އުއްމީދު - 15

(14 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގެއަށް ގޮސް އީމާނާ ވާޙަކަދައްކާން ކުރި ހުރިހައި މަސައްކަތެއް ވީ ނާކާމިޔާބެވެ. އަތުގައި ހިފައިލީމާ ފޮޅުވައިލާފައި ގޮސް ވަނީ ދިރާސީ ކޮޓަރިއަށެވެ. އުއްމީދު ކަންބޮޑު ވެފައި ނިދާ ކޮޓަރީގައި އިނީއެވެ. މިފަދަ ގޮތަކަށް، ތިމާ ދެރަވަރު ހާލަތަކަށް ވެއްޓިއްޖެ ކަމުގެ އިހުސާސް މި ކުރެވެނީ ލައްކަ ދުވަސް ފަހުންނެވެ. އޭނާ އީމާން ދެކެ ލޯތްބެއް ނުވެއެވެ. އެކަމަކުވެސް އެއީ އޭނާގެ ފިރިމީހާ އަދި ލިބެން އުޅޭ ދަރިފުޅުގެ ބައްޕަ ކަމުގައި ވާތީ މައާފަށް އެދެން ބޭނުން ވެއެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުން މިފަދަ ދަނޑިވަޅެއްގައި ކަނޑައިލާކަށް ބޭނުމެއް ނުވެއެވެ. ބޭނުން ވިޔަސް ކަނޑައެއް ނުލެވޭނެއެވެ.

އެތައް އިރަކު އެނދުގައި އިށީނދެގެން އިނުމަށް ފަހު އޭނާ ގޮސް ދިރާސީ ކޮޓަރިއަށް ވަދެއްޖެއެވެ. އީމާން އިނީ ކޮމްޕިއުޓަރު ދޮށުގައި މަސައްކަތުގެ ތެރެއަށް ގެއްލިފައެވެ. އުއްމީދު ގޮސް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަނެއްކާވެސް އޭނާ މަސައްކަތްކުރީ މައާފަށް އެދޭށެވެ. އެކަމަކު އީމާން ކުއްލިއަކަށް ރުޅި އަތުވެއްޖެއެވެ.

"މި ކުރަނީ ނުބައި ކަމެއްކަން އެނގޭއިރު އެކަމެއް ކުރަނީ ކީއްވެގެން؟ އުއްމީދު ތިޔަ ކަންބޮޑުވެފައި ހުންނަނީ ނުވަ އަހަރު ވާންދެން އިންނާނޭ ކަމަށް ވައުދުވެފައި އެންގޭޖުވެފައި ނީނދެ ފިލައިގެން ދިޔަ މީހަކާ ހެދި. އުއްމީދު ދެކެ ލޯބިނުވާ މީހަކުގެ ފަހަތުން ދުއްވަނީ ކީއްވެގެން؟ އެއީ އުއްމީދަށް މަކަރު ހަދައިފައި..."

އުއްމީދު އީމާންގެ ވާހަކަ މެދުކަނޑައިލިއެވެ. "އޭނާ އަހަންނަކަށް މަކަރެއް ނުހަދާ. މަކަރު ހެދީ އަހަރެން. އޭނާ އަހަރެން ދޫކޮށެއް ނުލާ. އޭނާ ދޫކޮށްލީ އަހަރެން."

އީމާން ހައިރާން ވެފައި ބަލަހައްޓައިގެން އިނީއެވެ. އުއްމީދު ހުއްޓައިނުލައި ވާހަކަ ކުރިއަށް ގެންދިޔައެވެ. ކަންތައް ވީ ގޮތް ކިޔައި ދެނީއެވެ.

"ޖަހާންޒޭބް އަހަންނަށް ކޮށްދިން ވަރުގެ ހެޔޮ ކަމެއް ކޮށްދިން އެއްވެސް މީހަކު މި ދުނިޔެއަކު ނެތް. އެ ހެޔޮ ކަމުގެ ބަދަލުގައި އޭނާގެ އެދުނު ކަންތައް އަހަންނަށް ކޮށް ދެވެން ނެތީ. އަހަރެން އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވިން. ނުވަ އަހަރު ދުވަހަކީ ވަރަށް ދިގު މުއްދަތެއް. ލޯބިވުމާއެކުވެސް އަހަންނަކަށް އޭނާގެ އެދުން ފުރިހަމަ ކޮށެއް ނުދެވުނު. އަހަރެން މާ ބޮޑަށް ބިރުގަތީ. އަހަރެންގެ ބައްޕަ ސޯޅަ އަހަރު ވާންދެން އަހަންނަށް ދިން ނަސޭހަތް ހުރީ ނުފިލާ ވަރަށް ކަންފަތުގައި ހަރުލާފައި. އެހެންވީމާ އެ ބައްޕަގެ އަޑުގެ މައްޗަކަށް އެހެން އަޑެއް ނޭރި. އީމާން އަހަންނަށް ކިޔައިދޭ އާޔަތްތަކަކީ އަހަރެން ކުރިން އަޑު ނާހާ އާޔަތްތަކެއް ނޫން. ހެޔޮ ސުލޫކަކީ ކިހައި ތޫނު ޚަންޖަރެއްކަން އެނގޭނީ އިމްތިހާނަކާ ކުރިމަތިވީމާ.

އަހަރެންގެ އުފާތަކުގައި ހުޅު ޖެހީ އަހަރެން އަމިއްލައަށް. އެ ހާދިސާގެ ފަހުން ހަތަރު އަހަރު ދުވަސް ވާންދެން ދިރިއުޅެވުނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގޭ. އަހަރެން ކެއީ ކޯނޗެއް ކަމެއް، ބުއީ ކޯނޗެއް ކަމެއް، އުނު އަނދެ އުޅުނީ ކޯނޗެއް ކަމެއް އެއްގޮތަކަށްވެސް ހަނދާނެއް ނެތް. ހަނދާން ހުރީ އަހަރެންގެ ހަތަރު ފަރާތުންވެސް ފެންނަނީ ޖަހާންޒޭބްކަން. އެ ނޫން އެހެން މީހަކު އަހަންނަކަށް ނުފެނޭ. އޭނާގެ އަޑު ނޫން އަޑެއް އަހަންނަކަށް ނީވޭ. ހަތަރު އަހަރު ދުވަސް ފާއިތުވެގެން ދިޔަ ގޮތެއްވެސް ހަނދާނެއް ނެތް. އަހަރެން ކުރީ ކޮން ކަމެއް؟ ކުރި ކަމެއް ކުރީ ކީއްވެގެން؟ ރަނގަޅަށް ކުރީ ކޮން ކަމެއް ކަމެއް، ނުބައިކޮށް ކުރީ ކޮން ކަމެއް ކަމެއްވެސް ނޭނގޭ. އަހަރެން ދުށް ހުރިހައި ހުވަފެނެއް ދުށީ އޭނާޔާ ގުޅުވައިގެން. އޭނާ އަހަރެންގެ ދިރިއުޅުމުން ނިކުމެގެން ހިނގައްޖެ. އީމާން ތިޔަ އަހަނީ އޭނާޔާ ހެދި އަހަރެން ކަންބޮޑުވެގެން އުޅެނީ ކީއްވެގެން ހެއްޔޭ. އޭނާ ފެނުނީމާ ގޮތްގޮތް ވަނީ ކީއްވެގެން ހެއްޔޭ. އެއިން އެއްވެސް ކަމަކީ އަހަރެންގެ އިޚުތިޔާރުގައި އޮތް ކަމެއް ނޫން. އަހަރެން އޭނާ ދެކެ ލޯބިވާ ވަރު އީމާނަކަށް ވަޒަނެއް ނުކުރެވޭނެ. އެކަމަކުވެސް އަހަރެން އޭނާ ދޫކޮށްލީ. ސަބަބަކީ އޭނާ އަހަރެން ލައްވައި ނުބައި ކަމެއް ކުރުވަން އުޅުން. އެކަމަކު އަހަރެންގެ ހިތުގައި އޭނާގެ މައްޗަކަށް ނަފުރަތެއް ނުއުފެދުނު. ނުވެސް އުފެދޭނެ."

އުއްމީދު ރޮމުންރޮމުން ވާހަކަ ދެއްކިއެވެ. އީމާން އޭނާގެ ކަރުނަ ފޮހެލައިދީ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ.

* * *

ފަހެއް

ވިދިގެން އައި އެތައް ދުވަހެއް ހޭދަވެގެން ދިޔައީ ދެ މީހުންގެ މެދުގައި އަޖައިބެއް ކަހަލަ ހުރަހެއް އޮވެގެންނެވެ. އީމާން އާދަޔާ ޚިލާފަށް ސީރިއަސްވެ، ހިމޭންވެސް ވެއްޖެއެވެ. އެކަމަކު އުއްމީދާ މެދު ކަންތައް ކުރާ ގޮތަކަށް ބަދަލެއް ނާދެއެވެ. އުއްމީދުގެ ކަންތައްތައް އިހަށް ބަލަހައްޓާހައި ފަރުވާތެރިކަމާއެކު ބަލަހައްޓައެވެ. އުއްމީދަށް އިހުސާސް ކުރެވުނު ގޮތުގައި އީމާންގެ ހިތުގައި ބާވަތެއްގެ ހަމަނުޖެހުމެއް އެބައޮތެވެ. އެކަމަކު އެ ހަމަނުޖެހުމުގެ ސަބަބަކީ ކޮބައިތޯ އަހާކަށް ނުކެރެއެވެ. އެ ސަބަބެއް ގުޅިފައި ވަނީ އޭނާޔާކަން އެނގެއެވެ. އީމާނަށް ހުރިހައި ވާހަކައެއް ކިޔައި ދެވުނީތީ މިހާރު ދެރަވެއެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ބައެއް ފަހަރަށް އެ ވާހަކަ ދެއްކުނީތީ ލަދުވެސް ގަނެއެވެ.

އެ ދުވަސްވަރު އުއްމީދުގެ ފިރިހެން ކޮއްކޮއެއްްގެ ކާވެނި ހަމަޖެހިއްޖެއެވެ. ކާވެނީގެ ތައްޔާރީތަކަށް އޭނާ ރާވަލްޕިންޑީއަށް އަތުވެއްޖެއެވެ. އީމާން ލާހޯރުގައި މަޑުކުރީއެވެ. އުއްމީދު ދެ ހަފުތާ ވާންދެން ރާވަލްޕިންޑީގައި އުޅުނެވެ. އަމިއްލަ ގޭގައި ދިރިއުޅެން އާދަވެ ގެޔާ ދޯޅުވެފައި ހުރި އިހުސާސް ކުރެވުނީ އެ ދުވަސްކޮޅުއެވެ. އެހެން ގެއެއްގައި އުޅުން މިހާރު އެހައި ފަސޭހައެއް ނޫނެވެ. އޭނާ ހަނދާން ވަނީ ހަމައެކަނި ގެއެއް ނޫނެވެ. އީމާންގެ މަތީންވެސް ހަނދާން އެބަވެއެވެ. ކާވެނި އޮތް ދުވަހު އީމާންވެސް އައެވެ. އެ ދުވަހުވެސް އޭނާގެ ސީރިއަސްކަމެއް ނުފިލައެވެ. ހިމޭންކަމެއް ނުކެނޑެއެވެ. ގޭ އެންމެންވެސް އެކަން ފާހަގަ ކުރިއެވެ. އުއްމީދުގެ ހާސްކަން ބޮޑުވެގެން ހިނގައްޖެއެވެ.

އެނބުރި ލާހޯރަށް އައުމާއެކު ދުވަސްތައް އިހެކޭ އެއްގޮތަށް ގުނެމުން ދާން ފަށައިފިއެވެ. އީމާން ޑޮކްޓަރ ޚޫރްޝީދާއެކު ހޭދަކުރާ ވަގުތު ގިނަ ވެއްޖެއެވެ. އީމާންގެ ދުވަހު ތާވަލަށް އައި ހަމައެކަނި ބަދަލަކީ މިއީއެވެ. އުއްމީދު ގޮވައިގެން އިހަށްހެން ތަންތަނަށް ދާނޭ ވަގުތެއް މިހާރަކު ނުވެއެވެ. އިހެކޭ އެއްގޮތަށް ލޯބި ފާޅު ކުރުމެއްވެސް ނެތެވެ. އީމާން ބައްދަލުކޮށް އުޅޭ މީހުން ވަރަށް މަދެވެ. އޭނާގެ މަސައްކަތް ހުންނަ ގޮތާ މެދު ވިސްނައިލީމާ ބައެއް ފަހަރު އުއްމީދު ހައިރާންވެއެވެ. މިހައި މަދުން މީހުންނާ ބައްދަލުކޮށް އުޅޭ ފިރިހެނަކު އޭނާ މީގެ ކުރިއަކުން ނުދެކެއެވެ. އީމާންގެ މުޅި ދުނިޔެއަކީ ގެއޭ ހީވާ ފަހަރުވެސް އާދެއެވެ. އެހެން އެއްވެސް ތަނަކަށް ދާކަށް، ކަމެއް ކުރާކަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނުހުރެއެވެ. ބޭރުން އަންނައިރު ގެއަށް ބޭނުންވާ ކޮންމެވެސް އެއްޗެއް ގަނެގެން އައުމަކީވެސް އީމާންގެ އާދައެކެވެ. އޭގެ ތެރޭގައި ލިބޭން އުޅޭ ދަރިފުޅަށް ބޭނުންވާނޭ އެއްޗެހިވެސް ހިމެނެއެވެ. އެއީ އުއްމީދު ހައިރާންވާ ކަމެއް ނޫނެވެ. ސަބަބަކީ އީމާނަކީ ކިހައިވަރެއްގެ ޖަޒުބާތީ މީހެއްކަން އޭނާއަށް އެނގިފައި އޮތުމެވެ. ދަރިފުޅުގެ ކަންކަމަކީ އެ ޖަޒުބާތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދަރިފުޅު އުފަންވުމާއެކު ދެ މީހުންގެ މެދުގައި އޮތިއްޔާ އޮތް ހަމަނުޖެހުމެއް ނެތިގެން ހިނގައިދާނޭ ކަމަށް އުއްމީދު ގަބޫލު ކުރެއެވެ.

"ކުންފުނީގެ ކަމެއްގައި އަހަރެން ޖަރުމަނަށް ފުރަން އެބަޖެހޭ." އެ ރޭ އީމާން ބުނެލިއެވެ. "ހަފުތާއެއްހައި ދުވަސް ވާނެ. މި ގޭގައި އުއްމީދު އެކަނި އުޅެން އުނދަގޫ ވާނެ. އެހެންވީމާ ރަނގަޅު ވާނީ ރާވަލްޕިންޑީއަށް ދިޔައިއްޔާ."

"ނޫނޭ. އަހަންނަށް އެކަނި އުޅެވިދާނެ. އެއީ މާ ބޮޑު ކަމެއް ނޫން."

"އެކަމަކުވެސް އަހަންނަށް ފެންނަނީ ރާވަލްޕިންޑީއަށް ދާން. އެކަނި އުޅުމަކީ މިހާރު ރަނގަޅު ކަމެއްވެސް ނޫން."

އީމާން ދެވަނަ ފަހަރަށް ބުނީމާވެސް އުއްމީދު ދެކޮޅު ހަދައިފިއެވެ.

"އަހަންނަށް އެކަނި އުޅެވިދާނެ. އެންމެ ހަފުތާއެއްހައި ދުވަހެއްނު؟ އެހައި ދުވަހުން އެނބުރި އަންނާނަމެއްނު؟"

އީމާން އެތައް ފަހަރަކު ބުނީމާވެސް އޭނާ ރާވަލްޕިންޑީއަށް ދާކަށް ގަބޫލެއް ނުވިއެވެ. އީމާން އެކަމާ ކުޑަކޮށް ނުރުހުނުވެސް މެއެވެ.

ވިދިގެން އައި ދެތިން ދުވަހު އީމާން އުޅުނީ ވަރަށް ބުރަކޮށެވެ. އޭގެ ފަހުން ފުރާ ދުވަސް ޖެހިއްޖެއެވެ.

"ވައިގެ ބަނދަރަށް ނުދިޔަޔަސް އެންމެ ރަނގަޅު. ޑުރައިވަރު އަހަރެން ލާފައި އަތުވެދާނެ." އީމާން އަތްމަތީ ފޮށި ހަމަޖައްސަމުން ބުނެލިއެވެ.

"ވައިގެ ބަނދަރަށް ދާން އަހަރެން ބޭނުން." އުއްމީދު އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"އިރު އޮއްސިއްޖެ. އަހަންނާ އެކީ ދިޔައީމާ އެނބުރި އާދެވޭނީ ވަރަށް ލަހުން. ގެއިން ސަލާންގަލާން ކޮށްފައި ނިންމައިލާ." އީމާން ވަތްގަނޑުން ކޮންމެވެސް އެއްޗެއް ހޯދަނީއެވެ.

އުއްމީދު ބަލަހައްޓައިގެން ހުރީއެވެ. އެ ހޯދާ އެއްޗެއް ފެނުނީމާ ފޮށި ބޭރަށް ނެރޭށޭ ޞާބިރު ގާތު އީމާން ބުނެފިއެވެ. ޞާބިރު ފޮށި ހިފައިގެން ނުކުމެގެން ހިނގައްޖެއެވެ. އީމާން އުއްމީދުގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. އަދި މަޑުމަޑުން ކޮނޑަށް އަތް އެއްލައިގެން ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ.

"ބަލައިގެން އުޅޭތި. އަހަރެން ފޯނުކުރާނަން." ބޮޑު ކޮޓަރިއަށް ނުކުމެފައި އީމާން ބުނެލިއެވެ.

ހިނގައިފައި ގޮސް އީމާން ބޭރަށް ނުކުމެއްޖެއެވެ. އުއްމީދު ދޮރުމަތީގައި ހުއްޓިފައި ހިނިތުންވެލިއެވެ.

އީމާން ކާރުގެ ދޮރު ހުޅުވައިފައި އޭނާގެ އަތްމަތީ ފޮށި ކާރަށް ލައިފިއއެވެ. އަދި އެނބުރި އުއްމީދާ ދިމާއަށް ބަލައިލިއެވެ. ދެން ފެނުނީ ވަރަށް ބާރަށް އުއްމީދާ ދިމާއަށް ހިނގައިގަތް ތަނެވެ.

"އުއްމީދު. ވަރަށް ހަނދާން ވާނެ. ދާ ހިތެއްވެސް ނުވޭ." އޭނާގެ ގާތަށް އައިސް ހުއްޓިފައި އިއުތިރާފުވާ ކަހަލަ ރާގަކަށް އީމާން ބުނެލިއެވެ. އުއްމީދު އަނެއްކާވެސް ހިނިތުންވެލިއެވެ. އީމާން އޭނާގެ މޫނަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރުމަށް ފަހު ފުން ނޭވައެއް ލައިފައި އެނބުރި ގޮސް ކާރަށް އަރައިފިއެވެ. ކާރު ދޮރާށިން ބޭރަށް ނުކުތީމާ އުއްމީދު އެތެރެއަށް ވަދެއްޖެއެވެ.

ހައެއްކަ ގަޑިއިރު ފަހުން އީމާން ފޯނު ކޮށްފައި އިރުކޮޅެއް ވާންދެން ވާހަކަދެއްކިއެވެ. ޖަރުމަނަށް ފޯރުމާއެކުވެސް ފޯނު ކުރިއެވެ. އޭގެ ފަހުން އެކަން އާދައަކަށް ވެއްޖެއެވެ. ކޮންމެ ދުވަހަކު ދެތިން ފަހަރު ފޯނުކޮށްފައި ވާހަކަދައްކައެވެ. މި ގޮތުގައި ހަފުތާއެއް ފާއިތު ވެއްޖެއެވެ. ހަތް ވަނައަށް ވީ ދުވަހު އީމާން ފޯނެއް ނުކުރެއެވެ. އެ ދުވަހު އެންމެ ފަހަރަކުވެސް ނުގުޅީމާ އުއްމީދު ހައިރާންވިއެވެ.

"މާ ބުރަކޮށް އުޅެން ޖެހުނީމާ ހަނދާން ނެތުނީ ކަމަށް ވެދާނެއެވެ. ފޯނު ކޮށްލާނޭ ވަގުތެއް ނުވީ ކަމަށްވެސް ވެދާނެއެވެ." އޭނާ އަމިއްލަ ހިތަށް ތަސައްލީއެއް ދެވޭތޯ މަސައްކަތް ކޮށްލިއެވެ.

އަށްވަނައަށް ވީ ދުވަހުވެސް އީމާން ފޯނެއް ނުކުރިއެވެ. އެ ދުވަހު ހިތަށް އުނދަގޫތަކެއް ވިއެވެ. އޭގެ މައްޗަށް ތިން ވަނައަށް ވީ ދުވަހުވެސް ފޯނު ނުކުރީމާ އެ އުނދަގޫ ބޮޑު ވެގެން ދިޔައެވެ. އެއްވެސް ޚަބަރެއް ނުވީމާ ހަމަ ހަގީގަތުގައިވެސް ވަރަށް ދެރަ ވެއްޖެއެވެ. "އީމާނަށް އަނެއްކާ ކަމެއް ވީ ބާވައެވެ؟ ކަމެއް ނުވާނަމަ އެހައި ފަރުވާ ކުޑައެއް ނުކުރާނެއެވެ."

ވިދިގެން އައި ހަތަރު ދުވަހު އޭނާ އިންތިޒާރު ކުރިއެވެ. އިތުރު ހަފުތާއެއް ފާއިތު ވެގެން ހިނގައްޖެއެވެ. އީމާންގެ ޚަބަރެއް ނުވީމާ އޭނާ ވަރަށް ފިކުރު ބޮޑު ވެއްޖެއެވެ. އޭނާގެ އަތުގައި އީމާންގެ މޯބައިލް ފޯނުގެ ނަންބަރު އެބައޮތެވެ. އެކަމަކު އެ ނަންބަރަކުންވެސް ގުޅޭ ގޮތެއެް ނުވިއެވެ. ފޯނު އޮތީ ނިއްވައިލައިފައެވެ. އެންމެ ފަހުން އޭނާ އީމާންގެ ޖަރުމަނު ގެއަށް ފޯނު ކޮށްފިއެވެ. އެ ގެއަކުންވެސް ފޯނެއް ނުނެގިއެވެ. އޭގެ އަނެއް ދުވަހުވެސް ވީ އެހެންނެވެ. އެ ވަގުތު އޭނާއަށް އެހެން ބުއްދިއެއް ކުރެވިއްޖެއެވެ. އެއީ އީމާންގެ އޮފީހަށް ފޯނު ކުރުމެވެ.

"މި އޮފީހުގައި އީމާން ޢަލީއޭ ނަމަކަށް ކިޔާ މީހަކު މަސައްކަތެއް ނުކުރޭ." އޮފީހުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެ ވާހަކަ ގަބޫލު ކުރަން ދަތިވީމާ އީމާންގެ މަސައްކަތުގެ ވާހަކައާއި މަގާމުވެސް ބުނެފިއެވެ.

"ތިޔަ ވިދާޅުވާ މަގާމުގައި އީމާން ޢަލީއޭ ނަމަކަށް ކިޔާ މީހަކު ނޫޅޭ. މި އޮފީހުގެ އެއްވެސް މަގާމެއްގައި އީމާނެއް ނޫޅޭ."

ބުނާނޭ އެއްޗެއް އުއްމީދަކަށް ނޭނގުނެވެ. އީމާން މަސައްކަތް ކުރަނީ އެ ކުންފުނީގައި ކަމާއި މަގާމަކީ އޭނާ ބުނި މަގާމުކަން އުއްމީދަށް ކަށަވަރެވެ. އެކަމަކު އޭނާ ދުވަހަކުވެސް އީމާންގެ އޮފީހަކަށް ނުދެއެވެ. އަދި އޮފީހަކަށް މީގެ ކުރިއަކުން ނުވެސް ގުޅައެވެ.

އުއްމީދު ކުޑަކޮށް ވިސްނައިލައިފައި އަހައިލިއެވެ. "ތިޔަ އޮފީހުގައި ޑެނިއަލް އެޑްގަރ ނަމަކަށް ކިޔާ މީހަކު އުޅޭތަ؟"

"އާދެ. ކުރިން ވިދާޅުވި މަގާމުގައި ޑެނިއަލް އެޑްގަރ ނަމަކަށް ކިޔާ މީހަކު އުޅުނު."

އުއްމީދަށް އަނެއްކާވެސް ސިހުމެއް އައެެވެ. އޮފީހު މީހުން ގާތު ދީން ބަދަލުކުރި ވާހަކަ ބުނީމޭ އީމާން ބުނި ހަނދާން މިހާރުވެސް އެބަހުއްޓެވެ. އޭނާގެ އައު ނަމުގެ ވާހަކަ ބުނި ކަމަށާއި މިހާރު އެންމެން ބޭނުން ކުރަނީ އެ ނަމޭވެސް އީމާން ބުންޏެވެ. އޭނާގެ ހަވަނަ ހިއްސުން ނުރައްކަލުގެ ރަނގަބީލު ޖަހަން ފަށައިފިއއެވެ.

"ޑެނިއަލް މިހާރުވީ އޮފީހުގެ ދަތުރެއްގައި ގޮސް ޖަރުމަނުގައެއްނު؟ އޭނާޔާ ގުޅޭނޭ ނަންބަރެއް ދީ."

"ކުންފުނީގެ ދަތުރެއްގައޭތޯ؟ މީގެ ތިން ހަފުތާ ކުރިން އޭނާ އިސްތިއުފާ ދީފި. އޭނާގެ ޗުއްޓީގެ ބާކީ ދުވަސް ހުރީމާ ރަސްމީ ގޮތުން މިހާރު އޭނާ ހުރީ ޗުއްޓީގައި. ޗުއްޓީ ނިމުނީމާ ދެން އޮފީހަކަށް ނާންނާނެ. އޭނާއާއި އޭނާގެ ހިޔަމިތުރާ ދެ މީހުން އިސްތިއުފާ ދިނީ އެކުއެކީގައި."

ފައިދަށުން ބިންގަނޑު ދެމިގަންނަނީ ކިހިނެއްކަން އޭނާއަށް އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ. އޭނާގެ އަތް ތުރުތުރު އަޅާން ފަށައިފިއެވެ.

"ހިޔަމިތުރު؟" އޭނާގެ އަރުތެރެއިން ނުކުތީ ކޮން ކަހަލަ އަޑެއް ކަމެއްވެސް ނޭނގެއެވެ.

"އާދެ. އެއީ އޭނާގެ ސެކްރެޓަރީ. ޖަރުމަނަށް ދިޔަ ވާހަކަ ދެންމެ ވިދާޅުވީމެއް ނޫންތޯ؟ އެކަމަކު އަޅުގަނޑަށް ހީވާ ގޮތުގައި އެ ދެ މީހުން ދިޔައީ ޖަރުމަނަކަށް ނޫން. އެމެރިކާއަށް. އެމެރިކާގެ ވިސާ ޖެއްސިކަން އަޅުގަނޑަށް ޔަގީން. އޭނާ ބުނެގެން އެމެރިކާ އެމްބަސީއަށް ގުޅީވެސް އަޅުގަނޑު."

އެ މީހާ ހުރިހައި މައުލޫމާތެއް ވަރަށް ސާފުކޮށް އުއްމީދަށް ދީފިއެވެ. އެ މީހާގެ ވާހަކަ ރަނގަޅަށް ނުނިމެނީސް އޭނާ ފޯނު ބާއްވައިފިއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.