އެންމެ ފަހުގެ ޙަމަލާ – 16

(11 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބައެއް މީހުން ފާލަން ހަލާކު ވެގެން ކޯރަށް އޮހެމުން ދިޔަ ލަކުޑިތަކުގައި ބައްދައިގެން ތިއްބެވެ. އޭރު އެ ލަކުޑިތަކުގެ އެއްކޮޅު ވަރުގަދަ ވަލަކުން ފާލަމަށް ވަނީ އައްސައިފައެވެ. ނަމަވެސް ކޯރުގެ ގަދަ އޮއިވަރު އެ ލަކުޑިތައް ވެސް ރާޅުތަކުގެ ހޮޅިދަށުލައިފިއެވެ. އަޅުގަނޑުމެން ތިބީ ދުޝްމަނުންގެ ހިލަ އާއި ދުނި ފޯރާ ފަށުގައެވެ. ނަމަވެސް ކޯރުގެ އަނެއް ފަރާތުގައި ތިބި އަޅުގަނޑުމެންގެ ލަޝްކަރުގެ ދުނިތަކުން ދުޝްމަނުން ވިއްސިވިހާލި ކޮށްލީ ކަމެއް، ނުވަތަ އެބައިމީހުންގެ ހަނގުރާމައިގެ ޤާނޫނު އަޅުގަނޑުމެންނާ ތަފާތު ވުމުގެ ސަބަބުން ކަމެއް ނޭނގެއެވެ. ކޮންމެއަކަސް، އަޅުގަނޑުމެން މަރު ވެދާނެކަން ޔަޤީން ވުމުން ދުޝްމަނުން އަޅުގަނޑުމެންނާ ޙަމަލަ ދިނުން ހުއްޓައިލައިފިއެވެ.

އަޅުގަނޑު އެނބުރޭ އޮއިގަނޑެއްގައި ހައްޔަރު ވެ، އެތަކެއް ފަހަރު އަޑިޔަށް ދިޔުމަށް ފަހު، އަޅުގަނޑުގެ ވަށައިގެން ހިނގަމުން ދިޔަ ހުރިހައި ކަމެއްގެ އިޙުސާސުން އެއްކިބާ ވެވިއްޖެއެވެ. ނަމަވެސް ޤުދުރަތުން އަޅުގަނޑާ އެހީތެރި ވެވޮޑިގެންފިއެވެ. މަރާއި ދިރިހުރުމާ ދެމެދު އެތައް އިރަކު ހަނގުރާމަ ކުރުމަށް ފަހު، އޮޔާ ދިޔަ ލަކުޑިގަނޑެއްގައި ބައްދައިގެންފީމެވެ. ނަމަވެސް އަޅުގަނޑަށް ލިބިފައި ވާ އެ އެހީއަކީ ވަގުތީ އެއްޗެއްކަން އަޅުގަނޑަށް އެނގެއެވެ. ވަރުގަދަ ބިޔަ ރާޅުތައް އަޅުގަނޑު ކޮންމެވެސް ހިލަގަނޑެއްގައި ޖަހާނެކަން ޔަޤީން ވެއްޖެއެވެ. ނަމަވެސް ކޯރުގެ އެބައި ހައްތާ ދިޔައީ ފުން ވަމުންނެވެ. އޮއިވަރު މަޑު ވަމުންނެވެ. ހަމަ އެޔާއެކު ދެ ފަރާތުގައި ހުރި ފަރުބަދަތައް ދިޔައީ އުސް ވަމުންނެވެ. އަޅުގަނޑުގެ އެކުވެރީންގެ ތެރެއިން އެއްވެސް މީހެއްގެ ޚަބަރެއް އަޅުގަނޑަކަށް އޮޅުމެއް ނުފިލައެވެ. އެ މަންޒަރުގެ ބިރުވެރިކަން ހުރި ވަރީ، އަހަރުތަކެއްގެ ފަހުން މިއަދު ވެސް އެ ޚިޔާލުތަކުން އަޅުގަނޑުގެ ލޯލިތައް ކޮޅަށް ޖެހެއެވެ. އަޅުގަނޑު ބައްދައިގެން އޮތް ލަކުޑިގަނޑު އެތައް ފަހަރަކު އަޅުގަނޑު އެއް ފަރާތުގެ އައްސޭރީިން އަނެއް ފަރާތުގެ އައްސޭރިއާ ދިމާޔަށް ގެންދެއެވެ. ނަމަވެސް އެ ތެދު ފާރުތަކެއްހެން ހުރި ފަރުބަދަތަކަށް އެރުމުގެ ޚިޔާލެއް ވެސް އަޅުގަނޑުގެ ހިތަކަށް ނުވަދެއެވެ. ބައެއް ފަހަރު ކޮންމެވެސް ހިސާބަކުން ކޯރު ފުޅާ ވެގެން ހިނގައިދާނެޔޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ނަމަވެސް އަޅުގަނޑަށް ކޮންމެވެސް އައްސޭރިއެއް އަތު ވުމަށް ވުރެ ބޮޑަށް އެކަށީގެން ވަނީ ފެންމައްޗަށް ހިކިފައި ހުރި ކޮންމެވެސް ހިލަގަނޑެއްގައި ޖެހިފައި ކުނޑިކުނޑި ވެގެން ދިޔުމެވެ. ނުވަތަ ކޯރު ކޮންމެވެސް ތިލަ ހިސާބަކުން ފެންގަނޑު ތިރިޔަށް ފައިބާ ތަނަކަށް ބަދަލު ވެ، އެ ކޯރަކީ އަޅުގަނޑުގެ އެންމެ ފަހު މަންޒިލު ކަމުގައި ވުމެވެ. އަޅުގަނޑަށް އާދެވިގެން އުޅެނީ ކިހައި ދުރުމިނަކަށްކަން ލަފާ ކުރާން ވެސް އުނދަގުލެވެ. ކޯރުގެ ފެންގަނޑު ފިނިކަމުން ހީވަނީ ގަނޑުފެންގަނޑެއް ހެންނެވެ. ޒަޚަމުތަކުގައި އަޅާ ވޭނުން އަޅުގަނޑުގެ ޙާލެއް ނެތިއްޖެއެވެ. ދެން މާ ގިނަ އިރު ވާންދެން ކޯރުގައި އޮންނާން ޖެހިއްޖެ ކަމުގައި ވާ ނަމަ، އިތުރު ހާދިސާއެއް ކުރިމަތި ނުވި ކަމުގައި ވިޔަސް އަޅުގަނޑު ނިމިހިނގައިދާނެކަން އަޅުގަނޑަށް ޔަޤީން ވާން ފަށައިފިއެވެ. އެ ވަގުތު އެއް ހިސާބަކުން ކޯރު ތަންކޮޅެއް ފުޅާ ހެން ހީ ވާން ފަށައިފިއެވެ. އިރުކޮޅެއްގެ ފަހުން މަތީން ތިރިޔަށް އޮހެމުންދާ ފެންގަނޑުގެ އަޑު އިވޭން ފަށައިފިއެވެ. ހަމަ އެޔާއެކު އަޅުގަނޑަށް ފެނުނީ ދިމާ ކުރިމަތީގައި ހުރި ބޮޑު ފަރުބަދައެކެވެ. އެ ފަރުބަދަ ފެންގަނޑު ދެމެމުން އައި މިޞްރާބު ކުއްލިޔަކަށް ބަދަލު ކޮށްލައިފިއެވެ. އިރުކޮޅެއްގެ ފަހުން އަޅުގަނޑަށް ވަށްބުރެއްހެން އޮތް ފެންގަނޑެއްގެ ތެރެޔަށް ވަނދެވިއްޖެއެވެ. އެތަނާ މެދު ރަނގަޅު ވާނީ ބޮޑު ވެވެކޭ ނުވަތަ ވަޅެކޭ ދެންނެވިއްޔާއެވެ. ކޯރުގެ ފެންގަނޑު ބިރުވެރި އެނބުރޭ އޮއިވަރެއްގެ ސިފައިގައި މި ދެންނެވި ވެޔޮތެރޭގައި އެނބުރިލައިފައި ކުއްލިޔަކަށް ގޮސް އޮހިގެން ދަނީ ކަނާތް ފަރާތުގައި ހުރި ބޮޑު ހޮހަޅައެއް ކަހަލަ ތަނަކަށެވެ. އެތާނގެ ފުންކަން ފެން އޮހޭ އަޑުން ވެސް ލަފާ ކުރާކަށް އުނދަގުލެއް ނޫނެވެ. އެނބުރޭ އޮއިގަނޑުގައި އަޅުގަނޑު ހައްޔަރު ވެ އުސް ފަރުބަދަތަކުގެ ކައިރީން އެނބުރެމުން ހޮހަޅަޔާ ކައިރި ވަމުންދާން ފަށައިފިއެވެ. ނަމަވެސް އަޅުގަނޑަށް އެއް ފަރާތަކުން ފަރުބަދަޔަށް ވުރެ ބޭރަށް ނުކުމެފައި ހުރި ބޮޑު ހިލައެއް ފެނިއްޖެއެވެ. އެ ހިލަ އޮތީ ކައިވަތެއްހައި ހިސާބަށް ފެނުން ހިކިފައެވެ. ވެވެއްގެ ދޫނިފަތް ހެންނެވެ. އެ ފައްތަރުގެ މައްޗަށް ކުދިކުދި ހަރުފަތްތަކެއް ހަދައިފައި ހުއްޓެވެ. އެ ދިމާއިން ފަރުބަދައިގެ ތެރެއިން ކެނޑުމެއް ވެސް ފެންނާން ފަށައިފިއެވެ.

+ + + +

ޤުދުރަތު އަޅުގަނޑު މަރުގެ އަނގައިން ސަލާމަތް ކުރެއްވުމަށް މިންވަރު ކުރެއްވީއެވެ. އެނބުރޭ އޮއިވަރު ލަކުޑިގަނޑު ކޮއްޕައިފައި އެއްކަލަ ހިލަޔާ ކައިރިޔަށް ގެންގޮސްފިއެވެ. ދިރިހުރުމުގެ އުއްމީދު، އަޅުގަނޑުގެ ވަރުބަލި ވެފައި ވާ ހަށިގަނޑުގައި އައު ބާރެއް އުފައްދައިފިއެވެ. އަޅުގަނޑު ލަކުޑިގަނޑު ދޫ ކޮށްލައިފައި އެ ހިލަމައްޗަށް އަރައިފީމެވެ.

عبدالواحد އެހައިތަނަށް ވާހަކަފުޅު ގެންދަވައިފައި އިރުކޮޅަކު ހުއްޓައިލައްވައިގެން އިންނެވުމަށް ފަހު ރަންބީރާ ދިމާޔަށް ބައްލަވައިލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑަށް އަނެއްކާ ވެސް ތަފްޞީލުގެ ތެރެޔަށް ދެވެނީއެވެ. – އަނެއްކާ މަނިކުފާނު ފޫހިފުޅެއް ނުވޭތޯއެވެ؟"

ރަންބީރު ސިހިވަޑައިގެން ދިޔުމާ އެކު ވިދާޅުވިއެވެ. "ނޫނެކެވެ! ނޫނެކެވެ! މި ކަހަލަ ވާހަކައެއް އަޅުގަނޑު ރޭގަނޑު ހަތަރު ދަމު ހޭލައި އިނދެގެން ވެސް އަޑު އަހައިފާނަމެވެ. އަޅުގަނޑަށް ހީ ވީ ޚުދު އަޅުގަނޑަށް މަރުގެ އަނގައިން ސަލާމަތް ވެގެން ނުކުމެވުނުހެންނެވެ."

عبدالواحد އަނެއްކާވެސް އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވާން ފައްޓަވައިފިއެވެ.

"އަޅުގަނޑު އިރުކޮޅެއް ވާންދެން އެ ހިލަމަތީގައި އިށީނދެ އަޅުގަނޑުގެ ވަށައިގެން ފެންނަ މަންޒަރުތަކާ މެދު ވިސްނީމެވެ. ފެން ފުރާން ގެންގުޅޭ ބަނޑިޔާ ކަހަލަ އެއްޗަކުން ޖެހިގެން އެ ހިލައިގައި ހެދިފައި ހުރި ވަޅުކޮޅުކޮޅާއި މައްޗަށް އަރާން ހުރި ހަރުފަތްތައް، އެތަނަށް އިންސާނުންގެ ބަޔަކު އައިސްގޮސް އުޅޭކަން ސާބިތު ކޮށްދެއެވެ.

އެ މަގުން ބޭރަށް ނުކުމެވުމާ އެކު ކޮންމެވެސް އަވަށަކާ ކައިރިޔަށް ދެވޭނެކަން އަޅުގަނޑަށް ޔަޤީނެވެ. ނަމަވެސް އެ ހިސާބުގަނޑުގެ އަވަށެއްގެ ޚިޔާލަކީ ވެސް އަޅުގަނޑަށް ކުޑަ ނުރައްކަލެއް ނޫނެވެ. މަތި ބަލައިލުމުން، ޖައްވުގެ ކުލައިން، ހަވީރު ވާން އުޅޭކަން އެނގެއެވެ. އަޅުގަނޑު ހުރީ ފިނީގެ ސަބަބުން އައްސި ވެފައެވެ. ޒަޚަމުގެ ސަބަބުން ލޮޑު ވެފައެވެ. އެހެންކަމުން އަޅުގަނޑުގެ ގައިގައި ދެތިން ފިޔަވަޅެއް ވެސް ކުރިޔަށް އެޅޭހައި ވަރެއް ނެތެވެ. ނަމަވެސް އިރު އޮއްސުމުގެ ކުރީން ކޮންމެވެސް ހިޔާވައްސެއް ނުހޯދިއްޖެ ކަމުގައި ވާ ނަމަ، އަޅުގަނޑު ރޭގަނޑު ހަތަރުދަމު ފިނީގައި އެތާނގައި އިންނާން ޖެހުމުގެ ސަބަބުން މަރު ވެދާނެކަން އަޅުގަނޑަށް އެނގެއެވެ. އެންމެފަހުން އަޅުގަނޑު އަރި އަޅަމުން ތެދު ވެއްޖައިމެވެ. ހަރުފަތްތަކުން މައްޗަށް އަރާން ފަށައިފީމެވެ. އަޅުގަނޑުގެ ކަށިމައްޗާއި އަތާއި ކަނދުރާގައި ހުރި ޒަޚަމުގައި އަޅަމުންދިޔަ ކެތް ކުރާން ދަތި ވޭނުގެ ސަބަބުން އަޅުގަނޑުގެ މޫނުމައްޗަށް އަނދިރި ވާން ފަށައިފިއެވެ. ނަމަވެސް އަޅުގަނޑު ހިތްވަރު އެލުވައެއްނުލަމެވެ. ރައްކާތެރިކަމާ އެކު ފިޔަވަޅު އަޅަމުން ހަރުފަތްތަކުން އަރަމުން ދިޔައީއެވެ. އަޅުގަނޑު ވިއްސަކަށް ފިޔަވަޅު އެޅިތަނާ އަޅުގަނޑަށް ދުރުން އަޑެއް އިވިއްޖެއެވެ. އަޅުގަނޑު އިރުކޮޅަކު ހިއްސެއް ހަރަކާތެއް ނެތި ހުރީމެވެ. ކޮންމެވެސް މީހެއް މަޑުމަޑުން ލަވަ ކިޔަމުން މި ދިމާޔަށް އަންނަ އަޑުކަން އަޅުގަނޑަށް އެނގިއްޖެއެވެ. އަޅުގަނޑު އަވަހަށް ޚަންޖަރު ނަގައިފީމެވެ. އޭރުވެސް އަޅުގަނޑުގެ އުނަގަނޑުގައި ޚަންޖަރު އޮތެވެ. އަޅުގަނޑު ކުއްލިޔަކަށް ހިތަށް އެރިއެވެ. އެ އަންނަ މީހަކަށް ހަރުފަތްތަކުގެ މަތީގައި އަޅުގަނޑު ހުއްޓައި ފެނިއްޖެ ކަމުގައި ވާ ނަމަ، ހަޅޭއްލަވާން ފަށައިފާނެއެވެ. ހަމަ ވަގުތުން އެތައް އެހީތެރީންނެއް ޖަމާ ވެދާނެއެވެ. އެހެންކަމުން، އަޅުގަނޑު އަލުން ތިރިޔަށް ފައިބައިފި ނަމަ، އެ މީހަކު ނުދެނެހުއްޓައި ވަރަށް ފަސޭހައިން އެ އަންނަ މީހަކަށް ޙަމަލަ ދެވިދާނެއެވެ. އަޅުގަނޑު ވަރަށް އުނދަގުލުން ދެވަނަ ފަހަރު ތިރިޔަށް ފައިބައިފީމެވެ. އެ ހަނި މަގުގެ އެއް ފަރާތުގައި ލެނގިލައިގެން ހުއްޓިއްޖައީމެވެ. އަޅުގަނޑުގެ ޒަޚަމުގެ ތަދު އިރުކޮޅަކަށް ވުރެ އިރުކޮޅެއް ދިޔައީ ބޮޑު ވަމުންނެވެ.

ލަވަ ކިޔާ މީހާގެ އަޑު ކައިރި ވަމުން އާދެއެވެ. އެއީ ފިރިހެނެއް ނޫންކަމާއި ކޮންމެވެސް އަންހެނެއްކަން އެނގިއްޖެއެވެ. ނަމަވެސް އެ ވަގުތު ކުޑަ ކުއްޖަކު ވެސް އަޅުގަނޑަށް ނުރައްކަލަކަށް ވެދާނެއެވެ. މާ ގިނަ އިރެއް ނުވެއެވެ. ބަނޑިޔަލެއް ހިފައިގެން ހުރި އަންހެން ކުއްޖަކު ފެނިއްޖެއެވެ. އޭނާ އަޅުގަނޑާ ދިމާޔަށް ބަލައިވެސްނުލައި ގޮސް ދޫނިފަތްމަތީގައި ހުރެ ގުދު ވެފައި ފެން ފުރާން ފަށައިފިއެވެ. އޭނާ ބަނޑިޔާ ހިފައިގެން އެނބުރި އަންނަ ވަގުތު އޭނާއަށް އަޅުގަނޑު ފެންނާނެކަން ޔަޤީނެވެ. އަޅުގަނޑަށް ވަރަށް ފަސޭހައިން އޭނާ ކޮއްޕައި އެނބުރޭ އޮއިގަނޑުގެ ތެރެޔަށް ވައްޓައިލެވިދާނެއެވެ. ނަމަވެސް ހިންދީ މުޖުތަމަޢުގެ ދޭވަތާއިންނަށް އަޅުކަން ކުރާ މީހަކަށް ވެހުރުމާ އެކު ވެސް، އަޅުގަނޑަކަށް އެކަން ކުރާނެ ހިތްވަރެއް ނުލިބުނެވެ. އަޅުގަނޑު ދޫނިފަތްމަތީން ފައިބައި ހަރުފަތްތަކުގެ މައްޗަށް އަރައިފީމެވެ. އަންހެން ކުއްޖާ ބަނޑިޔާ ފެންގަނޑުގެ ތެރެއިން ނަގައި ދޫނިފަތްމަތީގައި ބަހައްޓައިފައި ތެދު ވެ ހިން ދެމިލައިފިއެވެ. އެ ވަގުތު ކުއްލިޔަކަށް އޭނާއަށް އަޅުގަނޑު ފެނިއްޖެއެވެ. އޭނާއަށް މަޑުމަޑުން ހަޅޭއްލަވައިގަނެވުނެވެ. އޭނާ ބިރު ގެންފައި ވާ ގޮތަކަށް އަޅުގަނޑާ ދިމާޔަށް ބަލާން ފަށައިފިއެވެ. އެއީ ވަރަށް ރީތި ޒުވާން އަންހެން ކުއްޖެކެވެ.

އަޅުގަނޑު ޚަންޖަރު ތިރި ކޮށްފައި ބުނެފީމެވެ. "ބިރު ނުގަންނާށެވެ! އަހަރެން ކަލެޔަކަށް އެއްވެސް ކަމެއް ނުކުރާނަމެވެ. ނަމަވެސް ކަލޭ ހަޅޭއްލަވާން އުޅެފި ކަމުގައި ވާ ނަމަ، އަހަންނަށް ކަލެޔާ ދިމާޔަށް އަތް އުފުލައިލާން މަޖުބޫރު ވެދާނެއެވެ."

އަންހެން ކުއްޖާ ސިހިފައި ވާ އަޑަކުން ބުންޏެވެ. "ކަލޭ ... ކަލެޔަކީ ކާކުހެއްޔެވެ؟"

އަޅުގަނޑު ބުނީމެވެ. "ކަލޭ އިތުރު ވާހަކަ ނުދައްކައި އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ. ކަލޭގެ ފަހަތުން އެހެން މީހަކު ވެސް މި ދިމާޔަށް އެބަ އާދޭހެއްޔެވެ؟"

އޭނާ ބުންޏެވެ. "ނޫނެކެވެ! ނަމަވެސް ކަލޭ އަހަންނާ ދިމާ ކޮށްލައިފި ކަމުގައި ވާ ނަމަ އަހަރެން ކޯރަށް ފުންމައިލާނަމެވެ."

އޭރު އަޅުގަނޑު ގައިގައި ކޮޅަށް ހުރެވޭހައި ވެސް ވަރެއް ނެތެވެ. އަޅުގަނޑު ދޫނިފަތަށް ވުރެ އެއް ހަރުފަތްމަތީގައި އިށީންނަމުން އަންހެން ކުއްޖާ ގާތުން އަހައިފީމެވެ. "ކަލޭމެންގެ އަވަށް މިތަނާ ވަރަށް ދުރުހެއްޔެވެ؟"

އޭނާ ޖަވާބު ދިނެވެ. "ނޫނެކެވެ. ވަރަށް ކައިރިއެވެ."

އަޅުގަނޑު ބުނެފީމެވެ. "ތިޔަހެން ވިއްޔާ އިރު އޮއްސުމުގެ ކުރީން ވަރަށް ގިނަ މީހުން މިތަނަށް ފެން ބަލައި އަންނާނެތާއެވެ!"

"ނޫނެކެވެ! އަވަށް ވަނީ ހުސް ވެފައެވެ. އަވަށުގެ އެންމެން ވަނީ ފިލައިގެން ޖަންގަލިތަކުގެ ތެރެޔަށް ގޮހެވެ."

އަޅުގަނޑު ބުނެފީމެވެ. "ކަލެޔަށް ފުރާނަ ސަލާމަތް ކުރެވޭނީ ތެދުބަހުން ވާހަކަ ދައްކައިގެންނެވެ. އަހަރެންގެ ވަޢުދަކީ ރާޖުޕޫތެއްގެ ވަޢުދެވެ."

އޭނާ ޖަވާބު ދިނެވެ. "އަހަރެން މި ބުނަނީ ހަމަ ތެދެވެ."

އަޅުގަނޑު ބުނެފީމެވެ. "އަވަށުގެ މީހުން ތިޔަ ޢުމުރުގެ އަންހެން ކުއްޖަކު އެކަނި ދޫ ކޮށްލައިފައި ހިނގައިދާނެކަމަށް އަހަންނަށް ޤަބޫލު ކުރެވޭނީ ކިހިނަކުންހެއްޔެވެ؟"

އަންހެން ކުއްޖާ ބުންޏެވެ. "އަހަރެން ހުންނަނީ އަހަރެންގެ ކާފަ ގާތުގައެވެ. ކާފައަކީ ލޯފަން މީހެކެވެ. އަހަންނަށް ކާފަ ދޫ ކޮށްލައިފައި ދާން ނުކެރުނީއެވެ. އަހަރެންގެ ބޭބެ އަދިވެސް އެނބުރިއެއް ނާދެއެވެ. އޭނާ އައި ނަމަ އަހަރެމެންނަށް ވެސް ކާފަ ގޮވައިގެން ކޮންމެވެސް ދިމާޔަކަށް ދެވިއްޖައީހެވެ."

އަންހެން ކުއްޖާގެ ލަފުޒުތަކަށް ވުރެ ބޮޑަށް އަޅުގަނޑުގެ ޖަވާބު ހުސް ކުރީ އޭނާގެ ކަރުނައެވެ. ނަމަވެސް އޭނާގެ ވާހަކައަކުން އަޅުގަނޑަކަށް ފުރިހަމަ ޔަޤީންކަމެއް ނުލިބުނެވެ. އެހެންކަމުން އަޅުގަނޑު ބުނެފީމެވެ. "ކަލޭ އިރު އޮއްސޭންދެން މިތާނގައި ހުންނާން ޖެހޭނެއެވެ. އެއްވެސް މީހަކު މި ދިމާޔަށް އަތުވެއްޖެ ކަމުގައި ވާ ނަމަ އަހަރެން ކަލޭ ކޯރަށް އެއްލައިލާނަމެވެ. ކަލޭގެ ވާހަކަ ތެދުކަން ސާބިތު ވެއްޖެ ކަމުގައި ވާ ނަމަ، އަހަރެން ކަލެޔާ އެކު ތަންކޮޅަކަށް ގޮސްލާނަމެވެ."

އަޅުގަނޑު އެހެން ބުނުމުން، އަންހެން ކުއްޖާ ގެންފައި ހުރި ބިރު ފޫއްސާއި ނަފުރަތަށް ބަދަލު ވެއްޖެއެވެ. އޭނާ ނުގަބޫލު ވެފައި ބުންޏެވެ. "ނޫނެކެވެ! ކަލެޔަށް އަހަރެން ޤަތުލު ކުރެވިދާނެއެވެ. ނަމަވެސް އަހަރެން ކަލޭ އަހަރެންގެ ކާފަ ކައިރިޔަކަށް ނުގެންދާނަމެވެ. އަހަރެން ކާފަ ފޮރުވައިފައި މި އައީ ކަލެޔަށް އެ ތަނަކުން ކާފަ ނުހޯދޭނެ ތަނެއްގައެވެ."

އަޅުގަނޑުގެ ހިތަށް އަރައިފިއެވެ. ބޯ ހިޔާ ކޮށްލާނެ ތަންކޮޅެއް ނުހޯދައި ހުއްޓައި މާ ގިނަ އިރެއް ނުވެ އިރު އޮއްސިދާނެއެވެ. އަޅުގަނޑުގެ ދިރިއުޅުން އެތާނގައި ނިމިގެންހިނގައިދާނެއެވެ. އިރު އޮއްސި އަނދިރި ވާ ފަހުން އަޅުގަނޑަށް ބޭރަށް ނުކުމެވުނު ކަމުގައި ވިޔަސް، އެތަންމިތަން ހޯދުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ. އަޅުގަނޑަށް ކޮންމެވެސް މަގެއް ފެނުނު ކަމުގައި ވިޔަސް، ހިނގައިފައި ދިޔުމަކީ ވެސް އަޅުގަނޑަށް ކުޅަދާނަ ވާނެ ކަމެއް ނޫނެވެ. އަޅުގަނޑުގެ އެންމެ ފަހު އުއްމީދަކީ މި އަންހެން ކުއްޖާއެވެ. މީނާގެ އެހީއާ ނުލައި އަޅުގަނޑަށް މާދަމާގެ އިރު ފެނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އާރެއްބާރެއް ނެތްކަމުގެ އިޙުސާސް އަޅުގަނޑުގެ ނަސަބުގެ ކިބުރުވެރިކަމުގެ ކިއްލާ ފުނޑުފުނޑު ކޮށްލައިފިއެވެ. އަންހެން ކުއްޖާގެ ނަޒަރުން ދޭހަ ކޮށްދެނީ އޭނާއަށް އަޅުގަނޑަށް ލިބެމުންދާ އުނދަގޫތަކާއި ވޭން އިޙުސާސް ކުރެވިއްޖެކަމެވެ. އޭނާ ބުނެފިއެވެ. "މަނިކުފާނަކީ ނަގަރުކޯޓުގެ ސިފައިންގެ ބޭފުޅެއްކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހުން އޯގާވެރިކަމަށް އެދި ސަލާމެއް ނުޖަހާނަމެވެ. މަނިކުފާނުގެ އަތްޕުޅުގައި ނިކަމެތި އާރެއްބާރެއް ނެތް އިންސާނުންގެ ލޭ އުނގުޅިފައި ވާތަން ދެކެވޮޑިގަތުމަކީ ތިޔަ ބޭފުޅުންގެ ދޭވަތާ ލޯބި ވެވޮޑިގެންވާނެ ކަމެކެވެ. މަނިކުފާނު އަޅުގަނޑުގެ ފުރާނަ ހިއްޕަވާން ގަސްތު ކުރައްވައިފައި ވާނަމަ، އަވަސް ކުރައްވާށެވެ! މަނިކުފާނުގެ އަތްޕުޅުގައި ތިޔަ އޮތީ ޚަންޖަރެކެވެ. އަޅުގަނޑު ދެ ލޯ މި މަރައިލަނީއެވެ. އެކަމަކު، މަނިކުފާނު ލެޔަށް ފެން ބޮވައިގެންފައި ވާ ދޭވަތާއިންތަކަށް އަޅުކަން ކުރެއްވުމާ އެކު ވެސް، އިންސާނިއްޔަތު މަނިކުފާނަށް އަންހެނަކާ ދިމާޔަށް އަތް އުފުލައިލެއްވުން މަނާ ކުރާ ކަމުގައި ވާ ނަމަ، އަޅުގަނޑު ދިޔަދެއްވާށެވެ! މި ހިސާބުގަނޑަކީ މިނިކާވަގުން ހުސް ވެފައި ވާ ހިސާބުގަނޑެއް ނޫނެވެ. އިރު އޮއްސުމާ އެކު އެތައް ސިންގާއަކާއި އެތައް މިނިކާވަގެއް އަވަށަށް ދާން އޮންނަ މަގުގައި ފޯރި މަރާން ފަށައިފާނެއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.