ފަޅިމޫނު - 126

(8 ސެޕްޓެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ މަޑުމަޑުން ހިނގާފައި ގޮސް ފާޚާނާ ދޮށަށް ހުއްޓިއްޖެއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. އަދި މޫނުގައި އަތް ކާއްތައިލިއެވެ. އޭނާ ގެންދިޔައީ ވިސްނަމުންނެވެ. އަހަރެންގެ ކިބައިގައި ހުރީ ކޮން އުނިކަމެއް ހެއްޔެވެ؟ އަހަރެން މިއީ ރީތި މީހަކީމެވެ. ފައިސާވެރިއަކީމެވެ. ގަދަރުވެރިއަކީމެވެ. މި ހުރިހައި ކަމަކާއެކުވެސް އޭނާ އަހަރެންގެ މައްޗަށް ނުލެނބިގެން އުޅެނީ ކީއް ވެގެން ހެއްޔެވެ؟ އޭނާގެ ފިރިމީހާއަކީ ކާކު ހެއްޔެވެ؟ އަހަންނަށްވުރެ ބޮޑު ގަދަރުވެރިއަކީ ހެއްޔެވެ؟ އަހަންނަށް ވުރެ ބޮޑު ފައިސާވެރިއަކީ ހެއްޔެވެ؟ އަހަންނަށް ވުރެ ރީތި މީހަކީ ހެއްޔެވެ؟ އެއީ ކާކު ބާވައެވެ؟

ސިކުނޑި އޭނާއަށް ވިސްނައި ދިނެވެ. އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް އެ މީހެއްގެ ކުރިމަތީގައި ރުޚްސާނާ އެހެން އެއްވެސް މީހަކަށް އިސްކަމެއް ނުދޭނެއެވެ. އޭނާ އައީ ހުސްހަށިބައި މީހެއްގެ ނަމުގައެވެ. ފިރިމީހާ ބެހެއްޓީ އަހަންނަށް ފޮރުވާފައެވެ. އެކަމަކުވެސް ފިރިމީހާގެ އަގު އޭނާ ހިފެހެއްޓިއެވެ. އެއް ފަހަރަކު އަހަރެން އޭނާގެ އަތުގައި ހިފައިލީމާވެސް ފޮޅުވައިލިއެވެ. އޭނާ އެހެރީ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ވަކި މީހަކަށްޓަކައި ވަގުފު ވެގެންނެވެ. އެމީހަކީ ކާކު ހެއްޔެވެ؟

ޖަމްޝީދު ދަތްކުނޑި ވިކައިލުމަށް ފަހު އަނެއްކާވެސް ލޯގަނޑުން އޭނާގެ ސޫރއަށް ބަލާން ފަށައިފިއެވެ. އެއް ކަމެއް ޔަގީނެވެ. އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް އެމީހަކީ ފަގީރެކެވެ. ރުޚްސާނާގެ ޕްލާސްޓިކް ސާޖަރީގެ ޚަރަދު އުފުލޭ ވަރުގެ މީހެއް ނޫނެވެ. ކިހައި ވަރުގަދަ ކަމެއް ހެއްޔެވެ؟ ރުޚްސާނާ އެ ހުންނަނީ އެމީހާގެ ފަގީރުކަން ދެކެވެސް ލޯބި ވެގެންނެވެ. ލޯބީގެ މިންވަރު ހުރިވަރު ނިކަން ވިސްނައިބަލާށެވެ. އެހެރީ އެމީހާއަށްޓަކައި މި ރަށުގައި ގަނަތެޅޭންވެސް ތައްޔާރަށެވެ. އަހަރެންގެ ފަރާތުންވެސް އަދި ބައްޕަގެ ފަރާތުންވެސް އެއްވެސް ކަހަލަ އެހީއެއް ބޭނުމެއް ނުކުރާނެއެވެ. އެމީހާގެ ކިބައިގައި ހުރީ ކޮން ކަހަލަ ކަޝިޝެއް ހެއްޔެވެ؟

އެއީވެސް އިންސާނެއްގެ ދަރިއެއްކަން ޔަގީނެވެ. ކޮންމެވެސް ކަހަލަ ބަލިފައެއް ހުންނާނެއެވެ. އެއީ ދަހިވެތި މީހަކަށް ވެދާނެއެވެ. އެހެން ވެއްޖެ ނަމަ އަހަންނަށް އޭނާ ގަނެލެވިދާނެއެވެ. އެއީ އައްޔާޝީ މީހަކަށް ވެދާނެއެވެ. އަނބިމީހާ އޭނާގެ މައިންބަފައިންގެ ގެއަށް ފޮނުވައިލާފައި އެހެން އަންހެނުންނާއެކީ ލޯބީގެ ކުޅިގަނޑު ކުޅޭ ފިރިހެނުން މަދެއް ނޫނެވެ. އެމީހާ އެހެރީ ރުޚްސާނާ އެތައް ހާސް މޭލު ދުރަށް ފޮނުވާލައިގެންނެވެ. މިހާރު ކުރަނީ ކީއް ކަމެއްވެސް ނޭނގެއެވެ. އެ މީހާޔާ ބެހޭ މައުލޫމާތު ހޯދުމަކީ މިހާރު ކޮންމެހެންވެސް ކުރާން ވެއްޖެ ކަމެކެވެ.

އެކަމަކު މައުލޫމާތު ހޯދާނީ ކިހިނެއް ހެއްޔެވެ؟

އޭނާ ރުޅިވެރިކަމާއެކު ލޯގަނޑާ ދިމާއަށް ބަލައިލާފައި ގޮށްމުށް ކަވައިލިއެވެ. "ކަލޭ ތިޔައީ ކާކު؟"

* * *

އޭނާ ކާރުގައި އިނދެގެން ކުޑަދޮރާ ދިމާއަށް ބަލައިލިއެވެ. ކާރުގެ އަލި ހުރީ މުޅި ކުޑަދޮރަށް ރަނގަޅަށް އެޅިފައެވެ. ކުޑަދޮރު ހުޅުވިދާނޭ ކަމުގެ އިންތިޒާރުގައި ކުޑަ އިރުކޮޅަކު އިނދެފައި އޭނާ ކާރުގެ ބޮކި ނިއްވައިލިއެވެ. އަދި ކާރު އިސްޓާޓު ކުރުމަށް ފަހު މަޑުމަޑުން މަގުގެ އެއް ފަރާތަކަށް ޖައްސައި މަގާ ވަޑިފަތިކޮށް ބާއްވައިލިއެވެ. އެއީ ދެކޭ މީހަކަށް ޝައްކު ނުކުރެވޭ ގޮތް ހެދުމުގެ ބޭނުމުގައެވެ.

ފަރުޒާނާ އިނީ އަދިވެސް ފާރަށް ލެނގިލައިގެންނެވެ. އޭނާއަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް އުނދަގޫ ހާލަތެކެވެ. ކުޑަ ދޮރު ހުޅުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ބާދްޝާއަށް ހެޔޮ ވިސްހުމެއް ލިބިގެން އެތަނުން ދާނޭގޮތް މެދުވެރި ކުރައްވާތޯ އޭނާ ގެންދިޔައީ ހިތުގެ އަޑީން ދުޢާ ކުރަމުންނެވެ.

އެ ވަގުތު އަނެއްކާވެސް ކާރު އިސްޓާޓު ކުރި އަޑު އިވިއްޖެއެވެ. ކާރު ދުރަށް ދަނީއޭ ހީވާ ކަހަލަ ގޮތަކަށް އަޑު އިވުނެވެ. ބާދްޝާ އެނބުރި ދަނީއޭ ހިތައި އޭނާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އެކަމަކު އެ ދަނީއޭ ހިތަށް އެރީމާ އަޖައިބެއް ކަހަލަ ނުތަނަވަސްކަމެއްވެސް އޭނާގެ ހިތަށް ވެރިވިއެވެ. ދެ ގޮތުން ކުރެ ގޮތެއް ކަމުނުދަނީ ކަހަލައެވެ.

އޭނާ ދޮރުފޮތިގަނޑު ކުޑަކޮށް ކަހައިލާފައި ކުޑަދޮރު ވަރަށް ކުޑަކޮށް ހުޅުވައިލިއެވެ. ހުހަށް އޮތް މަގުގެ އަނެއް ފަރާތުގައި ބާދްޝާގެ ކާރު އޮތެވެ. އެހެންވީމާ އޭނާ ގަސްތުކޮށްގެން އެ އޮތީ މިރޭ ކާރުގައި ނިދާންކަން ޔަގީން ވެއްޖެއެވެ. އެއީ ވަރަށް ގޮތް ދޫނުކުރާ މީހެކެވެ.

ފަރުޒާނާ އަވަސްއަވަހަށް ކުޑަދޮރު ލައްޕައިލިއެވެ. ބިރުން ހިތް ތެޅިތެޅި އޮތް ހާލު މަޑުމަޑުން ގޮސް އެނދުގައި އިށީނދެއްޖެއެވެ.

ކުރީރޭ މަންމައަށް ފޮތްފޮށި ކިޔެވުން ގޭގައި އޮތެވެ. އެޔަށް ފަހު އޭނާ އިނީ ރޭގަނޑު ހަތަރު ދަމު ހޭލައި ރޯށެވެ. މަންމަ ހަނދާން ވާ ވަރުން ލޮލަކަށް ނިންޖެއް ނައެވެ. އެތައް ދުވަހެއްގެ ފީީކޯތް ކުޅުމަށް ފަހު މިއަދު ބާދްޝާއާ ބައްދަލުވީއެވެ. އެ ބައްދަލުވުމުގެ ސަބަބުން ޒަމާންވީ ޒަޚަމްތަކުގައި ތޫނު ބޭސް އެޅުނީއެވެ. ބޭހުގެ އަސަރާއެކު އޭނާ މެންދުރުފަހާ ހަމައަށް އޮތީ ނިދައިފައެވެ. އެކަމަކު ދެތިން ފަހަރަކު ސިހިފައި ހޭލެވުނެވެ. އޭނާ އަންނަނީއޭ ހިތަށް އަރާ ވަރުންނެވެ.

އޭނާ އެ އޮތީ އައިހެވެ. ބޭނުމަކީ ރޭގަނޑު ހަތަރުދަމު ނިދިޔަ ނުދިނުމެވެ. ހިތުގައި ޖެއްސުމެވެ. ތެޅުވުމެވެ. އޭނާ މި ވަގުތު އޭނާ އެހެރީއަކީ ބާދްޝާގެ ކުރިމައްޗަކު ނޫނެވެ. އޭނާ ގޭތެރެއަކަށް ނުވަދެއެވެ. ދޮރު ހުރީ ތަންޑު އަޅުވައިފައެވެ. އޭނާއަކަށް ފަރުޒާނާ ނުފެންނާނެއެވެ. ގަޔަށް އަތްލައި އަނިޔާއެއް ނުކުރެވޭނެއެވެ. އޭނާ ރުހޭ ގޮތަކަށް އަނބުރުވައިލާކަށް އެއްވެސް ކަމެއް މި ވަގުތަކު ނުކުރެވޭނެއެވެ. ފަރުޒާނާ ގެންދިޔައީ މި ކަހަލަ ވިސްނުމެއްގެ ތެރޭގައި އިނދެގެން އަމިއްލައަށް ހިތްހަމަ ޖެއްސޭތޯ މަސައްކަތް ކުރަމުންނެވެ.

ނިދުމުގެ ކުރިން އޭނާ ދޯޕައްޓާ ނަގައި ރޯނުގައި އަޅުވައިލައެވެ. އެކަމަކު މިހާރު އޭނާ އެހެރީ ދޯޕައްޓާއިން ބޮލާއި މޭ ނިވައިކޮށްގެންނެވެ. އިރުއިރުކޮޅާ ދޯޕައްޓާ ރަނގަޅުވެސް ކޮށްލަކޮށްލައެވެ. ބައެއް ފަހަރަށް ކުރިމަތިވާ ހާލަތެއްގެ ސަބަބުން ހަތަރު ފަރާތުން އެތައް ބަޔަކު ބަލަމުން އެބަގެންދެއޭ ހީވާގޮތްވެސް ވެއެވެ.

ކޮޓަރީގެ ބޮކި ހުރީ ނިއްވައިފައެވެ. ބަދިގޭގައި އޮތް ބޮކިން ކޮޓަރި ތެރެއަށް ކޮންމެވެސް ވަރަކަށް އަލި ފާއްދާލާފައި ހުއްޓެވެ. އޭނާ ދޮރާ ދިމާއަށް ބަލައިލިއެވެ. ގޭގެ މައިދޮރު ހުރީ ލައްޕައި ތަންޑު އަޅުވައިފައެވެ. ކުލިނިކުން ގޭތެރެއަށް ވަންނަ ދޮރުވެސް ހުރީ ތަންޑު އަޅުވައިފައެވެ. ދެ ދޮރުވެސް އެހައި ވަރުގަދައެވެ. އޭނާ ސިހި ކަންބޮޑުވެފައި އިން ނަމަވެސް މަޑުމަޑުން އެނދުގައި އޮށޯވެއްޖެއެވެ.

އޭނާގެ ހިތުގައި ހިނގަމުންދާ މަސްހުނި ޖަޒުބާތެކޭ އެއްފަދައިން ރޭގަނޑުވެސް ވަނީ އަނދިރިވެ ތަންދޮރު ނޭނގޭވަރު ވެފައެވެ. އޭނާ ދެބައިކުޅަ އެއްބަޔަށް ލޯ ހުޅުވައިގެން އޮވެ އަނދިރިކަމުގެ ތެރެއަށް ނަޒަރު ހިންގަނީއެވެ. ކޮޓަރީގެ އެއްކަނުން ބާދްޝާ ޖާނީގެ ހުދު ދަތްތައް ފެންނަހެން ހީވެއެވެ. އޭނާ އެ ގެންދަނީ ލޯތްބާއެކު ހިނިތުންވަމުންނެވެ. އަދި ފަރުޒާނާ ރޮލާ ކައިލާނަމޭ ބުނާ ކަހަލަ ނަޒަރަކުން ބަލަމުންވެސް ގެންދަނީއެވެ. އޭނާ ކަންބޮޑުވެފައި އެހެން ދިމާއަކަށް ބަލާން ފަށައިފިއެވެ. މިހާރު އެ ބަލަނީ ދޮރާ ދިމާއަށެވެ. ކުއްލިއަކަށް ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ފާޑަކަށް ކުރުގެޅިގެންފިއެވެ.

ކޮން ކަހަލަ ވިލާގަނޑެއް ހެއްޔެވެ؟ ވާރެއެއް ނުވެހެއެވެ. ބޯމަތިން ކެހިގެންނެއްވެސް ނުދިޔައެވެ.

އޭނާ ތެޅިގެންފައި ކަހަލަ ގޮތަކަށް ތެދުވެ އިށީނދެއްޖެއެވެ. އެނދުގައި އޮވެގެންނެއް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެ އަތަކަށް ފުރޮޅުނަސް ވާ ކަމެއް ހަރާމެވެ. އިރުކޮޅަކު އެހެން އިނދެފައި އެނދުން ފައިބައިފިއެވެ. ގޭތެރެ މިހާރު ބޭރަށްވުރެ މާ ބިރުވެރިއެވެ. އިރުކޮޅަކު ދެކޮޅަށް ކުރުކާލި ކެނޑުމަށް ފަހު ގޮސް މޭޒުމަތީގައި ހުރި މާޖަހާއެތި ރަނގަޅު ކޮށްލިއެވެ. އެޔަށް ފަހު ފޮތިގަނޑެއް ހިފައިގެން އައިސް މޭޒު ފޮހެލައިފިއެވެ. ދެން ސޯފާ ފޮޅައި ސާފު ކުރާން ފަށައިފިއެވެ. މާދަމާވެސް ފޮތްފޮށި ކިޔެވުން އޮންނާނެއެވެ. ކިޔަވާ މީހުން އަންނަން ވާއިރަށް ގޭތެރެ ފޮޅައި ސާފުކޮށްލާނީއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ ގޮސް ބޮކި ދިއްލައިލިއެވެ. މުޅި ގޭތެރެއަށް އަލިކަން ފެތުރިގެން ހިނގައްޖެއެވެ.

އަލިވުމާއެކު އޭނާގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. ކުރެވުނު މޮޔަކަންތައް ހިތަށް އެރީމާ ވަރަށް ކަންބޮޑު ވެއްޖެއެވެ. ގޭތެރޭގެ އަލި ކުޑަދޮރުން ބޭރަށް ފެންނާނެއެވެ. އޭނާ ކުޑަދޮރާ ދިމާއަށް ބަލައިލިއެވެ. ދެން ކުރާނޭ ކަމެއް ނެތެވެ. ތީރު ދުނިދަނޑިން ދޫވެއްޖެއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.