އާދޭހެވެ! ދަރިފުޅާއެވެ! މަނިކުފާނުގެ އަތްޕުޅު އާޝާއަށް ޙަމަލަ ދެއްވާން އިންކާރު ކުރި ވަގުތު، މަނިކުފާނުގެ ހިލަ ހިތްޕުޅު ފުނޑުފުނޑު ވެއްޖެއެވެ. މިހާރު މަނިކުފާނުގެ މޭފުޅުން އަޅުގަނޑަށް އިވެނީ އިންސާނީ ހިތެއްގެ ވިންދުގެ އަޑެވެ. އެހެން ނޫނަސް، މަނިކުފާނަށް ހޭހަން ކުރުމަކީ އަޅުގަނޑުމެންގެ ފަރުޟެކެވެ. އެހެނީ މަނިކުފާނު މި ވީރާނާ ވެފައި ވާ އަވަށަށް ވަޑައިގަތީ ދުޝްމަނެއްގެ ހައިސިއްޔަތަކުން ނޫނެވެ. އަދި ކީއްތޯއެވެ! ޙިމާޔަތެއް ހޯއްދަވާން ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުންނެވެ. އަޅުގަނޑުގެ ލޮލަށް ފެނިފައި، މަނިކުފާނަށް ޚިދުމަތް ކުރެވޭނެ ނަމަ ހާދަ ރަނގަޅޭ އަޅުގަނޑުގެ ހިތަށް އަރައެވެ."
އެ ވާހަކައަށް ފަހު، އަޅުގަނޑާއި އެ މުސްކުޅިޔާއާ ވަރަށް ބޮޑަށް ގުޅިއްޖެއެވެ. އޭނާގެ ވާހަކައިން އަޅުގަނޑަށް އެނގުނީ އެ އަވަށުގެ ބައެއް މީހުން ނަގަރުކޯޓުގެ ލަޝްކަރު ކުރިޔަށް އަޔަނުދިނުމަށް ޓަކައި ދެކުނު ފަރާތަސް ގޮސް ވީ ކަމެވެ. އަނެއްކާ އުތުރު ފަރާތުން ވެސް ލަޝްކަރެއް އަންނަ ޚަބަރު ލިބުމުން، ދެން ތިބި މީހުންގެ ތެރެއިން އެއް ބަޔަކު ޖަންގަލީގެ ތެރެޔަށް ފިލައިގެން ދިޔައީކަމެވެ. އެ އަވަށުގައި ދެން ތިބީ އެ ބައެއްގެ ގާތްތިމާގެ މީހުން އުތުރު ފަރާތުގެ މައިދާނަށް ގޮސްފައިވާ މީހުންކަމެވެ. ނަމަވެސް ނަގަރުކޯޓުގެ ލަޝްކަރު ކޯރުގައި ފާލަން އަޅައިގެން ކުރިޔަށް ދާން އުޅޭ ޚަބަރު ލިބުމުން، އެމީހުންކޮޅު ވެސް ހަމަ އެ ރޭ ފިލައިގެން ހިނގައްޖެކަމެވެ. ފިލައިގެން ދިޔަ މީހުންނާ އެކުގައި ދާން އެ މުސްކުޅިޔާ އާޝާއަށް ނަސޭހަތް ދިނެވެ. ނަމަވެސް އާޝާ އޭނާގެ ލޯފަން ކާފަ ދޫ ކޮށްލައިފައި ފިލައިގެން ދާން އެއްބަސް ނުވީއެވެ. އެހެންކަމުން، އެ ދެ ކާފައިން އާޝާގެ ބޭބެ އައުމުގެ އިންތިޒާރުގައި ތިބީއެވެ. އަޅުގަނޑުމެން ކޯރު ހުރަސް ކުރުމަށް ފަހު ހިނގި ހަނގުރާމައިގެ ވާހަކަ އަޅުގަނޑު އެ މުސްކުޅިޔާއަށް ކިޔައިދިނީމެވެ. އޭނާ ބުންޏެވެ. "ތިޔަ ހަނގުރާމައިގައި މި އަވަށުގެ އެއްވެސް މީހަކު ބައިވެރި ވިޔެކޭ އަޅުގަނޑަކަށް ހީއެއް ނުވެއެވެ. މި އަވަށުގައި ތިބި ހަނގުރާމަ ކުރެވޭވަރުގެ ހުރިހައި ޒުވާނުން ކުރީއްސުރެ ވަނީ ދެކުނު ފަރާތަށް ގޮހެވެ. ތިޔަ ވިދާޅުވި ފަދަ ހިތްވަރަކާ އެކު ތިޔަ ބޭފުޅުންގެ ލަޝްކަރާ ދިމާ ކުރި މީހުން ވާނީ، އުތުރު ފަރާތާއި އިރުމަތީ ފަރާތުގެ އަވަށްއަވަށުން އައި މީހުން ކަމުގައެވެ."
އަވަށުގެ މީހުން ފިލައިގެން ދިޔަ އިރު ދިޔައީ ވަރަށް ގިނަ ގެރިބަކަރި ދޫ ކޮށްފައެވެ. އެ ތަކެތި އެތަންމިތަނުން ވިނަ ކެއުމަށް ފަހު ހަވީރު ވާ އިރަށް އަވަށުގެ ކައިރިޔަށް ޖަމާ ވެއެވެ. އާޝާ ކޮންމެ ދުވަހަކު ވެސް ރޭގަނޑަށް އެ ތަކެތި ދެތިން ޖިފުޓިއަކަށް ލައި ބަންދު ކުރެއެވެ. މިނިކާ ޖަނަވާރުތަކުގެ ކިބައިން ސަލާމަތް ކުރާށެވެ. ފަތިސް ވުމުން ދޫ ކޮށްލަނީއެވެ. ނަމަވެސް ބައެއް ދުވަސްދުވަހު ދުވާލު ވެސް މިނިކާ ޖަނަވާރުތައް އެ އަވަށުގެ ބޭރުމަތީން ދެތިން ހަތަރު ގެރިބަކަރި އަތުލައިގަނެއެވެ. އެހެންކަމުން އާޝާ ފެން ބަލައި ކޯރުގެ އައްސޭރިއަށް ދިޔުމަކީ އެއްގޮތަކަށް ވެސް ރައްކައުތެރި ކަމެއް ނޫނެވެ. ނަމަވެސް ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން އަވަށުގެ ކައިރީގައި އޮންނަ ފެންގަނޑު ވަނީ ހިނދިފައެވެ. އަވަށުގެ މީހުން ގެރިބަކަރިޔަށް ފެން ދިނުމަށް ޓަކައި ފެން ފުރާ ޙައުޟުގައި ހުރި ފެން، އިންތިހާ ދަރަޖައިގެ މަޖުބޫރު ޙާލަތެއްގައި ވެސް އިންސާނަކަށް ބޯން ކެރޭ ވަރެއް ނޫނެވެ. އެހައިވެސް ބޮޑަށް ހުރީ ފައު ވެފައެވެ.
(ނުނިމޭ)
