
(26 ޖުލައި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
سلطان محمود މުލްތާނުން އެނބުރިވަޑައިގަތުމަށް ފަހު ޚުރާސާނުގައި އޭނާގެ މަސައްކަތްޕުޅު ހުރި ގޮތުން، އާނަންދުޕާލަށް އޭނާގެ ޢަސްކަރީ ބާރު އަލުން އިންތިޒާމު ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އޭނާ މުސްލިމުންގެ ޙަމަލަ އަކީ ޖުމުލަކޮށް މުޅި އިންޑިއާއަށް ކުރިމަތި ވާ ނުރައްކަލެއްކަން ވިސްނައިދެއްވައި، އަވަށްޓެރި ރަސްރަސްކަލުންގެ އަރިހުން އެހީއަށް އެދިވަޑައިގެންނެވިއެވެ. އެ ފަހަރު އުތުރު އިންޑިއާގެ ވެރީން މުސްލިމުންނާ ދެކޮޅަށް ގުޅިފައި ވާ ބާރެއް އުފައްދަވާން ކުރިޔަށް ވުރެ މާ ބޮޑަށް ޙަރަކާތްތެރި ވެވަޑައިގެންނެވިއެވެ. އެހެންކަމުން، އާނަންދުޕާލްގެ ދަރިކަލުން ބުރަހުމަންޕާލްގެ ވެރިކަމުގެ ދަށުގައި ވަރަށް ބޮޑު ލަޝްކަރެއް ޕިޝާވަރާ ދިމާޔަށް ދަތުރު ކުރާން ތައްޔާރު ވިއެވެ.
سلطان محمود އަށް އެ ޚަބަރު ލިބިވަޑައިގަތުމާ އެކު، ހިޖުރައިން 399 ވަނަ އަހަރު ޣަޒްނީން ފުރައިވަޑައިގެން ދޭހިންދުގެ ސަރަޙައްދުގެ ކައިރިއަށް ވަޑައިގެންފިއެވެ. ވަރުގަދަ ހަނގުރާމަޔަކަށް ފަހު ހިންދީ ލަޝްކަރު މައިދާން ދޫ ކޮށްލައިފައި ފިލައިގެން ހިނގައްޖެއެވެ. سلطان محمود ކަންގިޅާއާ ހަމަޔަށް އާނަންދުޕާލްގެ އެކުވެރީން ފައްސަވަމުން ވަޑައިގެންނެވިއެވެ. އޭނާ ކަންގިޅާގެ ކައިރީގައި ވާ ނިގަރުކޯޓުގެ ކިއްލާ ޙިޞާރު ކުރެއްވިއެވެ. ތިން ދުވަސް ވާންދެން ވަރުގަދަޔަށް ދިފާޢު ކުރުމަށް ފަހު، ކިއްލާގެ އަހުލުވެރީންގެ ހިތްވަރު އެލިއްޖެއެވެ. މުސްލިމުން ކިއްލާ ހިފައިފިއެވެ. އެ ކިއްލާގެ ތެރޭގައި ހުންނަ މަޝްހޫރު ފައްޅި އަކީ އެތާނގެ އަޅުވެރީން ހިންދީންގެ ޢާއްމުންގެ އިތުރަށް އުތުރު އިންޑިއާގެ ރަސްރަސްކަލުންގެ އަތްޕުޅުން ޖިޒީ އަތުލާ ފައްޅިއެކެވެ. ފައްޅީގެ ދޮރު ހުޅުވައިލި އިރު އެތާނގައި ރަންރިހީގެ ފުނިފުނި ހުއްޓެވެ. ބުރަހުމަނުންގެ އެ މަޖާ ކުރާ ހާއްޔަކީ ޢަދަދު ނުކުރެވޭހައި ގިނަ އިންސާނުންގެ ޤަރުނުތަކެއްގެ މަސައްކަތުގެ މޭވާއެވެ. އެއީ ހިންދީ މުޖުތަމަޢުގެ ދޭވަތާއިންގެ ބަރު އުފުލުމަށް ޓަކައި އުފެދިފައި ތިބި މީހުންގެ މަސައްކަތުން ހޯދި އާމްދަނީއެވެ. އެ ފައްޅީން ހަތް ކުރޯޑު ދިރުހަމުގެ ފައިސާ އާއި، ގާތްގަނޑަކަށް ދުއިސައްތަ ފަންސާސް ޓަނުގެ ރަންރިހި ފެނުނެވެ. ނިގަރުކޯޓުގެ ފައްޅީގެ މުއްސަނދިކަން އެ ފައްޅީން ފެނުނު ފަނަރަ ހަންދަރުގެ އަގުހުރި ޖަވާހިރުން އެކަނި ވެސް އެނގެއެވެ.
سلطان محمود އެނބުރިވަޑައިގަތުމުން އާނަންދުޕާލް ނަންދުނާ އަކީ އޭނާގެ ވެރިރަށަކަށް ހައްދަވައިފިއެވެ. އެ ހިސާބުގަނޑުގައި އޭނާގެ ނުފޫޒު ފަތުރުއްވަވައިފިއެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އޭނާ އަވަހާރަ ވެ، އޭނާގެ ބަދަލުގައި ތަރުލޯޗަންޕާލް ތަޚުތަށް އިސްވެވަޑައިގެންފިއެވެ. سلطان محمود އެ ޢާއިލާގެ ވެރިކަމުގެ ދެން އޮތް ބައި ވެސް ނައްތައިލެއްވުމަށް ޓަކައި ނަންދުނާއަށް ޙަމަލަ ދެއްވައިފިއެވެ. ތަރުލޯޗަންޕާލަށް سلطان محمود ވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގަތުމުން، ކިއްލާ ޙިމާޔަތް ކުރެއްވުމަށް ޓަކައި އޭނާގެ ދަރިކަލުން ބަހީމްޕާލް ބަހައްޓަވައިފައި ވަޑައިގަތީ ކަޝްމީރުގެ ރަސްގެފާނުގެ އެހީ ހޯއްދަވާން ކަޝްމީރަށެވެ.
ބަހީމްޕާލް ދެ ފަރުބަދައެއްގެ ދެމެދުން ނަންދުނާއަށް ދެވޭން އަންނަ މަގު ބަންދު ކުރައްވާން ނީލަގެރި އެތުގެ ސަފުތައް އަތުރުއްވައިލެއްވިއެވެ. މެދުކެނޑުމެއް ނެތި އެތައް ދުވަހަކު ދިން ޙަމަލަތަކުން ވެސް އިސްލާމީ ލަޝްކަރަށް ކިއްލާއާ ހަމަޔަށް ދިޔުމުގައި ކާމިޔާބެއް ނުހޯދުނެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ކަޝްމީރާއި ދެކުނު އިންޑިއާގެ އެތައް ރަސްރަސްކަލުންނެއްގެ އެހީފުޅު ބަހީމްޕާލަށް މެދުކެނޑުމެއް ނެތި ލިބިވަޑައިގަންނަވަމުން ދިޔައެވެ. އެހެންކަމުން ބަހީމްޕާލް އޭނާ ފިލައިވަޑައިގެން ހުންނެވި ތަނުން ނުކުމެވަޑައިގެން، ހާމަ މައިދާނެއްގައި މުސްލިމުންނާ ޙަމަލަށް ދެއްވިއެވެ. އޭނާގެ ލަޝްކަރުގެ ކުރީގައި ވަނީ ނީލަގެރި އެތުގެ ސަފުތަކެވެ. އިސްލާމީ ލަޝްކަރުގެ ކުރީ ސަފުގައި ވަނީ ތުރުކުމާނުންގެ އަސްވާރުންނެވެ. އެބައިމީހުންގެ ދުނީގެ ވާރޭ އެތްތަކުގެ މޫނު އަނބުރައިލިއެވެ. ހަމަ އެއާއެކު މުސްލިމުންގެ ލަޝްކަރުގެ ކަނާތް ފަރާތުގެ އަރިމައްޗާއި ވާތް ފަރާތުގެ އަރިމަތީގައި ތިބި ސަވާރުން ހިންދީންގެ ސަފުތައް މުގުރަމުން އެ ލަޝްކަރުގެ ފަހަތަށް ހިނގައްޖެއެވެ. މަރު ވެފައި ތިބި ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ހިންދީންގެ ހަށިތައް މައިދާނަށް ދޫ ކޮށްލައްވައިފައި ބަހީމްޕާލް ފިލައިވަޑައިގެންފިއެވެ. سلطان محمود ނަންދުނާގެ ކިއްލާ ޙިޞާރު ކުރައްވައިފިއެވެ. ހަނގުރާމައިގެ މައިދާނުގައި ބަހީމްޕާލް ބަލި ވެވަޑައިގަތުމުގެ ސަބަބުން ކިއްލާ ޙިމާޔަތް ކުރާން ތިބި ސިފައިންގެ ހިތްވަރު އޭރު ވަނީ އެލިފައެވެ. އެހެންކަމުން އެބައިމީހުން އެއްވެސް ޝަރުޠެއް ނެތި ހަތިޔާރު ބަހައްޓައިފިއެވެ.
ނަންދުނާ ފަތަޙަ ވުމަށް ފަހު، سلطان محمود އެނބުރިވަޑައިގަތީ ތަރުލޯޗަންޕާލާ ދިމާޔަށެވެ. އޭނާއާ އެހީ ވުމަށް ޓަކައި ކަޝްމީރުގެ އިތުރު ސިފައިން ޖަހުލަމުގެ އުތުރު ވާދީއަށް ޖަމާ ވާން ފެށިއެވެ. މުސްލިމުންގެ ބުރު ޖަހަމުން ދިޔަ ޖަމާޢަތެއް ބަލި ކޮށްލެވުމުން، ކަޝްމީރުގެ ލަޝްކަރުގެ ކޮމާންޑަރުގެ ހިތްޕުޅަށް ވަނީ އޭނާގެ ބާރާ މެދު ކުށް ހީފުޅުތަކެއް ވެރި ވެފައެވެ. ނަމަވެސް ދެ ލަޝްކަރު ބައްދަލު ވެ ދިން ފުރަތަމަ ޙަމަލައިގައި އޭނާގެ ހިތްޕުޅަށް ބިރުވެރިކަން ވަދެއްޖެއެވެ. އޭނާ އޭނާގެ ލަޝްކަރު އަލުން އިންތިޒާމު ކުރައްވައި މުސްލިމުންގެ ކުރިމަތީގައި ފައިތިލަ ސާބިތު ކުރެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އޭނާއަށް އޭނާގެ ނާކާމިޔާބީ ފަތަޙައަކަށް ބަދަލެއް ނުކުރެއްވުނެވެ.
މި ދެންނެވި ނާކާމިޔާބަށް ފަހު ތަރުލޯޗަންޕާލްގެ އެންމެ ފަހުގެ މަރުކަޒެއް ކަމުގައި ހިމެނުނީ، އިރުމަތީ ޕަންޖާބުގެ ޝަވާލިކް ފަރުބަދަތަކެވެ. އެހައިތަނުން، ދޭހިންދުގެ ރަސްކަން ޢަމަލީ ގޮތުން ނިމުނީއެވެ.
ނަންދުނާގެ ޤައިދީ
ހަނގުރާމައިގައި ހައްޔަރު ވެވަޑައިގެން ހުންނެވި ޤައިދީއެއްގެ ހައިސިއްޔަތުން ނަންދުނާގެ ކިއްލާގައި ރަންބީރުގެ ދިރިއުޅުއްވުން ހިމެނިފައި ވަނީ އެއްވެސް ކަހަލަ ހިތްޕުޅު ހަމަޖެހިވަޑައިގަތުމެއް ޝައުގުވެރިކަމެއް ނެތި ފަށްފަށް ވަމުންދާ ރޭދުވާލުގެ ސިލްސިލާއެއް ކަމުގައެވެ. ހައްޔަރު ވެވަޑައިގެންނެވިތާ ކުރީކޮޅު އޭނާ އުޅުއްވީ ކެތް ކުރައްވާން އުނދަގޫފުޅު ވާފަދަ ހިތާމަވެރި ޙާލުކޮޅެއްގައެވެ. މޮޅިވެރިކަމުގެ ނިހާޔަތުގައެވެ. އޭނާ އަބަދުވެސް ވިސްނައިވަޑައިގަންނަވަނީ ފިލައިވަޑައިގެންނެވޭނޭ ގޮތަކާ މެދުގައެވެ. ބައެއް ފަހަރު އޭނާއަށް ޚިޔާލީ ދުނިޔޭގައި ހިންދީ ރާޖާއިންގެ ހިމަނައި ޢަދަދު ނުކުރެވޭހައި ޢަދަދު ގިނަ ލަޝްކަރުތައް ކިއްލާއަށް ޙަމަލަ ދޭތަން ފެނިވަޑައިގަންނަވައެވެ. ބައެއް ފަހަރު ހުވަފެންފުޅުގައި އޭނާ ކިއްލާގެ ދޮރޯށި ހުޅުއްވައިލައްވައިފައި އަސްމައްޗަށް ސަރާރު ވެވަޑައިގެން އެތައް ހާސް މޭލެއްގެ ދުރުގައި ގަންގާ ކޯރުގެ އައްސޭރީގައި އޮންނަ އޭނާގެ އަވަށަށް ވަޑައިގަންނަވައެވެ. ބައެއް ފަހަރު ހުވަފެންފުޅުގައި ފެނިވަޑައިގަންނަވަނީ އޭނާގެ ގޭގައި އުޅުއްވަނިކޮށެވެ. އޭނާއަށް ފެނިވަޑައިގަންނަވަނީ މީގެ ހަތަރު އަހަރު ކުރީގެ މަންޒަރުތަކެވެ. އޭނާގެ ރަޙުމަތްތެރީން އޭނާގެ ވަށައިގެން ޖަމާ ވެފައި ތިބެއެވެ. އޭނާ އެބައިމީހުންނާ އެކު ދުނި އުއްކެވުމާއި ކަނޑިހެވިކަމުގެ ތަމްރީނު ހޯއްދަވަމުން ގެންދަވަނީއެވެ. އޭނާގެ ބައްޕާފުޅު ގަނޑުވަރުގެ އެއް ކަނެއްގައި ހިނިމޫނުފުޅު ކުރައްވައިގެން ހުންނަވައެވެ. އޭނާގެ ކުޅަދާނަފުޅުކަމަށް ސާބަސް ދެއްވައެވެ. އޭނާގެ ކޮއްކޯފުޅު ޝަކުންތަލާ އެކަމަނާގެ އެކުވެރި އަންހެން ކުދީންނާ އެކު ބަގީޗާގައި އުނދޯލި ހެއްލަވަނީއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޒަމާނުގެ ހިތި ޙަޤީޤަތް އޭނާގެ އުފާވެރި ޚިޔާލުފުޅުތަކާއި ކުލަ ހުވަފެންފުޅުތަކުގެ ދުނިޔެ އެފުށްމިފުށަށް ޖަހައިލައެވެ.
ދުވަސްތައް ފާއިތު ވަމުންދިޔަ ވަރަކަށް ރަންބީރުގެ ހިތާމަފުޅާއި ކަންބޮޑު ވެވަޑައިގަތުން ބަދަލު ވަމުން ދިޔައީ އުއްމީދު ގެއްލިވަޑައިގަތުމަށެވެ. ރޫޙެއް ނެތުމަށެވެ. ނިމުމެއް ނެތް ބަންދެއްގެ ބިރުވެރި ޚިޔާލުފުޅުތައް މާޒީގެ ހުރިހައި ހަނދުމަފުޅުތަކަކާއި މުސްތަޤުބަލުގެ ހުރިހައި އުއްމީދުތަކެއްގެ މައްޗަށް ވެރި ވަމުންދެއެވެ.
ރަންބީރަކީ ގުނޫޖުގެ ރާޖުޕޫތު އަމީރެއްގެ ދަރިކަލެކެވެ. ގުނޫޖުގެ ރަސްގެފާނު ރާޖިއްޔާޕާލްގެ ދަރުބާރުގައި އޭނާ އަކީ ވަރަށް ޤަދަރުހުރި ބޭފުޅެކެވެ. ޒުވާން ޢުމުރުފުޅުގައި ރާޖިއްޔާޕާލްގެ ލަޝްކަރުގެ އޮފިސަރެއްގެ ޙައިޘިއްޔަތުން އޭނާ ހުންނެވީ އަގު ނުކުރެވޭ ފަދަ މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އުތުރު ސަރަޙައްދުގެ ނުފޫޒު ހުރި ބިންވެރިއެއް ކަމުގައި ވާ ޖޭކްރިޝަން އަވަށްޓެރި ބައެއް ރަސްކަލުންގެ އިޝާރާތަށް ގުނޫޖާ ދެކޮޅަށް ބަޣާވާތް ކުރެއްވުމުން، އޭނާ ކިޔަމަން ކުރެއްވުމަށް ޓަކައި ރާޖިއްޔާޕާލް ފޮނުއްވީ މޯހަންޗަންދެވެ. މޯހަންޗަންދު ޙަމަލަ ދެއްވި އަވަސްކަމުން ޖޭކްރިޝަނަށް އޭނާގެ އެއްވެސް އެކުވެރިއެއްގެ ފަރާތަކުން އެހީއެއް ލިބިވަޑައެއްނުގެންނެވިއެވެ. ވަރަށް އާދައިގެ ތަޅައިފޮޅުމަކަށް ފަހު އޭނާ ފިލައިވަޑައިގެންފިއެވެ. ޖޭކްރިޝަން ޙިމާޔަތް ހޯއްދެވީ މަހާބަންގެ ރަސްގެފާނުގެ އަރިހުންނެވެ. ރާޖިއްޔާޕާލް ޖޭކްރިޝަނަށް ސަރުކާރުން ދެއްވައިފައި ހުރި ބިންތައް އަނބުރާ އަތުލައްވައިފައި އޭނާގެ ބައެއް އަމީރުންނަށް ބައްސަވައިދެއްވިއެވެ. މި ދެންނެވި ބިންތަކުގެ ވަރަށް ބޮޑު ބަޔަކާއި ޖޭކްރިޝަންގެ ގަނޑުވަރު ދެއްވީ މޯހަންޗަންދަށެވެ. އަލަށް ލިބިވަޑައިގަތް ރީތި ގަނޑުވަރުގައި މޯހަންޗަންދަށް އުފަލުގައި އުޅުއްވުނު ދުވަސްކޮޅު ދާދި ކުޑައެވެ. ގާތްގަނޑަކަށް ތިން އަހަރެއްހައި ދުވަސް ވީތަނާ އޭނާގެ އަނބިކަނބަލުން މި ދުނިޔެއަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ. ޢުމުރުފުޅުން ހަތަރު އަހަރުފުޅު ވީ ފިރިހެން ބޭފުޅެއް ކަމުގައި ވާ ރަންބީރާއި ހަ މަހުގެ އަންހެން ބޭފުޅެއް ކަމުގައިވާ ޝަކުންތަލާ ދޫކޮށްލައްވައިފައެވެ.
މޯހަންޗަންދުގެ ހުރިހައި އުއްމީދުތަކަކާއި އުފާފުޅުތަކެއް ގުޅިފައި ވަނީ އެ ދެ ބޭފުޅުންނާއެވެ. އޭނާ އެދިވަޑައިގަންނަވަނީ ރަންބީރަކީ ރަސްގެފާނު ފިޔަވައި ގުނޫޖުގެ އެންމެ އަރައިހުންނެވި ޝަޚްޞިއްޔަތު ކަމުގައި ވެވަޑައިގަންނަވާތަން ފެނިވަޑައިގަތުމެވެ. ޝަކުންތަލާ ކޮންމެވެސް ރަސްކަމެއްގެ ރަނިކަނބަލެއްގެ ގޮތުގައި އިންނަވަނިކޮށް ދެކެވަޑައިގަތުމެވެ.
(ނުނިމޭ)
Varah reethi shukuran