
އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމެއް ތައާރަފްކޮށްފިއެވެ.
މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށެވެ. މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދެވިގެންދާނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިންގ އެކަޑަމީ އިންނެވެ. މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމެވެ. މިކަން ހާސިލް ކުރުމަށްޓަކައި ކުޑަކުދިން މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެވެ.