(29 ޖޫން 2022 ގެ ބަޔާ ގުޅޭ)
"ސުލްޠާނާއެވެ. ކަލާއަކީ ސުޢޫދީ ޕްރިންސެސް އެއްގެގޮތުގައި އުފަންވީ މީހެކެވެ. ކަލާގެ ނަޞީބާ ހަނގުރާމަކުރަނީ ކީއްކުރަން ހެއްޔެވެ؟" ކަރީމު, ކުޑަކޮށް ހިނިތުންވެލަމުން ބުންޏެވެ. އެކަމަށް އަޅުގަނޑޫދޭނެ ޖަވާބެއް ހިތަކަށް ނައެވެ. އެހެންވެ އެއްވެސް އެއްޗެއް ނުބުނަމެވެ.
އަޅުގަނޑުގެ ބޭބެ ޢަލީއާބެހޭގޮތުން ހތްހަމަނުޖެހޭ ވިސްނުންތަކެއް ގެންގުޅެވުނުނަމަވެސް, މީގެކުރިން ނުލިބޭފަދަ ހިތްހަމަޖެހުމެއް އަޅުގަނޑަށް ލިބުނެވެ.
"ކުޑަކޮށް ނިދާލަމާ ހެއްޔެވެ؟" ކަރީމުގެ އުނަގަނޑުގައި ހިފާ އަޅުގަނޑާ ގާތަށް ދަމާލަމުން ބުނެލީމެވެ.
"ކުޑަކޮށް ނިދާލެވިއްޖިއްޔާ ވަރަށްހަމަޖެހުން ލިބޭނެއެވެ." ކަރީމުވެސް އަޅުގަނޑާ އެއްބަސްވިއެވެ. އެކަމަކު, ކަރީމަކީ އެއްގޮތަކަށްވެސް ދުވާލުގެ ވަގުތު ކުޑަކޮށްވެސް ނިދާމީހެއްނޫނެވެ.
އަޅުގަނޑަށް ނިދެމުންދިޔައިރު, ކަރީމުގެ ބައްޕަގެފަރާތުން ދަސްވެފައިއޮތް ބަދަވީންގެ ލަވައެއް, ކަރީމު މަޑުމަޑުން ކިޔަމުން ގެންދިޔައެވެ. ހިތަށްލިބިފައިހުރި ނުތަނަވަސްކަން ދުރުވެ, ވަރުބަލި ނިންޖަކުން އަޅުގަނޑުގެ ހަށިގަނޑަށް ލިބެމުންދިޔަ އަރާމު އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ. ބަދަވީ ޢަރަބިޅެމުގެ ފުންމާނައިގެ ތެރެޔަށް ނިންޖާއެކު އަޅުގަނޑު ގެނބިގެންދިޔައެވެ.
ސަވާރީގެ ދަތުރަށް ހުޅުވިފައިވާ ތަނަވަސް ސަހަރާއެކެވެ.
ނަޢަމް ސޫތްޕަށް ކާންދޭން ބޭނުންވާވަރަށް ހެދި އެތުރިފައިވާ ވިނައެވެ.
ވަޅުތަކުގައި ފުދިއިތުރުވާވަރަށް ހުރި ފޮނި މީރު ފެނެވެ.
ބޮޑުޢާއިލާއަކަށް ފުދި އިތުރުވާވަރުގެ ޖިފުޓިއެކެވެ.
މަޑުމައިތިރި ލޯބި އަނތްބެކެވެ.
ގިނަ ފިރިހެންދަރިންނާއި ބައެއް އަންހެންދަރިންނެވެ.
ގިނަ, ނަޢަމްސޫފީގެ މިލްކުވެރިކަމެވެ.
މާތްވެގެންވާ ޤަބީލާއަކަށް ނިސްބަތްވުމެވެ.
މާތްވެގެންވާ މައްކާ ދުށުމަށްޓަކައެވެ.
ލަދުވެތިކަމެއްނެތް ދިގު ޙަޔާތެއް ލިބިގެންވުމެވެ.
ނަރަކައިން ސަލާމަތްވުމަށް މަސައްކަތް ކުރުމުގައެވެ.
ސުވަރުގޭގެ މަތިވެރި ނިޢުމަތަށް ކުރެވޭ އުއްމީދުގައެވެ.
އަޅުގަނޑުގެ މަސްތުވުމުގެ ބޮޑުސިއްރު, މިހާރު މިއޮތީ, އަޅުގަނޑުގެ ފިރިމީހާގެ ކުރިމަތީ ބޭޒާރުވެފައެވެ. އެހެންނަމަވެސް, އަޅުގަނޑު ނިދީ, އިޞްލާހުވެ ތެދުމަގަށް ލޯބިކުރާނެ އަންހެނެއްގެ ތަޞައްވުރާއެކު ނިދިން ހޭލުމުގެ ފޮނި އުއްމީދާއެކުގައެވެ. ެނިދިން ހޭލާއިރު, ޢާއިލާއާގުޅިފައިވާ އަނެއްޑްރާމާއާ ކުރިމަތިލާންޖެހިދާނެކަމަށް, އެއުއްމީދީ ރޭ, އަޅުގަނޑަށް ވިސްނައިގަންނަން އެނގޭނީ ކިހިނެއްތޯއެވެ ؟ އެއީ, އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެނުރައްކާތެރި ޙާދިސާއެވެ. މެންދުރުފަހުން ޖައްސާލާއިރުވެސް, އެއްވެސް މިންވަރެއްގެ އަރާމެއް ނުލިބޭނެކަން ކަށަވަރެވެ.
ތަޚުތަށް ނުރައްކާ ކުރިމަތިވުން
ކަރީމު, ހެނދުނު ތެދުވެ ފެންވަރަމުންދިޔައެވެ. އަޅުގަނޑު އޮތީ އެނދުން ނުތެދުވެވިފައެވެ. ކަރީމާއެކު, އެކީގައި ފެންވަރާލަންދާންވެސް ކަންނެތްވެފައެވެ. އެނދުގެ ފަރުދާ ހޫރިލާއިރު, ކަރީމު މަޖާވެފައި ފެންވަރަންހުރިތަން ފެނެއެވެ. އަޅުގަނޑުގެ ކުދިންގެމަތިންވެސް ވަރަށް ހަނދާން ވެއެވެ. އަޅުގަނޑުހުރީ, ވީ އެންމެ އަވަހަކަށް ޖިއްދާ ދޫކޮށް ރިޔާޛަށްދާން ބޭނުންވެފައެވެ. ކަރީމް ފެންވަރަމުންދިޔައިރު, ޝަވަރުން ކިޔަމުން އައި އަޑު ކެނޑުނެވެ. އެހިސާބުން އެއީ ދެން, އަޅުގަނޑު ތެދުވާންވީ ވަގުތުކަމުގައި ނިންމީމެވެ. އަދި ތެދުވެގެން ކޮޓަރިން ނުކުމެވެންހުރި ބެލްކަނީ ކައިރިޔަށް ޖެހިލައި ކުޑަކޮށް ދޮރުހުޅުވާލައި ބޭރު ބަލައިލީމެވެ. އެއީ އަޅުގަނޑު ދެކިލަން ބޭނުންވި މަންޒަރެވެ. ސުޢޫދީ ޢަރަބިއްޔާގެ އާދައިގެ ދުވަހެކެވެ. އަވިގަދަ ވެފައި އަލި ދުވަހެކެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި, ކަރީމް ފާޚާނާއިން ނުކުމެ ބެލްކަންޏަށް އައެވެ. އަދި އަޅުގަނޑުގެ އެއް އުރަމަތީގައި ފިރުމައިލިއެވެ. މީގެ އެތައް އަހަރެއްގެކުރިން އަޅުގަނޑުމެންގެ ކައިވެނީގެ ކުރީކޮޅު, އަޅުގަނޑުގެ އެއް އުރަމަތި ކެންސަރުގެ ބަލީގައި ފަރުވާދީ ރަނގަޅުނުވެގެން, ސްވިޓްޒަރލޭންޑަށްގޮސް ވަނީ ނަގާފައެވެ. އަދި މަސްނޫޢީ އުރަމަތި ދުޅަހެޔޮކޮށް ދެމެހެއްޓުމަށްޓަކައި މަސާޖުކޮށް ފަރުވާދޭންޖެހޭނެކަމަށް ޑޮކްޓަރުވަނީ ލަފާދީފައެވެ. އޭގެފަހުން, ކަރީމުވަނީ އަޅުގަނޑަށް އެކަމުގެ ފަރުވާދޭނީ އޭނާކަމަށް ނިންމާފައެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ހަނދާން ބަހައްޓައިގެން ކަރީމު އޭނާގެ ވާޖިބުއަދާކުރަމުން ގެންދެއެވެ.
"އަލުން އަނބުރާ އެނދަށް ދާންބޭނުން ހެއްޔެވެ؟" ކަރީމުގެ މޫނުމަތިން ލާނެތްކަމުގެ ހިނިތުންވުމެއް ފާޅުވިއެވެ.
"ނޫނެކެވެ! އަހަރެންގެ ދެއަންހެންކުދިން ދެކެލުމަށްވުރެ އިތުރު އެހެންކަމެއް މިވަގުތު އަހަރެންނަކަށް ބޭނުމެއް ނުވެއެވެ." އަޅުގަނޑުވެސް ހިނިތުންވެލަމުން ބުނީމެވެ.
"ޔަޤީނެވެ. އަހަރެންވެސް އެންމެ ބޭނުންވާކަމަކީ އެކުދިން ދެކިލުމެވެ." ކަރީމަކީ ވަރަށް ވިސްނުންތެރި މީހެކެވެ. އެކަން އަޅުގަނޑުމެންގެ ޙަޔާތުގައި އޭނާވަނީ ސާބިތުކޮށްދީފައެވެ.
"ނޫރާއާ ގުޅާލާށެވެ! އަދި އަހަރެމެން މިއަދު ހަވީރު, އެނބުރި ރިޔާޛަށް ދާނެވާހަކަ ބުނާށެވެ. އަދި ކުދިން ސްކޫލުން ނަގައިގެން ގެޔަށް ލައިދޭން ޑްރައިވަރުކައިރީ ބުނާށޭވެސް ބުނެލާށެވެ." ކަރީމްގެ ނިންމުން އަވަސްވެފައި ސާދާއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންތިބީ ޖިއްދާގެ އެއަރޕޯރޓުގައެވެ. ރިޔާޛަށް ދެވުމާއެކު ސާރާއާއި އަޅުގަނޑުމެން ވަކިވެ ދެކާރަކަށް އެރީމެވެ. އަޅުގަނޑެކޭ އެއްފަދައިން ސާރާވެސްހުރީ އޭނާގެ ކުދިން ދެކިލަން އިންތިހާއަށް ބޭނުންވެފައެވެ.
މަހާއާއި އަމާނީ ތިބީ އަޅުގަނޑުމެން ނައިސްގެން ލަސްވެފައެވެ. ފޮނި އިންތިޒާރެއްގައެވެ. އަޅުގަނޑުމެން ބައްދަލުވުމާއެކު ބައްދާލައި ބޮސްދީ ލޯބިކޮށް ހެދީމެވެ. އަދި އެކުދިންނަށް އަޅުގަނޑު, ނިއުޔޯރކުން ގަތްދިން ހަދިޔާ ދިނީމެވެ. އާ ހެދުމާއި މިޔުޒިކް ސީޑީއާއި އިލެކްޓްރޮނިކް އެއްޗިއްސާ އަދި ފިލްމާއި ފޮތްތަކެވެ. ކަރީމުގެ އާދައިގެމަތިން, ވަރަށް މަސައްކަތް އެބައޮތޭކިޔާފަ އޮފީހަށް ހިނގައްޖެއެވެ. މަހާއާއި އަމާނީއަށް ލިބުނު ހަދިޔާހިފައިގެން އެމީހުންގެ ކޮޓަރިޔަށް ވަދެ ރައްޓެހިންނަށް ފޯނުކޮށް ފޯނުގައި ވަގުތު ހޭދަކުރަން ފެށިއެވެ. އަޅުގަނޑަށް އިޙްސާސްކުރެވުނީ އެކަނިވެރިކަމެވެ. ދެއަންހެންކުދިންނާ ދިމާނުވާތާ އެތައްދުވަހެއްވުމަށްފަހު އައިތަނުން އެކުދިން އެދެއްކީ އެހެން މަންޒަރެކެވެ. މަންމައާއެކީ ވަގުތުކޮޅެއް ހޭދަކޮށްލުމަށްވުރެ އެމީހުންނަށް މުހިންމުވީ ރައްޓެހިންނާ ގުޅައިގެން ފޯނުން ވާހަކަ ދެއްކުމެވެ. މަންމައާއެކު ކުޑަވަގުތުކޮޅެއް ހޭދަކޮށްލުން މުހިންމުކަން އެކުދިންނަށް ވިސްނައިދިނުމަށް އަޅުގަނޑަށް ނުކުރެވުނުކަމަކަށް ވެގެންދިޔައެވެ.
އަޅުގަނޑުގެ ދެއަންހެންކުދިން, ފުރާވަރަށް އެޅުމާއެކު, އެކުދިންގެ މަންމައާއި އެކުދިންގެ ގާތްރައްޓެހިންނާ އަޅުވައި މަންމައާ ދުރަށްދާން ފެށިއެވެ. އަދި އެކަން ބަދަލުކޮށް, އަލުން އަނބުރާ އެކުދިން އަޅުގަނޑުގެ ފަރާތަށް ގެނައުމުގެ ބާރުލިބޭނެމަގެއް ފެނުމަށް އަބަދުވެސް އުއްމީދު ކުރެވެއެވެ.
"ކުޑައިރުކޮޅަކަށް މަންމަގާތު މަޑުކޮށްލަފާނަން ހެއްޔެވެ ؟ ފަހުންވެސް ރައްޓެހިންނާ ގުޅާލެވިދާނެއެވެ. އިހަށް މަންމަގާތަށް އައިސްބަލާށެވެ!" އަޅުގަނޑު އެކުދިންގާތަށްގޮސް ހީލަމުން ބުނީމެވެ. އަދި އެކުދިން އެންމެ ބޭނުންވާ ބަޓަރ މިލްކުގެ ކިރުތަށްޓެއް ގެނެސްދިނުމަށް ޚާދިމާގާތު ބުނީމެވެ.
މަހާ ގާތަށް ހިނިއައެވެ. އަދި އަޅުގަނޑު އިށީނދެއިން ސޯފާގައި އަޅުގަނޑާ ވަރަށްކައިރީގައި އިށިނދެލިއެވެ. އެވެސް ޓީވީ އާ ކުރިމަތިވާ ގޮތަށެވެ. އަމާނީވެސް ބޮޑުގޮނޑިއެއް ހިފައިގެންއައިސް އަޅުގަނޑުމެންތިބި ސޯފާއާ ކައިރިޔަށް ޖެހިލިއެވެ. ހަމައިސާހިތަކު މަހާ ޓީވީގެ ރިމޯޓު ނެގިއެވެ. ދުނިޔޭގެ ހުރިހާ ޓީވީޗެނެލްތަކެއްލިބޭ ބޮޑު ޑިޝްއެންޓަނާއެއް, ކަރީމުވަނީ ދާދިމިދާކަށްދުވަހު ގޭގައި ބަހައްޓައިދީފައެވެ. ސެޓެލައިޓް ޑިޝް ބޭނުންކުރުމަކީ, ސުޢޫދީގައި މަނާކަމެކެވެ. ސުޢޫދީގެ ރައްޔިތުން ބަލައި ކިޔައި އަދި އަޑުއަހައި އުޅޭ ހުރިހާއެއްޗެސްވެސް ސެންސަރުކުރަން ސަރުކާރުން ބޭނުންވެއެވެ. އެހެނަސް, މުއްސަނދި އަދި ޝާހީ ޢާއިލާތަކުން މި ޤާނޫނާ ޚިލާފު ވެއެވެ. މިކަމުގައި އަޅުގަނޑު އިސްތިސްނާވާކަށް ނެތީމެވެ. ސުޢޫދީ ޓެލެވިޜަނަށް މަދުލާރިކޮޅެއް ދައްކަން ޖެހުނަސް, އެޗެނަލުން މުޅިންވެސް އަންނަނީ ބަލަން ފޫހި ޕްރޮގްރާމެވެ. އަޅުގަނޑުމެންގެ ޝާހީ ޢާއިލާގެ ހެޔޮފުޅުކަން ދެއްކުމަށް އެކިމީހުންނަށާއި އެކިޤައުމަށް ދޭ އެހީތަކުގެ ވާހަކަ އަޑުއަހާކަށް, ޢާންމު ރައްޔިތުން އެހާ ޝަޢުޤުވެރިކަމެއް ނުދެއެވެ. ސުޢޫދީ ޗެނަލްތަކުން އެނޫން އެއްޗެއް ނުދައްކާނެއެވެ. ސެންސަރުގެ ޤާނޫނާ ޚިލާފުވާން, އަޅުގަނޑަށް ދެއްކޭނެ ޙުއްޖަތަކީ އެއީއެވެ. ސުޢޫދީގެ ދީނީ މުއައްސަސާތަކުންވެސް, ތަފާތު ސަބަބުތަކަށްޓަކައި ޑިޝް އެންޓަނާ ބެހެއްޓުމާ ދެކޮޅެވެ. ދީނީ އިމާމުން ފަތުވާދޭ ގޮތުގައި, ސެންސަރުކުރުމެއްނެތި, ޑިޝް އެންޓަނާގެ ޗެނަލްތަކުން ދައްކާ ޕްރޮގްރާމްތަކަކީ, ރަނގަޅު މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށް, ހުޅަނގުގެ ހުޅުވިފައިވާ ވިސްނުމަށް މީސްތަކުންގެ ހިތް އަނބުރައިލާނެ ކަމެކެވެ. ރަށުގެ އެކިގެތައް ފާސްކޮށް ޑިޝް އެންޓަނާ ބަހައްޓާފަހުރިތޯ ޗެކްކުރުމަކީ ދީނީ ޖަމާޢަތްތަކުން ޢާންމުކޮށް ކުރާކަމެކެވެ. ރިޔާޛުގެ ގެތަކުގައި ބޭރުފާރުލެވިފައި ހުއްޓަސް, ކަތިފުރާޅުގެ ބަދަލުގައި ޝީޓެއް އަޅައި ތެދަށްލެވިފައިހުންނަ ފުރާޅުތަކުގައި ޑިޝްބެހެއްޓިފައި ހުންނަނަމަ މަގުމައްޗަށް ފެންނާނެއެވެ.
ދީނީ ޖަމާޢަތްތަކުގެ މީހުން ފުރާޅަށް އަރައިގެން, ގެޔަކަށްފަހު ގެޔެއް ބަލައި ފާސްކުރަމުން މުޅިރަށުގައި ދުއްވާނެއެވެ. އެހެން އުޅެނިކޮށް އެމީހުންގެ އަތުގައި ޑިޝް އެންޓަނާއެއް ޖެހިއްޖެނަމަ ވަގުތުން ހަލާކުކޮށް ނެތިކޮށްލާނެއެވެ. ހިލައާއި ދނަޑިބުރިން ތަޅައި އެންޓަނާގެ ބޭނުންނުކުރެވޭވަރަށް ހަލާކު ކޮށްލާނެއެވެ. އަދިނުވިތާކަށް, އެގޭގެވެރިމީހާއާ ދިމާއަށް ހިލައާއި ލަޓިބުރިއުކައިގެން އަނިޔާވެސް ދޭނެއެވެ. ދާދި މިދާކަށްދުވަހު ހިނގި ކަމެކެވެ. ދީނީ ހަރުކަށިބަޔަކަށް ގެއެއްގައި ސިއްރުން ބަހައްޓާފައިހުރި ޑިޝްއެންޓަނާއެއް ފެނުމާއެކު އެއަށް ބަޑިޖަހައި ހަލާކުކޮށްލިއެވެ. އެމީހުން ބަޑިޖަހަމުންގެންދިޔައިރު, ސީޓް އަޅާފައި އޮތް ފުރާޅުމަތީ އިންޑިއާގެ އަންހެނަކު އޭނާގެ މަސައްކަތުގައި އުޅުނެވެ. އެމީހުން ޖަހަމުންގެންދިޔަ ބަޑިން އޭނާގެ ބަނޑަށް ވަޒަނެއްވެސް އެރިއެވެ. ނަސީބަކުން އޭނާ މަރުނުވެ ސަލާމަތްވިއެވެ.
އޭގެފަހުން, ޑިޝްއެއް ބަހައްޓާމީހަކުނަމަ ބަހައްޓާނީ ވަރަށްބޮޑަށް ފޮރުވައިގެންނެވެ. ސުޢޫދީގެ ހުރިހާ ގެޔެއްގައިހެން ކަތިފުރާޅުގެ ބަދަލުގައި ޝީޓް އެޅިފައިހުންނާތީ, މިހާރު ހުންނަނީ ދަނގަޑު ޖަހައި ބެޑްޝީޓާއި އެނޫންވެސް އަންނައުނު, ހިއްކަން އަޅަން ރޯނު ދަމާފައެވެ. އެއީ ފުރާޅުމަތީ ހުންނަ ތަކެތި މަގުމައްޗަށް ނުފެންނާނެގޮތް ހެދުމަށްޓަކައެވެ. އެކަމަކުވެސް, ހަރުކަށި ދީނީމީހުން, އެއަށްވެސް ބަޑިޖަހައި ޙަމަލާދިނުން ހުއްޓައެއް ނުލައެވެ. ބެޑްޝީޓް ފަދަތަކެތިން ނިވާކުރާވަރަކަށް ދީނީމީހުންގެ ކަންތައް ބޮޑެވެ. އެމީހުންގެ ހަރުކަށި ފިކުރުގައި ފުރާޅު ނިވާކުރަނީ އެތާހުންނަ އެއްޗެއް ފޮރުވުމަށްޓަކައެވެ. އެއީ މުޅިޔަކުން ދޮގެއްވެސް ނޫނެވެ. އަޅުގަނޑުމެން ސުޢޫދީ ޝާހީ ޢާއިލާގެ މީހުންނަކަށް ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އުނދަގުލެއް ނުފޯރައެވެ.
މަހާ ޕްރޮގްރާމެއްބަލަން ޓީވީ ހުޅުވައިލިއެވެ. އޭނާ ބަލަންފެށީ, އަންހެނަކު ފިރިހެނަކަށް މަލާމާތްކުރާ ހެއްވާ ސީރީޒެކެވެ. އަމާނީގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވިއެވެ. އަދި ތުން އޫކޮށްލިއެވެ. ޢަރަބި ދުނިޔޭގައި, އަންހެނަކު އެހެންބައެއްގެ ޙާޟިރުގައި އޭނާގެ ފިރިމީހާއަށް މަލާމާތެއް ނުކުރާނެއެވެ. ނުވަތަ, ފިރިމީހާއަށްވުރެ މޮޅުކަން ދައްކާކަށް ނޫޅޭނެއެވެ.
(ނުނިމޭ)
Vvv.reethi