ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ.
މި ރީޑިންގ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބްއިންނެވެ.
އައުޓްޑޯ ރީޑިންގ ޕާކު ތަރައްގީކޮށްފައި ވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިލަންދޫ ސްޕޯޓްސް ކްލަބް ގެ ފަރާތުން ނައިބް ރައީސް އަހުމަދު ސަމީހު ވިދާޅުވީ " އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވުން. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި މިރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން."
ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ދާދި ފަހުން ހޮވާފައެވެ. ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.