ފަލްސަފާ (39)

(20 ޑިސެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެވަގުތަކީ ، ތަހުނިޔާގެ ހިތުގެ އިތުރަށް މުޅި ނަފުސަށްވެސް ، ނޭނގޭ އިޙްސާސްތަކެއް ލިބިގެންދިޔަ ވަގުތު ކޮޅެކެވެ. އިރުކޮޅެއްވަންދެން މުރުތަޟާއާ ހަތަރުކަޅި ހަމަކޮށްލައިގެން ބަލަހައްޓައިގެން ތަހުނިޔާއަށް ހުރެވުނެވެ. އަދި ހިނިތުން ވެލުމަށްފަހު ، މުރުތަޟާގެ އަތުގައި ހިފައި ހިނގައިގަތެވެ.

ކުރިމަތިން ފެންނަންހުރި ހޮޓަލާ ހަމަޔަށް ދިއުމަށް އަދި އިތުރު ހިތްވަރެއް ކޮށްލަން ޖެހެއެވެ. ރިސެޕްޝަނަށްގޮސް ، ނިންމަންޖެހޭ ލިޔެކިއުންތައް ނިންމުމަށްފަހު ، މުރުތަޟާއާއި ތަހުނިޔާއަށް ޚާއްޞަ ކުރެވުނު ކޮޓަރިޔަށް ދިޔައެވެ. ދޮރުހުޅުވައިލައި ފުރަތަމަވެސް ކޮޓަރިޔަށްވަނީ ތަހުނިޔާއެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ބަލައިލެވުނީ ، އާ ކައިވެނީގެ ދެމަފިރިޔަކަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައިވާ އެނދަށެވެ. އެ އެނދުހުރީ ފިނިފެންމަލުން ޒީނަތްތެރި ކުރެވިފައެވެ. ތަހުނިޔާގެ ހިތަށް އެވަތް ބިރުވެރިކަމާއި ހާސްކަން އޭނާގެ މޫނުމަތިން ، ވަރަށް ރަނގަޅަށް ސާފުވާން ހުށްޓެވެ. އެންމެ ކަންބޮޑުވީ ، މާމަލުގެ އެތުރުމަކުން އެނދުގެ ބެޑްޝީޓްމަތީގައި ލިޔެވިފައި އޮތް ލިޔުންކޮޅެއް ފެނުނު ވަގުތުއެވެ. އޭގައި ލިޔެވިފައި އޮތީ ، " އައި ލަވް ޔޫ " އެވެ. މުރުތަޟާއަށް އެ ލިޔުންކޮޅު ފެނުނު ވަގުތުވެސް ކަންބޮޑުވިއެވެ. އެއީ އޭނާގެ ރަޙުމަތްތެރިން ކޮށްފައި އޮތް ކަމެއްކަމުގައިބުނެ ، ތަހުނިޔާގެ ކިބައިން މަޢާފަށް އެދުނެވެ. އަވަސްއަވަހަށް ގޮސް ހުރިހާ މާތަކެއް އެއްކޮށްލައި އެ ޖުމްލަ ފުހެލިއެވެ. އެއީ އެހާބޮޑު ކަމެއްނޫނޭ ތަހުނިޔާއަށް ބުނެވުނު ނަމަވެސް ، ތަހުނިޔާގެ މޫނުމަތީގައިވާ ކަންބޮޑުވުމާއި ލަދުވެތިކަން މުރުތަޟާއަށް ފާހަގަ ކުރެވުނެވެ.

މުރުތަޟާހުރީ ވަރަށްބޮޑަށް ބަނޑުހައިވެފައެވެ. އެހެނަސް ، ތަހުނިޔާހުރީ ބަނޑުހައިވުމަށްވުރެ ބޮޑަށް ވަރުބަލި ވެފައެވެ. މުރުތަޟާ ބޭނުންވީ މޫނު ދޮވެލައިގެން ނުކުމެ އެއްޗެއް ކާލަން ބޭރަށް ޖައްސައިލުމަށެވެ. ތަހުނިޔާ ބޭނުންވީ ވަރުބަލި ފިލުވައިލަން ކޮޓަރީގައި މަޑުކޮށްލުމަށެވެ. މުރުތަޟާ ޖެކެޓެއް ނުލައި ބޭރަށްގޮއްސިނަމަ ، ފިނިގަދަވެދާނެކަމަށްބުނެ ، މުރުތަޟާއަށް އޭނާގެ ޖެކެޓް ، ތަހުނިޔާ ނަގައިދިނެވެ. އެއީ ތަހުނިޔާއަށް ޝުކުރު އަދާކުރުމަށް މުރުތަޟާއަށް ހުޅުވުނު ފުރުޞަތެކެވެ. އެހެންމީހެއްގެ ފަރާތުން އެފަދަ އަޅައިލުމެއް ، މިހާތަނަށްވެސް މުރުތަޟާއަށް ލިބިފައެއް ނުވެއެވެ. ކައިގެން އަންނަމުން ތަހުނިޔާއަށް ކާއެއްޗެއް ގެނެސްދޭނަމޭ ބުނުމަށްފަހު ، މޫނުދޮވެލުމަށްޓަކައި މުރުތަޟާވަނީ ފާޚާނާއަށެވެ.

މުރުތަޟާ ފާޚާނާއަށް ވަނުމާއެކު ، އެނދުމަތީ ހަމަޖައްސައިލުމަށްފަހު ، ތަހުނިޔާ ، އެނދުގައި އޮށޯވެލިއެވެ. މުރުތަޟާ ފާޚާނާއިން ނުކުމެ ، އެނދުމަތީ އޮތް ތަހުނިޔާއަށް ބަލައިލިއެވެ. އެފަކީރު އެއޮތީ ވަރުބަލިވެގެންގޮސް ، އެނދުގައި ޖައްސައިލިތަނުން ނިދިފައެވެ. ތަހުނިޔާއާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު މުރުތަޟާ ހިނިތުން ވެލިއެވެ. އަދި ، ކޮޓަރީގެ ތަޅުދަނޑި ހިފައިގެން ބޭރަށްދާން ނުކުތެވެ.

ކުޑައިރުކޮޅަކު މަޑުމަޑުން ތަންކޮޅަކަށް ހިނގައިލިއިރުވެސް ، ކާ އެއްޗެއްހުރި ތަނަކާ ދިމަލެއް ނުވިއެވެ. މީހެއްގެގާތު އަހައިގެން އޭނާ އެބުނި ދިމާލަކަށް މުރުތަޟާ ހިނގައިގަތެވެ. އިރުކޮޅަކު ހިނގާލިތަނާ ، މުރުތަޟާގެ ގައިގާ ފަތްތަކެއް ޖެހުނެވެ. އެއީ ކޮންމެވެސް މީހަކު އޭނާއާ ދިމާއަށް އެއްލި އެއްޗެކެވެ. ކުއްލި ސިހުމަކާއެކު މަގުގެ އެއްފަރާތަށް މުރުތަޟާ ބަލައިލިއެވެ. މުރުތަޟާއަށް ފެނުނީ އޭނާގެ ކުރިމަތީ ހެވިދިލިފައިހުރި ނޫރުއެވެ. ވަރަށްބޮޑަށް މަޢާފުކުރާށޭ ބުނަމުން މުރުތަޟާއާ ދިމާއަށް ނޫރު އައެވެ. އަދި މުރުތަޟާ ސިއްސުވައި ލެވުނީތީ މަޢާފަށް އެދުނެވެ. މުރުތަޟާއަށް ސިހުމާއި ޙައިރާންކަން ލިބުނީ އޭގެ އިންތިހާގައެވެ. ދެލޯ ބޮޑުކޮށްފައި އެއީ ނޫރުތޯ ޔަޤީންކުރުމަށް އޭނާގެ ލޯ ފުހެލިއެވެ. ނޫރު އެތަނުގައި ހުންނަންވީ އެއްވެސް ސަބަބެއް ނޭނގޭތީއެވެ. ނޫރުވީ ކަރާޗީގައި އެމީހުންގެ އަމިއްލަ ރަށުގައެވެ.

" މިތާ ތިކުރަނީ ކީއްހެއްޔެވެ ؟ " ޙައިރާންކަމާއެކު ދެލޯބޮޑުވެފައި ހުރެ މުރުތަޟާއަށް ސުއާލުކޮށްލެވުނެވެ.

" އަހަރެން މިއައީ މުރުތަޟާގެ ފަހަތުން ފާރަލަމުންނެވެ. " ހިނިއައިސްހުރެ ، ނޫރު ބުންޏެވެ.

ނޫރުގެ ޖަވާބުން މުރުތަޟާ ޙައިރާންވާންވީކަމެއް ، ނޫނީ ރުޅިއަންނަންވީކަމެއް އޭނާއަކަށް ނޭނގުނެވެ.

" އެއީ ދޮގެކެވެ. ސަމާސާ ކޮށްލީއެވެ. މީހުންނާ އިނދެގެން އުޅޭ ފިރިހެނުންނަށް ފާރަލަމުން ، ފަހަތުން ދުވުމަކީ އަހަރެންގެ ޑިކްޝަނަރީގައި އޮންނަ ކަމެއްނޫނެވެ. " ނޫރު ބުންޏެވެ.

ނޫރު އެތަނަށް އެއައި ސަބަބު ސާފުކޮށްދިނުމަށް ނޫރުގެ ކިބައިން މުރުތަޟާ އެދުނެވެ. އެއީ ކީއްކުރަންކުރިކަމެއްތޯ އާއި މަޤްޞަދަކީ ކޮބައިތޯ ސުއާލުކުރިއެވެ.

ނޫރު އެތަނަށް އައުމުން ، ކަންބޮޑުވެގެން ސުއާލު ނުކުރުމަށް މުރުތަޟާގެ ކިބައިން ނޫރު އެދުނެވެ. އަދި ، މާ ސުއާލު ގިނަނުކުރުމަށް ބުންޏެވެ. ދެން އަހާނީ އަހަރެންނަށް ހުވަފެނުގައި ނޫރު ފެންނަނީ ކީއްވެގެންތޯއެވެ. އަހަރެންނަށް ނޫރުއާމެދު ، ޚިޔާލު ކުރެވެނީ ކީއްވެގެންތޯއެވެ. މުރުތަޟާގެ ހިތަކުން އެ ސުއާލުތަކެއް ހުހެއްނުވާނެއެވެ. މީހަކާ އިނުމަށްފަހުވެސް އެ ސުއާލުތައް މުރުތަޟާގެ ހިތަކުން ފިލައިގެންނެއް ނުދޭނޫން ހެއްޔެވެ ؟ ނޫރު ސަމާސާ ގޮތަކަށް ވާހަކަ ދައްކަމުންގޮސް ، އޭނާގެ ކޮނޑުން މުރުތަޟާގެ މޭމަތީ ޖަހާލައި މުރުތަޟާ އެއްފަރާތް ކޮށްލިއެވެ. އޭނާ އެއައީ އޮފީހުގެ މަސައްކަތެއްގައި ކަމުގައި ނޫރު ބުންޏެވެ. އޭނާއާއެކީ ، އޮފީހުގައި މަސައްކަތްކުރާ ކުދިންކޮޅެއް އައިވާހަކަވެސް ބުންޏެވެ. އޭގެ ތެރޭގައި މުރުތަޟާ ދަންނަ ކުދިންވެސް ހިމެނެއެވެ.

މުރުތަޟާ އެއައީ ހަނީމޫނަށް ކަމަށާއި އެކަނި އެ ހިނގަނީ ކީއްވެގެންތޯ ނޫރު ސުއާލު ކުރިއެވެ. ތަހުނިޔާ ހުރީ ވަރަށްބޮޑަށް ވަރުބަލި ވެފައެވެ. ކޮޓަރިޔަށް ވަތްގޮތަށް އެނދުގައި ޖައްސައިލުމާއެކު ، ތަހުނިޔާއަށް ނިދިއްޖެކަމަށް މުރުތަޟާ ބުންޏެވެ. މުރުތަޟާގެ އެޖަވާބުން ، މުރުތަޟާއާ ސަމާސާކޮށްލާނެ ފުރުޞަތެއް އުފަންވެއްޖެކަމުގައި ނޫރު ދެނެގަތެވެ.

" ތަހުނިޔާ ވަރުބަލިވީ ހެއްޔެވެ ؟ އެހެންނޫނީ ، މުރުތަޟާ އެކަނި ހިނގައިލަން ބޭނުންވީ ހެއްޔެވެ ؟ " ނޫރު ސުއާލު ކުރިއެވެ.

ނޫރުގެ އެ ސުއާލަކީ މުރުތަޟާ އެހާ ހިތްހަމަޖެހޭ ސުއާލަކަށް ނުވިއެވެ. ނޫރުގެ އަތުގައި ހިފައި ކުއްލިޔަކަށް އޭނާއާ ކުރިމަތިވާ ގޮތަށް އަނބުރައިލިއެވެ. އަދި ނޫރު އެކުރީ ކޮންކަހަލަ ސުއާލެއްތޯ އެހިއެވެ. އެވާހަކަ  އަޑުއަހަން ނޫރު ބޭނުންވަނީ ކޮންގޮތަކަށްތޯ މުރުތަޟާ ސުއާލުކުރިއެވެ. ހިތުގައި އޮތްގޮތަށް އެވާހަކަ ބުނެފިއްޔާ ، ހުރިހާ ކަމެއް ޙައްލުވާނެތޯ ސުއާލު ކުރިއެވެ. އެއީ ތެދެކެވެ. މުރުތަޟާއަކަށް ނޫރުލްޢައިނު ، ހަނދާން ނައްތައެއް ނުލެވޭނެއެވެ. އަދި އެހެން ޙަޤީޤަތެއްވެސް އެބަ އޮތެވެ. މުރުތަޟާއާއި ތަހުނިޔާގެ ކައިވެނިކުރެވުން އެއީވެސް ޙަޤީޤަތެކެވެ. އެދެމީހުން އެތިބީ ޒަވާޖީ ޙަޔާތަކުން ގުޅިގެންނެވެ. އެހެނަސް ، މުރުތަޟާއާއި ތަހުނިޔާއާ ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް އަދި ނުއުފެދޭކަމަށް މުރުތަޟާ ބުންޏެވެ. އެކަމަށް ވަގުތު ނަގާނެކަން މުރުތަޟާއަށްވެސް އެނގެއެވެ. އެކަމަށް ނަގާ ވަގުތުގައި ކުރާނީ ކޮންކަމެއް ހެއްޔެވެ ؟ ހިތުގެ ކެކުޅުންތަކާއެކު ދުވަސްތައް ހޭދަވުމެވެ. ވަގުތުޖެހޭއިރު ، ކަންކަން ވެފައި އޮންނާނީ ކިހިނެއްކަމެއް ނޭނގެއެވެ. އިންސާނާގެ ކަމަކީ ، އެ ތަކުލީފުތައް އުފުއްލުމެވެ. ކެތްތެރި ވުމެވެ. މުރުތަޟާ އޭނާގެ ހިތުގައިވާ އެއްޗެއްގެ ޙަޤީޤަތް ، ނޫރުއަށް އެ ކިޔައިދިނީއެވެ. ދެންއޮތީ ނޫރުގެ ކޮޅެވެ. ނޫރުގެ ހިތުގައިވާ ކަންކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމަށް މުރުތަޟާ އެދުނެވެ. ހިތްވަރެއް ހުރިއްޔާ ނިކަން ތެދަށް ބުނެބަލާށޭ ބުނެ ، މުރުތަޟާ ، ނޫރު ސިއްސުވައިލިއެވެ.

" އަހަރެން އަދިވެސް މުރުތަޟާދެކެ ލޯބިވަމެވެ. " މުރުތަޟާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ނޫރު ބުންޏެވެ.

ކުއްލި ސިހުމަކާއެކު ، ތަހުނިޔާއަށް ހޭލެވުނެވެ. މީހަކު ، އޭނާގެ ކަންފަތްދޮށުގައި ސިއްރެއް ބުނިހެން ހީވިއެވެ. ތެދުވެ ، ދެލޯ ބޮޑުކޮށްލުމަށްފަހު ގަޑިޔަށް ބަލައިލިއެވެ. ތަހުނިޔާއަށް ނިދިފައި އޮންނަތާ ވަރަށް އިރު ވެއްޖެއެވެ. ކޮޓަރި ތެރޭގައި މުރުތަޟާއެއް ފެންނާކަށް ނެތެވެ. މުރުތަޟާ އަންނަންވީތާ ކިތަންމެ އިރެކެވެ. ކާ އެއްޗެއް ކައިގެން އަންނަން ހޭދަވާނެ ވަގުތަށްވުރެ މާގިނައިރު ވެއްޖެއެވެ. އިރުއޮއްސެންވެސް ހުރީ ތައްޔާރުވެފައެވެ. އިރުއޮއްސުނީމަ ، ފިނިވެސް ގަދަވާނެއެވެ. މުރުތަޟާ އެދިޔައީ ކޮންތާކަށް ހެއްޔެވެ ؟ އަނެއްކާ ކިހިނެއްވީ ބާވައެވެ ؟ ތަހުނިޔާގެ ހިތަށް އެތައް އެއްޗެއް އަރަމުން ދިޔައެވެ.

މުރުތަޟާއާއި ނޫރުގެ އާދަޔާޚިލާފު ބައްދަލުވުމުން ، އެދެމީހުންގެ ހިތަށް އިތުރަށްކުރާނެ އަސަރެއް ނެތެވެ. އިތުރުވާނެ އެއްޗެއް ނެތްތާނގައި އުނިވާނެ އެއްޗެއްވެސް ނެތެވެ. މުރުތަޟާ މިހާރު އެހުރީ މީހަކާ އިނދެގެންނެވެ. މުރުތަޟާއާ ކައިވެނިކުރީ ، ނޫރުގެ އެންމެ ގާތް އެކުވެރިޔާއެވެ. އެދެމީހުންގެ މެދަށް ނޫރުއަށް ވަދެވޭނެ އެއްވެސްގޮތެއް ނެތެވެ. އެހެނަސް ، ނޫރުގެ ހިތުގައި ރައްކާކޮށް ސިއްރުކުރެވިފައި އަދިވެސް އޮތީ މުރުތަޟާގެ ލޯތްބެވެ. އެއީ އޭނާގެ އެކުވެރިޔާ ތަހުނިޔާގެ ޙައްޤެކެވެ. އެއާ ކުޅެވޭނެ އެއްވެސް މަގެއް ނޫރުއަކަށް ނުފެނެއެވެ. މުރުތަޟާގެ ހިތުގައިވެސް އަދިވެސް އޮތީ ނޫރުގެ ލޯތްބެވެ. އޭނާގެ ކައިވެނި ކޮންމެ ގޮތަކަށް ، ކޮންމެ ޙާލެއްގައި ކުރެވުނު ކަމަށްވިޔަސް ، އެކައިވެންޏާ ދުރަށް ދެވޭނެ އެއްވެސް މަގެއް މުރުތަޟާއަކަށް ނުފެނެއެވެ. ދެމީހުންނަށްވެސް ހަމައެކަނި އޮތްގޮތަކީ ، ހިތުގައިވާ ލޯބި ސިއްރުކޮށް ، ދެ ރަޙުމަތްތެރިންގެ ތަޞާއްވުރެއް އެހެންމީހުންނަށް ދެއްކުމެވެ. ކެތްތެރިވުމެވެ. އެ ތަޞައްވުރަށްވުރެ އިތުރަށް އެދެމީހުންގެ ގާތްކަން ދިޔަނުދީ ، ހިތުގައި އޮބިއަޅައި ހިފެހެއްޓުމެވެ.

މުރުތަޟާއާއި ނޫރު ، މަޑުމަޑުން ހިނގަމުން އައިސް ، ހޮޓަލަށްވަދެ ، ސައިތަށްޓެއް ބޯލަން ބޭރުގައި ޖައްސައިލިއެވެ.

" ނިކަން ވިސްނައިލަ ބަލާށެވެ ! ކުރިމަތިވެފައި މިއޮތް ނާޒުކު ޙާލަތުގައި ، މިކަހަލަ ގޮތަކަށް ، މިފަދަ އުފާވެރި އަދި ރީތި މާޙައުލެއްގައި ، އަހަރެމެން ދެމީހުން އަލުން ބައްދަލުވެދާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ ؟ " ނޫރު ބުންޏެވެ.

ނޫރު އެބުނީ ރަނގަޅު ވާހަކަ އެކެވެ. ނޫރު އެތަނަށް އެއައީ އިއްތިފާޤަކުންކަން ދެއްކުމަށް އޭނާ ބޭނުންވިއެވެ. މުރުތަޟާއަށް އެކަން ޤަބޫލުކުރެވޭނެ ހުރިހާ ވާހަކައެއް ނޫރު އޮތީ ދައްކާފައެވެ. އެކަމުގައި ނޫރުގެ މައްޗަށް ، މުރުތަޟާގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދެއެވެ. ނޫރު އެތަނަށް އަންނަންޖެހުން އެއީ ދިމާވި އިއްތިފާޤެކެވެ.

އެއީ މުރުތަޟާވެސް ހުވަފެނުންވެސް ފެނިދާނެކަމަށް ހީކޮށްފައިވާ ބައްދަލުވުމެއް ނޫނެވެ. ނޫރުގެ ކުރިމަތީގައި ލަދުވެތިކަން އިޙުސާސް ކުރެވޭފަދަ ޙާލަތެއްގައި ، އިނުމަކީ މުރުތަޟާވެސް އުއްމީދުކޮށްގެންހުރި ކަމެއްނޫނެވެ. ހީފިލުވައިލުމަށްޓަކައި ސޫޕްތަށި ބޯލުމަށް މުރުތަޟާގެ ކިބައިން ނޫރު އެދުނެވެ. ދެމީހުންވެސް އަލްވަދާޢު ކިޔައި ވަކިވާންވެސް ޖެހޭނެއެވެ. ނޫރުގެ ކުރިމަތީ އިށީނދެ އިނދެގެން ، މުރުތަޟާއަށް ލަދުވެތިކަން އިޙްސާސްވުމަކީ ނޫރު އެދޭކަމެއް ނޫނެވެ. ލަހުން ކޮޓަރިޔަށް ދެވުނީމަ ، ތަހުނިޔާއަށްވެސް މުރުތަޟާ ޖަވާބުދާރީވާން ޖެހޭނެއެވެ.

މުރުތަޟާ އިނީ އޭނާލަސްވެގެން ތަހުނިޔާ ކަންބޮޑުވާނެތީ އެކަމާހުރެ ސޫޕްތަށި ބޯންވެސް މަސައްކަތަކަށް ވެފައެވެ. ކުއްލިޔަކަށް މުރުތަޟާ ތެދުވިއެވެ. އަދި ރޭވެ އަނދިރިވެއްޖެކަމަށާއި އޭނާ ދާންއެބަޖެހޭކަމަށް ބުނެ ، އޭނާގެ ޖެކެޓް ބޭލިއެވެ. ރޭވެ އަނދިރިވީމާ ، ފިނިވާލެއް ވަކިން ބޮޑުވާނެއެވެ. އެ ފިނީގައި ނޫރުއަށް ހޮޓަލަށް ދެވޭއިރު ، ފިނިވެގެން އުނދަގޫ ވާނެކަމަށް ބުނަމުން ނޫރުގެ ގައިގާ އޭނާގެ ޖެކެޓް އަޅުވައިދިނެވެ.

" ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ ! ތިއީ ވަރަށް ހެޔޮ އިންސާނެކެވެ. މިއީ ، މުރުތަޟާގެ އެންމެ ފަހުގެ ހަދިޔާކަމަށް އަހަރެން ބަލާނަމެވެ. މި ޖެކެޓް ، އަނބުރާ ރައްދުކުރުމަށް ނޭދޭނެކަމަށް ހީކުރަމެވެ. " އުފާވެފައި އިނދެ ހިނިތުންވެލަމުން ނޫރު ބުންޏެވެ.

ނޫރުއާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ، އަލްވަދާޢު ކިޔައި މުރުތަޟާ އެތަނުން ދުރަށްދާން ހިނގައިގަތެވެ. މުރުތަޟާ ދިއުމާއެކު ، ނޫރުގެ ހިތަށް ލިބިފައިވާ ހިތްހަމަ ޖެހުމާއި އުފާވެރިކަން އޭނާގެ އަމިއްލަ ނަފުސާ ޙިއްޞާ ކޮށްލިއެވެ. އުފަލުންގޮސް ފޮޅުނެވެ. މުރުތަޟާ ދިން ޖެކެޓް ، އޭނާގެ ގަޔާއެއްކޮށްލައި އެއިން ލިއްބައިދޭ ހޫނުކަން އިޙްސާސް ކޮށްލިއެވެ. މުރުތަޟާގެ ގައިން ދުވާ މީރުވަހާއި އެ ހަށިގަނޑުގެ ހޫނުކަން ނޫރުއަށް އިޙްސާސް ކޮށްލެވުނެވެ. ޖެކެޓްގައި ބާރަށް ބައްދައިލިއެވެ.

ސާޖިދާގެ ދެމަފިރިން ތިބީ އެކަނިވެފައެވެ. ތަހުނިޔާ މީހަކާ އިނދެގެން އެގެއިން ނުކުމެގެން ދިއުމުން ، އެދެމީހުންނަށް ލިބުނު އުނިކަން އަދިވެސް ނުފިލައެވެ. އެދެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ، އެމީހުން ދެވަން ބޭނުންވީ ، އެގެޔަށް އަންނާނެ ފިރިހެން ކުއްޖަކާއެވެ. ތަހުނިޔާ އެގެއިން ނުކުމެގެން ދިއުމަކީ ، އެމީހުންނަށް ތަޙައްމަލުކުރަން އުނދަގޫވާނެ ޙާލަތެކެވެ. އެ ޙާލަތު މިހާރު އެއޮތީ ކުރިމަތިވެފައެވެ. އެހެނަސް ، އެޙާލަތު އެމީހުން އެ ހޯދައިގަތީ އަމިއްލަ އިޚުތިޔާރުގައެވެ. މުރުތަޟާ ފަދަ ރަނގަޅު މީހަކު ތަހުނިޔާއާ ދެވަން ލިބުނު ފުރުޞަތަކީ ، އެއްވެސް ޙާލެއްގައި އެމީހުން ދޫކޮށްލަން ބޭނުންވި ފުރުޞަތެއްނޫނެވެ. އެހެން ނޫނަސް ، ތަހުނިޔާ އެދިޔައީ ޖެހިގެން ހުރި ގެޔަކަށެވެ. ބާރަށް ގޮވާލައިފިއްޔާ އަޑުއިވޭ ހިސާބަށެވެ.

ތަހުނިޔާމެންނަށް މިހާރު އިސްލާމް އާބާދަށްގޮސް ، ހޮޓަލަށްވެސް ދެވިދާނެކަމަށް އެދެމަފިރިންވެސް ޤަބޫލު ކުރިއެވެ. އެހެންނަމަވެސް ، އެދެމީހުން ތިބޭނީ ދަތުރުގައި ވަރުބަލިވެފައެވެ. އެދިޔައީ އަރާމު ކުރުމަށެވެ. އެކުގައި ތަންތަނަށް ޖައްސައިވެސް ލާނެއެވެ. ހުސް ވަގުތެއް ލިބުނީމަ ، ތަހުނިޔާ ގުޅާނެއެވެ. އެމީހުންނަށް ފޯނުކޮށް އުނދަގޫ ކުރުމަކީ ، އެދެމީހުންކުރެ އެކަކުވެސް ބޭނުންވާ ކަމެއްނޫނެވެ. މުރުތަޟާ ފޯނު ނުކުރިޔަސް ، ތަހުނިޔާ އޭނާގެ މަންމައާ ގުޅާނެއެވެ. އަދި އެވާނީ ފޯނުކޮށްލާނެ ވަގުތެއް ނުވަނީ ކަމަށެވެ.

އެއީ އެއްވެސްކަމެއްނޫނެވެ. ތަހުނިޔާ އުފަލުގައި ހުރުން ފިޔަވައި އެދެމަފިރިން އިތުރަށް ބޭނުންވާ އެހެންކަމެއް ނެތެވެ. (ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.