އަނާ - 7

(28 މާޗް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަލުން އަހަރެންގެ ދިރިއުޅުމާ މިކުރިމަތިލަނީ..."

"މަޑުމަޑުން..ދަރިފުޅާ..މަޑުމަޑުން ބާރަށް ހަޅޭއްނުލަވާ... ޤުދްރަތުގެ މަތިވެރިކަން އިންޞާފު އަންނަ ހިނދު ކޮންމެ މީހަކުވެސް އަމިއްލައށް ރައްކާތެރިވެ ހުންނަން ޖެހޭނެ. ކޮންމެ ފިޔަވަޅެއްވެސް އަޅަންވާނީ ވިސްނައިގެން ...އާންޓީ ޒައިތޫން ބުންޏެވެ.

 "އެންމެ ފުރަތަމަ ޑޮކްޓަރ ކައިރިއަށް އަހަރެން ގެންގޮސްދީ. މިމަތިވެރި ނިޢުމަތް ޔަޤީންކުރަންބޭނުން...."

"އާނ އެއަށްފަހު އަހަރެމެން ޝަހަރަށްދާނީދޯ"

"އާންޓީ ބުނާގޮތެއް ހަދާނީ ..މި ސަހާރަން ޕޫރު މިވީ އަހަރެންގެ އުފާތައް އަހަރެންނަށް ގެނެސްދިން ރަށްކަމުގައި" އަނާއަށް އުފަލުން ގޮސް ރޮވިއްޖެއެވެ.

އާންޓީ ޒައިތޫން އަނާގޮވައިގެން ޑޮކްޓަރ މެހްނާޒް ކައިރިއަށް ހިނގައްޖެއެވެ. ޗެކްއަޕް ހެދުމަށްފަހު ޑޮކްޓަރ ހީނލާފައި ބުންޏެވެ.

 "އެދުވަހުވެސް ކައިވެނިވީތާ ކިހާދުވަހެއް ވެއްޖެތޯ އަހަރެން ކަލޭމެންނާ ސުވާލު ކުރީމެއްނު! އެކަމަކު ކަލޭމެން ޖަވާބެއްނުދިނީ... އަހަރެން އޭރުވެސް އުޅުނީ މި އުފާވެރި ޚަބަރު ކަލޭމެންނަށްދޭންވެގެން. ނަމަވެސް އެ ސުވާލުގެ ޖަވާބެއް ނުލިބުނީމަ އަހަރެން އެ ވާހަކަ ނުބުނީ.... މިހާރު ދެން އުފާކުރޭ....މާތްރަސްކަލާނގެ ކަލެއަށް ބަރަކާތް ލައްވާނެ. ކަލޭ މަންމައަކަށް ވާން މިހާރު ތިޔަދަނީ ތައްޔާރުވަމުން."

އަނާ ތުރުތުރު އަޅާގޮތް އޮތް އަތަކުން ޑޮކްޓަރު މެހްނާޒްގެ އަތުގައި ހިފައި ސަލާން ކޮށްލާފައި ބުންޏެވެ.

"ޑޮކްޓަރ...އަޅުގަނޑު އަދި އަންނާނަން ..އަދި ކަލާއަށް ވަރަށް ރީތި އިނާމެއްވެސް ދޭނަން...ކަލާގެ މި ކްލިނިކްގައި އެއަރކޮންޑިޝަނެއް ބަހައްޓައިދޭނަން..އެއީ ކަލާއަށް އަޅުގަނޑުދޭ އިނާމު..."

ޑޮކްޓަރ މެހްނާޒް އަނާގެ ޖަޛްބާތުތައް އިޙްސާސްކުރަމުން އުފާވެރިކަން ހާމަވާ ގޮތަށް ބުންޏެވެ.

"ޝުކުރިއްޔާ ...އަނާ އަހަރެން އެއަރކޮންޑިޝަނަރަކަށް އިންތިޒާރު ކުރާނަން.."

"އަޅުގަނޑު މިނަންގަންނަނީ ހަމަތެދެއް.... އަޅުގަނޑަކީ އާދައިގެ މީހެއްނޫން...ޚާން އާޞިފްގެ ޅީދަރިފުޅު. އޭނާއަކީ ޝަހަރުގެ މުއްސަނދި މީހެއް..އަނާ ފަޚްރުވެރިކަމާއެކު މޭ އުފުލާލާފައި ބުންޏެވެ. ޑޮކްޓަރ މެހްނާޒް ޙައިރާންވެލައިފައި ޒައިތޫން އާދިމާއަށް ބަލާލިއެވެ. އޭރު އޭނާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވޭވެ އިނެވެ.

އަނާއާއި ޒައިތޫން އެނބުރި ގެއަށް އަތުވެއްޖެއެވެ. "އާންޓީ... ދެން އަހަރެންނަށް އެންމެ އިރުކޮޅަކުވެސް މިތަނުގައި ނުހުރެވޭނެ.އަހަރެން ޝަހަރަށް ދާން ބޭނުންވަނީ އުދުހިފައި."

އާންޓީ ޒައިތޫން ހީލާފައި ބުންޏެވެ

."ކެތްތެރިވޭ ދަރިފުޅާ...ކެތްތެރިވޭ... އަހަރެންވެސް  ތައްޔާރުވެލިޔަދީ ދަތުރެއް ކުރަން ޖެހޭނެ އެއްނު .... ވީމާ އެންމެ ކުޑަމިނުން ކަލޭގެ  އަންކަލް އަންނަންދެން މަޑުކޮށްލާ! އެންމެ މިނިޓެއްގެ އިރު ހޭދަކޮށްލަންވެސް އަނާއަށް އޮތީ ވަރަށް ބޮޑުކަމަކަށް ވެފައެވެ. ގަޑި ބަލަބަލާފައި އުޅެނިކޮށް އަންކަލް ގެއަށް އަތުވެއްޖެއެވެ. އައުމާއެކު އާންޓީ އޭނާ ގާތުގައި ސިއްރު ސިއްރުން އެއްޗެއް ބުނެލާފާއި އަނާގޮވައިގެން ޝަހަރަށް ދިއުމުގެ ދަތުރު ފައްޓައިފިއެވެ. ދެ މީހުން ދަތުރުކުރީ ފްލައިންގް ކޯޗްގައެވެ. ސަހާރަން ޕޫރުން ޝަހަރަށް އާދެވުނީ ހަތަރުގަޑި އިރުންނެވެ. އެ ހަތަރު ގަޑިއިރު ވެސް އަނާއަށް ޓަކައި ދިގު ހަތަރު އަހަރުދުވަސްކަމަށް ހީކުރެވުނެވެ. ދަތުރުމަތީގައި އާންޓީ ޒައިތޫން އިނީ އެއްވެސް ނުބުނެ ހިމޭނުންނެވެ. އޭނާ އެހެން އިންނާތީ އަނާއަށް ކެތްނުކުރެވިގެން އެންމެ ފަހުން ސުވާލުކޮށްލިއެވެ. "އާންޓީ ތިޔަހާ ހިމޭނުން ހަމަ އެކައްޗެކޭވެސް ނުބުނެ ތިޔަ އިނީ ކީއްވެ..."

އާންޓީ ޒައިތޫން ސިއްސައިގެން ދިޔަގޮތަކަށް އަނާއާދިމާއަށް ބަލާލާފައި ބުންޏެވެ. "އަހަރެން ހިތަށް މިއަރަނީ ތިޔަހާރީތި އަނތްބަކު ދޫކޮށްލިއިރު މާޖިދުގެ ހިތަށް ތަދުނުވޭބާވައޭ."

"އޭނާގެ ހިތަށް ވަރަށް ތަދުވެޔޭ އޭނާ ބުނި. ނަމަވެސް އޭނާގެ ބައްޕަ މަޖްބޫރު ކުރައްވާތީ އެހެން ގޮތެއްނެތިއްޔޭ ވެސް ބުނި..." އަނާ އަވަހަށް ބުންޏެވެ. "ކީއްވީ...އާންޓީ ތިޔަ ސުވާލު ތިޔަކުރީ ކީއްވެ!"

"އެއްވެސް ކަމެއް ވެގެނެއްނޫން ދަރިފުޅާ. ހަމަ އެހެން ހިތަށްއެރީ..." ޒައިތޫން އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމައެއްނުކުރިއެވެ.

ދަތުރު އެގޮތަށް ނިމިއްޖެއެވެ.

"އެންމެ ފުރަތަމަ ދާނީ ބައްޕަ ކައިރިއަށްތަ ! ނޫނީ ފިރިމީހާގެއަށްތަ!"

"ފިރިމީހާ ގެއަށް." އަނާ ބާރުލާފައި ބުނެލިއެވެ.

"އަނާ ޓެކްސީއެއް ނަގައިގެން ޚާންއާޞިފްގެ ގޭދޮށަށް ހިނގައްޖެއެވެ. އެ ގޭދޮށަށް އާދެވުނީ ފަނަރަ މިނިޓްގެ ދަތުރަކަށް ފަހުގައެވެ. އެ ގޭދޮށަށް އާދެވުމާއެކު އަނާގެ ހިތަށް ވަދެގެންދިޔައީ ކުރާނެ ކަމެއް ނެތިގެން އަދި ނުހަނު ނިކަމެތިވެގެން އެގެއިން އޭނާ ނިކުމެގެން ދާންދިމާވި ގޮތެވެ.

"ހާދަރީތި ގެއެކޭ އަނާ!" އާންޓީ ބުނެލިއެވެ.

"އާނ... މިއީ ޚާން އާޞިފްގެ އަމިއްލަގެއޭ. އެ ގެއާ މެދު އޭނާ އަބަދުވެސް ފަޚްރުވެރިވޭ..އާންޓީ!

"އެ ފަޚްރުވެރިކަން ނަގާލީ ކަލޭދޯ!"

"އަހަރެންނެއްނޫން. އެއީ ތަޤްދީރުގެ ނިޔާ"

 އަނާ އެހިސާބުން ވާހަކަ ހުއްޓާލިއެވެ. އޭރު ގޭގެ ދޮރުވާނު އޭނާއަށްޓަކައި ގޭޓް ހުޅުވާދެނީއެވެ.

"ކޮންހާލެއް ޚާން!" އަނާ އަހާލިއެވެ.

"އަޅުގަނޑު ރަނގަޅު...ސާހިބާ!"

"ސާހަބް ގޭގައި އުޅުއްވާތަ؟" އަނާ ސުވާލުކޮށްލީ މާޖިދާ ބެހޭގޮތުންނެވެ.

 "ނޫން... އެކަމަކު މާޖިދުގެ ބައްޕަ އެބައުޅުއްވާ!"

އަނާ އެއްވެސް އެއްޗެއް ނުބުނެ އާންޓީ ޒައިތޫންއާއެކު ގޭޓުން ވަދެގެން ހިނގައްޖެއެވެ. އެމީހުން ދިޔައީ ޚާންއާޞިފްގެ ކޮޓަރިއާ ދިމާއަށެވެ.

ހަވީރުގެ ފިނިކަން ވެރިވަމުން ދަނީއެވެ. އަނާގެ ހިތުގެ ޝުޢޫރުތައް ހޫނުވަމުން ދިރެމުން ދަނީއެވެ. އަނާގެ ހިތުގަ އެ ޝުޢޫރުތައް ހޫނުވަމުން ދިރެމުން ދަނީއެވެ. އޭނާ ވަނީ ފަޚްރުވެރިކަމާއެކު އިސްއުފުލާލާފައެވެ. މިއަދު އޭނާ މިގެއަށް އެނބުރި މިއައީ ފާތިޙަކަށް ވެގެންނެވެ. އަނާ ޚާންއާޞިފްގެ ކޮޓަރީގެ ދޮރުގައި ޓަކި ދީފިއެވެ. އަދި އެތެރެއިން ޖަވާބެއް އަންނަންދެން ނުހުރެ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އަނާ މިގޮތަށް ކުރިމަތީގައި ހުއްޓާ ފެނުމުން ޚާން ޞާހަބް ވަރަށް ނުބައި ގޮތަކަށް ސިއްސައިގެންދިޔައެވެ. އަދި ބޭއިޚްތިޔާރުގައި އޭނާއަށް ބުނެވުނެވެ.

"ކަލޭތަ؟.... އަދި މިތާނގައި؟"

"ކީއްތޯވީ...އަޅުގަނޑަށް މިތަނަކަށް ނާދެވޭނެތޯ؟" އަނާ އެހެން ބުނީ ވަރަށް ފުން މާނައެއްލާފައި ކަހަލަ ގޮތަކަށެވެ. "ކީކޭ ތިޔަ ބުނީ...އޭގެ މާނައަކީ ކޮބާ!" ޚާންއާޞިފް ދޮރުމަތީގައި ހުރީ އާންޓީ ޒައިތޫން އާދިމާއަށް ބަލާލިއެވެ.

"މީ އަޅުގަނޑުގެ އާންޓީއޭ" އަނާ ތަޢާރަފް ކޮށްދިނެވެ.

"ދެން..." ޚާން އާޞީފް ދެނޭ ބުނީ ވަރަށް ސީރިއަސްގޮތަކަށް. "ދެން....ދެން އަޅުގަނޑު މިއައީ. އަޅުގަނޑު އެހެންގޮތަކަށް ނަންގަންނަ ނަމަ ކަލާގެ ޅީދަރިފުޅު ކަލާގެ ފިރިހެން ދަރިފުޅުގެ ދަރިފުޅަކަށް ބަލިވެ އިން ވާހަކަ ނަންގަންނަން. އަނާގެ މިބަސްތައް ޚާންއާޞީފަށް ހީވީ ކޮޓަރިތެރޭގައި އެތައް އެކްސްޕްލޯސިވްއެއް، އެއްފަހަރާ ގޮވައިގެން ދިޔައީ ހެންނެވެ. އޭނާގެ މުޅި ވޫޖޫދިއްޔަތު ތުރުތުރު އަޅައިގެން ދިޔައެވެ.

"ކޮންކަހަލަ ވިޔާނުދާ ވާހަކައެއްތަ ތިޔަ ދައްކަނީ ބަލަ މިހިރަ އަންހެން ކުއްޖާ." ޚާންއާޞިފް އަލިފާންކޮޅެއްހެން ރަތްވެފައިވާ ދެލޮލުން އަނާއާ ދިމާއަށް ބަލަމުން ހަޅޭއްލަވައިގަތެވެ.

"އަޅުގަނޑު މިނަންގަންނަނީ ހަމަތެދެއް ބައްޕާ! އަޅުގަނޑު މިއައީ ޑޮކްޓަރ ލައްވާ މިކަން ޔަޤީންވެސް ކޮށްގެން"

"ވިޔާނުދާ ވާހަކަތައް ހުއްޓާލާ! އަދި މިތަނުން ހަމަ މިހާރު ނުކުމެގެން ދާންއުޅޭ. ނުލަފާ ކުއްޖާ! ހަޑިތާކުންނަގާ ގާގަނޑެއް ކިތަންމެ ވަރަކަށް ދޮވުނަސް ހަމަވާނީ ހަޑިއެއްޗަކަށް. ތިން އަހަރު ތެރޭގައި ބަލިވެ ނީނދެވުނު މީހަކު، ވިއްސަކަށް ފަންސަވީހަކަށް ދުވަހު ބޭރުގައި އުޅެފައި އައިސް ތިމަންނާ މިހާރު މީނީ ކަލޭގެ ކާފަ ދަރިފުޅަކަށް ބަލިވެ އިނދެއޭ ބުނީމާ އެވާހަކަ ޤަބޫލު ކުރާނީ ކާކު...ތިޔަ ސަމާސާ އަހަރުމެންނާ ކުރުމުގެ ހިތްވަރު ކަލެއަށް ލިބުނީ ކިހިނެއް؟ އަހަންނަނީ ޚާންއާޞިފްއަކީ ..ބަކަރި ހުއިހައްޕައިގެން އުޅޭ މީހެއް ނޫން.... ނުކުންނަން އުޅޭ ހަމަމިހާރު މިތަނުން ނުކުމޭ.....!"

ވާހަކަ މިހާތަނަށް ދިޔައިރުވެސް އާންޓީ ޒައިތޫން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ނަމަވެސް ޚާންއާޞިފް އަނާގެ މައްޗަށް އަޅުވަމުންދިޔަ އިލްޒާމްގެ ސަބަބުން ދެން އިތުރަށް ނުހުރެވިގެން ބުންޏެވެ.

 "މިހާރު ކަލާ ތިޔަ ހައްދުން ނައްޓަވާ ލައްވަނީ..ޚާންއާޞިފް ޞާޙަބް.... މި އަންހެން ކުއްޖަކީ ކަލާގެ ޅީދަރިފުޅު. އަދި އޭނާ އެއިނީ ބަލިވެ. އޭނާއަކީ މިގޭގެ ޢިއްޒަތް... މިގޭގެ އަބުރު.. އެއްވެސް މާތްމީހަކު އޭނާގެ ގޭގެ ޢިއްޒަތާ އަބުރު ނަގާލަނިކޮށް އަޅުގަނޑެއް މިހާތަނަކަށް ނުދެކެން.

"އޭ މިހިރަ މުސްކުޅި އަންހެނާ އަޑުއަހާބަލަ..ކަލެއަކީ ކޮންމެ މީހެއްކަމަށްވިޔަސް، އަދި ކަލެއަށް އެއްކަމެއް ފެނިފައި ނެތްނަމަވެސް ކަލޭގެ ކަންފަތް ރަނގަޅަށް ހުޅުވައިގެން އަހަރެން މިބުނާ ވާހަކަ ރަނގަޅަށް އަހާބަލަ. އަހަރެންގެ ނަމަކީ ޚާން އާޞިފް..މުޅި މި ޝަހަރުވެސް ޚާންއާޞިފް ދަންނާނެ. އަދި މާދަމާ އަހެރެންގެ ފިރިހެން ދަރިފުޅުގެ ކައިވެނި އެބައޮތް އެހެންވީމާ ކަލޭމި... ގޮވައިގެން އަވަހަށް މިތަނުންދޭ އެހެންނޫނީ ނޯކަރުން ގާތު ބުނެގެން ކަލޭމެން ބޭރަށް ފޮނުވާލަންވެސް އަހަރެންނަށް ޖެހިދާނެ! ޚާންއާޞީފް ރުޅިއައިސްފައި އާންޓީ އާދިމާއަށް ލޯ ބޮޑުކޮށްލަމުން ބުންޏެވެ.

"ވަރަށް ރަނގަޅު....ޚާންއާޞިފް....ވަރަށް ރަނގަޅު. ކަލެއަށް ކަލޭގެ ފިރިހެން ދަރިފުޅުގެ އަންހެނުން ވަކިކުރަން ނޭންގެންޏާ، މި ބަދުނަޞީބު އަންހެން ކުއްޖާއަށް އޭނާގެ ފިރިމީހާއާ ބައްދަލުވެވޭނެ ގޮތްހަދާދީ، އަދި އޭނާގެ ދަރިފުޅަކަށް ބަލިވެއިންކަމުގެ އުފާވެރި ޚަބަރު އޭނާއަށް ދޭނެ ފުރުޞަތުދީ!"

"އަހަރެންނަށް ހީވާގޮތުގައި މިކަންއޮތްގޮތް ކަލޭމެންގެ ސިކުނޑިއަކަށް ނުވިސްނޭނެ. އެހެންވީމާ މިހާރު ނޯކަރުންނަށް މިގޮވާލަނީ އެމީހުންގެ ވާހަކައިން ކަލޭމެންނަށް މިކަން އޮތްގޮތް ވިސްނާ ދީފާނު ކަންނޭގެ."

"އެހެން ހެއްދެވުމުގެ ބޭނުމެއްނެތް ބައްޕާ!" އަނާ ތުރުތުރު އަޅައަޅާއޮތް އަޑަކުން ބުންޏެވެ.

 "އަޅުގަނޑު މިދަނީ..އެކަމަކު މިދަނީ އަދި އެނބުރި މިގެއަށް އަންނާނެ ކަމުގެ ޔަޤީނުގައި ސަބަބަކީ މިގެއަކީ އަޅުގަނޑުގެ ގެއެއްކަމަށްވާކަން..މިއީ ބައްޕަގެ ގެއެއްނޫން.."

"ކޮން ހާ ވިޔާނުދާ ވާހަކަތަކެއް.." ޚާންއާޞިފް ހަޅޭއްލަވައިގަތެވެ.

"ހިނގާ އާންޓީ...މީ އިންސާނުންނެއްނޫން. ހައިވާނުން..ޙައިވާނުނަށް އިންސާނުން ދައްކާ ވާހަކަ ނުވިސްނޭނެ." މިހެން ބުނެފައި އަނާ އެނބުރިލާފައި ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ. ޚާންއާޞިފް ރުޅި އައިސްގެން ފަޅައިގެންދާ ވަރުވެފައި އަނާ އާ ދިމާއަށް ބަލަން އިނެވެ.

ގޭގެ ގޭޓުން ނުކުމެގެން ދިޔައިރު އަނާގެ ފައި ތުރުތުރު އަޅާގޮތްވިއެވެ. އަދި ފިޔަވަޅު އަޅަން އުނދަގޫވެގެން އުޅޭކަން އާންޓީ ޒައިތޫނަށް އިޙްސާސްވުމުން އޭނާ އަނާއަށް ހިތްވަރު ދެމުން ބުންޏެވެ.

ހިންމަތް ދޫކޮށްނުލާ ދަރިފުޅާ..ކަލޭ ތިޔަ ހުރީ ޙައްޤުގޮތުގައި ކަލޭގެ ޙައްޤު ކަލެއަށް ލިބޭނެ..އާންޓީ މިހެން ބުނުމުންވެސް އަނާ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ.

އޭނާގެ ހިތަށް އެ ވަގުތު އަރަމުންދަނީ އޭނާގެ ފިރިމީހާ އެހެން މީހަކާ އިންނަން އުޅޭކަމެވެ. ލޯބީގެ ހަމައެކަނި އޭނާގެ ޙައްޤެއް ކަމަށްވާ އޭނާގެފިރިމީހާގެ މައްޗަށް އެހެން މީހެއް އަތްގަދަކޮށްލަން އުޅޭކަމެވެ

ދުނިޔޭގެ އެއްވެސް އަންހެނަކު އޭނާގެ ފިރިމީހާ އެހެން އަންހެނަކާއެކު ޙިއްޞާ ކުރާކަށް ޤަބޫލެއް ނުވާނެއެވެ. ނަމަވެސް މިއަދު އަނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާގެ އެއްވެސް ބާރެއްނެތެވެ. މަދަދުވެރިއެއް ނެތެވެ. އަނާ ހިނގަމުން ދިޔައީ ފުރާނައެއްނެތް ހަށިގަނޑެއްހެންނެވެ. ދުނިޔެ އޭނާއަށްޓަކައި ވަނީ މުޅީން އަނދިރިވެފާކަހަލައެވެ.

"އަހަރެމެން ސަރާހަންޕޫރަށް އެނބުރި ދާނީ"  އަނާ ބުންޏެވެ.

"އަހަރެންނަށް ފެންނަނީ ފުރަތަމަ ބައްޕަމެންގެއަށް ދާން"

"އަހަރެންބޭނުމީ އެނބުރި ސަހާރަންޕޫރަށް ދާން"

އަނާ އެހެން ބުނީ ވަރަށް ހަރުކަށި ގޮތަކަށެވެ. އެހެން ކަމުން އާންޓީ ޒައިތޫންއަކަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެހެން ނޫންނަމަ އޭނާ ޚިޔާލުކޮށްފައިވާ އޮތީ އެރޭ އަމީރުއްދީނުމެންގެ ގޭގައި ތިބޭށެވެ. ދަތުރު ވަރުބަލިވެސް އޭރުން ފިލުވާލެވޭނެ ތީއެވެ. ނަމަވެސް އަނާ އެހާ ވަރުގަދައަށް އެގޮތަށް ބުނުމުން އޭނާ ބުނާގޮތް ނޫން އެހެން ގޮތެއް ހަދަން މިވަގުތު އުޅުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށް އާންޓީ ޒައިތޫންއަށް ވެސް ވިސްނިއްޖެއެވެ. އެހެންވެގެން އޭނާ ބުނިގޮތަށް ސަހާރަންޕޫރަށް ދާން ޓެކްސީގައި ބަސްޓޭޝަނށް ހިނގައްޖެއެވެ. އެތަނުން ޕްލައިންގްކޯޗް ނަގައިގެން ސަހާރަންޕޫރަށް ދިއުމުގެ ދަތުރު ފަށައިފިއެވެ. މި ދަތުރު ސަހާރަންޕޫރުން ފެށިގެން އަނާ އިނީ ކިހާ އުފަލުންތޯއެވެ. ނަމަވެސް އެދ ަތުރު ނިންމާލާފައި އަލުން އެނބުރި ސަހާރަންޕޫރަށް ދާއިރު އޭނާގެ ހިތުގެ ތެރޭގައި ވަނީ ކޮންފަދަ ހިތާމަވެރި ޝުޢޫރު ތަކެއްތޯއެވެ. ކުރީން އޭނާގެ ހިތުގެ ތެރޭގައި އުފެދެމުން ހެދެމުންއައީ ކޮންފަދަ މަތިވެރި އުއްމީދު ތަކެއްތޯއެވެ. މިހާރު އެއ ުއްމީދުތައް ފެނަށްވެގެން ދާތަން އޭނާއަށް އިޙްސާސްގެ އަސަރުތައް އޭނާގެ މޫނުމަތިން ފެންނަމުން ދާއިރު ހީވަނީ މާޔޫސްވުމުގެ ކަނޑެއްގެ ތެރެއިން އެ މޫނު ފެންނަހެންނެވެ. ދަތުރުގެ މަގުމަތީގައި އޭނާ އެއްވެސް އެއްޗެއް ނުކައެވެ. ނުމެބޮއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.