އެގްޒިޓް ޕޮލް ވަރަށް ސާފު ކަމަށާއި އެމްޑީޕީއަށް ކާމިޔާބު ލިބެމުންދާތަން އެބަ ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚަބުގައި ވޯޓު ލެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމެއް ބިނާ ކުރެވޭނީ ވޯޓުގައި ބައިވެރިވެގެންނެވެ. އެއީ ރައްޔިތުންގެ މަސްއޫލިއްޔަތެކެވެ. ވޯޓުގައި ބައިވެރި ނުވުމަކީ ހައްލެއް ނޫނެވެ. އެހެންވީމާ ކޮންމެވެސް އެކަކަށް ވޯޓުލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންގެ ޝަކުވާ ގަބޫލުފުޅު ކުރައްވައެވެ. ނިޒާމު ފުރިހަމަ ނުވުމުގެ ޝަކުވާ އެބަހުއްޓެވެ. އާލަމީވަބާއަކާ ކުރިަމތި ވުމުގެ ސަބަބުން ދިމާވީ ދަތިތަކެއް އެބަހުއްޓެވެ. އެހެންވީމާ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދެވެ. އެއީ އަބަދުވެސް ލޯކަލް ކައުންސިލް އިނަތިޚާބުގައި ކަން ދިމާވާ ގޮތް ކަމަށާއި މާލޭގައި ގިނަ ފަހަރަށް ސާޅީސް އިންސައްތަވެސް ވޯޓުލާން ނުކުންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ލަފާ ކުރައްވާ ގޮތުގައި ފަސްދޮޅަހާއި ހަތްދިހައާ ދެމެދުގެ އިންސައްތައަކަށް ވޯޓުލާން ނުކުންނާނެއެވެ.