ހުޅުމާލެ, 10 އޮކްޓޫބަރު 2021 – 'ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' (ޕީ.ޑީ.އެސް.އޭ.އީ) ގައި މިއަދު ވަނީ ސޮއިކޮށްފިއެވެ. ކުރީގެ ޕްރޮޖެކްޓެއް ކަމަށްވާ 'ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް އެންޑް ޑެވެލޮޕްމެންޓް ފޮރ އެސް.އެމް.އީސް' (ސީޑްސް) ގެ މައްޗަށް ބިނާކުރެވިފައިވާ މި ޕްރޮޖެކްޓުގެ މަޤްސަދަކީ ދިވެހި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއިން އާންމުންގެ އެފެއްދުންތެރިކަން އިތުރުކޮށް ފުޅާކުރުމެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާނީ ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ ތަރައްގީއާއި ބެހޭ ޖަމިއްޔާ (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓާއި ގުޅިގެންނެވެ. އަދި މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުގެ އެއްބާރުލުމާއި ދީލަތި އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ. މިގޮތުން ޖަޕާނު ސަރުކާރުން ވަނީ މިކަމަށް 2.7 މިލިއަން ޔޫ.އެސް ޑޮލަރުގެ (302 މިލިއަން ޖަޕަނީޒް ޔެން ނުވަތަ 41.7 މިލިއަން ދިވެހި ރުފިޔާގެ) މާލީ އެހީއެއް ދެއްވާފައެވެ.
މިއަދުގެ ހަފްލާގެ ކޮންޓްރިބިއުޝަން އެއްބަސްވުން ސޮއި ކުރެވިފައިވަނީ ޖަޕާން ސަރުކާރާއި ޔޫ.އެން.ޑީ.ޕީގެ ދެމެދުގައެވެ. މިގޮތުން ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސަލެންސީ ކެއިކޯ ޔަނާއިއެވެ. އަދި ޔޫ.އެން.ޑީ.ޕީގެ ފަރާތުން ސޮއި ކުރެއްވީ އެ ވުޒާރާގެ ރެސިޑަންޓް ރެޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ. މީގެ އިތުރުން މިނިސްޓާރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓާރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓެޓިވްވަނީ ޕްރޮޖެކްޓް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރާއި ހަމައަށް މި ދެ ވުޒާރާއިން ޔޫ.އެން.ޑީ.ޕީއަށް މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް އެއްބާރުލާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
"މި ފަންޑްގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރެވޭ މިންވަރު އިތުރުވެ ފުޅާވެގެން ދާނެއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިންނަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް އިތުރު ލުއިތަކެއް ލިބި، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނެކަން ކަށަވަރެވެ." މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ, ޑރ. ޙުސައިން ރަޝީދު ޙަސަން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގައި ބޭއްވުނު މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
'ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' (ޕީ.ޑީ.އެސް.އޭ.އީ) ގެ މައިގަނޑު އެއް މަޤްސަދަކީ ދިވެހިރާއްޖޭއަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ލުއިކުރުމެވެ. އަދި މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ވިޔަފާރިވެރިންނަށް މިދާއިރާއަށް ވަނުމުގެ ފުރުޞަތު ފުޅާކުރުމުގެ އިތުރުން، ކާބޯތަކެތި އަދި ޓެކްސްޓައިލް ފަދަ ބާވަތްތައް ހެއްދުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މިއަދު ސޮއިކުރެމުގެ ހަފްލާއާއި ގުޅިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް، ޢަލްއުސްތާޛް ފައްޔާޒް އިސްމާއިލް އިޝާރާތްކުރެއްވި ގޮތުގައި އިޤްތިސާދީ ދުޅަހެޔޮކަން ބިނާކުރުމަކީ މިފަދަ ރިކަވަރީ ޕްރޮޖެކެޓްތަކުގައި މުހިންމު އިސްކަމެއްދޭން ޖެހޭ ބައެކެވެ. އަދި މި ޕްރޮޖެކްޓަކީ އިޤްތިސާދު އާރާސްތުކޮށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާ ކުރުމަށްޓަކައި ބޭނުންވާ އަސާސީ ބައިތަކެއް ކަމަށްވާ ކާބޯތަކެތީގެ ދަތިކަމުގެ ލުއިކަން، އިޤްތިސާދީގޮތުން ހުރި ފުރުޞަތުތައް ފުޅާކުރުން އަދި ކުދި ވިޔަފާރިތަށް ދެމެހެއްޓުމަށް އިސްކަން ދޭ ޕްރޮޖެކްޓެއް ކަމުގައި އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
ޕީ.ޑީ.އެސް.އޭ.އީ ޕްރޮޖްކްޓްގައި މައިގަނޑު 3 ބައިތަކެއް ހިމެނެއެވެ.
- ދަނޑުވެރިކަމާއި ބެހޭ އެކި މަޢުލޫމާތު އަދި މިކަމުގެ ހުނަރުވެރިކަން ދަނޑުވެރިންގެ ގައިގައި އަށަގެންނެވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުން
- ދަނޑުވެރިކަން ކުރެވޭ މިންވަރާއި މިކަމަށް ހުރި ފުރުޞަތުތައް އިތުރުކޮށް ކާބޯތަކެތީގެ ދަތިކަން ލުއިކުރުން
- ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ބޭނުންވާ ސަޕޯރޓް އިންޑަސްޓްރީސް އާއި ވެލިއު-އެޑަޑް ސާރވިސްތައް އިތުރުކޮށް މިކަމަށް އެއްބާރުލުން ދިނުން
ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގައި ޖަޕާނު ސަރުކާރުން ދަނީ ވަރަށް ބޮޑު ރޯލެއް އަދާކުރަމުންނެވެ. މިގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނީއްސުރެ، ޖަޕާނުންވަނީ ދިވެހިރާއްޖެއަށް ގާތްގަނޑަކަށް 8.5 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީވެފައެވެ. މީގެ ތެރޭގައި އަތޮޅުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ސިއްޙީ ފަރުވާގެ ފެންވަރު ފުޅާކުރުމަށާއި ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ދަނޑުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިމިއުނައިޒޭޝަން ސަޕްލައި ޗެއިންއެއް ބިނާކުރުމަށް އެ ސަރުކާރުން ވަނީ ފާހަގަކޮށްލެވޭ އެހީތަކެއްވެދީފައެވެ. މީގެ އިތުރުން 'ދަ ކޮވިޑް-19 ކްރައިސިސް ރެސްޕޮންސް އިމާޖެންސީ ސަޕޯރޓް ލޯން' ގެ ނަމުގައި ޖަޕާނު ސަރުކާރުންވަނީ ދިވެހިރާއްޖެއަށް 47.5 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީއެއް ލޯނުގެ ގޮތުގައި ދީފައެވެ. އަދި ޖަޕާނުގެ 'ލާސްޓް ވަން މައިލް ސަޕޯރޓް' ގެ ދަށުން އެ ޤައުމުންވަނީ 'ކޯވެކްސް' ފެސިލިޓީގެ ޒަރިއްޔާއިން އެ ޤައުމުގައި އުފައްދާ އެސްޓްރާޒެނެކާ ވެކްސިންގެ 112,000 ޑޯޒް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ.
"ކޮވިޑް-19 ގެ މިދިގުދެމިގެންދާ ބަލިމަޑުކަން ވަނީ ދުނިޔޭގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކާއި، ހުރި އުނދަގޫތައް އަދި ކާބޯތަކެތީގެ ހަމަހަމަކަން ނެތްވަރު ހާމަކޮށްދީފައެވެ. މިގޮތުން ކޮވިޑް-19 ވަނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައިވެސް ޑައިވާރސިފިކޭޝަން އަދި އަމިއްލަ އުފެއްދުންތެރިކަމަށް ބަރޯސާވުމުގެ މުހިންމުކަމާއި އިޤްތިސާދު، މުޖްތަމަޢު އަދި ތިމާވެއްޓާއި ގުޅޭ އެކި ކަންކަމުގައި ދެމެހެއްޓެނިވި ޚިޔާލު ގެންގުޅުމުގެ ބޭނުން ހާމަކޮށްދީފައެވެ. އެހެންކަމުން މި ޕްރޮޖެކްޓް ފެށިގެން މިދަނީ ދިވެހިރާއްޖެފަދަ ޤައުމަކަށް އެންމެ އެކަށޭނަ ވަގުތުގައި ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ." ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސަލެންސީ ކެއިކޯ ޔަނާއި ވިދާޅުވިއެވެ. މީގެ އިތުރުން އެކަމަނާގެ އުންމީދަކީ މި ޕްރޮޖެކްޓްގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް ކުރިއަށް އޮތް ތާނގައިވެސް މިފަދަ މަޝްރޫއުތަކުގައި އެއްބާރުލުންލާ ދިވެހިރާއްޖެއަށް ދިމާވެފައިވާ ކާބޯތަކެތި ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރުންކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީ އަޅުގަނޑުމެންގެ 'ބިލްޑް ފޯވާރޑް ބެޓާރ' ގެ ޝިޔާރުގެ ދަށުން އެޅުނު ވަރަށް މުހިންމު ފަޔަވަޅެކެވެ. މިގޮތުން ފޭސް 1 ސީޑްސް ޕްރޮޖެކްޓްގައި ވަނީ މިކަމުގެ އޮށް އިންދިފައެވެ. ނަމަވެސް ކޯވިޑް-19 އަކީ އެއް ކާރިސާއެއް ނޫނެވެ. މިއީ މުސްތަޤްބަލަށް ދެމިގެންދާނެ އަދި ހައްލެއް ހޯދުމަށް ދެމެހެއްޓެނިވި މަސައްކަތްކުރަން ޖެހޭ ކްރައިސިސްއެކެވެ. މިގޮތުން މި ސޮއިކުރެވުނު ޕްރޮޖެކްޓެގެ ސަބަބުން ދަނޑުވެރިކަމުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކާއި މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ގިނަ ގުނަ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި މިކަން ފަށައިގަނެ މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްވެސް ފަސޭހަވެގެންދާނެއެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ކުރާނެއެވެ. އަދި އިޤްތިސާދީ ރައްކާތެރިކަން ޔަޤީންވެގެންދާނެއެވެ. ދިވެހިރާއްޖޭގެ ޑިވެލޮޕްމެންޓަލް އީކޯސިސްޓެމް ކުރިއަރުވާ ފުޅާކޮށް، ޤައުމުގެ ވެލިއު ޗެއިންސް ފުރިހަމަކުރުމަށް މަސައްކަތް ކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ މިތިބީ – އަޅުގަނޑުމެންގެ ޕާރޓްނަރުންނާއިއެކެ – އަތުކުރި އޮޅާލައިގެންނެވެ. މިގޮތުން ޔޫ.އެން.ޑީ.ޕީގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އަވަސް މުސްތަޤްބަލެއްގައި ހާސިލްކުރުމެވެ." ޔޫ.އެން.ޑީ.ޕީގެ ރެސިޑަންޓް ރެޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާ ވިދާޅުވިއެވެ.
'ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' (ޕީ.ޑީ.އެސް.އޭ.އީ) ކުރިއަށް ގެންދިޔުމުގައި ޔޫ.އެން.ޑީ.ޕީ އާއި އެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްއާއި އެކުގައި އެގްރޯ ނޭޝަނަލް ކޯޕޮރޭޝަން (އެގްރޯނެޓް)، ބިޒްނަސް ސެންޓަރ ކޯޕޮރޭޝަން (ބީ.ސީ.ސީ) އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) ވެސް ބައިވެރިވާނެއެވެ.