(3 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާދްޝާ ސުވާލުގެ ނަޒަރަކުން މުސައްވިރާ ދިމާއަށް ބަލައިލިއެވެ.
"އަހަރެން އެ ގެއަށް ދިޔައީ ވެރިޔާގެ ނަމުގައި ރުޚްސާނާއަށް ސިޓީއެއް ލިޔަން. އެމީހުން ބޭނުންވީ ލަންޑަނުގައި ހުންނައިރު ފަހަރިއަށް އެއްވެސް ކަހަލަ ހާސްކަމެއް ކުރިމަތި ނުވާގޮތް ހަދަން. މިތާނގެ ހާލަތު އޮތްގޮތް ނާންގަން. އަދި ވެރިޔާ ދަރިފުޅު ގޮވައިގެން ދިޔަކަންވެސް ނާންގަން. މިހައިތަނަށް ފަސް ފަހަރު ވެރިޔާގެ ނަމުގައި އަހަރެން ސިޓީ ލިޔެދީފިން."
ބާދްޝާ އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގެންފިއެވެ. "އަހަރެންގެ ހުއްދަޔަކާ ނުލައި ކަލޭ ސިޓީ ލިޔެ ދިނީ ކީއްވެގެން؟"
"އަހަރެން ކީއްކުރާނީ؟ އޭނާ އަހަންނަށް މަޖުބޫރުކުރީ."
"ކާކު؟"
"އެ ޑަކްޓަރު ދައްތަ. މި ބުނީ ފަރުޒާނާ ދައްތަ."
ބާދްޝާ އޭނާގެ ގަމީހުން ދޫކޮށްލައިފިއެވެ. އެކަމަކު ރުޅިގަނޑު މައިތިރިއެއް ނުވެއެވެ. "އެކަހަލަ ކަމެއް ކުރުވަން އެއީ ކާކު؟"
"ވެރިޔާ ބޭނުމިއްޔާ އަހަންނާ އަރައިރުންވޭ. ނޫނީ ތަޅައިގަނޭ. އެކަމަކު ހަގީގަތަކީ ވެރިޔާ ރުޚްސާނާ ފަހަރިއަށް ތިޔަ ކުރަނީ ވަރަށް ބޮޑު އަނިޔާއެއް."
"ހަޅޭއް ނުލަވާ. އެހެން ނޫނީ ކަލޭގެ މޫނު ނޮޅައިލަފާނަން."
"ނޮޅައިލާށޭ އަހަރެން ބުނެފީމެއްނު. ހަތަރެސްފައި ބިންދައިލާ. އެކަމަކު އޭނާ އެހެރީ އެތައް ހާސް މޭލުގެ ދުރު ތަނެއްގައި. އެކަނިމާއެކަނި. އަހަންނަށް އެނގުނު ގޮތުގައި ޖަމްޝީދު ވަރަށް މަކަރުވެރި ރޭވުން އެބަ ރާވާ. ފަހަރީގެ ފަހަތުން ރަނގަޅަށް އަޅައިގެންފި. އެހައި ދުރުގައި އުޅެނިކޮށް ފަހަރިއަށް މީހަކު ގެއްލުމެއް ކޮށްފިއްޔާ ސަލާމަތް ކޮށްދޭނީ ކާކު؟"
"މަކަރު ހަދާފައި ދާ މީހުން މަރުވިޔަދީ. އެހެން ނޫނަސް އޭނާގެ ލޯބިވެރިޔާ އޭނާގެ ޚަބަރު ބަލާނެއެއްނު؟"
"ވެރިޔާ. ފަހަރިއާ ދިމާއަށް ހުތުރު އެއްޗެހި ނުކިޔާ. އަހަރެން އެތައް ފަހަރަކު ފަރީދުބޭބެގެ ގެއަށް ހިނގައްޖައިން. އަހަރެން ސިޓީ ލިޔަނީ ފަރުޒާނާ ދައްތަގެ ގާތުގައި އިނދެގެން. ހުރިހައި ކަމެއް އަހަންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ. ފަހަރި ކުށެއް ކުރި. އެކަމަކާ އަހަރެންވެސް ދެކޮޅެއް ނުހަދަން. އެކަމަކު އަހަރެން ބުއްދިވެރި ވާހަކައެއް ބުނާނަން. އެ ވާހަކަ ގަބޫލުކުރޭ. ފަހަރިއަށް އަދަބެއް ދޭން ގަސްތު ކުރިޔަސް އަދި އިހާނެތިކޮށް ކަމެއް ކުރަން ކަނޑައެޅިޔަސް އެނބުރި ރަށަށް އައީމާ ކުރޭ. އޭނާ އެހެރީ ބީރައްޓެހި ރަށެއްގައި. ނިކަން ވިސްނާލަބަލަ."
"އެއްވެސް އެއްޗެއް ވިސްނާކަށް އަހަރެން ބޭނުމެއް ނޫން."
ބާދްޝާ ރުޅި އައިސްގެން އެނބުރި ހިނގައިގަތީމާ މުސައްވިރު ބުންޏެވެ. "ހުރިހައި ކަމެއް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ވެރިޔާ ތިޔަ އުޅެނީ އެހެން މީހަކު ހިތުގައި އަޅައިގެން. މިހާރު ބޭނުން ވަނީ ކިރު ތަށްޓަށް ވެއްޓުނު މެއްސެއް ނަގައި އެއްލައިލާހެން ފަހަރި ނަގައި އެއްލައިލާން. އެކަމަކު ބުނަންތަ؟ ތެޔޮ ނާށި ގެއްލިއްޖެ. މުނިޔާ އުދުހިގެން ހިނގައްޖެ."
ބާދްޝާ ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ކޮން މުނިޔާއް؟"
"އެ މުނިޔާ. ފަރުޒާނާ ދައްތަ. އޭނާ މީހަކާ އިނދެފި."
ބާދްޝާގެ ސިކުނޑިއަށް އާދަޔާ ޚިލާފު ބޮޑު ލޮޅުމެއް އަރައިފިއެވެ. ހީވީ މީހަކު އޭނާގެ މޫނުމަތީގައި ވަރުގަދަ ބޮނޑިއެއް އަޅައިވިހެލީހެންނެވެ. އެތެރެހަށީގައި ވަރުގަދަ ޠޫފާނެއް އުފެދިގެންފިއެވެ. އޭނާ މުސައްވިރާ ދިމާއަށް ބަލައިލާފައި ދަތްކުނޑި ވިކައިލިއެވެ. އަދި ގޮށްމުށް ކަވައިލުމަށް ފަހު ބުންޏެވެ. "ތިޔައީ ދޮގު ވާހަކައެއް ކަމަށް ވެއްޖެއްޔާ އަހަރެން ކަލޭގެ ލޭ ބޮއިލާނަން."
"ރުޅި އައީމާ އާދަމުގެ ދަރިޔާ ބޮއި އުޅެނީ އޭނާގެ އަމިއްލަ ލޭ. އަހަރެން މި ހެދީއަކީ ދޮގެއް ނޫން. މީގެ ދެ ދުވަސް ކުރިން ފަރީދުބޭބެ އަހަރެން ގާތަށް އައި. ބުނީ ހަވީރު އެ ގެއަށް އަންނާށޭ. ފަރުޒާނާ ދައްތަގެ ދެމަފިރިންނަށް ބާއްވާ ކެއުމެއް އެބައޮތޭ. އަހަންނަށްވެސް ކެއުމުގެ ދައުވަތު ދިނީ. ބުނީ އެ ގޭގައި އިނދެގެން އަނެއްކާވެސް ރުޚްސާނާފަހަރިއަށް ސިޓީއެއް ލިޔެލައިދޭށޭ."
ބާދްޝާ މުސައްވިރުގެ ވާހަކަ އަޑުއަހަން ހުރީއެވެ. ތުންފަތް ހަފައިލަހަފައިލައެވެ. ނޭވާ ހުރީ އަވަސް ވެފައެވެ. ނޭވާ ލާ އަޑުވެސް އިވެއެވެ. ހީވަނީ މިނިކާ ޖަނަވާރެއް ހޭރެނީހެންނެވެ. "ކާވެނި ކުރީ ކޮން ދުވަހަކު؟"
"އެޔެއް އަހަންނަކަށް ނޭނގޭ."
"އަހަރެން ގަބޫލެއް ނުކުރާނަން. އެހައި އަވަހަށް މީހަކާ އިންނާނީ ކިހިނެއް؟"
"އަވަހޭ؟ ކޮން އަވަހެއް؟ ވެރިޔާ ތިޔަ އައީ ހަތަރު މަސްދުވަސް ކޮށްފައި. އެއީ ލަހެއް ނޫން ދޯ؟ އެހެން ނޫނަސް ކޮން ލަހެއް އަވަހެއް؟ އެއީ އެ މީހުންގެ އާއިލާގެ ތެރޭގައި ކުރެވުނު ކަމެއް. އޭނާ އިނީ އާއިލާގެ ކުއްޖަކާ. ބޮޑުބޭބެގެ ދަރިއަކާ."
ބާދްޝާގެ ސިކުނޑި ނުއަތު ބުރު ޖަހަން ފެށި ކަހަލައެވެ. މިހާރު އޭނާގެ ކުރިމަތީގައި ފަރުޒާނާ ހުރި ނަމަ އޭނާގެ ކަރުގައި ހިފީއެވެ. އެ ވަގުތު އޭނާގެ ހަނދާނަށް އައީ މައިދައިތައެވެ. "އަހަންނަށް ވިސްނިއްޖެ. ފަރުޒާނާ މީހަކާ ދެވީ އަހަރެންގެ މައިދައިތަކަން ކަށަވަރު."
"ނޫނޭ ވެރިޔާ. ފަރީދުބޭބެގެ ދެމަފިރިންނަކަށް އެ ކާވެނީ ޚަބަރެއް ކުރިއަކުން ނުވެސް ވޭ. ފަރުޒާނާ ދައްތަ ވަރަށް ކުރިން ސައްކަރަށް ހިނގައްޖެ. މީހަކާ އިނީ ސައްކަރުގައި."
ބާދްޝާ ދުވާރުމަތީގައި އިށީނދެއްޖެއެވެ. ދުވާރު މައްޗަށް ވެއްޓިގެންފިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނީށީން ނަމަ އޭނާ ވެއްޓުނީސްކަން ޔަގީނެވެ. "ކަލޭ އޭނާ ދުށިންތަ؟"
"ކާކު؟"
ބާދްޝާ ރުޅި އައިސްފައި ބުންޏެވެ. "މި ދައްކަނީ އޭނާ ކާވެނި ކުރި ދުޝްމިނުގެ ވާހަކަ."
"ވެރިޔާ. އެކަހަލަ މީހުންނަށް ކިޔަނީ ދުޝްމިނުންނެކޭ ނޫން. ރަގީބޭ."
ބާދްޝާ އޭނާޔާ ދިމާއަށް ކަޅި އަޅައިލިއެވެ.
މުސައްވިރު ބުންޏެވެ. "އަހަރެންގެ ވާހަކަ އެކީގައި އަޑުއަހާބަލަ. މިއީ ލޯތްބާ ގުޅުން ހުރި ކަމެއް. އަބުރުވެރިންނަކީ އެއްވެސް މީހަކީ ރަގީބެއް ކަމަށް ބަލާ ބައެއް ނޫން. އަބުރުވެރިން ކުރާ ކަމަކީ ލޯބިވެރިޔާ އެހެން މީހަކާ އެކީ އުޅެން ފެށީމާ ހެޔޮ ދުޢާ ކުރުން. އުފަލުގައި ލަހައްޓަވާތޯ ދުޢާކުރުން. ކާވެނި ބާއްޖަވެރި ކުރައްވާތޯ ﷲ އަށް ދެންނެވުން. ވެރިޔާއަކީ އަބުރުވެރި ރަނގަޅު މީހެއް. ފަރުޒާނާ ދައްތައަށްޓަކައި ހެޔޮ ދުޢާ ނުކުރާނަންތަ؟"
އޭނާ އިސް އުފުލައި ހުސް ޖައްވަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ މޫނަށް ބަލައިލީމާ ހީވަނީ ހަށިގަނޑު ދުވާރުމަތީގައި ބާއްވާފައި ފުރާނަ އުދުހިގެން ހިނގައްޖެ ހެންނެވެ. ކުޑަ އިރުކޮޅަކަށް ފަހު އޭނާ ކޮޅަށް ތެދުވެއްޖެއެވެ. ނިދީގައި ހިނގައިފައި ދާ މީހަކުހެން މަޑުމަޑުން ކުރިއަށް ހިނގައިގެންފިއެވެ. ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. އާ ހުވަފެނެއް ނުފެންނަ ކަމަށް ވަންޏާ ކުރީގެ ހުވަފެން ތާޒާ ވަމުން ދަނީ ހެންނެވެ.
މެރިފައިވާ ދެ ލޮލަށް ފެންނަ ހުވަފެން މަލެއްހެން ފޮޅޭނީ އެންމެ ފަހަރަކުއެވެ. އެއް މަލެއް ދެ ފަހަރަކު ނުއެއް ފޮޅޭނެއެވެ. މީހަކަށް އެއް ހުވަފެނެއް ދެ ފަހަރު ފެންނާނީ ވަރަށް މަދު ފަހަރަކުއެވެ. ފަރުޒާނާވެސް ދެވަނަ ފަހަރު ނުފެންނަ ކަހަލަ ހުވަފެނަކަށް ވެއްޖެއެވެ.
އޭނާ ވަރަށް ގިނައިރު ވާންދެން ހިނގިއެވެ. އެއް މަގުން އަނެއް މަގަށެވެ. އެއް ހިސާބުގަނޑު އަނެއް ހިސާބުގަނޑަށެވެ. އޭނާ އެ ދަނީ ކޮން ތަނަކަށް ހެއްޔެވެ؟ ދިރިއުޅުން ކުރިއަށް ގޮސް ނިމޭ ހިސާބަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންވީމާ ކުރިއަށް ދަނީއެވެ. ހިތަށް އެރިއެވެ. މިހެން ދަމުން ގޮސް އެންމެ ފަހުން މަރުވެދާނެއެވެ.
އެ އިވުނީ މުސައްވިރުގެ ވަރުބަލިވެފައިވާ އަޑެވެ. "ވެރިޔާ. މިހެން ހިނގާނީ ކިހައި އިރެއް ވާންދެން؟"
އޭނާ އެނބުރި މުސައްވިރާ ދިމާއަށް ބަލައިލިއެވެ. އަދި ވަށައިގެން ހޯދައި ބަލާން ފަށައިފިއެވެ. ހީވަނީ ކުއްލިއަކަށް ނިދީން ހޭލެވުނީހެންނެވެ. އޭނާ ދިޔައީ ނިދުނު ތަނަކާއި ހޭލެވުނު ގޮތެއް ވިސްނައިގަނެވޭތޯ މަސައްކަތް ކުރަމުންނެވެ.
މުސައްވިރު ބުންޏެވެ. "އަހަރެން މި ހުންނަނީ ހަދާނޭ ގޮތް ބޮޑުވެފައި. ވެރިޔާއަށް ނަސޭހަތް ދޭނީ ބާވައޭ ނޫނީ ހަމްދަރްދީ ވާނީ ބާވައޭ ހިތަށް އަރައި ކަންބޮޑުވެފައި."
"އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް. ކަލޭ ދޭ."
"ދާނީ ކިހިނެއް؟ އަހަރެން ރޮއިރޮއި ހުއްޓާ ވެރިޔާ އަހަރެން ދޫކޮށްލާފައި ހިނގައިދާނަންތަ؟"
(ނުނިމޭ)
ަaabaithah genes dhevveethee vv. shukuru vvvreethi