
(19 ޖުލައި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހިންދުސްތާނުގައި ދޭހިންދާ އެއްވަރުގެ އެތައް ދައުލަތްތަކެއް އޮތެވެ. محمود ގެ ހިތްޕުޅަށް ދޭހިންދުގެ ބާރު ވަޒަން ކުރެއްވުމުން، އޭނާ ގަސްތު ކުރެއްވީ ހިންދުސްތާނުގެ ރަސްރަސްކަލުން ކަފާސް ކޮށްލެއްވުމަށް ޓަކައި ކޮންމެ އަހަރަކު ވެސް މަދު ވެގެން އެއް ފަހަރު ކޮންމެވެސް އެއް ރަސްކަލަކާ ދެކޮޅަށް ހަނގުރާމަ ކުރައްވާށެވެ.
ބައްޕާފުޅު އަވަހާރަ ވެ محمود އަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، އޭނާ ހިންދުސްތާނަށް ޙަމަލަ ދެއްވާން ފައްޓަވައިފިއެވެ. ހިޖުރައިން 390 ވަނަ އަހަރު سلطان محمود ލަމްޣާނުގެ ވަށައިގެން ހުރި ޖޭޕާލްގެ އެތައް ރަށެއް ހިއްޕަވައިފިއެވެ. ވިދިގެން އައި އަހަރު އޭނާ އަނެއްކާވެސް ދޭހިންދަށް ޙަމަލަ ދެއްވިއެވެ. سلطان محمود ގެ ފަނަރަ ހާސް ސިފައިންނާ ހަނގުރާމަޔަށް ޖޭޕާލް ނުކުމެވަޑައިގަތީ ފައިމަތީގައި ހަނގުރާމަ ކުރާ ބާރަ ހާސް ސިފައިންނާއި، ބާރަ ހާސް އަސްވާރުންނާއި، ތިންސަތޭކަ އެތާއިގެންނެވެ. ޕިޝާވަރުގެ ކައިރީގައި 8 މުޙައްރަމް 392 ގައި ދެ ފަރާތުގެ ދެމެދުގައި ވަރަށް ވަރުގަދަޔަށް ހަނގުރާމަ ހިނގިއެވެ. މެންދުރު ވާން ކައިރި ވެފައި ހުއްޓައި ޣަޒްނީގެ ތުރުކުމާން ލޮންސިހެވީންގެ ވަރުގަދަ ހޫނު ޙަމަލައިގެ ސަބަބުން ޖޭޕާލްގެ ލަޝްކަރުގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ހިންދީ ލަޝްކަރު މަރު ވެފައި ތިބި ފަސްހާސް މީހުންގެ ހަށިތައް މައިދާނަށް ދޫ ކޮށްލައިފައި ފިލައިގެން ހިނގައްޖެއެވެ. ޖޭޕާލް އޭނާގެ ފަނަރަ ބޭފުޅުންނާއި ކާފަ ދަރިކަލުންނާ އެކު ހައްޔަރު ވެވަޑައިގެންފިއެވެ. އޭނާ ސަލާމަތް ވެވަޑައިގެންނެވީ ދެ ލައްކަ ފަންސާސް ހާސް ދީނާރާއި ފަންސާސް އެތް ފިދުޔައަކަށް ދެއްވައިގެންނެވެ. ނަމަވެސް ވިދިވިދިގެން ލިބިވަޑައިގެންނެވި ނާކާމިޔާބީގެ ސަބަބުން ހިތްޕުޅު ދަތި ވެގެން، ދޭހިންދަށް އެނބުރި ވަޑައިގަތުމަށް ފަހު އަމިއްލަފުޅަށް ދަން ޖެހިވަޑައިގެން އަވަހާރަ ވެވަޑައިގެންފިއެވެ. އެޔަށްފަހު ތަޚުތަށް އިސް ވެވަޑައިގަތީ އޭނާގެ ދަރިކަލުން އާނަންދުޕާލެވެ. އާނަންދުޕާލް ދުވަސްކޮޅެއް ވާންދެން سلطان محمود އާ ޞުލްޙަވެރި ގުޅުމެއް ބޭއްވެވިއެވެ.
سلطان محمود غزنوی ގެ މި ދެންނެވި ކާމިޔާބުތަކާ ވިދިގެން ހިންދުސްތާނުގެ އެއް ކޮޅުން އަނެއް ކޮޅަށް ހިތްހަމަނުޖެހުމުގެ ރާޅުތައް އުފެދިގަތެވެ. ސަބަބަކީ محمود ގެ ފުތޫޙާތާ ވިދިގެން ހިންދީ ދީނާ އިދިކޮޅު ދީނެއް ފެތުރުމުގެ ދޮރުތައް ހުޅުވެމުންދާކަމެވެ. ނަސްލާއި ޤަބީލާގެ ޢަޞަބިއްޔަތުގެ މޫތައް ކޮށައިލައި، އިންސާނުން އެއްބަނޑުއެއްބަފާކަމާއި ހަމަހަމަކަމުގެ ގުޅުމުން ގުޅުވާ ދީން، ހިންދީ މުޖުތަމަޢުގެ "މުޤައްދަސް" ދަރީންގެ ކުރިމަތީގައި ހިމެނުނީ ވަރަށް ބޮޑު ބިރަކަށެވެ. އެބައިމީހުންގެ މަޞްލަޙަތު ކަމުގައި އެބައިމީހުން ދުށީ އިންސާނުން ވަކިވަކި ކޮށް މޮޅު މީހުންނާއި ދެރަ މީހުންނަށް ހެދުމެވެ.
ދިމާ ވަމުންދާ ނުރައްކާތަކާ ކުރިމަތި ލުމަށް ޓަކައި ބުރަހުމަނުން ހެއިލައި ތައްޔާރު ވެއްޖެއެވެ. އެބައިމީހުން ހިންދުސްތާނުގެ ކަންކޮޅުތަކުގައި ތިއްބެވި ހުރިހައި ރާޖުޕޫތު ރަސްރަސްކަލުން އެކަތިގަނޑަކަށް ހަދައި، އެ ބޭފުޅުންގެ ބާރުތައް އިންތިޒާމު ކުރުވާން ފަށައިފިއެވެ. ހިންދީންގެ އާރާއި ބާރުގެ އަޞްލު މަރުކަޒުތަކަކީ ސަތުލަޖާއި، ގަންގާ އާއި، ނިރުބަދާ ކޯރާ ދެމެދުގައި ފެތުރިފައި ވާ ރަސްރަސްކަމެވެ. ރާޖާ ޖޭޕާލް ބަލިފުޅު ވުމުން އެތަންތާނގައި އުފެދިގެން ދިޔަ ޖޯޝު محمود غزنوی ގެ ތޫނު ލޯފުޅަށް ވަންހަނާ ވެފައެއް ނެތެވެ. އޭނާ އެތަންތާނގެ ބާރު އަޖުމަ ބައްލަވައިލައްވާން ގަސްތު ކުރެއްވުމާ އެކު، އޭނާގެ ކުރިފުޅުމައްޗަށް އައި އެންމެ ފުރަތަމަ މައްސަލަ އަކީ އޭނާ ދަތުރުފުޅު ކުރައްވާން ޖެހިވަޑައިގަންނަވާ މަގުމަތީގައި އޮތް ޓަބަންޑާގެ ރަސްކަން ބަލި ކުރެއްވުމެވެ.
395 ހ. ގައި سلطان محمود މުލްތާނުގެ ކައިރިން ސިންދު ކޯރު ހުރަސް ކުރެއްވުމަށް ފަހު ޓަބަންޑާއަށް މިޞްރާބު ޖެއްސެވިއެވެ. ޓަބަންޑާގެ ރާޖާ ބާޖީރާއޭގެ ހިތްޕުޅުގައި އޭނާގެ ބާރާ މެދު އޮތް އިތުބާރުގެ ސަބަބުން އޭނާ ކިއްލާ ބަންދު ކުރައްވައިގެން ހުންނަވައި ހަނގުރާމަ ކުރެއްވުމުގެ ބަދަލުގައި ރަށްބޭރަށް ނުކުމެވަޑައިގެން މުސްލިމުންނާ ދިމާ ކުރެއްވިއެވެ. ހަނގުރާމަ ކުރާތާ ތިން ދުވަސް ވީ އިރު ވެސް ހަނގުރާމަ ވަކި އަތަކަށް ބަރެއް ނުވިއެވެ. ބާޖީރާއޭއަށް އެކި ފަރާތްފަރާތުން އެހީ ލިބިވަޑައިގަންނަވަމުން ދިޔައެވެ. ހަމަ އެއާއެކު، ހިންދީން އޭގެ ކުރީން ދުވަހަކުވެސް އެއަށްވުރެ ގަދަ ހިތްވަރާ އެކު ހަނގުރާމަ ކުރަނިކޮށް محمود ދެކެވަޑައިގެންފައެއް ނުވެއެވެ. ހަތަރުވަނައަށް ވީ ދުވަހު ބާޖީރާއޭގެ ލަޝްކަރު މުސްލިމުން ކޮއްޕަމުން ކުރި އަރަމުން ދާން ފަށައިފިއެވެ. سلطان محمود އިސްލާމީ ލަޝްކަރަށް ހިތްވަރު ދެއްވައި، އެބައިމީހުންގެ ހިތުގައި ޣީރަތު އުފައްދަވަމުން ގެންދެވިއެވެ. އެންމެ ފަހުން އޭނާގެ އަސްކޮޅުގައި ހަންމުށި އަޅުއްވައިފައި ވަޑައިގެން ހިންދީ ލަޝްކަރުގެ ކުރީ ސަފުތަކަށް ޙަމަލަ ދެއްވައިފިއެވެ. ވަގުތުން އިސްލާމީ މުޖާހިދުންގެ ހިތްވަރުގަދަ ބަޔަކު އެބައިމީހުންގެ އަމީރުގެ ވާތް ކަނާތްޕުޅު ފަރާތަށް ޖަމާ ވެއްޖެއެވެ. ހަމަ އެއާއެކު، މި ދެންނެވި މުޖާހިދުން ހިންދީންގެ ސަފުތައް ތޮރުފައިލައިފައި ގޮސް ލަޝްކަރުގެ މެދުތެރެޔަށް ޙަމަލަ ދީފިއެވެ. سلطان محمود ދެއްކެވި ހިތްވަރުފުޅާއި އޭނާގެ ކުޅަދާނަފުޅުކަމުގެ ސަބަބުން އިސްލާމީ ލަޝްކަރުގައި އައު ރޫޙެއް އުފެދުނެވެ. މުސްލިމުންގެ ކަނާތު ފިޔަ އާއި ވާތު ފިޔައިގެ ލޮންސިހެވީން ހިންދީ ލަޝްކަރާ ދިމާޔަށް އަރައިގެންފިއެވެ. ވަރުނުލާ ރާޅުގަނޑެއް ފަދައިންނެވެ. ނަތީޖާއެއްގެ ގޮތުން، ފަތަޙަ ލިބުމުގެ އުއްމީދުގައި ތިބި ދުޝްމަނުން އެއްވެސް ހުއްޓުމެއް ނެތި ފަހަތަށް ޖެހޭން ފަށައިފިއެވެ. އިރު އޮއްސުމުގެ ކުރީން ބާޖީރާއޭ މައިދާން ދޫ ކޮށްލައްވައިފައި ކިއްލާއަށް ވެދެވަޑައިގެން ދޮރުތައް ބަންދު ކުރައްވައިފިއެވެ.
ޓަބަންޑާގެ ކިއްލާގެ ވަށައިގެން އޮންނަ ޚަންދަގުގެ ފުޅާކަމާއި ފުންކަމުން، މުސްލިމުންނަށް ކިއްލާގެ ފާރަށް ސީދާ ޙަމަލަ ދެވޭ ވަރެއް ނޫނެވެ. އެހެންކަމުން سلطان محمود ޚަންދަޤުގެ އެއް ދިމާއަކަށް ލަކުޑި އާއި ހިލަ އަޅައި ޚަންދަޤު ފުރައިލާން އަމުރު ކުރައްވައިފިއެވެ. މުސްލިމުން އެ މަސައްކަތް ފެށުމުން، މާ ގިނަ އިރެއް ނުވެ ޚަންދަގު ހުރަސް ކޮށް ކިއްލާގެ މައި ފާރަށް ޙަމަލަ ދީފާނެކަން ބާޖީރާއޭއަށް ޔަޤީން ވެވަޑައިގެންފިއެވެ. އެހެންކަމުން، އޭނާ ކުރައްވާނޭ ކަމެއް ނެތިގެން އެއް ރެއެއްގެ ރޭގަނޑު ކިއްލާއިން ފިލައިވަޑައިގެން ޖަންގަލީގައި ރައްކައުތެރި ވެވަޑައިގަންނަވާން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މުސްލިމުންގެ ބަޔަކު ޖަންގަލީގެ ތެރޭގައި އޭނާ ޙިޞާރު ކޮށްފިއެވެ. ބާޖީރާއޭ ހަތިޔާރު ބެހެއްޓެވުމުގެ ބަދަލުގައި އޭނާގެ މެޔަށް ޚަންޖަރު ޖައްސަވައިގެން އަމިއްލަފުޅަށް އަވަހާރަ ވެވަޑައިގެންފިއެވެ. ޓަބަންޑާގެ ކިއްލާ ފަތަޙަ ކުރެއްވުމަށް ފަހު، محمود އެ ރަސްކަމުގެ ސަރަޙައްދުގައި ހިމެނޭ ދުރު އަތޮޅުތައް ވެސް ފަތަޙަ ކުރެއްވިއެވެ.
سلطان محمود އެ ހަނގުރާމަތަކުން ނިމިވަޑައިގެން މުލްތާނުގެ މަގުން ދަތުރު ފެއްޓެވީ ޣަޒްނީއަށެވެ. މުލްތާނުގެ ޤަރާމިޠާ ރަސްގެފާނު أبو الفتح داؤد ހިންދުސްތާނުގައި محمود غزنوی ހޯއްދަވާ ފަތަޙަ އަކީ އޭނާއަށް ކުރިމަތި ވާ ނުރައްކަލެއް ކަމުގައި ބައްލަވާލެއް ކުޑައެއް ނޫނެވެ. ސިންދު ކޯރު އޭރު އޮތީ ނުމޫސުމުގެ ވާރޭގެ ސަބަބުން އާދަޔާ ޚިލާފަށް ގަދަ ވެފައެވެ. އެހެންކަމުން، ކޯރު ހުރަސް ކުރެއްވުމުގެ ތެރޭގައި ޣަޒްނަވީ ލަޝްކަރުގެ ވަރަށް ގިނަ ސިފައިން ރާޅުތަކުގެ ޝިކާރަތަކެއް ކަމުގައި ވެއްޖެއެވެ. މީގެ އިތުރަށް أبو الفتح داؤد ދެއްކެވި ނުކިއްސަރުކަމުން ވެސް محمود އަށް އިތުރު އުނދަގޫފުޅުތަކާ ކުރިމަތި ލައްވާން ޖެހިވަޑައިގަތެވެ.
ހިޖުރައިން 396 ގައި محمود ޤަރާމިޠާއިންގެ ބާރު މުލުން ލުއްސަވައިލެއްވުމަށް ޓަކައި މުލްތާނަށް ޙަމަލަ ދެއްވާން ގަސްތު ކުރެއްވިއެވެ. ނަމަވެސް ކުރީން އޭނާއާ ޞުލްޙަވެރި ގުޅުމެއް ބާއްވަވާ ދޭހިންދުގެ ރަސްގެފާނު އާނަންދުޕާލް أبو الفتح داؤد އާ ބައިވެރި ވެވަޑައިގެންފިއެވެ. سلطان محمود އަށް ޕިޝާވަރުގެ ކައިރީން ކޯރު ހުރަސް ކުރައްވައި އޭނާގެ ސަރަޙައްދުގެ ތެރެއިން ދަތުރު ކުރެއްވުމުގެ ހުއްދައެއް ނުދެއްވިއެވެ. ހަމަ އެއާއެކު، ކޯރު ކައިރީން محمود ގެ ކުރި ބެއްދެވުމަށް ޓަކައި ލަޝްކަރާއިގެން އެ ދިމާޔަށް ވަޑައިގެންފިއެވެ. سلطان محمود އޭނާގެ ލަޝްކަރު ބަލި ކޮށްލެއްވިއެވެ. سلطان محمود އޭނާ ބަލި ވެވަޑައިގަތުމުން ޗިނާބު ކޯރާ ހަމަޔަށް އޭނާ ފައްސަވަމުން ވަޑައިގަތެވެ. އާނަންދުޕާލް އޭނާގެ ލަޝްކަރުގައި ދެން ތިބި މަދު މީސްކޮޅާއިގެން ކަޝްމީރުގެ ފަރުބަދަތަކުގެ ތެރެޔަށް ވަޑައިގެން ސަލާމަތް ވެވަޑައިގެންފިއެވެ. އެ ހިސާބުން محمود غزنوی އޭނާގެ ފަހަތުން ވަޑައިގަތުން ހުއްޓަވައިލައްވައިފައި މުލްތާނާ ދިމާޔަށް ދަތުރުފުޅު ފައްޓަވައިފިއެވެ. ނަމަވެސް އޭނާއަށް މުލްތާނުގެ ސަރަޙައްދީ ދެތިން ރަށެއް ފަތަޙަ ކުރެއްވޭ އިރަށް، އަލަކު ޚާން ޚުރާސާނަށް ޙަމަލަ ދިނުމުގެ ސަބަބުން އެ ރަށް ދިފާޢު ކުރެއްވުމަށް ޓަކައި އެނބުރި ވަޑައިގަންނަވާން ޖެހިވަޑައިގެންފިއެވެ. އެހެންކަމުން محمود އަށް މުލްތާން މުޅީން ފަތަޙަ ކުރެއްވުނީ އަހަރެއްހައި ދުވަސް ފަހުންނެވެ.
އެ ދުވަސްވަރަކީ މެދުތެރޭ އޭޝިއާގެ ޤައުމުތަކުގައި سلطان محمود ގެ ވެރިކަމުގެ ބާރު ހަރުދަނާ ވުމުގެ ކުރިއެވެ. އެ ދުވަސްވަރު އޭނާއަށް އަލަށް ވެރިކަމަށް ދަޢުވާ ކުރާ ކޮންމެވެސް މީހަކު ބަލި ކުރައްވައި ކިޔަމަން ކުރައްވާން ކޮންމެވެސް އައު މައިދާނަކަށް ވަޑައިގަންނަވާން ޖެހެއެވެ. އޭނާއަށް ހިންދުސްތާނު ފަތަޙަ ކުރެއްވުމުގެ މަސައްކަތްޕުޅު ޤަވާޢިދުން ކުރިޔަށް ނުގެންދެވޭ ސަބަބަކީ އެއީއެވެ. ކޮންމެ އަހަރަކު އުތުރުގެ ރަށްރަށާއި ހިންދުސްތާނުން އޭނާ ފަތަޙަ ކުރައްވާ ތަންތާނގެ ސަބަބުން އޭނާގެ ރަސްކަމުގެ ސަރަޙައްދު ބޮޑު ވަމުން ފުޅާ ވަމުން ދެއެވެ. އެ ދެ މައިދާނުގެ ދެމެދުގައި އެތައް ފަރުބަދަތަކަކާއި، އެތައް މައިދާންތަކަކާއި، ސަހަރާތަކެއްގެ ތަނަވަސްކަން ވަނީ ހުރަސް ވެފައެވެ. سلطان محمود ގެ ޢަސްކަރީ ބާރުގެ ބޮޑު ބައި އޮންނަނީ މި ދެންނެވި މާސިންގާ ސަރަޙައްދުގައި ވިއްސިވިހާލި ވެފައެވެ. އޭނާ ސިންދު ކޯރު ހުރަސް ކުރައްވައިފި ކަމުގައި ވާނަމަ، ޖައިޙޫނުގެ އައްސޭރީގައި ކޮންމެވެސް ފިތުނައެއް ބޯ ހިއްލައިލައެވެ. އޭނާ ޕަންޖާބުގެ މައިދާނުގައި ފޭލިގެ ޖައްސަވައި، ގަންގާ ކޯރާއި ޖަމްނާ ކޯރާ ދިމާޔަށް މިޞްރާބު ޖައްސަވާން ގަސްތު ކުރައްވާ އިރަށް، މަކްރާނުން ފެށިގެން ޚުވާރިޒަމާ ދެމެދުގެ ކޮންމެވެސް ޤައުމަކުން އޭނާގެ މަސައްކަތްޕުޅު ނުނިންމަވައި ދޫ ކޮށްލައްވައިފައި އެ ތަނަކަށް ވަޑައިގަންނަވާން ޖެހޭ ފަދަ މައްސަލައެއް އުފެދެއެވެ.
ޝައްކެއް ނެތެވެ! ތާރީޚުގެ އެއްވެސް ދައުރަކީ ނުގުޑާ ފަދަ ޢަޒުމުތަކުގެ ވެރި ފާތިޙުންގެ ވާހަކަތަކުން ހުސް ވެގެން ވާ ދުވަސްވަރެއް ނޫނެވެ. ނަމަވެސް އެ ބޭފުޅެއްގެ ޙަޔާތްޕުޅުގެ ގިނަ ދުވަސްތައް، އަސްމަތީގައި ބިމުގެ ތަނަވަސްކަން މިނުއްވުމުގައި ހޭދަ ކުރެއްވި ބަޠަލަކު ވަރަށް މަދުން މެނުވީ ފެނިފައެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ މިއަދުގެ ބަޠަލް ސަންގުމަރުމަރު ހިލައިގެ ގަނޑުވަރުތަކަށް ވުރެ ބޮޑަށް ލޯބި ކުރެއްވީ ފަރުބަދަތައް ސުންނާފަތި ކުރައްވާށެވެ. ޣަޒްނީގެ ބާޒު އުދުހުމުގެ ޝައުޤުގައި ބޭނުން ވީ ހާއްޔާ ދުރުގައި އަބަދުވެސް އުޅުމަށެވެ. ޤުދުރަތުން އެ އިންސާނާގެ ވުޖޫދުގައި ވަނީ އަބަދު ޙަރަކާތްތެރިކަމުގައި އުޅުއްވުމަށް ލޯބި ކުރެއްވުމުގެ ހުރިހައި ސިފަތަކެއް ޖަމާ ކުރައްވައިފައެވެ.
+ + + +
سلطان محمود މުލްތާނުން އެނބުރިވަޑައިގަތުމަށް ފަހު ޚުރާސާނުގައި އޭނާގެ މަސައްކަތްޕުޅު ހުރި ގޮތުން، އާނަންދުޕާލަށް އޭނާގެ ޢަސްކަރީ ބާރު އަލުން އިންތިޒާމު ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އޭނާ މުސްލިމުންގެ ޙަމަލަ އަކީ ޖުމުލަކޮށް މުޅި އިންޑިއާއަށް ކުރިމަތި ވާ ނުރައްކަލެއްކަން ވިސްނައިދެއްވައި، އަވަށްޓެރި ރަސްރަސްކަލުންގެ އަރިހުން އެހީއަށް އެދިވަޑައިގެންނެވިއެވެ. އެ ފަހަރު އުތުރު އިންޑިއާގެ ވެރީން މުސްލިމުންނާ ދެކޮޅަށް ގުޅިފައި ވާ ބާރެއް އުފައްދަވާން ކުރިޔަށް ވުރެ މާ ބޮޑަށް ޙަރަކާތްތެރި ވެވަޑައިގެންނެވިއެވެ. އެހެންކަމުން، އާނަންދުޕާލްގެ ދަރިކަލުން ބުރަހުމަންޕާލްގެ ވެރިކަމުގެ ދަށުގައި ވަރަށް ބޮޑު ލަޝްކަރެއް ޕިޝާވަރާ ދިމާޔަށް ދަތުރު ކުރާން ތައްޔާރު ވިއެވެ.
(ނުނިމޭ)