މިއީ ގޮތާބޭ ގައުމަށް އެނބުރިވަޑައިގަތުން ރަނގަޅު ވަގުތެއް ނޫން: ރައީސު ރަނިލް

މިއީ ކުރީގެ ރައީސު ގޮތާބޭ ރާޖަޕަކްސާ ގައުމަށް އެނބުރިވަޑައިގަތުން ރަނގަޅު ވަގުތު ނޫން ކަމުގައި ސްރީލަންކާގެ ރައީސު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ މަޝްހޫރު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

"މިއީ އެނބުރި އައުން ރަނގަޅު ވަގުތު ކަމަށް އަހަރެން ނުދެކެން. އަދި އޭނާ އެނބުރިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއްވެސް އަހަންނަށް ލިބިފައި ނެތް." ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި ބަސްދީގަތުމުގައި ރަނިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުންގައި މިތަންވަޅު ކުރީގެ ރައީސު ގައުމަށް އެނބުރިވަށޑައިގެންފިނަމަ ސިޔާސީ މަސްރަހު އަނެއްކާވެސް އިތުރަށް ހަލަބޮލިވެގެން ދާނެއެެވެ.

ގައުމުގެ އިގުތިސާދު ބަނގުރޫޓުވުމާ ގުޅިގެން ރައްޔިތުން ނުކުމު ރައީސު ގޮތާބޭ ރާޖަޕަކްސާއަށް ދެކޮޅަށް ކުރި ވަރުގަދަ އިހުތިޖާޖުތަކަށް ފަހު އޭނާ ވަނީ މި ޖުލައި މަހުގެ 13 ވަނަ ދުވަހު ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން އެތަނުގައި ހުންނަވައި މަގާމުން އިސްތިއުފާދެއްވާފައެވެ.

ވޯލް ސްޓްރީޓް ޖާނަލުން ހާމަކުރި ގޮތުގައި، ގޮތާބޭ ރާޖަޕަކްސާ އިސްތިއުފާދެއްވުމާ ގުޅިގެން ގާނޫނުހަދާމަޖިލީހުން ރައީސަކު ހޮވުމަށް ނެގި ވޯޓު ކާމިޔާބުކުރައްވައި ރައީސުކަމަށް އިސްވެވަޑައިގަތް ރަނިލް ވިކްރަމަސިންހަ ކުރީގެ ރައީސު ގޮތާބޭއަށް ގުޅުއްވައި ވާހަކަފުޅުދައްކަވައެވެ. އެއީ ގައުމުގެ ހިންގުން އާ ސަރުކާރަށް ބަދަލުކުރަން ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށެެވެ.

ސްރީލަންކާއިން ވަނީ އިގުތިސާދީ އަޑިގަޑުން އަރިގަތުމަށް އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދުމުގެ މަޝްވަރާތައް ފަށާފައެވެ. ފާއިތުވި އެޕްރީލް މަހު އެ ގައުމުން ވަނީ އެގައުމެ ބޭރުގެ ދަރަނި އަދާކުރުން ހުއްޓާލާފައިވާކަން އިއުލާންކޮށްފައެވެ.

ރަނިލްއާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލުން ހާމަކުރި ގޮތުގައި ރައީސު ރަނިލް އުއްމީދުކުރައްވަނީ މި އޮގަސްޓު ނިމުމުގެ ކުރިން އައިއެމްފްގެ ވަފުދާއެކު އެހީގެ ޕެކޭޖަކާ ބެހޭ އެއްބަސްވުމަކަށް އާދެވޭނެއެވެ. އައިއެމްއެފްގެ އެހީ ހަަމަޖެހުނަސް ކުރިއަށް އޮތް 2023 ވަނަ އަހަރަށް ހޯދަންޖެހޭ އަސާސީ މުދާ އެތެރެކުރުމަށް އެގައުމަށް ބޭރުގެ އެހެން ފަރާތްތަކުން 3 ބިލިއަން އެމެރިކާ ޑޮަލަރުގެ ހޯދަން ޖެހޭނެ ކަމަށް އެ ނޫހުން ލަފާކޮށްފައި ވެއެވެ. ކޮންމެހެން އެތެރެކުރަން ޖެހޭ ބާވަތަކުގެ ތެރޭގައި ކާބޯތަކެއްޗާއި، ހަކަތައިގެ ބާވަތްތަކާއި، ގަސްކާނާ ހިމެނެއެވެ.

ރައީސު ރަނިލް އެ ނޫހަށް އިތުރަށް ވިދާޅުވި ގޮތުގައި ސްރީލަންކާގެ އިގުތަސާދީ ހާލަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބެެން އަދި އެތައް މަހެއް ހޭދަވާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.