(24 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އާނ. މިއަދު ބޭބެ ކޮންމެވެސް ދަންނަބޭކަލަކާ ބައްލަދުކުރާން ދިޔަ. ދާނެ ކަމެއް ނެތޭ އެއީ ބޭކާރު ކަމެކޭ އަހަރެން ބުނިން. ބޭބެ ބުނީ ދޮގާއި ތެދު ވަކި ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެކޭ. ކޮންމެ ކަމެއްގައިވެސް މުޅީން ޔަގީންކަން އޮންނާން ވާނެއޭވެސް ބުނި. އެއީވެސް މުޅިއަކުން ދޮގެއް ނޫން. ދަތުރު ކުރެވެނީ ދޮގުގެ މަގަކުންތޯ ތެދުގެ މަގަކުންތޯ ކަށަވަރު ކުރަން ވާނެތާ."
ބާދްޝާ އެނދުގައި އިށީނދެއްޖެއެވެ. ރުޚްސާނާވެސް އައިސް ކައިރީގައި އިށީނދެ ބާދްޝާގެ ކޮނޑުގައި ބޯ ޖައްސައިލިއެވެ. "ޖާނީ އިންޖިނޭރުބޭބެގެ ކުރިމަތީގައި އެއްކަލަ ދުވަހު ދެއްކި ވާހަކަ ހަނދާން އެބަހުރިތަ؟ ކޮންމެ ގޮތެއް ވިޔަސް އަހަރެން ދޫކޮށްނުލާނަމޭ ބުނީމެއްނު؟ އެހެންވީމާ ތެދާއި ދޮގުގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟"
"އެއްގޮތަކުން ބަލާއިރު މާބޮޑު ބޭނުމެއް ނެތް. އެކަމަކު ރުޚްސާނާއަކީ އަހަންނަށްވުރެ މާ ބުއްދިވެރި މީހެއް. އެހެންވީމާ އަހަންނަކަށް އެއްވެސް ކަމެއް ވިސްނައެއް ނުދެވޭނެ. ކާރަށް މައްސަލައެއް ދިމާވީމާ ވަގަށް ނަގައިފައި ހުންނަ އެއްޗެހި އަޅުވައިގެން މަރާމާތު ކުރުމަކީ އަހަރެމެން ކުރާ ކަމެއް. ކާރު ދުވެދުވެ އޮވޭ. މައްސަލައެއްވެސް ނުޖެހޭ. އެކަމަކު އެއްކަލަ ވަގު ސާމާނު ކާރުގައި ހުރޭ. ހަމަ އެގޮތަށް އަހަރެމެން ދެމީހުންގެ ލޯބީގެ ދިރިއުޅުން ހަމަ މި ގޮތަށް ކުރިއަށް ދާނެ. އެކަމަކު ކާވެނި އެ މައްޗަށް ބިނާ ކުރެވުނު މަކަރާއި ހީލަތް އޮތް ގޮތަށް އޮންނާނެ. ފިލައިގެންނެއް ނުދާނެ."
"ޖާނީއަކަށް ހަނދާން ނައްތައެއް ނުލެވޭނެތަ؟"
"ރުޚްސާނާއަށް ހަނދާން ނައްތައި ލެވޭނެތަ؟ އެކަނި އިންނައިރު އަހަރެމެންގެ ކާވެނި ކުރެވުނު ގޮތް ހަނދާނެއް ނުވޭތަ؟ އަހަރެމެން ދެމީހުން ދުނިޔޭގައި ތިބިހައި ދުވަހަކު... އަހަރެމެންގެ ދަރިން ގަދަވެ ސަލާމަތުން ދުނިޔޭގައި އުޅޭހައި ދުވަހަކު އަހަރެމެންގެ ކާވެނީގެ ވާހަކަ ހުއްޓޭނެތަ؟ ދަރިންނަށް އެކަން ހަނދާން ނައްތައިލެވޭނެތަ؟"
"ތިޔަ ވާހަކައިގެ މާނައަކީ އަނތްބެއްގެ ގޮތުގައި އަހަރެން ގަބޫލު ކުރިޔަސް ޖާނީ އަހަންނަކަށް މާފެއް ނުކުރެއޭ."
"ރުޚްސާނާއަކަށް އަހަރެންގެ ހިތެއް ނޭނގޭނެ. އަހަރެން ދުވަހަކުވެސް ރުޚްސާނާގެ ނުބައި ކަންތައްތަކުގެ ހިސާބެއް ނުބަލަން. އަހަރެން މި ހުންނަނީ ހެޔޮ ހިތުން ރުޚްސާނާ ބަލައިގަނެގެން. އަނތްބެއް ކަމަށް ގަބޫލު ކޮށްގެން. އަހަރެން މި ދައްކަނީ އުސޫލެއްގެ ވާހަކަ. ރުޚްސާނާއަކީ ކިޔަވައިގެން އިން މީހެއް. އަހަންނަށްވުރެ ވިސްނުން ތޫނު މީހެއް. ގަވާއިދާއި އުސޫލަކީ އެ އޮންނަ ގޮތަކަށް އޮންނަ އެއްޗެއް. އަހަރެމެން ދެމީހުން ބޭނުން ވިޔަސް އެޔަކަށް ބަދަލެއް ނުގެނެވޭނެ."
ރުޚްސާނާ ތެދުވެއްޖެއެވެ. ދަރިފުޅު ބާދްޝާގެ އުނގުގައި އޮވެގެން ހިނިތުންވަނީއެވެ. އެ ދެމީހުންގެ ދެމެދުގައި ލޯބީގެ މަލެއް ފޮޅެމުން އެބަދެއެވެ. އެކަމަކު އެމަލާއެކު ހިތަށް ކަށްޓެއްވެސް ދިޔައީ ހެރެމުންނެވެ. އޭނާ އިސް ދަށަށް ޖަހައިލައިގެން މަޑުމަޑުން ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ. އޭރު މަންމަ ނިދާން ވެގެން ފަތްޖެހި އެނދު ބަހައްޓަނީއެވެ. އޭނާ ފެނުމާއެކު މަންމަ އަމުނައިގެންފިއެވެ. "މި ފިރިހެނުންނަކީ ބޯމަތީގައި ދާއިމަށް އުޑު އޮންނަހެން އަހަރެމެންގެ ބޯމައްޗަށް ފެތުރިފައި ތިބޭ ބައެއް ނޫން. ވިލާގަނޑެއްހެން އިރުކޮޅަކަށް ހިޔާ އަޅައިފައި ކައްސާލައިގެން ދާ ބައެއް. ލަނޑެއް ލިބުނީމާ ނޫނީ މައިންގެ އަހުމިއްޔަތުކަމެއް އެއިން މީހެއްގެ ބޮލަކަށް ނުވަންނާނެ."
މަންމަ ފަތްޖެހި އެނދުގައި އިށީދެއްޖެއެވެ. ރުޚްސާނާގެ މަންމަގެ އުނގުގައި ބޯ އަޅައިގެން އޮށޯވެ ރޯން ފަށައިފިއެވެ. މަންމަ ހުރިހައި ކަމެއް ހަނދާން ނައްތައިލާފައި ރުޚްސާނާގެ ބޮލުގައި ފިރުމައިލިއެވެ. "ދަރިފުޅާ. ކިހިނެއްވީ؟"
"މަންމާ. އިންޖިނޭރުބޭބެ..."
"އެ ބޭގަނޑުގެ ވާހަކަ ނުދައްކާ. ނަން އިވުނަސް ހީވަނީ އަހަރެންގެ މުޅި ހަށިގަނޑުގައި ހުޅު ހިފާހެން."
"މަންމާ. ޖާނީ ދެންމެ ބުނީ އިންޖިނޭރު ބޭބެ މިއަދު ދަންނަބޭލަކާ ވާހަކަ ދައްކާން ދިޔައޭ."
"އެހެންތަ؟ ދެން ވީ ކިހިނެއް؟"
"ވީ ގޮތެއް ނޭނގޭ. އެނބުރި އަންނާނީ ފަތުވާއެއް ހޯދައިގެންނެއްނު؟"
"ދަރިފުޅާ. ފަތުވާ ލިބުނީ ދަރިފުޅާ ދެކޮޅަށް ނަމަ މިހާރު އެބޭގަނޑު ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލާން މިގެއަށް އަތުވެއްޖައީސް. މިހާރު އެހެރަގެން އެއްގަޑި ބައި ވަނީ. އޭނާއަކަށް ހަމަޖެހިލައިގެން ނުވެސް ނިދޭނެ. އޭނާގެ އުއްމީދުތައް ފުރިހަމައެއް ނުވި. އެބޭ..."
މަންމަގެ ވާހަކަ އިވުނީމާ އޭނާގެ ހިތަށް ކުޑަ ތަސައްލީއެއް ލިބިއްޖެއެވެ. ބޯ ހިއްލައިލުމަށް ފަހު މަންމަގެ މޫނަށް ބަލައިލިއެވެ. "ތިޔައީ ރަނގަޅު ވާހަކައެއް. އިންޖިނޭރުބޭބެ އެމީހަކާ ބައްދަލު ކުރަން ދިޔައީ ދުވާލު. މިހާރު މެންދަމުން އަލިވެއްޖެ. އަހަންނާ ދެކޮޅަށް އެއްވެސް ކަމެއް އެނގުނު ނަމަ މިރޭނަމަވެސް އައީސް."
އޭނާގެ ވާހަކަ ނިމުނުތަނާ ބޭރުން ކާރެއްގެ އަޑު އިވިއްޖެއެވެ. އޭނާގެ މޭގަނޑު ފުންމައިގެން އަނގަޔަށް އައި ކަހަލައެވެ.
މަންމަ ބުންޏެވެ. "ޝައިތާނާގެ ނަން ގަތުމާއެކު އަންނާނެއޭ މުސްކުޅިން ބުނޭ. އެ ބޭގަނޑު މަރުވާނެނަމަ ކިހައި ރަނގަޅު."
ދެމީހުން އެނދުން ތެދުވެއްޖެއެވެ. ހިނގާފައި ގޮސް ފެންޑާއަށް ނުކުމެއްޖެއެވެ. އޭރު ބާދްޝާވެސް ދަރިފުޅު އުރައިގެން ނުކުމެއްޖެއެވެ. ގޭދޮށަށް އައީ ބާދްޝާގެ އަނެއް ކާރެވެ. ޑުރައިވަރު ކާރުން ފައިބައިގެން ހަލު ފިޔަވަޅުތަކެއް އަޅަމުން ގޭ ދޮރުމައްޗަށް އަތުވެއްޖެއެވެ. "ވެރިޔާ. ވަރަށް ދެރަ ޚަބަރެއް. އަހަރެމެންގެ އިންޖިނޭރުބޭބެ ނިޔާވެއްޖެ."
އެޔާއެކު މަންމައަށް އުފަލުން ހަޅޭއް ލަވައިގަނެވުނެވެ. "އެހެންތަ؟ ހަމަ މަރުވީތަ؟"
ބާދްޝާ މައިދައިތަޔާ ދިމާއަށް ކަޅި އަޅައިލިއެވެ. އެޔާއެކު އޭނާގެ ރާގު ބަދަލު ވެއްޖެއެވެ. "އަސްތާ... ހާދަހާ ދެރަ ޚަބަރެކޭ. އެ ފަކީރު މަރުވީ ކިހިނެއް؟ އެއީ ހާދަހާ ރަނގަޅު، މާތް މީހެކޭ. މިއީ އަދި ދުނިޔޭގައި ހަމަޖެހިގެން އުފަލުގައި އުޅޭން އޮތް އުމުރު. އަހަރެންގެ ހިތް އުފަ... ބާރަށް ރޮނީ. މަރުގެ ޚަބަރަކީވެސް އަޖައިބެއް ކަހަލަ ޚަބަރެއް."
ބާދްޝާ ސުވާލު ކުށްލިއެވެ. "ކަލޭ ތިޔަ އައީ މަސްތުވެގެންތަ؟ ތިޔައީ ކިހިނެއް ވާނެ ކަމެއް؟ މިއަދު ބޭބެ ގެންގޮސް ބޭބެ ބުނި ގެޔަށް ލައިދިނީ އަހަރެން."
"ވެރިޔާ. އަހަރެން މިހިރީ މަސްތު ވެގެންނެއް ނޫން. ކުޑޭ ބުނި ގޮތުގައި ބޭބެ އައީ ޕީރް ކޮލޮނީއާ ދިމާއިން ހިނގާފައި. ކުއްލިއަކަށް ނުކުތް ލޯރިއެއްގައި ބޭބެ ޖެހުނީ. ކޮންމެވެސް ބަޔަކު ބޭބެ ނަގައިގަނެގެން ހަސްފަތާލަކަށް ގެންދިޔައީ. ގެންދިޔަ ފަހުން އެއް ފަހަރު ހޭއެރި ކަމަށް ވަނީ. އެ ވަގުތު ޑަކްޓަރުން ސުވާލު ކުރީމާ ގޭގެ އެޑުރެސް ކިޔައިދިނޯ. އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ހޭނެތުނީ. އޭގެ ފަހަކުން ހެއެއް ނާރާ."
ޖާނީ ވިސްނާން ފަށައިފިއެވެ. "އެހެން ވެއްޖެއްޔާ އެކްސިޑެންޓުވީ އެގެއިން ނުކުމެގެން އަންނަނިކޮށްތާ. ހާދަހާ ދެރައޭ. ރުޚްސާނާ. އަހަރެން ނުގޮހެއް ނުވާނެ."
ދަރިފުޅު ރުޚްސާނާއާ ހަވާލުކޮށްފައި ގޮސް ބާދްޝާ އޭނާ ދުއްވާ ކާރަށް އަރައިފިއެވެ. ކާރު ގޮސް އޮބައިލީމާ ރުޚްސާނާގެ ދެމައިން އެތެރެއަށް ވަދެއްޖެއެވެ.
މަންމަ މަޑުމަޑުން ބުނެލިއެވެ. "ވިސްނައިލަބަލަ. އެ ބޭބެ ދަންނަބޭކަލެއްގެ ގާތަށް ދިޔައީ އަހަރެމެންގެ ކަށްވަޅު ކޮންނާން ވެގެން. އެންމެ ފަހުން މި ކޮނެވުނީ ޚުދު އޭނާގެ ކަށްވަޅަށް."
ރުޚްސާނާއަށްވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލބުނެވެ. އެކަމަކު ދެރަވެސް ވިއެވެ. "މަންމާ. ތިޔަ ކަހަލަ ވާހަކަ ނުދައްކާ. ކޮންމެ މީހަކުވެސް މަރުވާނެ."
"އާނ. ކޮންމެ މީހަކުވެސް މަރުވާނެ. އެކަމަކު މީހަކަށް ދެރައެއް ދޭން ރާވަނިކޮށް މަރުވާ މީހަކުގެ މަރާމެދު ދެރަވާނެ ކަމެއް ނެތް."
(ނުނިމޭ)
vvv.reecy shukuran