އިސްލާމްދީނަށް ފުރައްސާރަކުރި ކަމަށް ބުނެ ޕާކިސްތާނުގައި ސްރީލަންކާ މީހަކު މަރާލައިފި

ޕާކިސްތާނުގެ ސިޔާލްކޯޓުގެ ސްރީލަންކާގެ ރައްޔިތަކަށް އަނިޔާކޮށް އަންދާލާފައިވާ ތަން

އިސްލާމްދީނަށް ފުރައްސާރަކުރިކަމަށް ބުނެ ބަޔަކު އެއްވެ ޕާކިސްތާނުގެ ސިޔާލްކޯޓުގައި ފެކްޓަރީ މެނޭޖަރެއްގެ ގޮތުގައި ސްރީލަންކާ މީހަކު މަރާލައިފިއެވެ. އެ ފެކްޓަރީ މަސައްކަތްކުރާ ބަޔަކު ވެގެން އޭނާގެ ގައިގާ ތަޅައި އަނިޔާކުރުމަށް ފަހު އޭނާ އެމީހުން ވަނީ އޭނާ ރިދި ހުއްޓާ އަންދާލާފައެވެ. ސިޔާލްކޯޓަކީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސުގައި އިސްލާމްއާބާދުގެ އިރުދެކުނުން 200 ކިލޯމީޓަރު ދުރުގައި އޮންނަ ސިނާއީ ރަށެކެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އެކަންކުރި ބަަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށް ވިދާޅުވެފައެވެ.

"ގާނޫނު އަމިއްލައަށް ތަންފީޒުކުރަން ކަމަށް ބުނެ ސިޔާލްކޯޓުގެ ފެކްޓަރީއަކަށް ބިރުވެރި ހަމަލާއެއްދީ ސްރީލަންކާގެ މެނޭޖަރަކު މަރާލި ދުވަހަކީ ޕާކިސްތާނަށް ލަދުވެތި ދުވަހެއް. އަހަރެން މިދަނީ ތަހުގީގު ކުރިއަށް ދާގޮތް ބަލަމުން. މިކަމަށް ޒިންމާވާ އެންެމެން ގާނޫނުގެ ފުރިހަމަ ބާރާއެކު އަދަބު ދޭނެކަމާމެދު އެއްވެސް އޮޅުމެއް ނެތް. މީހުން ހައްޔަރުކުުރުމުގެ މަސައްކަތް ދަނީ ކުރިއަށް." އިމްރާން ޚާންގެ ޓުވީޓުގައި ވެއެވެ.

ނަން ހާމަނުކުރުމަށް އެދި ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެމުން ސިޔާލްކޯޓުގެ ފުލުސް އޮފިސަރަކު ބުނެފައި ވަނީ ތަހުގީގުކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި އިސްލާމްދީނަށް ފުރައްސާރަކުރި ކަމަށްބުނެ ސްރީލަންކާ މީހާއަށް ހަމަލާދިނީ ކީރިތި ގުރްއާނުގެ އާޔަތްތަކެއް ލިޔެފައިވާ ޕޯސްޓަރެއް އޭނާ ވީދާލުމުން ކަމަށެވެ.

އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕާންޖާބު ސަރުކާރުގެ ތަރުޖަމާނު ޙަސަން ޚަވާރު ވިދާޅުވީ މި މައްސަލައާ ގުޅިގެން 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދީންތަކުގެ މެދުގައި ސުލްހަވެރިކަން ގާއިމުކުރާ ބެހޭ ބޮޑުވަަޒީރުގެ މަންދޫބު ޙާފިޒު ޠާހިރު މަޙްމޫދު އަޝްރަފީއާއި، ޕާންޖާބުގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ރާއޯ ސަރްދާރް ޢަލީ ޚާންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޚަވާރު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު އިމްރާން ޚާންއާއި ޕަންޖާބުގެ ޗީފް މިނިސްޓަރ ޢުސްމާން ބަޒްދާރު ވަނީ މި ނުރައްކާތެރި އަމަލުގައި ބައިވެރިވި އެންމެން ހައްޔަރުކުރަމަށް އަންގަވާފައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސިޔާލްކޯޓުގެ ވަޒީރުއާބާދު މަގުގައި ހުންނަ ފެކްޓަރީއެއްގައި މަސައްކަތްކުރާ މީހުންގެ ތެރޭން ބަޔަކު އެ ފެކްޓަރީގެ މެނޭޖަރަށް ހަމަލާދީ އަނިޔާކުރުމަށް ފަހު އޭނާގައި ގައިގައި ރޯކޮށްލާފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު 11:30 ހާއިރުއެވެ.

މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޕާކިސްތާނު ސަރުކާރުން މައްސަލަ ތަހުގީގު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފިޔަަވަޅު އަޅައި، ސްރީލަންކާގެ ރައްޔިތަކަށް އަނިޔާކުރުމަށް ފަހުން އަންދާލި މައްސަލައިގައި އިންސާފު ހޯދައިދޭނެކަމަށް ސްރީލަންކާ ސަރުކާރުން އުއްމީދުކުރާ ކަމުގައެވެ.

"ޕާކިސްތާނުގެ ސިޔާލްކޯޓުގައި ސްރީލަންކާގެ ރައްޔިތަކަށް އަނިޔާކުރުމަށް ފަހު އޭނާގެ ހަށިގަނޑު އަންދާލާފައިވާ ކަމުގެ ޚަބަރު ފޮރިން މިނިސްޓްރީއަށް ވަނީ ލިބިފައި." ތަރުޖަމާނު ސުގީޝްވަރާ ގުނަރަތުނާ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.