އިގްތިސާދީ ހާލަތު ގޯސްވެ، އަސާސީ ބޭނުންތަކަށްވެސް މުދާ އެތެރެކުރާނެ ބޭރު ފައިސާ ނެތިފައިވާ ސްރީލަންކާއަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދޭން ވާލްޑް ބޭންކުން ނިންމައިފި ކަމަަށް ސްރީލަންކާގެ ރައީސު އޮފީހުގެ މީޑިޔާ ޑިވިޝަނުން ހާމަކޮށްފިއެވެ.
"މިހާރުގެ އިގްތިސާދީ މައްސަލައަށް ހައްލެއް ހޯދުމަށް 600 މިލިއަން ޑޮލަރުގެ އެހީ ދޭން ވާލްޑް ބޭންކުން އެއްބަސްވެއްޖެ." މީޑިޔާ ޑިވިޝަނުން ނެރުނު ބަޔާނެއްގައި ވެއެވެ.
ވާލްްޑް ބޭންކުގެ ކަންޓްރީ މެނޭޖަރު ޗިއޯ ކަންޑާއާ ހަވާލާދީ ބަޔާނުގައި ބުނެފައިވާ ވާގޮތުން ވާލްޑް ބޭންކުން ދޭ އެހީގެ ފުރަތަމަ ބައިގެ ގޮތުގައި ދޭ 400 މިލިއަން ޑޮލަރު ވަރަށް އަވަހަށް ހަވާލުކުރާނެއެވެ. ޗިއޯ ކަންޑާ މިފަދައިން ވިދާޅުވެފައި ވަނީ ވާލްޑް ބޭންކްގެ މަންްދޫބުން އިއްޔެގެ ވަގުތެއްގައި ރައީސު ގޮތާބޭ ރާޖަޕަކްސާއާއި ބައްެދަލުކުރައްވައި ދެއްކެވި ވާހަކައިގައި ކަަމަށްވެއެވެ.
1948 ވަނަ އަަހަރު ސްރީލަންކާ މިނިވަންވި ފަހުން އެގައުމަށް ކުރިމަތިވި އެންެމެ ބޮޑު މާލީ ދަތިކަމާ ކުރިމަތިލާން ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ބޭރު ފައިސާ ލިބޭނެ ވަސީލަތްތައް ބަންދުވެ، މާރިޗު މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވްގެ %70 ބޭނުންކުރަންޖެހި، ރިޒާވް 1.93 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވުމުގެ ސަބަބުންނެވެ.
މިއާއެކު ތެލާ، ގޭހާ، ބޭހާ، އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ސަރުކާރަށް ބޮޑެތި ދަތިތަކެއް ކުރިިމަތިވިއެވެ.
"މި މާލީ އެހީ މިދެނީ ބޭހާއި، ސިއްހީ ސާމާނާއި، އިޖްތިިމާއީ ރައްކާތެރިކަމަށް ހޭދަކުރުމުގެ އިތުރަށް، ދަނޑުވެރިކަމަށް ބޭނުންވާ ތަކެއްޗާއި، ކާބޯތަކެއްޗާއި، ގޭހަށް ޚަރަދުކުރުމަށް." ރިޔާސީ މީޑިޔާ ޑިވިޝަންގެ ބަޔާނުގައި ވެއެވެ.
އިގުތިސާދީ ގޮތުން ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް އިންޑިޔާއިން ސްރީލަންކާއަށް މިހާތަނަށް 1.9 ބިލިއަން ޑޮަލަރުގެ އެހީ ދީފައިވާއިރު، އިތުރު 1.5 ބިލިއަން ޑޮލަރު ހޯދުމަށް ސްރީލަންކާއިން ދަނީ އިންޑިޔާއާ ވާހަކަދައްކަމުންނެވެ. މީގެ އިތުރަށް ޗައިނާއިން 1 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށްވެސް ދަނީ ވާހަކަދައްކަމުންނެވެ.
ފިނޭންސް މިނިސްޓަރު ޢަލީ ޞަބްރީ ވިދާޅުވިގޮތުގައި އެގައުމުން އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީ ހޯދުމަށްވެސް މަސައްކަތްކުރާނެއެވެ.
އިގުތިސާދީ ހާލަތު ގޯސްވެ، ރައްޔިތުން އުފުލަންެޖެހޭ ތަކުލީފު ބޮޑުވަމުން ދާތީ، ސަރުކާރާ ދެކޮޅަށް ކުރާ އިހުތިިޖާޖުތައް ވަރުގަދަވެފައިވީ ނަމަވެސް، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވިދާޅުވީ އޭނާ އިސްތިއުފާނުދެއްވާނެ ކަމުގައެވެ.