(23 އޮކްޓޯބަރ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)
ޝޭރުދިލްގެ ދެމަފިރިންގެ މަރާ ގުޅިގެން ، މުޅި ސަހަރުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ. ދެ ޤަބީލާގެ މެދުގައި އިތުރަށް ޙަމަލާތައް ބަދަލު ކުރެވި މައްސަލަ ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެކަމުގެ ބިރު އޮތީ މުޅި ސަހަރަށް ފެތުރިފައެވެ. އެކަން ޙައްލުކޮށް ، ތަނުގެ ސަލާމަތާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ، ސަހަރުގެ އެންމެ މަތީ މަޖިލީހުގެ ސަރުދާރު ، ޙަކީމުﷲ އިސްނެގިއެވެ. އެއްކޮޅުން ޙިޖާޒީއާ ބައްދަލުކޮށް ، ޒަފްރާންޚާނާ އެއްމޭޒު ދޮށަށް އައުމަށް ދަޢުވަތު ދިނެވެ. އެކަމާމެދު ވަރަށް ބޮޑަށް ވިސްނުމަށްފަހު ، ޙިޖާޒީގެ ދެންހުރި ބޭބެގެ ވިސްނުމާ ދެކޮޅަށް ، ޒަފްރާންޚާނާ އެއްމޭޒު ދޮށަށް އައުމަށް ޙިޖާޒީ އެއްބަސްވިއެވެ. މަންމަ ، ބީބީޖާންވެސް އެކަމުގައި ޙިޖާޒީއާ ދެކޮޅެވެ. އެހެންނަމަވެސް ، ބޭބެގެ ދެމަފިރިންގެ މަރުގެ ބަދަލު ހިފާނީ މަރުންކަމަށް ޙިޖާޒީ އޭނާގެ މަންމަޔަށް ޔަޤީންކޮށްދިނެވެ. އެންމެ މަތީ މަޖިލީހުގައި ޒަފްރާންޚާނާ ވާހަކަ ދެއްކުމަށް ދާން ޙިޖާޒީ އެއްބަސްވީ ، ޤަބީލާގެ އަގު ހިފެހެއްޓުމަށެވެ. އެކަން އޭނާގެ މަންމައާއި ބޭބެޔަށް ޙިޖާޒީ ވިސްނައި ދިނެވެ.
އެންމެ މަތީ މަޖިލީހުގެ ޖަލްސާގައި ، ޝޭރުދިލްގެ ދެމަފރިންނާއި ފަހުލަވާނުން ، މަރައިލީ ޖާވީދުކަމަށް ޒަފްރާން ޚާން އެއްބަހެއް ނުވެއެވެ. އޭގެ ބަދަލުގައި ޒަފްރާންޚާން މަސައްކަތް ކުރަމުން ގެންދިޔައީ ޖާވީދު ސަލާމަތް ކުރުމަށެވެ. އަދި ދެ ޤަބީލާގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން ނައްތައިލުމަށްޓަކައި ، ޒަފްރާންޚާނަށް ބޮޑުބޭބެކިޔާ އަންހެންކުއްޖެއްގެ ކައިވެނި ޙިޖާޒީއަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެކަން ޙިޖާޒީ ޤަބޫލެއް ނުކުރިއެވެ. އެއަށްފަހު ޙިޖާޒީގެ ބޭބެއަށް ، އެ އަންހެންކުއްޖާގެ ކައިވެނި ހުށަހެޅުނެވެ. އެއީ ޒަފްރާންޚާން ހެދި މަކަރެކެވެ. އޭނާވެސް އެކަމަށް ކުރީ އިންކާރެވެ. އެންމެ ފަހުން އެ ބައްދަލުވުން ނިމިގެން ދިޔައީ އެއްވެސް މައްސަލައެއް ޙައްލު ނުވެ ، ދެ ޤަބީލާގެ މެދުގައި އޮތް ހަމަނުޖެހުން އެއޮތްގޮތަށް އޮވެއެވެ.
ޒަފްރާންޚާނަށް އެކުރެވުނީ ކީއްކަން ރޭކާލީ ގެޔަށް އައިސް ހަމަޖެހިލެވުނީމައެވެ. ޝޭރުދިލްގެ މަރުގެ ބަދަލުގައި ، އެ އަންހެންކުއްޖާގެ ކައިވެނި ހުށަހެޅުން އެއީ ، ޝޭރުދިލް ޝަހީދު ކޮށްލީ ޖާވީދުކަން ޤަބޫލުކުރުމަށް ، ހެއްކަކަށް ވެދާނެކަމަކަށް ޒަފްރާން ޚާނަކަށް ކުރިޔަކުން ނުވިސްނުނެވެ. ޝޭރުދިލް ޝަހީދުކޮށްލީ ، ޖާވީދު ، ނުވަތަ އޭނާގެ ޤަބީލާގެ މީހުން ނޫންކަމަށް ބުނެ ޒަފްރާން އައީ ދޮގުހަދައި އެ ދޮގު ކަށަވަރުކޮށްދިނުމަށް ލޮލުން ފެން ބާލަމުންނެވެ. ޒަފްރާން ޚާން އެ ވާހަކަ ދައްކަނީ ވަރަށް މަކަރުވެރި ގޮތަކަށް ، މުޅި ޙާދިސާ އޮޅުވައިލުމަށް ކަން ޙިޖާޒީއަށް އެނގެއެވެ. އަދި ، ޒަފްރާން ޚާން ޖަހަމުން އެދާ މަޅިފަތީގައި ނުޖެހުމަށް ޙިޖާޒީ ހުރީ ނިންމައިގެންނެވެ.
******************
މުދައްސިރާ ކައިވެނިކޮށްގެން ރާބިޔާއަށް ލިބެންޖެހޭ ހަމަޖެހުން އެންމެ ފުރިހަމަޔަށް ނުލިބޭކަމުގެ އިޙްސާސް ރާބިޔާއަށް ފާހަގަ ކުރެވެމުން އެބަ ދެއެވެ. މުދައްސިރު ، އޭނާދެކެ ލޯބި ނުވަނީކީ ނޫނެވެ. އަޅައި ނުލަނީކީވެސް ނޫނެވެ. އަދި ގޯހީކީވެސް ނޫނެވެ. ރާބިޔާދެކެ ، އިންތިހާއަށް މުދައްސިރު ލޯބި ވެއެވެ. ރާބިޔާގެ ހިތްހަމަ ޖައްސައިދެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. ދެމަފިރިން އެކަނި ގޭގައި އުޅެން ޖެހޭއިރު ، ރާބިޔާއަށް އިޙްސާސް ކުރެވޭނެ އެކަނިވެރިކަމުގެ މައްޗަށް ވިސްނައިގެން ، ރާބިޔާ އެކަނި ނުވާނެ ހުރިހާކަމެއް މުދައްސިރު ގެންދަނީ ކުރަމުންނެވެ. ބޮޑުބޭބެއާއި ކޮއްކޮ ދެކިލުމަށް ހަފުތާ ބަންދުގައި ކަޝްމީރަށްދާންވެސް މުދައްސިރު ހުރީ ތައްޔާރުގައެވެ. އެކަމަކު ، އެއީ ރާބިޔާ ބޭނުންވާގޮތެއް ނޫނެވެ. ކައިވެންޏަށް ނެގި ޗުއްޓީ ނިންމާފަ މުދައްސިރު އޮފީހަށް ނުކުތްތާ ހަފުތާއެއްވެސް ނުވެއެވެ.
ބޭބެއާއި ކޮއްކޮއަށް ނުގުޅާ އެންމެ ދުވަހެއްވެސް ރާބިޔާ ދޫކޮށެއް ނުލައެވެ. އެކަމަކުވެސް ރާބިޔާއަށް ވެގެން އުޅޭގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހިތަކަށް އަރާމެއް ނުލިބެއެވެ. ހީވާގޮތުގައި އެ މާޙައުލަކީ އޭނާއަށް ކަމުދާ މާޙައުލެއް ނޫނެވެ. ގޯވާއިން ފަސްކޮޅަކާ ޕޫނާއިން ފަސްކޮޅެއް ގެނެސް އެއްކޮށްލީމަ ، އެ ދެފަސް ނުގުޅޭގޮތަށް ، އެ މާޙައުލަކީ ރާބިޔާއާ ގުޅޭ މާޙައުލަކަށް ނުވަނީއެވެ. އަލަށް ތަންތަނަށްގޮސް ދިރިއުޅެން ފަށާއިރު އެތަނަކަށް ހޭނިލަން ވަގުތު ނަގާނެއެވެ. ރާބިޔާއަށްވެސް ވެގެން އުޅެނީ އެހެންނެވެ. މަޑުމަޑުންގޮސް ހުރިހާ ކަމެއްވެސް ހަމަޔަކަށް އެޅޭނެއެވެ. އެންމެ މުހިންމު ކަމަކީ ، ފިރިމީހާއެވެ. ރާބިޔާއަށް އެ ލިބުނީ ރަނެއްމަލެއްފަދަ ފިރިޔެކެވެ. އެއީ މި ޒަމާނުގައި ރާބިޔާމެންކަހަލަ ކުދިންނަށް ނުވާވަރުގެ ކަމެކެވެ. އެކަމާ އެންމެ ބޮޑަށް އުފާކުރަނީ ރާބިޔާގެ ބޮޑުބޭބެ ނުޢުމާނެވެ.
ޝޭރުދިލްގެ ދެމަފިރިން ޝާހީދުކޮށްލުމަށްފަހު ޖާވީދަށް އުޅެންޖެހިފައި އޮތީ ފިލައިގެންނެވެ. ޢާންމު ތަންތަނަށް ނުކުމެ އުޅެނިކޮށް ، ޖާވީދު މަރައިލަފާނެކަމުގެ ބިރު އެންމެ ބޮޑަށް އޮތީ ޒަފްރާން ޚާންގެ ހިތުގައެވެ. ފިލައިގެން އުޅޭކަށް ޖާވީދު ބޭނުމެއްނޫނެވެ. އެންމެ ފަހުން ، ޒަފްރާން ޚާން އޭނާ ބަހައްޓާފައިހުރި ތަނުގައި އެތައް ދުވަހަކު ފިލައިގެން ހުރުމަށްފަހު ، ރާބިޔާއާ އޭނާގެ ކައިވެނީގެ މަތިން ހަނދާން ވުމުން ، ޒަފްރާން ޚާންގެ ބަސް ބޮލާޖަހައި ޖާވީދު އެތަނުން ނުކުތެވެ. ދިހަވަނަޔަށްވާ ދުވަހު ރާބިޔާއާ ކައިވެނިކުރަން އަންނާނަމޭ ކިޔާފަ ، ޖާވީދު އައިތާ މިހާރު މަހެއްވަނީއެވެ. ރާބިޔާ ކެފޭ ހިންގާ ސަރަޙައްދަށް ދިޔައިރު ، އެތަން ހުރީ ބަންދު ކޮށްފައެވެ. އެތަނުން ދިމާވި މީހެއްގާތު ވާހަކަ އެހުމުން ، މީހަކާ އިނދެގެން ރާބިޔާ އިސްލާމްއާބާދަށް ދިޔަކަން އެނގުނެވެ. އަދި ނުޢުމާނާއި ތޮއްޔިބު ދިޔައީ އެމީހުންގެ ޤައުމަށް ކަޝްމީރަށްކަންވެސް އެނގުނެވެ. އެހިސާބުން ޖާވީދު މޮޔަވިއެވެ. އޭނާއަށް ނުލިބުނު ރާބިޔާ އެހެން މީހަކަށް ލިބިގެން ނުވާނެކަމަށް ބުނެ ، މުޅި އިސްލާމްއާބާދުގައި ދުއްވި އިރުވެސް ރާބިޔާއެއް ނުފެނުނެވެ. ދެން އެ ބެހެއްޓީ ކަޝްމީރާ ދިމާލަށެވެ.
ރާބިޔާ ގޭގައި އެކަނި ބަހައްޓާފައި ހެނދުނު އޮފީހަށް ދާގޮތަށް މުދައްސިރަށް ގެޔަށް އާދެވެނީ އިރު އޮއްސޭފަހުންނެވެ. ރާބިޔާ އެކަނިވާނެވަރު ހިތަށް އަރާފައި އެކަމަށް މުދައްސިރު ޙައްލެއް ހޯދިއެވެ. މުދައްސިރު ހެނދުނު އޮފީހަށް ދާއިރު ރާބިޔާވެސް ބޭރަށް ގެންދެވޭނެ ގޮތެކެވެ. ކައްކާ ކޯހެއްގައި ރާބިޔާ ބައިވެރި ކުރުމެވެ. އެކަމާ ބެހޭގޮތުން ދެމީހުން ވާހަކަ ދައްކާފައި އެއީ ރަނގަޅުކަމެއްކަމުގައި ނިންމިއެވެ.
މުދައްސިރު އެތައްވަރަކަށް ކިޔައިގެން ، ރާބިޔާ ގޮވައިގެން ބާޒާރަށް ނުކުމެ އުޅެނިކޮށް ޖާވީދަށް އެމީހުން ފެނުނެވެ. އަދި ފަހަތުން ފާރަލަމުންގޮސް ، ރާބިޔާމެން ދިރިއުޅޭ ގެ ޖާވީދު ހޯދިއެވެ. އެދުވަހަކީ ރާބިޔާގެ އުފަން ދުވަހެވެ. އެކަމެއް ޚުދު ރާބިޔާއަކަށްވެސް ނޭނގެއެވެ. އޭނާގެ އުފަންދުވަސް އެއްވެސް އިރެއްގައި އެއްވެސް މީހަކު ފާހަގަ ކޮށްފައެއް ނުވެއެވެ. އެއްފަހަރަކު ތޮއްޔިބަށް އެދުވަސް ހަނދާން ކުރެވިގެން ރާބިޔާމެންގެ ކެފޭގައި ތިން ބެއިން އެ މުނާސަބަތު ފާހަގަކުރިއެވެ. އެއީވެސް ވަރަށް އާދައިގެ ގޮތަކަށެވެ. މުދައްސިރަށް ރާބިޔާގެ އުފަންދުވަސް އެނގޭތީ ، އޭނާ ހުރީ އެކަމަށް ތައްޔާރު ވެގެންނެވެ. ރާބިޔާ ޙައިރާން ކޮށްލަން ރާވައިގެންނެވެ. އެރޭ ، ރާބިޔާއަށް މުދައްސިރު ، އުފަންދުވަހުގެ މަރުޙަބާ ކިޔުމާ ހަމަޔަށްވެސް އެއީ ރާބިޔާގެ އުފަންދުވަސްކަމެއް އޭނާއަކަށް ނޭނގެއެވެ. ރާބިޔާއަށް ހުރެވުނީ އުފަލުންގޮސް ރޮވިފައެވެ. އެހާ އަގުބޮޑު ކެވެލި ފަށެއްވެސް ރާބިޔާއަށް މުދައްސިރު ހަދިޔާ ކުރިއެވެ.
ކުއްލިޔަކަށް އެގޭތެރޭގައި ބަޔަކު އުޅޭ އަޑު އިވުނެވެ. ރާބިޔާއަށް ބޭރު ބަލައި ލެވުނުއިރު ، ބޭރުގައި އެހުރީ ޖާވީދެވެ. އޭނާގެ އަތުގައި ފިސްތޯލައެއްވެސް އޮތެވެ. މުދައްސިރަށް އެތަން ފެނުމާއެކީ ، ރާބޔާގެ އަތުގައި ހިފައިގެން ގޭގެ މަތީބުރިޔަށްދާން މުދައްސިރު ދުއްވައި ގަތެވެ. މަތިންބުރިން ލާފައި ، ސިޑިޔަކުން ތިރިޔަށް ފައިބާ ، ގޭގެ ބިއްދޮށުގައިހުންނަ ސިއްރު ކޮޓަރިއެއްގެ ތެރެޔަށްވަދެ ، ޖަންކްޝަނެއްގެ މަތިނަގައި ރާބިޔާ އެތަނަށް ބޭލިއެވެ. އަދި އޭނާ އައިސް ގޮވައިލީމަ ނޫނީ އަޑެއް ބަޑެއް އިއްވައިގެން ނުވާނެކަމަށް ބުނެ ، އެތަނުގައި ރާބިޔާ ބަހައްޓާފައި މުދައްސިރު ދިޔައެވެ. މުދައްސިރު ނުފޮނުވަން ވެގެން ރާބިޔާ ލައްކަ މަސައްކަތް ކުރިއެވެ. އެއީ ޖާވީދު ކަމާއި އޭނާ އެއައީ އެ ދެމަފިރިން މަރައިލަންކަމަށް ރާބިޔާ ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ، އޭނާ އަންނާނެކަމަށް ރާބިޔާއަށް ވަޢުދުވަމުން ، އެގެޔަށް އެވަތް ބަޔަކާ ކުރިމަތިލުމަށް މުދައްސިރު ދިޔައެވެ. ދިޔަ މަގުމަތީގައި ، ޙިޖާޒީއަށް ފޯނުކޮށް ، އެގެޔަށް ބަޔަކު ވަތްވާހަކަ އާއި އެމީހުން ނުރައްކަލަށް ހުށަހެޅިފައިވާކަން ޙިޖާޒީއަށް އަންގައި ، އެ ދެމަފިރިން ސަލާމަތްކޮށްދޭން އެގެޔަށް އައިސް ދިނުމަށް ހީޖާޒީގެ ކިބައިން މުދައްސިރު އެދުނެވެ.
މުދައްސިރާ ދިމާވީ ޖާވީދާއެވެ. އެދެމީހުން ތަޅައި ފޮޅަމުން ގެންދިއުމުގައި ޖާވީދުގެ އަތުގައި އޮތް ފިސްތޯލައިން މުދައްސިރަށް އަމާޒުކޮށް ފޮނުވައިލި ވަޒަން އެރީ މުދައްސިރުގެ ބަނޑަށެވެ. ވަގުތުން މުދައްސިރު ބިންމައްޗަށް ވެއްޓުނެވެ. އެހިސާބުން ރާބިޔާ އެގޭތެރެއިން ހޯދުމަށް ޖާވީދު އޭނާގެ މީހުންނަށް އެންގިއެވެ. ރާބިޔާ ފިލައި ހުންނާނީ އެގޭތެރެއިން ތަނެއްގައިކަން ޖާވީދަށް އެނގެއެވެ. އެގެއިން ބޭރަކަށް އެއްވެސް މީހަކަށް ނުދެވޭނެއެވެ. ޙިޖާޒީއަށްވެސް އެވަގުތު މުދައްސިރުގެ ގެޔަށް އާދެވުނެވެ. ޙިޖާޒީއާއެކީ އައިމީހުން ގޭގެ އެކި ދިމަދިމާލަށް ފޮނުވައި ، މުދައްސިރަށް ގޮވަމުން ޙިޖާޒީ ގޭތެރެޔަށް ވަނެވެ. އަދި ، ވަޒަން އަރައި ޒަޚަމްވެގެން ތަޅުންމައްޗަށް ވެއްޓިފައި އޮތް މުދައްސިރު ޙިޖާޒީއަށް ފެނުނެވެ. ޙިޖާޒީމެން އައިކަން އެނގުމާއެކީ ، ޖާވީދާއި އޭނާގެ މީހުން ފިލަފިލައިގެން އެގެއިން ނުކުމެގެން ދިޔައީއެވެ.
މުދައްސިރުގެ ފުރާނަ އޭރު ހުއްޓެވެ. ލޯ ހުޅުވައިލުމަށްފަހު ، ރާބިޔާވީ ، ޖަންކްޝަންގެ ފެންގަނޑު ތެރެޔަށް ބާލައިފައި ކަމަށާއި އޭނާގެ އަނބިމީހާ އަމާނާތެއްގެ ގޮތުގައި ޙިޖާޒީއާ ޙަވާލުކޮށްފިކަމަށް މުދައްސިރު ބުނަމުން ގެންދިޔައެވެ. މުދައްސިރު ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިއުމަށް ޙިޖާޒީ މަސައްކަތް ކުރިއެވެ. އެހެނަސް ، މުދައްސިރު ހަމަހިމޭންވެ ، އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ދިޔައެވެ. އޭރު ، ރާބިޔާހުރީ ޖަންކްޝަން ތެރޭ އޭނާގެ މެޔާ ހަމަޔަށްހުރި ފެންގަނޑުގެ ތެރޭގައި ބިރުންގޮސް ފިތްކަނޑައިގެން ދާ ޙާލުގައެވެ. ޖާވީދާއި އޭނާގެ އަޢުވާނުން އެތަނަށް އައެވެ. އެކަމަކު އެމީހުންނަށް ރާބިޔާ ފެންނަ ގޮތެއް ނުވެއެވެ. އެތާހުރި އެއްޗެތިތައް އެފުށް މިފުށަށްޖަހައި އުކާފައި ، ރާބިޔާ ނުފެނުމުން އެތަނުން ނުކުމެގެން ދިޔައެވެ. ޙިޖާޒީއަށް އެވަގުތު އެގެޔަށް އާދެވުނުކަން ނަސީބެކެވެ. އެހެންނޫންނަމަ ، ރާބިޔާ ހުރިތާކުން ހޯދައިގެން ނުގެންގޮސް ޖާވީދު މައިތިރިއެއް ނުވާނެއެވެ. ރާބިޔާ އަތުޖެހުނީމަ ، ޖާވީދު ނިންމައިގެން ހުރީ ، އޭނާ ގޮވައިގެންގޮސް ، ރާބިޔާއާ ކައިވެނި ކުރުމަށެވެ. ރާބިޔާގެ ފިރިމީހާވެސް އޭނާގެ އަތުން މިހާރު އެވަނީ މަރުވެފައެވެ. ރާބިޔާ ހޯދަން އަންނާނެ އިތުރު މީހަކު އިސްލާމްއާބާދަކު ނުހުންނާނެއެވެ. އެގެޔަށް އެއައި ބަޔަކު އައިސް ދިޔައިމަ ހެނދުނު ހެނދުނާ އައިސް ރާބިޔާ ނަގައިގަނެގެން ޖާވީދަށް ގެންދެވޭނެއެވެ. އޭރަށް ، ރާބިޔާ އޮންނާނީ ޖާވީދަށް ހިތަކަށް ލިބިފައެވެ. ރާބިޔާއާއި އޭނާގެ ކޮއްކޮ އަކަށްވެސް ރާބިޔާ ވީތަނެއް ނޭނގޭނެއެވެ. ޖާވީދު އެގެއިން ނުކުތީ ، ހުރިހާކަމެއްވެސް އެ ނިމެނީ ޖާވީދުގެ ކޮޅަށްކަމުގައި ނިންމައިގެންނެވެ.
ޙިޖާޒީއާއި އޭނާއާއެކީ އައި އޭނާގެ ހަށިފާރަވެރިން ، ރާބިޔާ ހޯދުމަށް މުޅިގޭތެރެ ހާވަމުން ދިޔައެވެ. އެނދުއެނދުގެ ތަންދޮށާއި މީހަކަށް ފިލެންއޮތް ކޮންމެ ތަނެއްވެސް އެމީހުން ބަލައި ހޯދިއެވެ. ރާބިޔާ ފެންނަގޮތެއް ނުވިއެވެ. މުއްދަސިރު މަރުވަމުން އެންމެ ފަހުނޭވާ ލަމުން ، އޭނާއާ ރާބިޔާ ޙަވާލޭ ބުނަމުން ގެންދިޔައިރު މުދައްސިރު ބުނި ބަހެއް ، ޙިޖާޒީއަށް ކުއްލިޔަކަށް ހަނދާންވިއެވެ. ޖަންކްޝަނެއްގެ ވާހަކައާއި ފެންގަނޑެއްގެ ވާހަކައެވެ. އެގޭގެ ޖަންކްޝަން ހުރިތަން ޙިޖާޒީ ހޯދިއެވެ. ޖަންކްޝަންގެ މަތިގަނޑު ބަހައްޓާފައިހުރީ ކުޑަތަންކޮޅެއް ދުރުކޮށްލާފައެވެ. އެހެން ނޫނީ ރާބިޔާއަކަށް ހަމަޔަށް ނޭވާއެއް ނުލެވޭނެއެވެ. މަތިގަނޑުގެ ދެދޭތެރެއިން ރާބިޔާގެ މޫނު ޙިޖާޒީއަށް ފެނުނެވެ. އެހެންމީހުންނަށް ގޮވައިގެން މަތިގަނޑު ދުރުކޮށް ރާބިޔާ އެތަނުން ނަގައި ، ޙިޖާޒީ އަވަސްވެގަތީ ރާބިޔާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށެވެ. އޭރު ރާބިޔާ އޮތީ ޚަބަރު ހުސްވެފައެވެ. ޙިޖާޒީއަށް ރާބިޔާ ފެނުނީ ، ޖަންކްޝަންގެ ފެންގަނޑު ރާބިޔާގެ ކަރާ ހަމަޔަށް އަރާފައި ހުއްޓައެވެ.
ނަޖިސް ފެންގަނޑުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން ރާބިޔާ އޮތުމާއެކީ ، އޭނާގެ ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލުތަކެއް އައިސްފައިވާތީ ، ޑޮކްޓަރުން ވަގުތުން ފަރުވާ ފެއްޓިއެވެ. ނަސީބަކުން ރާބިޔާގެ ފުރާނަޔަށް ނުރައްކާވާ ވަރުގެ ކަމެއް ނެތެވެ.
ރާބިޔާއަކީ މުދައްސިރުގެ ކާކުކަމެއް ހޮސްޕިޓަލްގެ ރިކޯޑްތަކުން ދައްކާކަށް ޙިޖާޒީ ބޭނުމެއް ނުވިއެވެ. ރާބިޔާގެ ރިކޯޑްތަކުން އޭނާއާ ގުޅުމެއް އޮތްމީހެއްކަން އެންގުމަށްޓަކައި ، ހޮސްޕިޓަލަށް ޙިޖާޒީ ދެއްކީ އޭނާގެ އަމިއްލަ އައިޑީ ކާރޑެވެ. މުދައްސިރުގެވެސް އަދި ރާބިޔާގެވެސް އައިޑީއަށް ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް ޙިޖާޒީގެ އަތަކު ނެތެވެ. ރާބިޔާ އެ ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިވާކަން އެއްވެސް ގޮތަކަށް ، އެއްވެސް ފަރާތަކަށް ނޭނގޭނެ ގޮތަކަށް ކަންކަން ރާވައި އިންތިޒާމް ކުރުމަށް އޭނާގެ މީހުންނަށް ޙިޖާޒީ އެންގިއެވެ.
ރާބިޔާގެ ޙާލަތު ރަނގަޅެއްނޫނެވެ. ފުރާނަ ހިނގައިދާނެކަމުގެ ބިރު ކުރިން ނެތަސް ، ރާބިޔާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ރަނގަޅުވަމުންނެއް ނާދެއެވެ. ޙިޖާޒީއާއި މުދައްސިރުގެ ރަޙުމަތްތެރިން ، ޙިޖާޒީއާ ގުޅައި މުދައްސިރު ޝަހީދުކޮށްލި ޚަބަރު ދިނެވެ. ޙިޖާޒީއަށް އެކަން އެނގުނުކަމަކަށް ނުހަދައެވެ. މުދައްސިރުގެ މަރުގެ ޚަބަރު ލިބުމާ ގުޅިގެން ، ޑުބާއީގައި ހުންނަ އޭނާގެ ދައްތަ މަރްޔަމްވެސް އިސްލާމްއާބާދަށް ވަގުތުން އައެވެ.
މުދައްސިރު ޤަތުލުކުރިކަމަށް ފުލުހުންނަށް ޝައްކު ކުރެވެނީ ރާބިޔާގެ މައްޗަށެވެ. މުދައްސިރު ނިޔާވިޚަބަރު ފުލުހުންނަށް ލިބުމުން އެގެޔަށް ފުލުހުން އައިއިރު ، ރާބިޔާ ގެޔަކު ނެތެވެ. ފުލުހުން ހޯދިހޯދުމުން ، ރާބިޔާގެ އެއްވެސް ޚަބަރެއް ނުވެއެވެ. މުދައްސިރު މަރައިލުމަށްފަހު ރާބިޔާ ފިލައިގެން ދިޔައީއެވެ. ނުވަތަ މުދައްސިރު މަރައިލި ބަޔަކު ރާބިޔާ ވަގަށް ނެގީއެވެ. މުދައްސިރުގެ ރަޙުމަތްތެރިންނަކަށްވެސް ، އެކަން ހިނގައިދިޔަ ގޮތުގެ އެއްވެސް މަޢުލޫމާތެއް ނުލިބެއެވެ. ފުލުހުން އައިސް ގޭތެރެ ޗެކްކޮށް ، ތަޙްޤީޤަށް ބޭނުންވާ ހުރިހާ އެއްޗެއް ގެންގޮސް ، މައްސަލަ ތަޙްޤީޤު ކުރަމުން އެބަ ގެންދެއެވެ.
ޖާވީދު ، ރާވާފައި އޮތްގޮތަށް ރާބިޔާ ނެގުމަށްޓަކައި ހެނދުނުހެނދުނާ ، އެގެޔަށް ދިޔައިރު ، އެގޭދޮށުގައި ފުލުހުން ޙަރަކާތްތެރި ވަމުން ގެންދާތީ ، ރޭވިގޮތަށް އެއްވެސްކަމެއް ނުދިޔައެވެ. އެހިސާބުގައި ޖާވީދު ހުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ، އޭނާގެ އަޢުވާނުން ނަޞޭޙަތްދިނީމަ ، އެތަނުން ޖާވީދުމެން ދިޔައެވެ. މިވަގުތު ބޭނުމީ އެމީހުންގެ ފުރާނަ ސަލާމަތް ކުރުމެވެ. އެތަނުގައި އެމީހުން އެނބުރެނިކޮށް ، އަތުލައިގެންފިއްޔާ ހުރިހާކަމެއް ފަޅައި އަރާނެއެވެ. ރާބިޔާ ހޯދައިގެން ގެންދާނީ ފަހުންކަމަށް ޖާވީދު ނިންމިއެވެ. މި ކަމުގެ ތެރޭގައި ޙިޖާޒީ އުޅޭކަމެއް އެއްވެސް މީހަކަށް އެއްވެސް މިންވަރަކަށް ނޭނގެއެވެ. އެންމެ ދެރަވެގެން ޙިޖާޒީއާއި މުދައްސިރުގެ އެންމެ ގާތް ރަޙުމަތްތެރިންނަކަށްވެސް އެކަމެއް ނޭނގެއެވެ. ( ނުނިމޭ )

ވވ.ރީތި ޝުކުރަން