(27 ޑިސެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރުޒާނާ ހައިރާންކަމާއި ކަންބޮޑުވުން އެކުލެވޭ ނަޒަރަކުން އެ ތުއްތު ކުއްޖާފުޅާ ދިމާއަށް ބަލައިލިއެވެ. "ޖާނީ ކަންތައް ތިޔަ ކުރީއަކީ ރަނގަޅަކަށް ނޫން."
ބާދްޝާ ރުޅި އައިސްގެން ވަރަށް ބާރަށް ބުންޏެވެ. "އަދިވެސް ރަނގަޅަށް ކަންތައް ނުކުރާ ކަމަށް މިވަނީ އަހަރެންތަ؟ މިހާރުވެސް ރަނގަޅީ އޭނާތަ؟ ރަނގަޅު ބަޔަކީ އަހަރެން ގާތު ބޮޑެތި ދޮގުހަދައި އޮޅުވާލައި މަކަރުވެރި ރޭވުން ރާވާ މީހުންތަ؟ އެ މީހުން ކަންތައް އެ ކުރަނީ ރަނގަޅަށް. އަހަރެންގެ ދަރިފުޅު ގޮވައިގެން އައީމާ އަހަރެން ކަންތައް މި ކުރީ ގޯސްކޮށް؟ ފަރުޒާނާމެން ތިޔަ ދިރިއުޅެނީ ކޮން ކަހަލަ ދުނިޔެއެއްގައި؟ އިންސާފަކީ މިއީތަ؟ ފަރުޒާނާމެން ކިޔެވީ ކޯނޗެއް؟ ނިކަމެތި ފަގީރު ކުލީކާރު ދުއްވާ މީހަކު މޮޔަ ހައްދައިގެން އުޅުން އެއީ މާ ރަނގަޅު ކަމަކަށް ވަނީ ކިހިނެއްތަ؟"
"ޖާނީ. އަހަރެން މި ބުނަނީއަކީ ތިޔަހެންނެއް ނޫން. ރުޚްސާނާ ކަންތައް ކުރީ ރަނގަޅަކަށޭ އަހަރެން ނުބުނަން. އޭނާ ހުސްހަށިބައި މީހަކަށް ހެދިގެން އުޅޭ ކަމަށް ވަންޏާ އެއީ އޭނާ ކުރި ރަނގަޅު ކަމެއް ނޫން. އެކަމަކު ޖާނީ ކަންތައް ކުރަން ޖެހޭ ގޮތަކީ އޭނާއަށް އިންތިޒާރު ކުރުން. އޭނާ އައިސް އޭނާގެ ދިފާއުގައި ދައްކާ ވާހަކަ އަޑުއަހައިލުން."
"އޭނާ ދިފާއަކަށް އެއްވެސް ވާހަކައެއް ނުދައްކާނެ. ޖަމްޝީދަކީ ނުލާހިކު މުއްސަނދި މީހެއް. އަހަންނަކީ ފަގީރު މީހެއް. ކުލީކާރު ދުއްވާ ނިކަމެއްޗެއް. އަހަރެން މި އުޅެނީ އުޅެއުޅެ ރުޚްސާނާގެ އަތުން ލޯބި ނުގަނެވިގެން. ދެން މި ރަނގަޅުވީއޭ ހީކޮށްގެން އަމިއްލައަށް މޮޔަހެދިގެން އުޅުމަކީ އަހަރެން މިހައިތަނަށް ކަންތައް ކުރި ގޮތް. އެކަމަކު މިއީ އަހަރެންގެ ދަރިއެއް. މި ދަރިފުޅަށް ބައްޕަގެ ލޯބި އެނގޭނެ. އޭނާ ދުވަހަކުވެސް އަހަރެންގެ މީހަކަށް ނުވިޔަސް މި ދަރިފުޅު ވާނީ އަހަރެންގެ ދަރިއަކަށް. ކަންތައް ކުރަންވާ ގޮތް މިހާރު އަހަރެން ކަނޑައަޅައިފިން. ދަންނަކަލޭފާނު ވިދާޅުވެފައި އޮތީ ވަރި ކުރުމަކީ އަހަންނަށް އޮތް އިޚްތިޔާރެކޭ. އަހަރެން ކަންތައް ކުރާނޭ ގޮތަކީވެސް އެއީ."
ފަރުޒާނާ ކުރިއށް ޖެހިލިއެވެ. "ނޫނޭ ޖާނީ. އެހެން ނުހަދާތި. އަންނަ ގަދަ ރުޅިއެއްގައި ފަހުން ހިތާމަ ކުރަން ޖެހޭ ކަހަލަ ކަމެއް ނުކުރާތި. ތިޔައީ ހަމައެކަނި ޖާނީގެ ދަރިއެއް ނޫން. ތިޔައީ ޖާނީއާއި ރުޚްސާނާއާ ދެ މީހުންގެ ދަރިއެއް. ތިޔަ ކުއްޖާފުޅަށް ދެ މީހުންގެ ލޯބިވެސް ބޭނުން ވާނެ. ދެ މީހުން އަރައިރުންވެ ވަކިވެގެންފިނަމަ އޭގެ ނޭދެވޭ އަސަރު ދަރިފުޅަށް ކުރާނެ."
"މާ މޮޅު މީހަކަށް ހެދެން މަސައްކަތް ނުކުރޭ. މިހައިތަނަށް ފަރުޒާނާ ވަރަށް ގިނަ ކަންތައްތައް އަހަންނަށް ވިސްނައިދީފީމު. ފަރުޒާނާވެސް ލޯބީގެ ނަމުގައި އަހަރެން ވާވެއްދީ. މިއަދު އަހަރެން މި އައީ ފަރުޒާނާއާ ވާހަކަދައްކައިގެން އަބަދަށްޓަކައި ވަކި ގޮތެއް ކަނޑައަޅައި ނިންމަންވެގެން. އަހަރެން އެކަނި މި ދަރިފުޅު ބަލައި ބޮޑުކޮށްފާނަން. އެކަމަކު ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ. ފަރުޒާނާ އަހަންނާ އެހީތެރިވާނަންތަ؟ އަހަރެންގެ ދަރިފުޅު މި ގޭގައި ބާއްވައިގެން ބަލައިދޭނަންތަ؟"
ފަރުޒާނާ ފަހަތަށް ޖެހިލިއެވެ. "ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ މި ހިސާބުގަނޑު މީހުން ގާތު އަހަރެން ބުނާނީ ކީކޭ؟ އަހަރެން ބުނާނީ މިއީ ކާކުގެ ދަރިއެކޭތަ؟ ޖާނީގެ ދަރިފުޅު އަހަރެން ބަލާނީ ކޮން ސަބަބެއް ދައްކާފައިތަ؟ ދަރިފުޅާ އަހަންނާ އޮތީ ކޮން ގުޅުމެކޭ ކިޔާފައިތަ؟ އަދި އެހެން މައްސަލައެއްވެސް ކުރިމަތިވާނެ. ރުޚްސާނާގެ މައިންބަފައިން އައިސް އަހަންނާ އަރައިރުންވާނެ. އަހަރެންގެ މަޖުބޫރީއާމެދު ވިސްނައިލަބަލަ. އަހަންނަށް ދުނިޔޭގައި އުޅުން ދަތިވާ ކަހަލަ އެތައް އިލްޒާމެއް މީހުން އަހަރެންގެ ބޮލުގައި އަޅުވާނެ."
ކާމްރާން ރޯން ފަށައިފިއެވެ. ފަރުޒާނާ ބާދްޝާގެ އަތުން ދަރިފުޅު އަތުލުމަށް ފަހު ބުންޏެވެ. "އަވަހަށް ދަރިފުޅު ގެންގޮސް ދަރިފުޅުގެ މާމަޔާ ހަވާލުކުރޭ. ދަރިފުޅަށް އޮތް އެންމެ ރައްކާތެރި ގޮތަކީ އެއީ."
"ނުދާނަން. އެ ގެއަކަށް އަހަރެން ދެނެއް ނުދާނަން. އެމީހުންނަކާ އަހަންނަކާ އެއްވެސް ގުޅުމެއް ނެތް."
"ދަރިފުޅު މިއޮއްގެން ރޮނީނު؟ ގޮތް ދޫކޮށްލާފައި ގެންގޮސް ދީ."
"ރޮނީ ބަނޑުހައިވީމާ. އަހަރެން އަންނާނަން ކިރު ގަނެގެން."
އޭނާ ބޭރަށް ނުކުންނާން އެނބުރިލީމާ ފަރުޒާނާ ބުންޏެވެ. "މަޑުކުރޭ. މި ގޮތަށް އަހަންނާ ދަރިފުޅު ހަވާލު ކޮށްފައި ނުދޭ. އިރުއިރުކޮޅާ ޖާނީ މި ގެއަށް އައީމާ މީހުން ފާޑުފާޑުގެ ވާހަކަދައްކާނެ. އަހަންނާމެދު އެއްގޮތަކަށްވެސް ވިސްނައިނުލަނީތަ؟"
އޭނާ އެނބުރި ބަލައިލިއެވެ. "މިހާރު އަހަރެން މި ވިސްނަނީ ހަމައެކަނި ފަރުޒާނާއާމެދު. ވާހަކައެއް ބުނަންތަ؟ ފަރުޒާނާ އަހަންނަށް ވިސްނައިދިން ހުރިހައި ކަމެއް ހަމަ އެ ގޮތަށް އަހަރެން ބަލައިގަތިން. ދަންނަކަލޭފާނު ވިދާޅުވެފައި އޮތީ އަހަރެން ބޭނުމިއްޔާ ރުޚްސާނާ ވަރި ކުރެވިދާނެއޭ. ވަރިނުކުރީ ފަރުޒާނާ ބުނީތީ. އަހަރެން ހުރީ ރުޚްސާނާ ގަބޫލު ކޮށްގެން… ރުހިގެން. އެކަމަކު އޭނާ އަހަންނަށް މި ފަހަރު މި ހެދީ ވަރަށް ބޮޑު މަކަރެއް. އަހަރެންގެ އަގުވެސް ވައްޓައިލީ. މިއީއަކީ އަހަރެން ބަލައިގަންނާނޭ ކަމެއް ނޫން. މިހާރު ސާބިތު ވީ އެންމެ ކަމެއް. އެ އަންހެންމީހާ އަދިވެސް އަހަންނަށް މަކަރު ހަދާނެކަން."
"ނޫނޭ. ރުޚްސާނާ ދެން އެކަހަލަ ކަމެއް ނުކުރާނެ."
"ބޭކާރު ވާހަކަ ނުދައްކާ. އޭނާގެ ހިމާޔަތުގައި ވާހަކަދައްކަނީ ކީއްވެގެން؟ އަހަރެންގެ އަތުގައި ސާފު ސީދާ ހެކި އެބަހުރި. އޭނާޔާއެކު ދިރިއުޅުން ހޭދަކުރި ގޮތް އެނގޭނީ އަހަންނަށް. އަހަރެންގެ ތަޖުރިބާ ދޮގެއް ނުވާނެއެއްނު؟ އޭނާ ދެކެ އަހަރެން ލޯބިވީ ވަރާއި އިޚްލާސްތެރިވީ މިންވަރު އެނގޭނީ އަހަންނަށް. އޭގެ ބަދަލުގައި އޭނާ ގެންދަނީ އަހަންނަށް މަކަރު ހަދަމުން. މީގެ ފަހުން އަހަރެން ފަރުޒާނާ ދައްކާ ވާހަކައެއް އަޑެއް ނާހާނަން. އަނތްބެއްގެ ގޮތުގައި އޭނާ ބަލައިގަނެ އޭނާޔާ އެކު ދިރިއުޅުން ވޭތުކުރެވޭތޯ އަހަރެން ލައްކަ މަސައްކަތް ކޮށްފިން. މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފި. ދެން އޮތް ގޮތަކީ އޭނާ ދޫކޮށްލުން. ވަރީގެ ކަންތައް ކުރިއަށް ގެންދާނޭ ގޮތެއް އޮޅުންފިލުވަން އަހަރެން މާދަމާ ދަންނަބޭކަލެއްގެ އަރިހަށް ދާނަން. އަހަރެން ކަންތައް ކުރާނީ އެ ބޭކަލަކު ވިދާޅުވާ ގޮތަކަށް. ރުޚްސާނާ ވަރިކޮށްލާފައި އަހަރެން އިންނާނީ ފަރުޒާނާއާ. މިއަދުން ފެށިގެން އަހަރެންގެ ދަރިފުޅުގެ މަންމައަކީ ފަރުޒާނާ. އޭނާ ބަލައި ބޮޑުކުރާނީ ފަރުޒާނާ."
ކާމްރާން އަދިވެސް ރޮނީއެވެ. ފަރުޒާނާ އެ ކުއްޖާފުޅު މޭގައި ޖައްސާލައިގެން ހުރެ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަނީއެވެ. "ޖާނީ މި ވަގުތު ތިޔަހުރީއަކީ ހަމައެޔަކު ނޫން. އަހަރެން މިހިރީ ހަމަ ހޭގައި. އަހަރެމެން ދެމީހުންގެ ނިންމުން ތަފާތު ވާނެ. ޖާނީ. މީގެ ކުރިން އަހަރެން ނުބުނާ ވާހަކައެއް ބުނަންތަ؟ އަހަރެން ޖާނީގެ ގޭގައި، ޖާނީގެ ކޮޓަރީގައި އެއް ރޭ ނިދީމެއްނު؟ އެ ރޭ އަލަމާރީގައި އޮތް ރުޚްސާނާގެ ޑައިރީ އަހަރެން ކީން. ޑައިރީގެ އެންމެ ފަހު ސަފުހާގައި އޭނާ ލިޔެފައި އޮތް އެއްޗެއް ގޮސް ކިޔައިލާ. އޭނާ އެ ހުންނަނީ ޖާނީއަށް މަކަރު ހެދުނީތީ ވަރަށް ދެރަވެފައި. އޭނާ އެކަމާ ހިތާމަވެސް ކުރޭ. އެންމެ ރަނގަޅު ގޮތަކީ އަދިވެސް ރުޚްސާނާ އަންނާންދެން އިންތިޒާރު ކުރުން. އޭނާ އެނބުރި އައިސް އޭނާގެ ވާހަކަ ކިޔައިދޭނެ. އޭނާ ކުރި ކަމެއް ކުރީ ކީއްވެގެންކަން ބުނެދޭނެ. އޭނާގެ ދޮގުގެ ފުރަގަހުގައި އެއްވެސް ނުބައި ނިޔަތެއް ނެތް. ވިޔާނުދާ ކަމެއްގެ ޚިޔާލެއް ނެތް. އެކަން އަހަންނަށްވެސް ކަށަވަރު. ޖާނީ ނޫން މީހަކު ބޭނުން ވެގެންނެއް އޭނައެއް ނުޅޭ. ނުވެސް އުޅޭނެ. އަހަރެން ވަރަށް ރަނގަޅަށް ރުޚްސާނާ ދަންނަން. އޭނާޔާއެކު މިހައި ދުވަހު އުޅެވުނުއިރުވެސް ޖާނީއަކަށް އޭނާ ދަހެއް ނުކުރެވުނު."
ބާދްޝާ ރުޅި އައިސްފައި ގޮށްމުށް ކަވައިލިއެވެ. "އޭނާގެ ހިމާޔަތުގައި ވާހަކަނުދައްކާ. އަހަރެންގެ ސުވާލަކަށް ޖަވާބު ދީބަލަ. ފިރިމީހާ ތެދުވެރި މީހެއްގެ ގޮތުގައި ހުއްޓައި އަނބިމީހާ ދޮގުހަދައި މަކަރު ހަދަނީ ކީއްވެގެން؟"
"އެއީ މަކަރެއް ނޫން. އަނބިމީހާ އޭނާގެ ފިރިމީހާއަށް ވަރަށް ބޮޑަށް ގަދަރުކުރާނަމަ… ވަރަށް ބޮޑަށް އިތުބާރު ކުރާނަމަ… ކުޑަކުޑަ ފަޅި ދޮގެއް ހަދައިލުން އެއީ މާ ބޮޑު މައްސަލައެއް ކަމަކަށް ނުދެކޭނެ. އެކަހަލަ ކުޑަކުޑަ ދޮގަކާ ހެދި ފިރިމީހާ އޭނާޔާ ދިމާއަށް އެއްޗެކޭ ބުނެފާނޭ ކަމަކަށް ނުބަލާނެ. އެއްޗެކޭ ބުންޏަސް އޭނާގެ ލޯތްބާއި އިޚްލާސްތެރިކަމާއި ވަފާތެރިކަމުގެ އެހީގައި ފިރިމީހާއަށް ވިސްނައިދޭނެ. ފިރިމީހާ މައިތިރި ކުރުވާނެ. ޖާނީ. ރުޚްސާނާ އަންނަންދެން ކެތްކުރޭ. އެހެން އަންހެނުން އެމީހުންގެ ފިރިންގެ އިތުބާރު ގާއިމުކުރާ ގޮތަށް ރުޚްސާނާވެސް ޖާނީގެ އިތުބާރު ގާއިމުކޮށްގެންފާނެ. މިއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އަހަންނަށް އެނގޭ ކަމެއް."
ބާދްޝާ އޭނާގެ އުރުގައި އިން ކާމްރާން ޖަހައިގެންފިއެވެ. "އަހަންނަށްވެސް މިހާރު ވަރަށް ރަނގަޅަށް ފަރުޒާނާ އެނގިއްޖެ. ފަރުޒާނާ އަބަދުވެސް ހުންނާނީ ރުޚްސާނާގެ ދިފާޢުގައި އަހަންނާ ދެކޮޅަށް. އަހަންނަށް މަކަރު ހެދީވެސް އޭނާއަށްޓަކައި. މިއަދު އަހަރެންގެ ލޯބީގައި ތިޔަ ކޮޅުފައިން ޖަހަނީވެސް އޭނާއަށްޓަކައި. އޭނާގެ ދޮގުވެރިކަމާއި މަކަރުވެރިކަން ބޭޒާރު ވެއްޖެ. މިއީ އޭނާއަށް އެ ކަމުގެ އަދަބު ދޭން ލިބޭ ދަނޑިވަޅެއް. އެކަމަކު ފަރުޒާނާ އަހަންނަކާ އެހީތެރިއެއް ނުވާނެ. އެކަން މިހާރު އަހަންނަށް ޔަގީންވެއްޖެ. އެންމެ ރަނގަޅު. އަހަރެން ދަނީ. މީގެ ފަހުން ދުވަހަކުވެސް ފަރުޒާނާއަކަށް އަހަރެން ނުފެންނާނެ."
Vvv.reethi shukuriyya