ސައޫދީ އަރަބިއްޔާއާއި އީރާނުން ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި

ސައޫދީ އަރަބިއްޔާއާއި އީރާނުގެ ޚާރިޖީ ވަޒީރުން އިއްޔެ ބޭޖިންގގައި ބައްދަލުކުރައްވަނީ

ސައޫދީ އަރަބިއްޔާއާއި އީރާނުގެ ދެމުދުގައި ކެނޑިފައި އޮންނަތާ 7 އަހަރުވެފައިވާ ޑިޕްލޮމެޓިކް ގުޅުން ރަސްމީކޮށް އަލުން ގާއިމުކޮށްފިއެވެ. އަދި ދެ ގައުމުގެ ދެމުގައި ވައިގެ ދަތުރުތައް ފެށުމަށާއި، އެއް ގައުމުގެ ރައްޔިތުން އަނެއް ގައުމަށް ދަތުރުކުރުމަށް ވިސާ ދޫކުރަން ފެށުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ދޫކުރަން ފެށުންވެސް ހިމެނެއެވެ.

ދެ ގައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމްކުރިކަން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ ސައޫދީ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން އާލްސުޢޫދުއާއި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރުޢަބްދުއްލަހިޔާން ޗައިނާގެ ވެރިރަށް ބޭޖިންގގައި އިއްޔެ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ދެ ވަޒީރުން ބައްދަލުކުރެއްވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ދެގައުމުގެ ވައިގެ ދަތުރުފަތުގެ ޚިދުމަތް އަލުން ފެށުމާއި، އެއް ގައުން އަނެއް ގައުމުގެ ރައްޔިތުންނަށް ވިސާ ދޫކުރަން ފެށުމުގެ އިތުރަށް ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި، ސައޫދީ ވެރިރަށް ރިޔާޟުގައި އީރާނުގެ އެންބަސީ ހުޅުވުމަށާއި، އީރާނުގެ ވެރިރަށް ތެހެރާނުގައި ސައޫދީ އެންބަސީ ހުޅުވުމަށާއި، ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އީރާނުގެ ކޮންސިއުލޭޓެއް ހުޅުވުމަށާއި، އީރާނުގެ މަޝްހަދުގައި ސައޫދީ ކޮންސިއުލޭޓެއް ހުޅުވުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

އަދި 20 އަހަރު ކުރިން ސޮއިކޮށްފައި ސަލާމަތީ އަދި އިގްތިސާދީ ގޮތުން އެއްބާރުލުމާ ބެހޭ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމަށްވެސް ދެގައުމުން ވަނީ ނިންމައިފައެވެ.

ސައޫދީ އަރަބިއްޔާއިން އީރާނާއެކު އޮތް ސިޔާސީ ގުޅުން 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު ކަނޑާލީ ސައޫދީ ޝީޢީ ޝައިޚެއް ކަމުގައިވާ ނިމްރް އައްނިމްރަށް މަރުގެ އަދަބު ދިނުމާ ގުޅިގެން އީރާނުގައި ކުރެވުނު މުޒާހަރާތަކުގައި އެގައުމުގެ ހުންނަ ސައޫދީ އެންބަސީ ރޯކޮށްލުމާ ގުޅިގެންނެވެ.

އެއަށް ފަހު ދެ ގައުމުގެ ދެމެދުގައި މައްސަލަތައް އިތުރުވެ، އަސްކަރީ ކުރިމަތިލުމަކާ ހަމައަށް މަސްރަހު ހޫނުވެދާނެ ކަމަށް ބެލެވޭ ހިސާބަށް ވެސް އެއް އިރެއްގައި ދިޔައެވެ.

އިއްޔެ ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ދެގައުމަށާއި ސަރަހައްދަށް ފައިދާހުރި ގޮތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުގެ އޮފިޝަލުން އިތުރަށް ބައްދަލުކުރައްވަމުން ގެންދަވާނެއެވެ.

އީރާނުގެ އެންމެ ބޮޑު ވާދަވެރިޔާ، އެމެރިކާން މި ގުޅުމަށް މަރުހަބާ ކިޔާފައި ވީނަމަވެސް އެ ގައުމުން ބުނީ އީރާނުން "އެއްބަސްވުމަށް އިހުތިރާކުރަނީ ކިހާވަރަކަށްތޯ" ބަލަން ޖެހޭ ކަމުގައެވެ.

އީރާނާއި ސައޫދީން އަލުން ގުޅުވުމުގައި ޗައިނާ އަދާކުރި ދައުރުގެ ސަބަބުން ސައޫދީ އެމެރިކާ ގުޅުމަށް އެކަމުގެ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.