އެންމެ ފަހުގެ ޙަމަލާ – 41

 (4 އޭޕްރީލް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މަނިކުފާނުގެ ބައްޕާފުޅު އަދިވެސް ވިދާޅުވިއެވެ. "މި ވަގުތު ޖޭކްރިޝަން ކަހަލަ ބޭފުޅުން ވެސް ތިޔަ ބޭފުޅުންގެ ތެރޭގައި އެބަތިއްބެވިއެވެ. އޭނާ ފެނުމުން އަޅުގަނޑަށް އެނގެނީ އަޅުގަނޑުމެންގެ ވަޒަނުގެ ޢިއްޒަތާއި މިނިވަންކަން ވިއްކައިލެވިއްޖެކަމެވެ. އޭނާ ފުރަތަމަ އުޅުއްވީ މަހާބަންގެ ރަސްގެފާނުގެ އިޝާރާތަށް މިތަނުގައި ބަޣާވާތް އުފެއްދެވޭތޯއެވެ. މިހާރު އެ އުޅުއްވަނީ އަޅުގަނޑުމެން ކަލަންޖަރާއި ގަވާލިޔާރުގެ ރަސްގެފާނަށް އަޅުވެތި ކުރުއްވާން ވެގެންނެވެ."

"އެ ވާހަކަފުޅުގެ އަޑު އިވިވަޑައިގަތުމުން ޖޭކްރިޝަނަކަށް ހިމޭނަކުން ނުއިންނެވުނެވެ. އޭނާ މަނިކުފާނުގެ ބައްޕާފުޅަށް ފިނޑިފުޅުކަމޭ ވިދާޅުވެ މަލާމާތް ކުރައްވައިފިއެވެ. މަނިކުފާނުގެ ބައްޕާފުޅު ކޯފާ ވެގެން ކަނޑިކޮޅު އުރައިން ދަންމަވައިގެންފިއެވެ. ޖޭކްރިޝަން އިންނެވީ ކުރީއްސުރެ ތައްޔާރު ވެވަޑައިގެންނެވެ. މަނިކުފާނުގެ ބައްޕާފުޅު އިރުކޮޅަކު ހަނގުރާމަ ކުރެއްވުމަށް ފަހު ޒަޚަމް ވެގެން ވެއްޓިވަޑައިގެންފިއެވެ. ޖޭކްރިޝަން އޭނާ ދެވަނަ ފަހަރަށް ތެދު ވެވަޑައިގެންނެވިޔަކަ ނުދެއްވިއެވެ. އަނޫޕްޗަންދުގެ އިޝާރާތަށް އޭނާގެ މީހުން ބައްޕާފުޅުގެ ނޯކަރުންނާ ޙަމަލަ ދީފިއެވެ. އެބައިމީހުން އޭރު ތިބީ ގަސްތަކުގެ ކައިރީގައެވެ. ކާލޫ މަރު ވެއްޖެއެވެ. ޖޭދިޔާލް އަސްމަތީގައި ފިލައިގެން އަތުވެއްޖެއެވެ.

"އެ ޙާދިސާގެ އަށާރަ ދުވަސް ފަހުން އަޅުގަނޑުމެންނަށް ޝަހެންޝާހު ޤަތުލު ކުރެވުނު ވާހަކަ އާއި، ރާޖް ކުމާރު ތަޚުތުގައި އިށީނދެވަޑައިގެންނެވި ޚަބަރު އިވިއްޖެއެވެ. އޭގެ ފަހުން ދިހަ ވަރަކަށް ދުވަސް ވެސް ނުވަނީސް ޖޭކްރިޝަން އަލަށް އިސް ވެވަޑައިގެންނެވި ރަސްގެފާނުގެ އަރިހުން އޭނާގެ ކުރީގެ ޖާގީރަށް ވެރިވެވަޑައިގަތުމުގެ ހުއްދަ ހޯއްދަވައިގެން އަޅުގަނޑުމެންގެ ރަށަށް ޙަމަލަ ދެއްވައިފިއެވެ."

ރަންބީރު ސުވާލު ކުރެއްވިއެވެ. "ޖޭކްރިޝަންގެ މީހުންނަށް ޝަކުންތަލާ ހައްޔަރު ނުކުރެވޭކަން ޔަޤީން ހެއްޔެވެ؟"

މުސްކުޅިޔާ ޖަވާބު ދިނެވެ. "އާދޭހެވެ! ޖޭކްރިޝަނަށް ޝަކުންތަލާ ފެނިވަޑައިނުގަތުމުން އޭނާގެ ޚަބަރު ގެނެސްދިން މީހަކަށް ވަނީ އިނާމު ވެސް ކަނޑައަޅުއްވައިފައެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާގެ ޚަބަރެއް ނުވިއެވެ."

ރަށުގެ މީހަކު ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! މިހާރު ފަތިސް ވާން އުޅެނީއެވެ. މަނިކުފާނު އަވަސް ކުރައްވާށެވެ."

ރަންބީރު ވިދާޅުވިއެވެ. "ޤައިދީން ތަންކޮޅެއް ދުރަށް އަހަންނާ އެކު ގެންދާން އަހަރެން ބޭނުމެވެ. އެއްވެސް ބަޔަކަށް އެބައިމީހުން ފަސޭހައިން ހޯދައިނުގަނެވޭ ކަހަލަ ތަނަކަށް އެބައިމީހުން ގެންދިޔުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އޭރުން އަހަރެމެންނަށް ފުދޭ ވަރަށް ވަގުތު ލިބޭނެއެވެ. މިހާރު އަހަރެން މި ވިސްނަނީ ތިޔަބައިމީހުންނާ މެދުގައެވެ. އަހަރެން ޤައިދީންގެ ކުރިމަތީގައި ތިޔަބައިމީހުންނަށް ތިޔަބައިމީހުން އައީ އަހަންނާ އެކުގައި ނަންދުނާއިން ކަމަށާއި ދަނީ ވެސް އަހަންނާ އެކުގައި ކަމަށް ހީ ވާ ކަހަލަ އަމުރުތައް ކުރާނަމެވެ. ނަމަވެސް ތިޔަބައިމީހުން އަހަންނާ ވަކި ވުމާ އެކު ސީދާ ތިޔަބައިމީހުންގެ ގޭގެއަށް ދާށެވެ. ދެން އަވަހަށް ދަމާހިނގާށެވެ! އަސްތައް ވެސް ގޮވައިގެން އެތަނަށް ދާށެވެ."

ރަންބީރު ދެވަނަ ފަހަރަށް ޤައިދީންގެ ގާތަށް ވަޑައިގެން އޭނާގެ އަހުގެ ވާގަނޑު މޮއްސަވައިލައްވައިފައި އޭގެ އެއް ކޮޅު އަސްދާނު ގޮނޑީގައި ހަރު ކުރައްވައިފިއެވެ. އަނެއް ކޮޅުން ޤައިދީންގެ ދެ މީހުންގެ އަތް ބަނދެލައްވައިފިއެވެ. އޭގެ ފަހުގައި އޭނާ ރަށުގެ މީހުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ދެން ތިޔަބައިމީހުން ދާށެވެ. އަސްމަތީގައި ގޮސް ލަޝްކަރާ ބައްދަލު ކުރާށެވެ. މި ޤައިދީން ކޮންމެވެސް ރައްކާތެރި ތަނަކަށް ގެންގޮސްފައި އަހަރެން ވެސް ތިޔަބައިމީހުނާ ބައްދަލު ކުރާނަމެވެ. ސަރަޙައްދު ހުރަސް ކުރުމުގެ ކުރީން ތިޔަބައިމީހުން ތިބުން ރަނގަޅު ވާނީ ރަށްފުށު މީހުންގެ ހެދުމުގައެވެ. ދެން އަވަހަށް ދާށެވެ!"

އެބައިމީހުން ގަސްތަކުގެ ތެރޭގައި ނިވާ ވެއްޖެއެވެ. ރަންބީރާއި ޝަމްބޫނާތު އަހަށް ސަވާރު ވެވަޑައިގެންފިއެވެ. ތިން ޤައިދީން އެ ބޭފުޅުންގެ ފަހަތްޕުޅުން ދުވަމުންދެއެވެ. އެ ބޭފުޅުން މިޞްރާބު ޖައްސަވައިފައި ވަނީ ކޯރުގެ އައްސޭރިން އުތުރު ފަރާތަށެވެ.

އިރުމަތީ ފަރާތުގެ އުދަރެހުން ފަޖުރު ތަރި ފިޔަ ޖަހައިލައިފިއެވެ. ރަންބީރު ދެ ކޯހެއްހައި ހިސާބަށް ދަތުރު ކުރައްވައިފައި ވާތް ފަރާތުން ބޯ ޖަންގައްޔަށް ވެދެވަޑައިގަތުމަށް ފަހު އަސް މަޑު ކުރައްވައިފިއެވެ. އޭނާ އަސްމަތީން ފައިބައިވަޑައިގެން ޤައިދީންގެ ތިން މީހުން ދުރުދުރުގައި ހުރި ތިން ގަހުގައި ބަނދެލައްވައިފިއެވެ.

ރަންބީރު ދެވަނަ ފަހަރަށް އަސްމައްޗަށް ސަވާރު ވެވަޑައިގެންފިއެވެ. ރަންބީރަކަށް އޭނާގެ މަންޒިލަކީ ކޮބައިކަމެއް އެނގިވަޑައެއްނުގަނެއެވެ. އޭނާއަށް ހަމައެކަނި އެނގިވަޑައިގަންނަވަނީ، ދުވާލުގެ އަލިކަމުގެ ތެރޭގައި މި ޖަންގައްޔަކީ އޭނާއަށް މާ ރައްކާތެރި ތަނަކަށް ނުވާނޭކަމެވެ.

ޝަމްބޫނާތު ސުވާލު ކުރިއެވެ. "އަޅުގަނޑުމެން ދެން ދާނީ ކޮން ތަނަކަށްތޯއެވެ؟"

ރަންބީރު އެ ސުވާލުގެ ޖަވާބު ދެއްވުމުގެ ބަދަލުގައި ވިދާޅުވިއެވެ. "ބައްޕާފުޅާއި ޝަކުންތަލާގެ ޚަބަރު އަޑު އަހައިފީމު ނޫންހެއްޔެވެ؟"

"އާދޭހެވެ! އަޅުގަނޑު ހުރިހައި ވާހަކައެއް އަޑު އަހައިފީމެވެ."

ރަންބީރު ވިދާޅުވިއެވެ. "މިހާރު ޝަކުންތަލާ ހޯދުން ފިޔަވައި އަހަރެންގެ ޙަޔާތުގެ އެހެން އެއްވެސް މަޤުޞަދެއް ނެތެވެ. އަހަރެން އޭނާ ފެނޭތޯ ފަރުބަދަތަކާއި ޖަންގަލިތަކާއި މައިދާންތައް ހޯދާނަމެވެ. ޖިފުޓިތަކާއި ގަނޑުވަރުތަކާއި ފައްޅިތަކަށް ވަންނާނަމެވެ. އަހަންނަށް އަބަދު އިވެމުންދަނީ ޝަކުންތަލާ ކީރިތި ކުރައްވާ އަޑުފުޅެވެ. އޭނާ ނުފެންނަނީސް އަހަރެން ފަހަރެއްގައި ވެސް ހިމޭނަކުން ނުހުންނާނަމެވެ."

ޝަމްބޫނާތު ދެންނެވިއެވެ. "މަނިކުފާނު އަޅުގަނޑު ދަންނަވާ ވާހަކައެއް ޤަބޫލުފުޅު ކުރައްވާނުތޯއެވެ؟"

"އެއީ ކޮން ވާހަކައެއް ހެއްޔެވެ؟"

"ވިސްނައިވަޑައިގަންނަވާށެވެ. ޝަކުންތަލާ ކައިރި ހިސާބެއްގައި އުޅުއްވާ ނަމަ، މި ހިސާބުގަނޑުގެ މީހުން މިހާރު އޭނާ ހޯދައިފީހެވެ. އޭނާ ކޮންމެވެސް ދުރު ތަނަކަށް ވަޑައިގަތީކަން ކަށަވަރެވެ. މަނިކުފާނު އަވަށްޓެރި ދައުލަތްތަކުން އޭނާ ފެނިވަޑައިގަންނަވާތޯ ބައްލަވާށެވެ. ހުރިހައި ރަސްރަސްކަލުންނާއި ކުރިޔަށް ތިއްބަވާ ރާޖުޕޫތު އަމީރުންނާ ބައްދަލު ކުރައްވާށެވެ. މަނިކުފާނުގެ ބައްޕާފުޅު ދެނެވަޑައިނުގަންނަވާނީ ކޮން ބޭފުޅެއްތޯއެވެ؟ އަނެއްކާ މަނިކުފާނު މުސްލިމުންގެ ޤައިދުގައި ފަސް އަހަރު ހޭދަ ކުރައްވައިފީމުއެވެ. އިންޑިޔާގެ ކޮންމެ ރަސްކަލެއްގެ ހިތްޕުޅުގައި މަނިކުފާނާ މެދު ޤަދަރު އުފެދިފައި ވާނެއެވެ. އެ ބޭފުޅުން މަނިކުފާނަށް އެހީ ވެވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއިން ކޮންމެވެސް ބޭފުޅެއްގެ ޙިމާޔަތުގައި ޝަކުންތަލާ އިންނެވުމަކީ ވެސް ދުރު ކަމެއް ނޫނެވެ. ނަމަވެސް ގުނޫޖާއި ބާރީގައި މަނިކުފާނަކަށް މިނިވަންކަމާ އެކުގައެއް ނުއުޅުއްވޭނެއެވެ. ޖޭކްރިޝަންގެ މީހުން އަބަދުވެސް މަނިކުފާނު ހޯދަމުންގެންދާނެއެވެ. އަޅުގަނޑުމެންގެ ސަރަޙައްދުގައި އަޅުގަނޑު ސާދޫއެއްގެ ހެދުމުގައި ޝަކުންތަލާ ހޯދާނަމެވެ. އެއްވެސް މީހަކު އަޅުގަނޑާ މެދު ޝައްކެއް ނުކުރާނެއެވެ. މި ޖަންގައްޔާ ޖެހިގެން އަވަށެއް އޮންނާނެއެވެ. އެތާނގައި އަޅުގަނޑުގެ މާބެގެ ކުއްޖަކު އުޅޭނެއެވެ. އަޅުގަނޑަށް ޝަކުންތަލާގެ ޚަބަރެއް ވެއްޖެކަމުގައި ވާނަމަ، އަޅުގަނޑު އޭނާގެ ގާތަށް ދާނަމެވެ."

ރަންބީރު އެއްވެސް ރޫޙެއް ނެތް އަޑުފުޅަކުން ވިދާޅުވިއެވެ. "ޝަމްބޫނާތެވެ! މިހާރު އަހަރެންގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ."

ޖަންގަލި ކަޑައްތު ކުރެއްވުމަށް ފަހު ރަންބީރާއި ޝަމްބޫނާތަށް ކުޑަކުޑަ އަވަށެއް ފެނިވަޑައިގެންފިއެވެ. ޝަމްބޫނާތު ދެންނެވިއެވެ. އެއީ އަޅުގަނޑުގެ މާބެގެ ދަރިފުޅުގެ އަވަށެވެ."

ރަންބީރު އޭނާގެ އަސް މަޑު ކުރައްވައިފައި ވިދާޅުވިއެވެ. "ޝަމްބޫއެވެ! ކަލޭގެ އަސް އަވަށަށް ގެންދިޔުމުގެ ބަދަލުގައި ޖަންގައްޔަށް ދޫ ކޮށްލާށެވެ. ކަލެޔަށް ރަނގަޅު ވާނީ ދެތިން ދުވަހެއް ވާންދެން މީހުންނަށް ފިލައިގެން އުޅުމެވެ. ޖޭކްރިޝަން އަހަރެމެން ހޯއްދެވުމަށް ޓަކައި މުޅި މި ހިސާބުގަނޑު އެފުށް މިފުށަށް ޖައްސަވާނެކަން ޔަޤީނެވެ."

ޝަމްބޫނާތު ދެންނެވިއެވެ. "މަނިކުފާނު ހިތްޕުޅު ހަމަޖައްސަވާށެވެ. އަޅުގަނޑު ހެދުން ބަދަލު ކޮށްގެން މީހުންގެ ލޯތަކަށް ކެހި ދޭން ދަސް ކޮށްފީމެވެ. އަޅުގަނޑު ކަންބޮޑު ވަނީ ހަމައެކަނި މަނިކުފާނާ މެދުގައެވެ."

ރަންބީރު ވިދާޅުވިއެވެ. "އަހަރެން މި ދަނީ ސީދާ އަމީރު ޕޫރަންޗަންދުގެ އަރިހަށެވެ. އޭނާ އަކީ ބައްޕާފުޅުގެ ވަރަށް ޒަމާން ވީ ރަޙުމަތްތެރިއެކެވެ. އޭނާއަށް އަހަންނަށް އެހީފުޅެއް ނުފޯރުއްވުނު ކަމުގައި ވިޔަސް އެންމެ ކުޑަ ވެގެން ރަނގަޅު އަހެއް ދެއްވުމާ މެދު އިންކާރެއް ނުކުރައްވާނެއެވެ. އެއަށްފަހު އަހަރެން ދާނީ ގަވާލިޔާރަށެވެ. އެތާނގެ އަމީރެއްގެ ބޭފުޅެއް އަހަންނާ އެކު ޖަލުގައި އޮންނެވިއެވެ. އޭނާ މެދުވެރި ކޮށް ގަވާލިޔާރުގެ ރަސްގެފާނުގެ އެހީފުޅު އަހަންނަށް ހޯދިދާނެކަމަށް ހީވެއެވެ."

ޝަމްބޫނާތު ދެންނެވިއެވެ. "ވަގުތު ނަންގަވައިނުލައްވާށެވެ. ޕޫރަންޗަންދުގެ ރަށް މި ހިސާބާ ވަރަށް ދުރެވެ. މަނިކުފާނުގެ އަސްކޮޅު މިހާރު ވެސް އޮތީ ވަރުބަލި ވެފައެވެ."

ރަންބީރާއި ޝަމްބޫނާތު މި ހިސާބުން ވަކި ވެވަޑައިގެން އެ ބޭފުޅަކު އެ ބޭފުޅެއްގެ މަންޒިލާ ދިމާޔަށް ދަތުރު ފައްޓަވައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.