އުއްމީދު - 30

(12 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ހިތަށް ކުޑަވަރެއްގެ ތަސައްލީއެއް ވެރިވިއެވެ. އެ ކުއްޖާގެ ޖަވާބުގެ މާނައަކީ ދެ ދުވަސް ފަހުން އުއްމީދު އަންނާނެއޭއެވެ. އެކަމަކު ކަންތައް ވީ އެހެންނެއް ނޫނެވެ. ތިން ވަނައަށްވީ ދުވަހަކުވެސް އުއްމީދެއް ނައެވެ.

"މިއަދު ނައީ ކީއްވެގެން ކަމެއް ނޭނގޭ. ޗުއްޓީ ނެގީ ދެ ދުވަހަށް." އެއްކަލަ އަންހެންކުއްޖާ ބުނެލިއެވެ. ޑެނިއަލް އެ ކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށް ފަހު އެތަނުން ނުކުމެއްޖެއެވެ. އެރޭ މެންދަމު ބާރަ ޖަހަންދެން އޭނާ އެއްވެސް ބޭނުމަކާ ނުލައި މަގުމަތީގައި ހިނގަހިނގައި ހުއްޓެވެ.

އަނެއް ދުވަހު އަނެއްކާވެސް އޭނާ އެތަނަށް ހިނގައްޖެއެވެ. އެ ދުވަހަކުވެސް އުއްމީދެއް ނާދެއެވެ.

"ތިޔަ ވަރަކުން އޭނާ ހޯއްދަވަނީ މާ މުހިއްމި ކަމެއް އޮތީތޯ؟" ކައުންޓަރު ދޮށުގައި ހުރި ކުއްޖާ އޭނާ ކުރެން އަހައިލިއެވެ.

ޑެނިއަލް ކުޑަކޮށް ކަންބޮޑުވިއެވެ. "ނޫނީ. އެއްވެސް ކަމެއް އޮވެގެންނެއް ނޫން."

ބޭރަށް ނުކުމެގެން ގޮސް ކާރަށް އަރައި އިށީނދެފައި އޭނާ ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. "އެ ކުއްޖާ އެ ދިޔައީ ކޮން ތަނަކަށްބާ؟ އެނބުރި ނައީ ކީއްވެގެން؟" އޭނާއަށް ބޭއިޚްތިޔާރުގައި އަމިއްލަ ނަފުސާ ބާރަށް މުޚާތަބު ކުރެވުނެވެ. އެޔާއެކު ކުރެވުނު ޚިޔާލެއްގެ ސަބަބުން ކުއްލިއަކަށް ކާރު ދުއްވައިލައިފިއެވެ. ސީދާ ދިޔައީ އުއްމީދު އުޅޭ ދަނާލަށެވެ. ދޮރާށި ދޮށަށް ފޭބުމަށް ފަހު ދޮރުވާނަކަށް ހުރިމީހާޔާ އުރުދޫ ބަހުން ވާހަކަދައްކާން ފަށައިފިއެވެ. ބިދޭސީ ދޮން މީހަކު އުރުދޫ ބަހުން ވާހަކަދައްކާތީ ދޮރުވާނު ހުރީ ހައިރާންވެފައެވެ.

"ކޮން އުއްމީދެއްތޯ؟ ފުރިހަމަ ނަން ވިދާޅުވޭ. މި ތާނގައި އެތައް ކުދިންނެއް އުޅޭ." ދޮރުވާނު ބުނެލިއެވެ.

"ފުރިހަމަ ނަމެއް ނޭނގޭ." ޑެނިއަލް ކަރު އެލުވައިލިއެވެ.

"އަހަރެން އެތެރެއަށް ގޮސް އަހާފައި އެބަ އަންނަން."

ދޮރުވާނުގެ ވިސްނުން ވަރަށް ރަނގަޅެވެ. އެތެރެއަށް ވަންނާން ދެތިން ފިޔަވަޅު އަޅައިފައި ކުއްލިއަކަށް އެނބުރި ޑެނިއަލާ ދިމާއަށް ބަލައިލިއެވެ. "އުއްމީދާ ތިޔަ ބޭފުޅާއާ އޮތީ ކޮން ގުޅުމެއްތޯ؟"

އެ ސުވާލަށް ދޭނޭ ޖަވާބެއް އޭނާއަކަށް ނޭގުނެވެ.

"އަހަރެން... އަހަރެން މި އައީ އޭނާ މަސައްކަތްކުރާ ރެސްޓޯރަންޓުން ފޮނުވީމާ. ދެ ދުވަހުގެ ޗުއްޓީއެއް ނަގާފައި ދުވަސް ހަމަވީމާވެސް މަސައްކަތު ނުނުކުންނާތީ ޚަބަރު ބަލައިލާން ވެގެން."

އޭނާގެ ހިތަށް އެ ވަގުތު އެރި ހަމައެކަނި ބަހަނާއަކީ މިއީއެވެ.

"އެހެންތޯ؟ ތިޔަ ވިދާޅުވަނީ ހޮޓަލެއްގައި މަސައްކަތް ކުރައްވާ އުއްމީދު ޢާލަމްގެ ވާހަކަތޯ؟"

ޑެނިއަލް ކަންބޮޑުވެފައި ހުރެގެން ބޯ ޖަހައިލިއެވެ.

"އޭނާ ރަށަށް ހިނގައްޖެ."

"ކޮން ރަށަކަށް؟"

"ރާވަލްޕިންޑީއަށް."

"އެނބުރި އަންނާނީ ކޮން ދުވަހަކު؟"

"އެޔެއް އަޅުގަނޑަކަށް ނޭނގޭ."

"އެތެރެއިން އޮޅުމެއް ނުފިލާނެތަ؟"

"އަޅުގަނޑު އަޅެ ބަލައިލާނަން." ދޮރުވާނު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ޑެނިއަލް ބޭރުގައި ކުރުކާލި ކަނޑައިލަކަނޑައިލާ ހުރީއެވެ. މާ ގިނަ އިރުތަކެއް ނުވެ ދޮރުވާނު އެނބުރި އަތުވެއްޖެއެވެ.

"އޭނާ ދިޔައީ ދެ ދުވަހަށް. އެކަމަކު އަދި ނާދޭ."

ޑެނިއަލް އިރުކޮޅަކަށް އަނގައިން ނުބުނެ ހުއްޓެވެ.

"އޭނާޔާ ގުޅޭނޭ ފޯނު ނަންބަރެއް ނެތްތަ؟"

"އަޅުގަނޑުމެން އަންހެން ކުއްޖެއްގެ ނަންބަރު އެއްވެސް މީހަކަށް ނުދެން. ދެވޭނީ ސީދާ އެ ކުއްޖަކު ދޭށޭ ބުނީމާ."

ޑެނިއަލް އިތުރު ވާހަކައެއް ނުދައްކައެވެ.

އެ ރޭ އެތައް މަސައްކަތަކާއެކުވެސް އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ. ކުރާ ކޮންމެ ކަމަކީ ބޭކާރު ކަމެއް ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. އެ ކުއްޖާ އެނބުރި ނައިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މީގެ ފަހުން ބައްދަލު ނުވިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލު ހިތަށް ވެރިވުމާއެކު އޭނާގެ ހިތަށް ބާވަތެއްގެ އުނދަގުލެއް ވާން ފަށައިފިއެވެ. އެޔާއެކު އޭނާ ކުއްލިއަކަށް އެނދުން ތެދުވެއްޖެއެވެ. ކޮޓަރިތެރޭގައި ދެކޮޅަށް ކުރުކާލި ކަނޑަން ފަށައިފިއެވެ. ވަރުވަލިވީމާ އުޑަފައިން އިށީނދެ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ.

އަނެއް ދުވަހު އޮފީހުގައިވެސް ރަނގަޅަށް މަސައްކަތް ކުރެވޭ ގޮތެއް ނުވިއެވެ. ސެކްރެޓަރީ ގެނެސްގެން ވާހަކަދައްކަމުން ގޮސް ކުރިން ބުނެވުނު ވާހަކަ ހަނދާން ނެތޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ދެތިން ފަހަރު ޕިޔޯނަށް ގޮވައި ގެނެސްގެން ނުބައި ފައިލު ގެނުވިއްޖެއެވެ. ލިބިފައި ހުރި ފެކްސްތައް ކިޔައި ނިމޭއިރުވެސް އޭގައި ބުނާ އެއްޗެއް ރަނގަޅަށް ފަހުމުވާ ގޮތެއް ނުވެއެވެ. ކުންފުނީގެ އޮޑިޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވަރަށް އާދައިގެ ކަމަކާ ގުޅިގެން ރުޅި ގަދަވެގެން ހަޅޭއްލަވައި ގަނެވިއްޖެއެވެ. މީގެ ކުރިއަކުން ޑެނިއަލް އެފަދަ ގޮތަކަށް ރުޅި އައިސްފައި ހުއްޓައެއް މީހަކު ނުދެކެއެވެ. އެހައި ބާރަށް ވާހަކަދައްކާ އަޑެއްވެސް ނާހައެވެ. އޮފީހު މީހުން އެންމެ ބޮޑަށް ހައިރާންވީ އައި ރުޅީގައި ބައްދަލުވުން ދޫކޮށް ނުކުމެގެން ދިޔައީމައެވެ.

"ޑެނިއަލް އެހައި ބޮޑަށް ރުޅި އައިސްގެން އެ އުޅެނީ ކީއްވެގެން؟ އޮފީހުގެ މަސައްކަތް މާ ބޮޑަށް ބުރަވީތަ؟ ނޫނީ އަމިއްލަ ކޮންމެވެސް މައްސަލައެއް އޮތީތަ؟ އަހަންނަށް ފެންނަ ގޮތުގައި ކުޑަ ދުވަސްކޮޅަކަށް އަރާމުކޮށްލީމާ ރަނގަޅު ވެދާނެ. އޭނާއަށް ދެތިން ދުވަހުގެ ޗުއްޓީއެއް ދީ." ސަރަހައްދީ އޮފީހުގެ ވެރިޔާ ބުނެލިއެވެ.

ބައްދަލުވުން ނިމުނީމާ ސަޢޫދު ޑެނިއަލްގެ ކޮޓަރިއަށް އަތުވެއްޖެއެވެ. ސަޢޫދަކީ އޭނާގެ އޮފީހު ބައިވެރިއަކަށް ވުމުގެ އިތުރަށް ވަރަށް ގާތް އެކުވެރިއެއްވެސް މެއެވެ.

"ކަންބޮޑުވާ ކަހަލަ ކަމެއް ދިމާވީތަ؟" އޭނާ ޑެނިއަލާ ސުވާލުކޮށްލިއެވެ.

އޭނާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މަޑުމަޑުން ބޯ ޖަހައިލިއެވެ.

"ވެރިމީހާ ވިދާޅުވީ މައްސަލައެއް އޮތިއްޔާ ސުވާލުކޮށްގެން އޮޅުންފިލުވާށޭ. ތިން ދުވަހުގެ ޗުއްޓީއެއް ދޭށޭވެސް ވިދާޅުވި." ސުޢޫދު ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

"ޑެނިއަލް. ކިހިނެއްވީ؟" އޭނާ މަޑުމައިތިރިކަމާއެކު ސުވާލުކޮށްލިއެވެ.

ޑެނިއަލް ޖަވާބެއް ނުދެއެވެ. ގޮނޑީގައި ލެނގިލުމަށް ފަހު ލޯ މަރައިލިއެވެ. އޭނާގެ މައްސަލަތަކުގެ ވާހަކަ ސުޢޫދު ގާތު ދައްކައި މަޝްވަރާ ކުރަންވީ ކަމެއް ނުވަތަ ނޫން ކަމެއް އޭނާއަކަށް ކުއްލިއަކަށް ކަނޑައަޅާކަށް ނޭނގުނެވެ. އެފަދަ ވާހަކައެއް ދައްކައިފިއްޔާ ސުޢޫދު އަމަލު ކުރަނީ ކިހިނެއް ބާވައޭވެސް ހިތަށް އެރިއެވެ. އަންހެންކުއްޖެއްގެ މައްޗަށް އޭނާގެ ހިތުގައި އުފެދޭ ޖަޒުބާތުގެ މާނަ ސުޢޫދު ކުރާނީ ކިހިނެއް ބާވައެވެ؟

ފުން ދެތިން ނޭވައަކަށް ފަހު އެންމެ ފަހުން ޑެނިއަލް ލޯ ހުޅުވައިލިއެވެ. އަދި އެ އަންހެކުއްޖާޔާ ބެހޭ ހުރިހައި ވާހަކައެއް ސުޢޫދަށް ރަނގަޅަށް ކިޔައިދީފިއެވެ. ސުޢޫދު ވަރަށް ސީރިއަސްކަމާއެކު އޭނާގެ ހުރިހައި ވާހަކައެއް އަޑުއަހައިފިއެވެ.

"މިއަދުވެސް އަހަންނަށް... މި އޮފީހުގައި އުޅެނިކޮށް އޭނާ ފެނިއްޖެ." ކުރާނީ ކީއްހޭ އަހައިލާ ކަހަލަށް ގޮތަށް އޭނާ ސުޢޫދާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ހުރީ މޫނުދޮންނަ ތަށި ކައިރީގައި އަތް ދޮންނަން. އަތް ދޮވެ ނިމިގެން ލޯގަނޑުން ބަލައިލީމާ އަހަރެންގެ ބަދަލުގައި ފެންނާން ހުރީ އޭނާ. ހެނދުނު އޮފީހަށް އަންނަމުން ރަތް ބައްތި ދިއްލުނީމާ ކާރު މަޑުކޮށްލިތަނުން ފެނުނީ އޭނާ މަގު ހުރަސްކުރިތަން. އަހަރެންގެ ސިކުނޑިއަށް މިވާ ގޮތަކުން މިހާރު ވަރަށް ބޮޑަށް ބިރުގަންނާން ފަށައިފި."

ސުޢޫދު ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

އޭނާ ވާހަކަދެއްކުން ހުއްޓާލައިފިއެވެ. ކޮޓަރި ތެރެއަށް އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ފުން ނޭވައެއް ލުމަށް ފަހު ސުޢޫދު އަހައިލިއެވެ.

"ޑެނިއަލް އޭނާ ދެކެ ލޯބިވީ ދޯ؟"

ޑެނިއަލް ސިހިފައި ސުޢޫދާ ދިމާއަށް ބަލައިލިއެވެ.

"ލޯތްބޭ؟ އަހަރެން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަން. ލޯތްބަކީ ބޭނުން އެއްޗެއް ކަމުގެ އިހުސާސެއްވެސް ނުކުރެވޭ."

"އެކަމަކު މިހާރު ތިޔަ އޮތީ ލޯބި ވެވިފައި. ބޭނުން އެއްޗެއް ކަމުގެ އިހުސާސްވެސް ވަރަށް ރަނގަޅަށް ކުރެވިއްޖެ. މިހައި ތަނަށް ލޯބި ނުވުމުގެ މާނައަކީ ދުވަހަކުވެސް ލޯބި ނުވުމެއް ނޫނެއްނު."

ޑެނިއަލް ހައިރާންވެފައި ވިސްނައިލިއެވެ. "އެއީ ތެދެއް ހެއްޔެވެ؟ އަހަރެން ހަމަ ހަގީގަތުގައިވެސް އެ ކުއްޖާ ދެކެ ލޯބިވީ ހެއްޔެވެ؟ މިއީ ހައިރާންވާ ވަރުގެ ކަމެކެވެ. އަހަންނަށް މީހަކު ދެކެ ލޯބި ވެވިދާނެ ހެއްްޔެވެ؟ އަމުދުން އަންހެން ކުއްޖަކު ދެކެ... ކުއްލިއަކަށް... އެއްވެސް އިޚްތިޔާރަކާ ނުލައި..." އޭނާއަށް އުފާވެރި އިހުސާސެއް ކުރެވުނެވެ.

"މިހާރު އެ ކުއްޖާ ގެއްލިއްޖެ. ޑެނިއަލް ކަންބޮޑު ވެގެން ތިޔަ އުޅެނީ އެހެން ވެގެން. އެތައް މަސައްކަތަކާއެކުވެސް އެ ކުއްޖާ ފެންނަ ގޮތް ނުވީތީ ދެރަވަނީ. އެކަމަކު އެ ކުއްޖާ ފެނުނީމާ ޑެނިއަލް ހަދާނީ ކިހިނެއް؟ އޭނާ ހޯދަން ތިޔަ އުޅެނީ އަނެއްކާވެސް އޭނާ ގެނެސްދޭ މަސްބަނަހެއް ކާން ވެގެންތަ؟"

ޑެނިއަލް ސުޢޫދުގެ މޫނަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"އޭނާއަށް ލޯބި ހުށަހަޅަން ޑެނިއަލް ބޭނުން ވަނީތަ؟ ނޫނީ އިންނަން ބޭނުން ވަނީތަ؟"

"އާނ. އޭނާޔާ އިންނަން އަހަރެން ބޭނުން." ޑެނިއަލަށް ބޭއިޚްތިޔާރުގައި ބުނެވިއްޖެއެވެ.

މި ފަހަރު ސުޢޫދު ތަންކޮޅެއް ބޮޑަށް ސީރިއަސް ވެއްޖެއެވެ. "ތިޔަ ބުނާ ކުއްޖާއަކީ ކޮން ދީނެއްގެ ކުއްޖެއް ކަމެއް އަހަންނަކަށް ނޭނގޭ. އިސްލާމެއް ކަމަށް ވަންޏާ އިސްލާމް ނޫން ފިރިހެނަކާ އޭނާއަކަށް ނުއެއް އިނދެވޭނެ. އޭނާޔާ އިންނަން ބޭނުއްމިއަޔާ ޑެނިއަލަށް ޖެހޭނީ އިސްލާމަކަށް ވާން. ވިސްނައިލާ. އެވަރުގެ ބޮޑު ކަމެއް ކުރެވޭނެތަ؟ އަދި އިސްލާމް ވިޔަސް އެ ކުއްޖަޔާ އިނދެވޭނޭ ކަމުގެ ޔަގީންކަމެއް ނުލިބޭނެ. އެ ކުއްޖާ މިހާރުވެސް އުޅެނީ މީހަކާ އިނދެގެން ކަމަށް ވެދާނެ. ނޫނީ މީހަކާ އެންގޭޖުވެފައިވެސް ހުރެދާނެ. މި ކަހަލަ ހުރަހެއް ނެތަސް އެ ކުއްޖާ ނުގަބޫލު ވުމަކީ ދުރުކަމެއް ނޫން. ފަހަރެއްގައި އެ ކުއްޖާގެ އާއިލާގެ މީހުންވެސް ނުރުހިދާނެ. ބިދޭސީއަކާ ދެވުމަކީ ކޮންމެ ކޮންމެ މީހަކު ރުހޭނެ ކަމެއް ނޫން. އަދި އަމުދުން ޣައިރު މުސްލިމަކާ. އެހެންވީމާ ޑެނިއަލްގެ ތިޔަ ލޯތްބަށް ޖެހޭނެ ދަތުރެއް ނޭނގޭ. އަހަރެމެން މިއީ މާ މިނިވަން ޚިޔާލުގެ ބައެއް ކަމަށް ދެއް ކިގެން އުޅޭ ބައެއް. އެކަމަކު ބައެއް ކަންތަކުގައި އޮންނަނީ ގޮތް ދޫނުކުރުމާއި ބޯދާ އުސޫލު. ޚާއްސަކޮށް ދީނީ ކަމެއްގައި ނަމަ ވަރަށް ވަރުގަދަ އުސޫލެއްގައި ހިފެހެއްޓޭ. މި ކަމުގައި ޑެނިއަލް އަޅާ ކޮންމެ ފިޔަވަޅެއް ވާނީ ޖުވާ ކުޅުން ކަހަލަ ކަމަކަށް. ފަހަރެއްގައި ބަލިވެދާނެ. މޮޅުވެސް ވެދާނެ. ދެކަމުންކުރެ ކަމަކީ ޔަގީން ކަމެއް ނޫން. ބަލިވާ ހާލަތުގައި އަމިއްލަ ނަފުސު ކޮންޓުރޯލުކޮށް ހިފަހައްޓާނޭ ގޮތަކާ މެދުވެސް ވިސްނައިލާތި. ރަނގަޅަށް ވިސްނައިފައި ބުނޭ. ހުރިހައި ފިކުރަކާއި ވިސްނުމަކަށް ފަހުވެސް އެކުއްޖާޔާ އިންނަން ބޭނުމިއްޔާ އަހަރެން މިހިރީ ޑެނިއަލާ އެކު. އަހަރެން އެ ކުއްޖާ ހޯދައިދޭނަން. މި ކަހަލަ އެއްވެސް ކަމަކީ މުސްތަހީލު ކަމެއް ނޫން."

ސުޢޫދު ވާހަކަ ނިންމައިފައި ތެދުވެގެން ހިނގައްޖެއެވެ. އެކަމަކު ޑެނިއަލްގެ ސިކުނޑިއަކުން އެ ވާހަކަތަކެއް ނުފިލިއެވެ.

އެރޭ ގޭގައި ހުރެގެންވެސް ވިސްނަމުން ގެންދިޔައީ ސުޢޫދު ދެއްކި ވާހަކަތަކާ މެދުގައެވެ. އިސްލާމް އަންހެނަކަށް ޣައިރު މުސްލިމް ފިރިހެނަކާ ނީނދެވޭނެއެވެ. އެހެންވީމާ އޭނާއަށް ޖެހޭނީ އިސްލާމްދީން ގަބޫލު ކުރާށެވެ. އިސްލާމަކަށް ވާށެވެ. ދީނުގެ މައްސަލަ އަނެއްކާވެސް އޭނާގެ ކުރިމައްޗަށް ނުކުމެއްޖެއެވެ. މިފަހަރު މި ނުކުތީ ޔަހޫދީ ދީނާއި ކްރިސްޓިއަން ދީނުގެ މައްސަލައެއް ނޫނެވެ. މުޅީން އެހެން ދީނެއްގެ މައްސަލައެވެ. ވިސްނަން ޖެހިފައި މި އޮތީ އެހެން ދީނެއް ގަބޫލު ކުރުމާ މެދުގައެވެ. މިއީ އިހަށްހެން އޭނާގެ ސިކުނޑިން ނެރެ އެއްލައިލެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ސަބަބަކީ މި ފަހަރުގެ މައްސަލަ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް ބޮޑު ކަމަކާ އެކުވެފައި އޮތުމެވެ.

"އަހަންނަށް އިސްލާމްދީން ގަބޫލު ކުރެވިދާނެ ހެއްޔެވެ؟" އޭނާ އަމިއްލަ ނަފުސާ ސުވާލު ކޮށްލިއެވެ. އެ ސުވާލާއެކު އޭނާގެ ސިކުނޑީގައި އާވެގަތީ މާޒީގެ އެތައް ހަނދާނެކެވެ.

ނުވައެއް

އިސްލާމް ދީނަކީ އޭނާއަކަށް މުޅީން އައު ދީނެއް ނޫނެވެ. އޭނާއަށް އެންމެ ފުރަތަމަ އިސްލާމް ދީނުގެ ނަން އިވުނީ މަޣްރިބުންނެވެ. އެއީ އިސްލާމީ ގައުމެކެވެ. އޭގެ ފަހުން އޭނާ ދިޔަ އެހެން ގައުމުތަކަކީވެސް އިސްލާމީ ގައުމެވެ. ކުލާހުގެ އެހެން ކުދިންގެ އިރުޝާދުގެ މަތީން އޭނާއަށް ދަސްވެ އާދަވެފައިވާ ކަމެއް އޮވެއެވެ. އެއީ ބަންގި ގޮވަން ފެށްޓީމާ ހިމޭންވުމެވެ. އޭނާގެ ކިބައިގައި އެ އާދަ ފަނަރަ ވަރަކަށް އަހަރު ވާންދެން ހަރުލައިފައި ހުއްޓެވެ. އެމެރިކާގައި ދިރިއުޅުމަށް ފަހު ޕާކިސްތާނަށް އާދެވުނީމާ އަނެއްކާވެސް އެ ހަނދާންތައް އާވެގަތެވެ. ބޭއިޚްތިޔާރުގައި ބަންގިއަށް އިހުތިރާމު ކުރެވޭން ފަށައިފިއެވެ. އޭނާގެ ޅައިރުގެ މި ކަހަލަ އެތައް ހަނދާނެއް އެބަހުއްޓެވެ. އެކަމަކު އިސްލާމީ ގައުމުތަކުގައި ދިރިއުޅުމުގެ ސަބަބުން ހަރުލައިފައި ހުރި އާދަތައް ދޫނުކޮށް ހުންނަނީ ވަކި ކަހަލަ ވިސްނުމެއް އޮވެގެންނެއް ނޫނެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.