(20 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކިހައި ދެރަ ކަމެއް ހެއްޔެވެ؟ ގާ ނުއުކައި މައު އުކާ ދުޝްމިނުންވެސް އުޅޭ ހެއްޔެވެ؟ ކުރިއަށް ދާން އޮންނަ މަގު ކަށިން ޒީނަތްތެރި ކުރުމުގެ ބަދަލުގައި މަލުން ޒީނަތްތެރިކޮށްގެން ލޯބިވެރިޔާގެ ފައިތިލަ ޒަޚަމްކޮށްލާ ލޯބިވެރިންވެސް އުޅޭ ހެއްޔެވެ؟
އޭނާ ފަހަތު ގޮނޑީގައި އަތް ޖައްސައިލިއެވެ. ފަރުޒާނާ އިށީނދެގެން އިނީ މިތާނގައެވެ.
"އޭނާ ދިޔައީ ކީއްވެގެން ހެއްޔެވެ؟ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟"
ފުރަތަމަ ފަހަރު އަމިއްލަ މޫނު އަހަންނަށް ދައްކައިފައި އަހަރެން ދެވީ ރުޚްސާނާއާއެވެ. އެ ވަގުތު އަހަރެން ވަރަށް ރުޅި އައެވެ. ފަރުޒާނާ ހޯދަމުން ދުވީ އައި ވަރުގަދަ ރުޅިއެއްގެ ސަބަބުންނެވެ. ދެވަނަ ފަހަރު އަހަންނަށް ފަރުޒާނާ ފެނުނީ ރެކިސާއެއްގެ ފަހަތުގައި އިންދައެވެ. އެ ދުވަހު އަހަރެން ދެކެފައިމެ ބައްދަލު ނުވާން ވެގެން ފިލީއެވެ. އެ ދުވަހު އަދި މާ ބޮޑަށް ރުޅި އައެވެ. ތިޔަ އުޅެނީ އަހަންނަށް ފިލަފިލައިގެންނެވެ. އެހެންވީމާ އަހަރެންގެ ހިތުގައި ފަރުޒާނާގެ މައްޗަށް އޮންނާން ވާނީ ވަރުގަދަ ނަފުރަތެކެވެ. އެދުވަހުން ފެށިގެން އަހަރެން ފަރުޒާނާ ހޯދަމުން މި ގެންދަނީ ލޯތްބާއި ރުޅިވެރިކަމާ ދެމެދުގެ ޝުއޫރަކާ އެކީގައެވެ. މިއަދު، ތިން ވަނަ ފަހަރަށް އަހަރެންގެ ކުރިމައްޗަށް ނުކުތީ މަލާ އެކީގައެވެ. ފިލައިގެން ތިޔަ ދިޔައީ މަލުގެ އިސްޓޭޖެއް ތައްޔާރު ކުރުމަށް ފަހުގައެވެ. އެހެންވީމާ ފަރުޒާނާގެ ހިތުގައި އަހަރެންގެ މައްޗަށް އޮތީ ލޯބިކަން މިހާރު ޔަގީން ވެއްޖެއެވެ. އަހަރެންގެ މަތީން ހަނދާންކުރާކަން އެނގިއްޖެއެވެ. ފަރުޒާނާ ތިޔަ އުޅެނީ އަހަރެންގެ ހިޔަންޏަށް ވެގެން އަހަރެންގެ ފަހަތުގައެވެ. އަހަރެން ފަރުޒާނާ މި ހޯދަނީ ކުރިމަތިންނެވެ.
ހޯދަން މަޖުބޫރުވާ ކަހަލަ ކަންތައްތައް ތިޔަ ކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ގޮވައި ނުލަނީ ކީއްވެގެން ހެއްޔެވެ؟ އުޅޭ ތަނެއް އަހަރެން ގާތު ނުބުނަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ފިލަނީ ކީއްވެގެން ހެއްޔެވެ؟
އޭނާގެ ސުވާލު ވައިގެ ތެރެއަށް ތަހުލީލުވެގެން ހިނގައްޖެއެވެ. ފަރުޒާނާއެއް ނެތެވެ. އޭނާ ރުޅި އައިސްގެން މުށް ކަވައިލިއެވެ. އަނެއްކާ އަހަންނަށް މަކަރު ހެދީއެވެ. އަހަރެންގެ ލޯތްބަކީ ސަމާސައަކަށް ހެދީ ހެއްޔެވެ؟ އަހަރެންގެ މައްޗަށް ލޯބީގެ މައު އޮއްސަނީ ހެއްޔެވެ؟ ނުވަތަ އޮއްގައު އުކަނީ ހެއްޔެވެ؟
އޭނާ ކާރު ދުއްވާފައި ތަންކޮޅެއް ދުރަށް ހިނގައްޖެއެވެ. ގޮސް މަޑުކޮށްލީ ބޮޑު މަގެއްގެ ކަންމައްޗަށެވެ. އެ މަގުން އަންނަ މީހުން ފެންނަ ހިސާބެއްގައެވެ. އެކަމަކު އެހެން އޮވެގެން ފަރުޒާނާ ފެންނާނެ ހެއްޔެވެ؟ ނުފެނުނަސް ހޯދާން ދާނީ ވަކި ކޮން ތަނަކަށް ހެއްޔެވެ؟ އޭނާ ރުޅި އައިސްގެން ހުންގާނުގައި ގޮށްމުށުން ތަޅައިގެންފިއެވެ. މި ވަގުތު ފަރުޒާނާ ފެނުނިއްޔާ ރޮލާ ކައިލާނަމޭ ހިތަށް އެރިއެވެ.
އިރު އޮއްސޭން ގާތް ވާންދެން އޭނާ އެތާނގައި އޮތެވެ. އެކަމަކު ކާރުގެ ފަހަތު ގޮނޑިން ގެއްލުނު މުށިކުލައިގެ ބުރުގާއެއް ނުފެނުނެވެ. އޭނާ މާޔޫސީއާއެކު ގެޔާ ދިމާއަށް ދަތުރު ފަށައިފިއެވެ. އެކަމަކު މިހާރު އޭނާގެ ސިކުނޑީގައި އެހެން ޚިޔާލެއްވެސް އެނބުރޭން ފަށައިފިއެވެ. ފަރުޒާނާ ކާރަށް އެރުވި ޑުރައިވަރަށް އޭނާ އެރީ ކޮން ތަނަކުންކަން އެނގޭނެއެވެ. އެހެންވީމާ ޑުރައިވަރާ ސުވާލު ކުރީމާ ފަރުޒާނާ އުޅޭ ތަނެއް އޮޅުންފިލައިފާނެއެވެ.
އެ ޑުރައިވަރު އުޅެނީ އޯރަންގީ ނަންބަރު އެކެއްގައެވެ. އޭނާ އުޅޭ ގެވެސް ބާދްޝާ ދަނެއެވެ. އެހެންވީމާ ފުރަތަމަ ދިޔައީ އެ ގެއަށެވެ.
"ކާރަށް އެރި މޫނުބުރުގާ އެޅި އަންހެންމީހާ އެރީ ކޮން ތަނަކުން؟"
ޑުރައިވަރު ބުންޏެވެ. "ބަޅާބޯރޑްގެ ކުލީކާރު މަޑުކުރާ ތަނުން."
"ހޫނ... އެހެންވެއްޖެއްޔާ އޭނާ އުޅެނީ ބަޅާބޯރޑްގައިތާ."
"ވެރިޔާ... ކިހިނެއްވީ؟ އޭނާ މަކަރު ހެދީތަ؟ ފައިސާ ނުދީ ފިލީތަ؟"
ބާދްޝާ ބުނެލިއެވެ. "އެއީ އަހަރެން ނުފެނިގެން މި ހޯދާ ކުއްޖާ."
ޑުރައިވަރު ހައިރާން ވެފައި އަހައިލިއެވެ. "އެހެންތަ؟ އެއީ ޑަކްޓަރު ފަރުޒާނާތަ؟"
"އާނ. އެއީ އޭނާ."
އޭނާ ދެން ދިޔައީ އެ ޑުރައިވަރު ބުނި ސަރަހައްދަށެވެ. މަގުގެ އެއް ފަރާތުގައި ކާރު ބާއްވާފައި ފައިބައިފިއެވެ. ކައިރީގައި އޮތް ގާޑިޔަލަކުން ހެދި ބިލެތްގަނޑެއް ގަނެގެން ދުފާން ފަށައިފިއެވެ. އަދި ސިގިރޭޓެއް ގަނެގެން ރޯކޮށްލިއެވެ. އެ ވަގުތު މަގުގެ އަނެއް ފަޅިން މުށިކުލައިގެ ބުރުގާ ފެނިއްޖެއެވެ.
އޭނާ އަވަސްއަވަހަށް މަގު ހުރަސް ކުރެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. ދުއްވާ އެއްޗިއްސާއި މީހުން ގިނަ ކަމުން އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. އެކަމަކު ތޮރުފެމުން މީހުން ކޮއްޕަމުން ގޮސް މަގުގެ އަނެއް ފަރާތަށް އަރައިފިއެވެ. އެއްކޮޅުން އަންނަނީ ފަރުޒާނާއެވެ. ފަރުޒާނާއަށް އޭނާ ފެނިއްޖެއެވެ. ފުރަތަމަ ކުޑަކޮށް ސިހުނެވެ. އެކަމަކު ހަމަޖެހިލައިފިއެވެ. މޫނުބުރުގާ އަޅައިގެން ހުރީމާ ކާކުކަން ނޭނގޭނެކަން ޔަގީން ވާތީއެވެ. އެހެންވީމާ އަނގައިންވެސް ނުބުނެ މަޑުމަޑުން ކައިރިން ލާފައި ދިޔައީމާ ނިމުނީއެވެ.
އޭނާ ދަނީ މަޑުމަޑުންނެވެ. އެކަމަކު ބާދްޝާ އަންނަނީ ވަރަށް ބާރަށެވެ. ދެމީހުން އަރައި ހަމަވެއްޖެއެވެ. ބާދްޝާ އޭނާޔާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އެކަމަކު މޫނުބުރުގާ އަޅައިގެން އިން އަންހެނަކާ މަގުމަތީގައި ކުއްލިއަކަށް ވާހަކަ ދައްކާން ފެށުމަކީ ރަނގަޅު ކަމަކަށް ނުވާނޭކަން އެނގޭތީ އަނގައިން ބުނެލާކަށް ނުކެރުނެވެ. ފަރުޒާނާ ފަސްދީ ހިނގައިގެންފިއެވެ. އެނބުރި ބަލައިވެސް ނުލައެވެ. ބާދްޝާ ފަހަތުން ހިނގައިގެންފިއެވެ. ފަރުޒާނާ ގޮސް ވަނީ އޭނާގެ ކުލިނިކަށެވެ. ބާދްޝާ އިސް އުފުލައި ނަން ބޯޑަށް ބަލައިލިއެވެ. ޖަހައިފައި އޮތީ "ޑޮކްޓަރ އެފް. ވާޞްޠީ ކްލިނިކް" އެވެ.
އޭނާ ވިސްނައިލުމަށް ފަހު އިސް ޖަހައިލިއެވެ. އެކަމަކު ދެވަނަ ފަހަރު އަނެއްކާވެސް ބޯޑާ ދިމާއަށް ބަލައިލިއެވެ. އެފް. ވާޞްޠީ... އެފް އެއީ ފަރުޒާނާ ކަމުގައިވެސް ވެދާނެއެވެ.
ފަރުޒާނާ އެތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ. ރަނގަޅަށް ދޮރު ތަޅުލުމަށް ފަހު ކުލިނިކުގެ ތެރެއިން ގޭތެރެއަށް ވަދެވޭން ހުންނަ ދޮރުން އެތެރެއަށް ވަދެއްޖެއެވެ. މަންމަ ބޮޑު ކޮޓަރިތެރޭގައި އަލުވި މަށާން އިނެވެ. "ދަރިފުޅާ... އައީތަ؟ މަންމަ މި އިންނަނީ ލަސް ވެގެން ފިކުރު ބޮޑުވެފައި."
އޭނާ ބިރުގެންފައި ބުންޏެވެ. "މަންމާ. ވަރަށް ދެރަ ކަމެއް ވެއްޖެ. ޖާނީ މި ގޭ ދޮށަށް އަތުވެއްޖެ. އަހަރެން ކުލިނިކަށް ވަންތަން އޭނާއަށް ފެނިއްޖެ."
މަންމަ އަހައިލިއެވެ. "ދަރިފުޅު މޫނުބުރުގާ އަޅައިގެން ހުއްޓާ އޭނާއަށް އެނގުނީ ކިހިނެއް؟"
"ފަހުން ބުނާނަން. މި ވަގުތު ތިޔަ ހުރިހައި ވާހަކައެއް ނުދެއްކޭނެ. މި ވަގުތު ވިސްނާންވީ ޖާނީ ފޮނުވައިލެވޭނީ ކިހިނެއްތޯ. އޭނާއަކަށް އަހަރެންގެ މޫނެއް ނުފެންނާނެ. އެކަމަކު އެތެރެއަށް ވަދެއްޖެއްޔާ ފެންނާނެ. ބަލަންވީ އޭނާއަށް އޮޅުވައިލެވޭނެ ގޮތެއް އޮތްތޯ."
މަންމަ އޭނާއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އަދި ބުރުގާގައި އަތް ޖައްސައިލާފައި ބުންޏެވެ. "އޭނާއަކަށް މޫނެއް ނުފެނެއެއްނު؟ ދެން ތިޔަ ބުރުގާ ނަގާ."
އޭނާ ބުރުގާ ނަގައިފިއެވެ. "އެކަމަކު ޖާނީ..."
މަންމަ ބުންޏެވެ. "އެކަމާ ފިކުރު ނުކުރޭ. ކޮޓަރިއަށް ވަދޭ. ބޭރަށް ނުނުކުންނާތި. އަހަރެން އޭނާގެ ކަންތައް ހަމަޖައްސައިލާނަން."
ފަރުޒާނާ ބުރުގާ ނަގައި ގޮނޑިމަތީގައި ބޭއްވުމާއެކު މަންމަ އެ ބުރުގާ ނަގައިގެން އަޅައިފިއެވެ.
"މަންމަ ތިޔަ އުޅެނީ ކީއްކުރަން؟"
"ބަލަން އިނދޭ. އަހަރެން އޭނާ ފައްސައިލާފައި އަންނާނަން."
އެ ވަގުތު މީހަކު ކުލިނިކުގެ ދޮރުގައި ޓަކި ޖެހި އަޑު އިވިއްޖެއެވެ.
ފަރުޒާނާ ކަންބޮޑުވެފައި ބުންޏެވެ. "މަންމާ. އެއީ އޭނާ..."
"ދަރިފުޅު ތިޔަ އުޅެނީ އޭނާ ހަންޑިއަކަށް ހަދައިގެން ސިކުނޑިގައި މަރުކަޒުކޮށްގެން. ކޮޓަރީގައި އިނދޭ. މަންމަ އެބަ އަންނަން."
މަންމަ ކުލިނިކަށް ވަދެގެން ގޮސް ބޭރު ދޮރު ހުޅުވައިލިއެވެ. އެ ވަގުތު އިނީ މޫނު ފެންނަ ގޮތަށް ބުރުގާ ހިއްލާލައިގެންނެވެ. ދޮރުމަތީގައި ހުރީ ބާދްޝާ ޖާނީއެވެ. ބާދްޝާއަށް ފެނުނީ އޭނާގެ ކުރިމަތީގައި މުށިކުލައިގެ ބުރުގާ ހުއްޓައެވެ. މޫނު ހުރީ ރީތިކޮށް ފެންނާށެވެ. އެކަމަކު އެއީ އޭނާ އެ ހޯދާ މީހާއެއް ނޫނެވެ.
މަންމަ އަހައިލިއެވެ. "ކިހިނެއްވީ؟ ބަލީތަ؟ ވަރަށް ދެރަ. މިއީ އަންހެނުންނާއި ކުޑަކުދިން ބަލާ ކުލިނިކެއް. އަހަރެން ފިރިހެނުންނަކަށް ބޭހެއް ނުކުރަން."
(ނުނިމޭ)
vvv.reethi shukuran