(23 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތަހުނިޔާ ފޯނުކުރިއިރު ، ނޫރު އިނީ އޮފީހުގައި ކުރަންހުރި މަސައްކަތް ފަށާނީ ކޮންހިސާބަކުންކަން ނޭނގި ހުއްޓުން އަރާފައެވެ. އެތައް އިރަކު ފޯނުވީފަހުން ، ނޫރު ފޯނު ނެގިއެވެ. ފޯނު ނެގުމާއެކު ، ނޫރުއާ ކުރިމަތިލާން ޖެހުނީ ތަހުނިޔާގެ ޝަކުވާ ތަކާއެވެ. ނޫރުއާއި މުރުތަޟާގެ މައްސަލަ އެހާ ބޮޑުވެގެންދިޔައިރުވެސް ތަހުނިޔާގާތު ބުނެނުލުމަކީ ތަހުނިޔާގެ އެންމެބަޑު ޝަކުވާއެވެ. ނޫރުއަށް އޭނާގެ ރަޙުމަތްތެރިޔާ ތަހުނިޔާގާތު އެވާހަކަ ނުބުނެވުނީ ސަބަބުތަކެއް އޮވެގެންނެވެ. އެހުރިހާކަމެއް ހިނގައި އެދިޔައީ އެހައި އަވަސްކަމާއެކު އަދި އެހާމެ ހާސްކަންމަތީގައެވެ. ހަމަޖެހިލައިގެން ކަމަކާ ވިސްނައިލާނެ ވަގުތެއްވެސް ނޫރުއަކަށް ނުލިބެއެވެ.
މުރުތަޟާގެ ޢަމަލުތައްހުރީ ، ނޫރު ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ނޫރުގެ ވާހަކަތައް ޤަބޫލުކުރުމުގެ ވިސްނުމެއް މުރުތަޟާގެ ނެތެވެ. އެންމެ ދެރަވެގެން ، ނޫރުގެ ވާހަކަ އަޑުއަހާކަށްވެސް މުރުތަޟާ ބޭނުމެއް ނުވެއެވެ. ފޯނުން ދެއްކޭ ވަރަށްވުރެ ގިނަވާހަކަ ނޫރު ދައްކަން އެބަހުއްޓެވެ. އެހެންކަމުން ، ތަހުނިޔާއާއި ނޫރު އެއްބަސްވީ ބައްދަލުކޮށްލާފައި ، އެ ދެ ރަޙުމަތްތެރިންގެ މެދުގައި އެވާހަކަތައް ޙިއްޞާ ކޮށްލުމަށެވެ. ނޫރު އޮފީސް ނިންމާފައި ގެޔަށްނުގޮސް ، ތަހުނިޔާ ނަގައިގެން ކޮންމެވެސް ތާކަށްގޮސްތިބެ ވާހަކަ ދަކައިލުމަށް ދެމީހުންވެސް އެއްބަސްވިއެވެ.
ޠާހިރާ ހުރީ ވަރަށްބޮޑަށް ކަން ބޮޑުވެފައެވެ. ސިޓިންރޫމަށް ނުކުތްތަނާ މަންމަޔާ ދިމާވިއެވެ. އޭނާހުރީ މަންމަޔާ ވާހަކަ ދައްކައިލުމަށް ބޭނުންވެފައެވެ. މުރުތަޟާހުރީ ވަރަށް ބޮޑަށް ހިތަށް އުނދަގޫވެފައިކަމުގައި ޠާހިރާ ބުންޏެވެ. މުރުތަޟާ ހަދާނީ މަންމަ ބުނާ ގޮތެކެވެ. މިއަދު އޮފީހަށް އެދިޔައީވެސް ސައިވެސް ނުބޮއެވެ. އޮފީހަށް އެދިޔައީ ސައިތަށިން ދެތިން ކޯވަރު ބޮއިލުމަށްފަހު ، އެއްވެސް އެއްޗެއްވެސް ނުކައެވެ. މުރުތަޟާ އެހުރީ ހަމަޖެހިގެންކަން ދެއްކުމަށް މަސައްކަތް ކުރިނަމަވެސް ، އޭނާގެ ހިތުގައި އަނދަމުން އެދާ ހިތްދަތިކަމުގެ އަލިފާންގަނޑު ބޭރަށް ފެނުނަނުދީ އޮއްބައި ލަނީއެވެ. އެހެންވީމާ ، ކައިވެނީގެ މައްސަލައިގާ މަންމަވެސް ރުޅިވެރިކަން އިސްނުކޮށް ، މުރުތަޟާއާ ވާހަކަ ދައްކާލައި ، މުރުތަޟާ ބޭނުންވާގޮތެއް ސާފުކޮށް ، އެގޮތަކަށް މަންމަގެ ވިސްނުން ދީލައިލުމުގެ މުހިންމުކަން ޠާހިރާ ، އޭނާގެ މަންމަޔަށް ވިސްނައިދިނެވެ.
" އެތެރޭގައި ހަރުލާފައި އޮންނަ ކުޑަ ހިލަކޮޅެއް ، ކޮށްޓާލިޔަކަސް އަދި ، ބޭރަކަށް ނުނުކުންނާނެއެވެ. އެހިލަކޮޅު ނެރެވޭނީ އެއާ އެއްވަރުގެ ޖާގައެއް ލިބިގެންނެވެ. މޫސުން ބަދަލުވީމާ އިންސާނާ ބަލިވާނެއެވެ. އިންސާނާ ބަލިވީމާ ، ހަށިގަނޑަށް އޭގެ އަސަރު ކުރާނެއެވެ. އެކަމަކު ، ހިތްވަރަކަށް ބަދަލެއް ނާންނާނެއެވެ. ޠާހިރާ ، އެކަމާ ކަންބޮޑު ނުވާށެވެ. ހުރިހާކަމެއްވެސް ދާނީ ރަނގަޅަށެވެ. " ޙަފުޞާ ބުންޏެވެ.
ނޫރުލްޢައިނާއި މުރުތަޟާގެ ގުޅުން މަންމަ އެބުނާހާ ފަސޭހައިން ނިމިގެން ހިނގައިދާނެކަމަކަށް ޠާހިރާއަކަށް ނުފެނެއެވެ. ޠާހިރާގެ ވާހަކަތަކުން ، ޙަފުޞާގާތަށް ރުޅިއައެވެ. އަދި ، މީގެފަހުން ނޫރުލްޢައިނުގެ ވާޙަކަ އެ ގޭތެރޭ ނުދެއްކުމަށް ޠާހިރާގާތު ބުންޏެވެ. ތަހުނިޔާމެން ގެޔަށްގޮސް ، ޢާޞިފާއި ސާޖިދާ ބައްދަލުކޮށްލަން ޙަފުޞާ އެގެޔަށް ދާތީ ޠާހިރާ އޭނާއާއެކު ދާނަންތޯ ޙަފުޞާ ސުއާލު ކުރިއެވެ. ކުއްލިޔަކަށް އެގެޔަށް ދަނީ ކީއްކުރަންތޯ އާއި ޚާއްޞަ ވަކިކަމެއް ދިމާވީތޯ ޠާހިރާ ސުއާލު ކުރިއެވެ. ޠާހިރާ އޭނާއާއެކު ދާން ބޭނުމިއްޔާ އަންނަންވީ ކަމަށާއި ، ޢާންމު ކަމެއްގައި އޮންނާނީ ކޮން ޚާއްޞަކަމެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ.
" މަންމާއެވެ ! މަންމަ ކުރަން ތި ވިސްނަނީ ، އަހަރެންނަށް މިހީވާކަންތައް ހެއްޔެވެ ؟ ޠާހިރާގެ ސުއާލަށް ޙަފުޞާ ޖަވާބެއް ނުދެއެވެ. ޙަފުޞާ ތެދުވެގެން ހިނގައިގަތީ ޠާހިރާ އޭނާއާއެކު ނުދިޔަޔަސް ވަރިހަމަ ކޮށްފައެވެ.
ކުރިންވެސް ރޭވިފައި އޮތްގޮތަށް ތަހުނިޔާއާއި ނޫރު ، އެދުވަހުގެ ހަވީރު ބައްދަލުކުރިއެވެ. ނޫރުގެ ހިތުގައިހުރި ވާހަކަތައް ތަހުނިޔާއަށް ކިޔައިދިނެވެ. ނޫރުއަށް ލިބިފައިވާ ތަޢުލީމާއި ، އޭނާގެ ވިސްނުމާއި މަޤާމަކީ ، އެއްވެސް އަގެއްހުރި އެއްޗަކަށް މުރުތަޟާއެއް ނުހެދިއެވެ. އެކަންކަން މުރުތަޟާ އެހެދީ ނޫރުއަށް ކުރެވުނު ކުށަކަށެވެ. ނޫރުއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ ؟ ބައްޕަވެސް އަދި ބޭބެއާއި ފަހަރިވެސް އޭނާއަކާ މިހާރު ވާހަކައެއް ނުދައްކައެވެ. އެންމެންނަށްވެސް ގޯސްވީ ނޫރުއެވެ.
" ތަހުނިޔާ ނިކަން ބުނެބަލާށެވެ ! އެމީހެއްގެ ވިސްނުމަށް އަންނަ ގޮތެއްގެ ޚިޔާލު ފާޅުކުރުމާއި ، ދިރިއުޅުމަށް ބޭނުންވާ އުއްމީދުތަކެއް ހާމަކުރުމަކީ ގޯހެއް ހެއްޔެވެ ؟ " ވާހަކަ ދައްކަމުން ދިޔައިރު ނޫރުގެ ލޮލުން ފާއްދަމުންދިޔަ ކަރުނަ ތަހުނިޔާއަށް ސިއްރެއް ނުވެއެވެ.
ނޫރު އެދައްކަނީ ގޯސް ވާހަކަތަކެއް ނޫންކަމަށް ތަހުނިޔާ އެއްބަސްވިއެވެ. އަންހެންކުއްޖަކަށްވެސް ، އޭނާގެ ދިރިއުޅުމަށް އުއްމީދުތަކެއް ކުރުމުގެ ޙައްޤު އޮންނަން ޖެހޭނެއެވެ. ނޫރުގެ ވާހަކަތަކުގައި އެއްވެސް ގޯހެއް ނެތެވެ. އެހެންނަމަވެސް ، ނޫރުވެސް ވިސްނައިލަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ތަހުނިޔާ ބުނަމުން ގެންދިޔައެވެ.
ނިކަން ވިސްނައިލަ ބަލާށެވެ. އަންހެންކުދިން އެކަހަލަ ވިސްނުން ގެންގުޅެ ، އެކުދިންނަށް ފެންނަ ޚިޔާލެއް ފާޅުކުރުމުން ، މީހުން އެކަން ޤަބޫލުކުރާ ހިސާބަކަށް ، މީހުންގެ ވިސްނުމެއް އަދި ނުދެއެވެ. އެއީ އަންހެނުންނަށްވެސް އޮންނަންޖެހޭނެ ޙައްޤެކެވެ. އެ ޙައްޤު އަންހެނުންނަށް ދޭގޮތަށް މާޙައުލު އޮތީ އަދި ތައްޔާރަކަށް ނޫނެވެ. އަދިވެސް ، އަންހެނުންނަކީ ، އެމީހުންގާތު ފިރިހެނުން ބުނާގޮތެއް ހަދަން ތައްޔާރުކޮށްފައި ހުންނަ ބުދުތަކެއްފަދަ ބަޔެކެވެ. މައިންބަފައިންވެސް އެމީހުންގެ އަންހެންދަރިންނަށް އެ ޙައްޤު ދޭކަށް އަދި ތައްޔާރެއް ނޫނެވެ. އަނެހެންކުދިން ހަދަން ޖެހޭނީ މައިންބަފައިން ބުނާ ގޮތެކެވެ. އެކުދިންގެ އުއްމީދާއި ދިރިއުޅުން އެދަނީ ކަންބަޅި ބަކަށްޓެއްހެން ޤުރުބާންކުރެވެމުންނެވެ. މުޖުރަމަޢުގެ ހޭލުންތެރިކަން އަދި މިއޮތީ އެފަދަ ޙާލަތެއްގައެވެ. އެއާ އިދިކޮޅަށް ތެދުވާ ކޮންމެ އަންހެން ކުއްޖަކު ދާނީ ބާކީ ވެގެންނެވެ. ނޫރުއަށްވެސް ކުރިމަތިވެގެން އެއުޅެނީ އެޙާލަތުކަމަށް ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ ވާހަކަތަކަށް ނޫރުއަކަށް އެއްބަހެއް ނުވެވުނެވެ. ތަހުނިޔާ އެދައްކަނީ ޒަމާނުއްސުރެ އަށަގެންފައި އޮތް ބޯދާ ވިސްނުމުގެ ވާހަކައެވެ. އެ ބޯދާ ވިސްނުމުގައި ހުރި ކަންތައްތަކަކީ ، ދުނިޔެ ދައްކަމުން ގެންދާ ތަހުޒީބާއި ތަމައްދުންގެ ހެޔޮ އަސަރު އިންސާނިއްޔަތަށް ފޯރާނެ ވިސްނުމެއްނޫނެވެ. ޒަމާން މިދަނީ ބަދަލު ވަމުންނެވެ. ބަދަލުވަމުން އެދާ ޒަމާނާ އެއްގޮތަށް އިންސާނާގެ ވިސްނުމާއި ފިކުރު ބަދަލު ނުވާނަމަ ، ދުނިޔޭގައި އުޅުމުގެ ފައިދާއަކީ ކޮބައި ހެއްޔެވެ ؟ އެހެންކަމަށްވާނަމަ ޖަނަވާރުންނާއި އިންސާނުންނާ ދެމެދުގައި ހުރި ތަފާތަކީ ކޮބައި ހެއްޔެވެ ؟ ދުނިޔެ މިއޮތީ އިންސާނާގެ ކުރިއެރުމަށް ޖާގަ ދީފައެވެ. ކުރިޔަށް ދެވޭނެ މަގުތައް ދުނިޔެ އަންނަނީ ދައްކަމުންނެވެ. އެމަގުން އިންސާނާއަށް ނުހިނގޭ ކަމަށްވަންޏާ ، ދުނިޔެއަށް އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ މިއީ ހައްތާވެސް ، ނޫރުގެ ހިތުގައި އުފެދިފައި ހުރި ސުއާލުތަކެވެ.
ބޯދާ ވިސްނުމާއި ފިކުރަކީ ތަޢުލީމީ ޒުވާނުންނަށް ހުރި ގޮން ޖެހުމެކެވެ. ޒަމާނަށް އައިސްފައި މިވާ ބަދަލުގައި ކިޔަވައިގެންތިބޭ އަންހެންކުދިންނާއި ނުކިޔަވާތިބޭ އަންހެންކުދިންގެ ތަފާތު އެބަ ދައްކައެވެ. އެތަފާތަކީ ، ޢަމަލީގޮތުން ބޭނުން ނުކުރެވޭ އެއްޗެއްކަމަށް ވަންޏާ ، މައިންބަފައިން ، އަތްމަތި ހުސްކޮށްގެން ، އެމީހުންގެ އަންހެންދަރިންނަށް ކިޔަވައިދެނީ ކީއްކުރަން ހެއްޔެވެ ؟
އެމީހުން ، ނޫރުގެ ކިބައިން އެއެދެނީ ، އޮފީހުން ކެނޑިގެން ، ގޭގެ މީހުންނަށް ކައްކައިކާންދީ ގޭތެރެ ބެލެހެއްޓުމަށް ހަތަރުދަމު ގޭގައި އިންނާށެވެ. ދަރިން ހޯދައިގެން ގެއިން ބޭރަށް ނުނުކުމެ އެކުދިންގެ ކަންތައްތައް ބަލަހައްޓަން ގޭގައި އިންނާށެވެ. ދަރިން ހޯދުމަށްވެސް ވަކި ޢުމުރެއް އޮންނާނެ ނޫންހެއްޔެވެ ؟ އެކުދިން ބަލައި ތަރުބިއްޔަތު ކޮށް ބޮޑެތިކުރުމުގެ ޒިންމާއަކީ ، އެހެން ހުރިހާކަމެއް ދޫކޮށްލަންޖެހޭފަދަ ޙާލަތެކެވެ. އެކަންކަމަކީ އަންހެންކުދިންވެސް ހިތާއި ސިކުނޑިން ތައްޔާރުވާން ޖެހޭ ކަންކަމެވެ. އެއިން އެއްވެސް ކަމަކަށް ނުވިސްނައި ، މީހަކާ އިންނާށޭ ބުނީމަ ، ހަމަ ކައިވެނިކުރަންވީ ހެއްޔެވެ ؟
ޙަފުޞައްތައާއި ޠާހިރާ އާ އޭނާގެ ދަރިފުޅުގެ ހުރިހާ ޒިންމާއެއް ބޮލުގައި އަޅައިގެން އެހުރީ މުރުތަޟާއެވެ. ނޫރު އެގެޔަށް ދިޔައިމަ އެއީ މުރުތަޟާއަށް ކުރިމަތިވާ އިތުރު ޒިންމާއެކެވެ. ހުރިހާ ތަކުލީފެއް އުފުއްލަންޖެހޭނީ ނޫރުއެވެ.
" ނޫނެކެވެ ! ނޫރު ތިވިސްނަނީ އޭގެ އިދިކޮޅަށް އެކަމުގައި އޮތް ގޯސް ގޮތަށެވެ. ހައްދުފަހަނަޅައިދާ މިންވަރަށެވެ. މުރުތަޟާއަކީ އެކަހަލަ މީހެއްނޫނެވެ. ނޫރުއަށް އެއްވެސް ތަކުލީފެއް ލިބުނަކަ ނުދޭނެއެވެ. " ތަހުނިޔާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
ނޫރުއަކަށް އެކަމަކާ އެއްބަހެއް ނުވެވުނެވެ. މުރުތަޟާއަކީ އެކަހަލަ މީހެއްނޫން ކަމަށްވަންޏާ ، ނޫރު އެކިޔާ އެއްޗެއްގެ އަޑު ނާހައި މަންމަ ބުނާހާގޮތަކަށް ހަދާކަށް ވިސްނުމެއް ނުގެންގުޅޭނެއެވެ. މުރުތަޟާގެ ވިސްނުންވެސް އެހުންނަނީ އެހެން ފިރިހެނުންގެވެސް ވިސްނުން ހުންނަ ގޮތަށެވެ. އަންހެނުންނަކީ އެމީހުންގެ ކުރިމަތީގައި އެއްވެސް ބައެއްނޫނެވެ.
ނޫރުއަށް ދެއްކުނު ރަނގަޅު އެއްވެސް ވާހަކައެއް ނެތެވެ. ރަނގަޅަކަށް ދެއްކި ހުރިހާ ވާހަކައެއްވެސް މުރުތަޟާ ނެގީ އޭގެ އިދިކޮޅަށެވެ. ނޫރުއަށް ލިބޭ ކުރިއެރުމަކީ ، މުރުތަޟާގެ ނަޒަރުގައި ނޫރުގެ ކިބުރުވެރިކަމެވެ. ބޮޑާވާންވެގެން ކުރާ އުއްމީދެކެވެ. ނޫރުގެ ބޭނުމަކީ ، މުރުތަޟާއާއެކު އޭނާގެ ދުނިޔެ އާބާދުކޮށް ، ކިޔަވައިގެންހުރި އަބުރުވެރި އަނތްބެއްގެ ދިރިއުޅުން ދުށުމެވެ. އުފާވެރި ޢާއިލީ ދިރިއުޅުމެއް ބިނާކުރުމެވެ. އެކަމަކު ، މުރުތަޟާ ވިސްނާގޮތުގައި އެއީ ނޫރުގެ ބޮޑާކަމާއި މުރުތަޟާއަށްވުރެ މަތީ މަޤާމަކަށް ދާން ކުރާ އުއްމީދެވެ. އެފަދަ ކަމަކުން މުރުތަޟާއަށް ލިބޭނެ ފަޚުރެއް އަދި އުފަލެއްވެސް ނެތެވެ. ނޫރު ހުންނަންޖެހޭނީ އޭނާއަށްވުރެ ދަށުގައެވެ. ފިރިއެއްގެ ދަށުވެފައިހުރި އަންހެނެއްގެ ގޮތުގައި ބަސްއަހައިގެން ގޭގައެވެ.
ޙަފުޞައްތަ ކައިރީގަވެސް ނޫރު ދެއްކި ވާހަކަތައް އެއްވެސް އެއްޗަކަށް ނުވިއެވެ. އެންމެ ދުވަހަކަށްވެސް އެކައިވެނި ފަސްކޮށްލާކަށް ޙަފުޞައްތަ އެއްބަހެއް ނުވިއެވެ. ނޫރުއާ ދިމާއަށް އެތިވަރު ގޮވައިގެންފައި ، އެކައިވެނި ނުކުރާނެކަން އަންގައި ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ. މުރުތަޟާ ކުރެން އަހައިލުމެއްވެސް ނެތެވެ. މުރުތަޟާވެސް ، ނޫރުއާ އެވާހަކަ ނުދައްކައި މަންމަ ނިންމި ގޮތަކަށް އެހުރީ ނިންމައިގެންނެވެ. މިހާރުދެން އެވާހަކަތައް ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. ޙަފުޞައްތަ ދިޔައީ ، ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މުރުތަޟާގެ ކައިވެނި އެހެންމީހަކާ ކުރާނެ ވާހަކަ ބުނެފައެވެ. ހުރިހާކަމެއް ނިމިއްޖެއެވެ. އެއީ މިހާރުދެން ނުވާ ކަމެކެވެ. ޙަފުޞައްތަ އޭނާގެ ނިންމުން ބަދަލެއް ނުކުރާނެއެވެ. ޙަފުޞައްތަގެ ނިންމުމާ ދެކޮޅު ހެދޭފަދަ ހިތްވަރެއް މުރުތަޟާގެ ނުހުންނާނެއެވެ. ނޫރު އެއައީ ޙަފުޞައްތަ ހަދިޔާއަށްދިން ރަނާއި ޖަވާހިރާ އަދި ގަހަނާތައް އަނބުރާ ޙަފުޞައްތައާ ޙަވާލުކޮށްފައެވެ.
ނޫރުއަށް އެހިސާބުން ރޮވުނެވެ. ތަހުނިޔާ އިނީ ބުނާނެ އެއްޗެއް ނޭނގި ޙައިރާން ވެފައެވެ. ނޫރު އެދެއްކީ މުރުތަޟާއާއި ނޫރުގެ ގުޅުމުގެ ވާހަކަ ކަމުގައި ޤަބޫލުކުރާކަށް ތަހުނިޔާގެ ހިތް އެއްބަހެއް ނުވިއެވެ. އެގުޅުން އެހާ ފަސޭހައިން ނިމިގެން ހިނގައިދާނެކަމަކަށް ތަހުނިޔާއަކަށް ޤަބޫލެއް ނުކުރެވުނެވެ.
ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު ނޫރު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ޙަފުޞައްތަޔަށް އެހުރީ ވަރަށް ބޮޑަށް އޮޅިފައެވެ. އެހެން މީހަކާ ކައިވެނިކުރުވައިގެން މުރުތަޟާއަށް ބާއްޖަވެރި ޙަޔާތެއް ލިބިދާނެކަމަށް ޙަފުޞައްތަޔަށް ހީވުން އެއީ ކުށްހީއެކެވެ. އެއީ ނޫރުއަށް ދެވޭ ގެއްލުމެއް ނޫނެވެ. ޚުދު ، މުރުތަޟާއަށްވެސް ދެވޭ އަނިޔާއެކެވެ. މުރުތަޟާ އަށް އެހެން މީހަކުދެކެ ލޯތްބެއް ނުވެވޭނެއެވެ. މަންމަ ދައްކާ މީހަކާ ، މުރުތަޟާ ކައިވެނި ކޮށްފާނެއެވެ. އެކަމަކު މުރުތަޟާއަކަށް ނޫރުގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. ނޫރު ފިޔަވާ އެހެން އަންހެންކުއްޖަކާ ދިމާއަށް މުރުތަޟާ ބަލައިވެސް ނުލާނެއެވެ. ނޫރުވެސް މުރުތަޟާދެކެ އިންތިހާއަށް ލޯބިވާކަމުގައި ތަހުނިޔާގާތު ބުންޏެވެ. ނޫރު ނުބުންޏަސް ، މުރުތަޟާދެކެ ނޫރުވާ ލޯބި ތަހުނިޔާއަށް ވަޒަން ކުރެވެއެވެ. އަދި މުރުތަޟާވެސް ނޫރުދެކެ އިންތިހާއަށް ލޯބިވާކަން ، ތަހުނިޔާއަށް އެނގެއެވެ.
މުރުތަޟާގެ ފަތިސް ފެށޭނީ ނޫރުއާ އެކުގައެވެ. ދުވަސްނިމި އިރުއޮއްސޭނީ ނޫރުއާ ހިސާބުންނެވެ. ރޭވެ އަނދިރިވުމުން މުރުތަޟާއަށް އަލިކަން ލިބޭނީ ނޫރުގެ ފަރާތުންނެވެ. ނިދޭ ހިސާބަށް މުރުތަޟާގެ ނޭވާލާނީ ނޫރުއާ އެކުގައެވެ. މުރުތަޟާއަށް ޙަފުޞައްތަ އެދެނީ ވަރަށްބޮޑު އަނިޔާ އެކެވެ. ނޫރުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ތަހުނިޔާ އިނީ ދެލޯ ބޮޑުވެ ، ބުނާނެ އެއްޗެއް ނޭނގިފައެވެ. އެތާ ރެސްޓޯރެންޓްގައި އެންމެންގެ ތެރޭގައި އިނދެ ، ނޫރު ރޯނީ ވަރަށްބޮޑަށް ހިތަށް ތަދުވެގެންނެވެ. އެހިތުގައި އަޅާ ވޭނާއި ލިބޭ ތަކުލީފަށް ކެތް ނުކުރެވިގެންނެވެ. ނޫރުއަކީ ކެތްތެރި ކުއްޖެއްކަން ތަހުނިޔާއަށް އެނގެއެވެ. ނޫރުގެ ޙާލަތަށް ތަހުނިޔާ ހަމްދަރުދީ ވިއެވެ. ތަހުނިޠާގެ ލޮލުންވެސް ކަރުނަ ހިލިގެން ދިޔައެވެ.
މުރުތަޟާއާ ބައްދަލުކޮށް ވާހަކަ ދައްކައިލުމަށް ތަހުނިޔާ ނޫރުއަށް ނަޞޭޙަތް ދިނެވެ. މުރުތަޟާ ، ނޫރުގެ ވާހަކަ އަޑު އަހާނެއެވެ. އަދި ، ދެމީހުން ހަމަޖެހިލައިގެން ވާހަކަ ދައްކައިލީމަ ، މުރުތަޟާއަށް ވިސްނޭނެއެވެ. ނޫރުއާ ވަކިވާކަށް މުރުތަޟާ ބޭނުމެއް ނުވާނެއެވެ. އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ދުނިޔެ އެހާ އަވަހަށް ބަނަވެގެން ދާކަށް ތަހުނިޔާއެއް ނޭދެއެވެ. އުއްމީދު ނަގައިނުލުމަށް ނޫރުއަށް ނަޞޭޙަތްތެރި ވިއެވެ. ނޫރުވެސް ވާހަކަ ދައްކާށެވެ. އަދި މުރުތަޟާ ދައްކާ ވާހަކަ ، ނޫރުވެސް އަޑު އަހާށެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ ވާހަކަ އަޑުއަހަން ޖެހޭނެއެވެ. އެހާ ލޯބިން އެތައްދުވަހަކު އުޅުނު ދެމީހަކަށް އެކަކު އަނެކެއްގެ ވާހަކައިގެ އަޑު ނޭހޭ ހިސާބަށް ގޮސްގެން ނުވާނެއެވެ. އެހާ ބޮޑު ހުރަހެއް އެދެމެދަށް ވަންނަން ފުރުޞަތުދީގެން ނުވާނެއެވެ. ލޯބިވުމަކީ ، ކުޅޭކުޅޭ ކަމެއްނޫނެވެ. ލޯބިވުމަށްފަހު ، އެލޯތްބާ ދުރުވުމަކީ ހިތަށް ލިބޭނެ އަނިޔާ އެކެވެ. ނެތް ހިތްވަރު ލާފައި ، މުރުތަޟާއާ ބައްދަލުކޮށް ، ވާހަކަ ދައްކައިގެން މުރުތަޟާއަށް ވިސްނައިދީ ، އެއްބަސްކުރުވަން ތަހުނިޔާ ، ނޫރުއަށް ނަޞޭޙަތް ދިނެވެ.
މުރުތަޟާގެ ފަރާތުން ނޫރު އަޑުއަހާނީ ކޮންވާހަކައެއް ހެއްޔެވެ ؟ އޭނާއާ ބައްދަލުކޮށް ވާހަކަ ދައްކައިލާކަށް މުރުތަޟާ ބޭނުމެއް ނޫނެވެ. މުރުތަޟާ އެހުރީ އޭނާގެ މަންމަގެ ނިންމުމާ އެއްގޮތަށް ، ނޫރުއާ ގުޅުން ކަނޑާލައިގެންނެވެ. އެ ގުޅުން ރަނގަޅުކުރުމަށް ކުރެވޭނެ އިތުރު ކަމެއް މިހާރަކު ނެތެވެ.
މުރުތަޟާ ބޭނުންވަނީ ވަގުތުން ކައިވެނި ކުރާށެވެ. ނޫރުގެ ވަޒީފާގެ ކުރިއެރުން ލިބެން ދެން އޮތީ މަދު ދުވަސް ކޮޅެކެވެ. އޭނާގެ ވަޒީފާގެ މުސްތަޤްބަލް އަދި އޮތީއެވެ. އެކަން އަދި އެ ކިރިޔާ ފެށުނީއެވެ. ނޫރު ބޭނުން އެވަނީ އަހަރެއްހައި ދުވަހު މަޑުކޮށްލާށެވެ. އެހާ ގާތްކޮށް ބަދަހިކޮށް އުފެދިފައި އޮތް ގުޅުމެއްގައި އަހަރެއްހައި ދުވަހުން އަޅާނީ ކޮން ރެނދެއް ހެއްޔެވެ ؟ ދެމީހުންގެ ދިރިއުޅުމުގެ ލާބައާއި މަންފާއަށްޓަކައި އެހާ ކުޑަ ދުވަސްކޮޅަކު މަޑުކޮށް ނުލެވެންވީ ސަބަބެއް ނޫރުއަކަށް ނުވިސްނެއެވެ. އެހިސާބަށް ދިޔައިމާ މުރުތަޟާ ބުނާ ހުރިހާގޮތެއް ނޫރު ހަދާނެއެވެ. އެކަމަކު ، ނޫރުގެ އުއްމީދުތަކަށް ދިރުމެއް ގެނައުމުގައި މުރުތަޟާ އެހުރީ ހުރަހަކަށް ވެފައެވެ.
ތަހުނިޔާ އެހުރީ ނޫރުއާއެކުގައި ކަމަށް ބުންޏެވެ. ނޫރުއަށް ބޭނުންވާ ކޮންމެ ކަމެއްވެސް އޭނާ ކޮށްދޭނެއެވެ. ރަޙުމަތްތެރިޔާގެ ހިތްހަލާކުވެގެންދާކަށް ތަހުނިޔާ ދޫކޮށެއް ނުލާނެއެވެ. ނޫރު ބޭނުންކަމަށް ވަންޏާ ، ޚުދު ތަހުނިޔާ ، މުރުތަޟާއާ ބައްދަލުކޮށް އެވާހަކަތައް ދައްކަން އޭނާ އެހުރީ ތައްޔާރަށެވެ.
ނޫރުއަށް މުރުތަޟާގާތު ނުދެއްކުނު ވާހަކައެއް ތަހުނިޔާއަށް ، މުރުތަޟާއާ ދައްކައި މުރުތަޟާއަށް އެއްޗެއް ވިސްނައިދެވޭނެކަމަކަށް ނޫރުއަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އަމްދުން ، ޙަފުޞައްތަގެ ނިންމުން ބަދަލުކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއްނޫނެވެ.
ތަހުނިޔާ ނޫރާގާތަށް ޖެހިލައި ، ނޫރުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ. އަދި ހުރިހާކަމެއްވެސް ރަނަގޅުވާނެކަމަށްބުނެ ނޫރުއަށް ހިތްވަރު ދިނެވެ.
(ނުނިމޭ)