ޢާސިފްގެ ވަޢުދު: ރައްޔިތުން ގޮވައިގެން ވަންނާނީ ބަގީޗާ ތަކަށް!

ލޯކަލް ކައުންސިލް އިންތިޚާބަށްވެސް ކެންޑިޑޭޓުން ކުރާ ވަޢުދުތައް ބޮޑުވެފައި ވަރުގަދަ ވެއްޖެއެވެ. މިފަހަރު ސ. މަރަދޫ ދާއިރާގެ ކައުންސިލް މެމްބަރު ކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޢާސިފް ވަޖުދީގެ ވަޢުދުތައް ވެސް އެހާ ހިތްގައިމެވެ. އޭނާ ވިދާޅުވީ ކައުންސިލް ގެ ގޮނޑިއަށް އިންތިޚާބު ކޮށްދެއްވައިފިނަމަ ރައްޔިތުންނާއެކު ވަދެވަޑައިގަންނަވާނީ ބަގީޗާތަކަށް ކަމަށެވެ. އެ ބަގީޗާ ތަކުގައި ހައްދާނީ ތަރުކާރީއާއި މޭވާގަސްތަކެވެ. އުފައްދަނީ ގަސްކާނާއެވެ. ބޭނުމަކީ ކުރާނެ މަސައްކަތެއް މީހުންނަށް ދެއްކުމެވެ. ކަންކަމުގައި މީހުން މަސްއޫލު ކުރުވުމެވެ.

ޢާސިފަކީ ކާކު؟

ޢާސިފް ވަޖުދީއަކީ ސ. މަރަދުއަށް އުފަން އެރަށުގެ ދަރިއެކެވެ. 2004 ވަނަ އަހަރުން ފެށިގެން މޯލްޑިވިއަން ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ) މެމްބަރެކެވެ. ރީނދޫ ލަޝްކަރުގެ ބައިވެރިއެކެވެ. ޖާޒީރާ ރާއްޖޭގެ ތަސައްވުރު ރާއްޖެއަށް ފުޅާކޮށް އެތަސައްވުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާ ވަޒީފާ އަދާ ކުރައްވަނީ ޕްލޭނިން މިނިސްޓްރީގެ އައްޑޫ ގޮފީގައެވެ.

ކީއްވެ ކުރިމަތި ލެއްވީ؟

މަރަދޫ ދާއިރާގެ ކައުންސިލަރަކަށް ކުރިމަތި ލެއްވީ އައްޑޫ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ފޮނި އުންމީދުގައެވެ. ރައްޔިތުންގެ އަސާސީ ބޭނުންތަކުން ފެށިގެން އެހެނިހެން ޚިދުމަތްތައް ފޯރުކޮށް ދެއްވުމުން ޢަޒުމުގައެވެ. ޝަކުވާތަކަށް ނިންމުން ގެނެސްދިނުމުގެ ފިކުރާއި ވިސްނުމުގައެވެ. އޭނާ މިކަމަށް ކުރިމަތި ލެއްވީ ހުސްއަތާގެން ނޫނެވެ. ވަރުގަދަ ތަސައްވުރަކާއެކުގައެވެ. އޭނާގެ ތަރައްޤީގެ ޕްލޭން އެއްކޮށް ރާވައި ގުޅުވާފައިވަނީ އިސްލާމްދީނާއެވެ. ޕްލޭންތައް އެކަށަ އަޅުއްވައިފައިވަނީ އިސްލާމީ ވަންތަކަމާއި އެސިފަވަންތަ ކަމުގެ މައްޗަށެވެ.

ޚާއްސަ ސިފަތައް

  • ކުރިމަތި ލައްވާފައި ތިއްބެވި އެހެން ކެންޑިޑޭޓުންނާ އަޅާ ކިޔާއިރު އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު
  • ވަކި ކުލައަކަށް ބެލުމެއްނެތި އެންމެނާ ގުޅޭ ކެންޑިޑޭޓު
  • އެންމެ ޤާބިލް އެންމެ ހުނަރުވެރި ކެންޑިޑޭޓު

ކައުންސިލަށް އިންތިޚާބު ކޮށްދެއްވައިފިނަމަ

  • އިސްލާމް ދީނަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިސްކިތްތަކުގައި ތަފާތު ޕްރޮގްރާމްތައް ހިނގުން.
  • ސިޓީގެ އަވަށްތަކުގެ މިސްކިތްތަކުގައި ހިލޭ ގުރުއާން ކިޔަވައި ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • ރައްޔިތުންގެ ކަންކަން މަޝްވަރާގެ މަތީން ރައްޔިތުން ބޭނުންވާ ގޮތަކަށް ކޮށްދިނުން.
  • އެއްވެސް މީހަކު ތަފާތު ކުރުމެއްނެތި އެންމެނަށް ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުން.
  • ރައްޔިތުންގެ ކަންކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންކަން ކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރުން.
  • ސްކޫލްތައް ޒިންމާދާރު ކުރުވައި މުޖުތަމަޢަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ފޯރުކޮށްދޭ ތަންތަނަށް ސްކޫލްތައް ހެދުން.
  • ތަފާތު ފަންނުތަކުގެ މާހިރުންގެ ލެކްޗަރ ކުލާސްތަކާއި ފޯރަމްތައް ބޭއްވުން. ޓީވީ މެދުވެރިކޮށް ތަފާތު މައުލޫމާތުދޭ ސެޝަންތައް ބޭއްވުން.
  • ކޮމިޔުނިޓީ ހަބު ހުޅުވައި އިޖުތިމާއީ ތަފާތު ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން.
  • ކޮމިޔުނިޓީ ބަގީޗާތައް ހަދައި ތަރުކާރީއާއި މޭވާގަސްތައް އިންދައި ގަސްކާނާ އުފައްދައި މީހުން މަސްއޫލުވެ ކުރާނޭ ކަންކަން ދައްކައިދިނުން.
  • ފުލުހުން މެދުވެރިކޮށް ރަށުގެ އަމާންކަން ބަލަހައްޓައި ރައްކާތެރި މުޖުތަމައެއް ބިނާ ކުރުމަށް މަސައްކަތް ކުރުން.
  • އެކުވެރިކަން އާލާ ކުރުމުގެ ގޮތުން މެދުނުކެނޑި ގަވާއިދުން ތަފާތު މުބާރާތްތަކާއި ޖަލްސާތަކާއި އެއްވުންތައް ބޭއްވުން.
  • ޒުވާނުން ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދުޅަހެޔި ބަޔަކަށް ހެދުމަށް ސްޕޯޓްސް އެރީނާއެއް ހަދައި ހިންގުން.

ނިންމުން

ޢާސިފް ވިދާޅުވި ގޮތުގައި އޭނާގެ ހުރިހާ ވިސްނުމެއްހުރީ ރައްޔިތުންނަށެވެ. ރައްޔިތުންނަށް ދިމާވެފައިވާ އެންމެ އަސާސީ ކަންތައްތަކުން ފެށިގެން އެންމެބޮޑެތި ކަންކަމާމެދު އޭނާ ފިކުރު ހިންގައެވެ. ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަންކަމުން އަރައިގެނެވޭނެ އެންމެހައި ކަންކަން ގާއިމްކޮށްދެއްވައި ޖަޒީރާވަންތައް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފަހި ފުރުސަތުތަކެއް ބޭނުންނަމަ ޢާސިފަށް ވޯޓު ދެއްވުމަށް ދާއިރާގެ އެންމެހާ ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.