'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޔޫ.އެން.ޑީ.ޕީ ދިވެހިރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށްވާ 'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮޖެކްޓްގެ މަޤްސަދަކީ ޒުވާނުން ބާރުވެރިކުރުވާ ދިވެހިރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި މެދު ވިސްނާ އެކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ފިލްމްގެ ޒަރިއްޔާއިން ހާމަކޮށްދިނުމެވެ. މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ  ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމްންޓަރީ-ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާނެއެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބައެކެވެ. ކޮންމެ ބައެއްވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުންނެވެ. އަދި މި ޕްރޮޖެކްޓް ނިމިގެން ދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) 5 ކުރު ފިލްމް ތައްޔާރުކުރާނެއެވެ.  މިއީ އ.ދ.ގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއާއި ގުޅުވައިގެން އެކުލެވިފައިވާ ޝިޔާރެކެވެ. ބައިވެރިންގެ ފިލްމްތައް ދެން އެކި ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމް ތަކުގައި ދެއްކޭނެއެވެ. މީގެ އިތުރުން މި ފިލްމްތައް އެކިއެކި  ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭ ޒުވާނުންގެ އެޑްވޮކަސީ މަންސިތަކުގައި ދެއްކުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެއެވެ.

ބައިވެރިވެވޭނެ ފަރާތްތައް

18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މި ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެ ތެރެއިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހޮވާލެވޭނީ 30 ފަރާތެވެ. މި ޕްރޮޖެކްޓްގައި އަންހެނުން ބައިވެރިވުމަކީ އިންތިޒާމުކުރާ ފަރާތުގެ އެދުމެކެވެ. ބައިވެރިން ހޮވުމުގައި ބޮޑަށް ބަލާނީ ފިލްމް ހެދުމުގެ ތަޖުރިބާ މަދު ފަރާތްތަކަށެވެ.

ބައިވެރިވެވޭނެ ތާރީޚު

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުޞަތު  މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 24 އޮކްޓޫބަރު 2021 އެވެ.

ބާއްވާ ތާރީޚު

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގެ ތަމްރީން ބޭއްވޭނީ އޮކްޓޫބަރު މަހުގެ ފަހު ހަފްތާގައެވެ. ތަމްރީން ބޭއްވޭނީ ހުރިހާ ބައިވެރިން އެއްތާކު ތިބެގެންނެވެ.

ބާއްވާ ތަން

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ޓްރެއިނިންގ ސެޝަންތައް ބޭއްވޭނެ ތަން ފެށޭ ތާރީޚާއި ކައިރިކޮށް ހާމަކުރެވޭނެއެވެ.

 'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައި މިވާ ލިންކުން ބައިވެރިވާ ފޯމު ހުށައެޅޭނެއެވެ.

 tinyurl.com/ffcca21

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.