ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓުގެ ވޯޓުލުމުގެ ވަޤުތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓުލުމުގެ ވަގުތު 05:00 އަށް އިތުރުކޮށްފައިވާ ކަމަށާއި މިގޮތަށް ނިންމީ ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ކަމަށެވެ.
މި ފަހަރުގެ އިންތިޚާބުގައި ޖުމްލަ 255 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރާއިރު، ދާއިރާތަކާއި މަގާމުތަކުގެ އަދަދު ދެ އިންތިޚާބުގައިވެސް އެއްވަރަކަށް ހުރިކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.
އެގޮތުން ކައުންސިލްތަކުގެ 680 މަގާމަކަށް 1,358 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 680 މަގާމަށް 1,597 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އިލެކްޝަންސް އިން ބުނާ ގޮތުގައި މި އަދަދުތަކުން ދޭހަވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އޮތް ޝައުގުވެރިކަން މިފަހަރު ބޮޑުވެފައިވާ ކަމެވެ.

